ހަނދު އޭގެ ހަނދުވަރާ ނުލާ (54)

( 30 ނޮވެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ޚާނަމްގެ ޙާލަކީވެސް ހަމަ އެއްޙާލެކެވެ. މުރުތަސިމަށް ލިބޭ ކޮންމެ ތަކްލީފަކީ ، އޭނާގެ ހިތަށް ލިބޭ އަނިޔާއެކެވެ. ސިޓިންގރޫމުގައި ތުންގަނޑު ބިމަށް ހަރާލައިގެން ޚާނަމް އިންދާ ، މުރުތަސިމް ފެނުމާއެކީ ގޮވައިގެން ގެނެސް ޚާނަމްގާތުގައި ބޭންދިއެވެ. ދަނޑުބިމުގައި މަސައްކަތްކުރާ މީހުން ވަރަށްގިނަ އެއްޗިއްސަށް ބޭނުންވެގެން ލިސްޓް ފޮނުވާފައި އެބައޮތެވެ. އަންވަރު ބަލިވެ ، އެނދަކުން ނުތެދުވެއެވެ. ފިރިހެނުންކުރާ ކަންކަން ކުރަން ދަނޑުބިމަށްގޮސް އުޅުމަކީ ، ޚާނަމް ދުވަހަކުވެސް ކުރިކަމެއްނޫނެވެ. މުރުތަސިމް އަދިވެސް އެއުޅެނީ ، މީރަބް ދިއުމާގުޅިގެން ލިބުނު ހިތާމަތަކުން އަރައި ނުގަނެވިގެންނެވެ. މުރުތަސިމް އޭނާގެ މަންމަގެ ކިބައިން މަޢާފަށް އެދުނެވެ. މާދަމައިން ފެށިގެން ދަނޑުބިމަށް ދާނެކަމަށް މުރުތަސިމް ބުންޏެވެ.

" އަހަރެންއ މިހުންނަނީ ހަދާނެގޮތެއް ނޭނގިފައެވެ. މިހިތާމަތަކާ އަހަރެންނަށް ދުރުވެވޭނީ ކިހިނަކުންކަމެއް ނޭނގެއެވެ. " މުރުތަސިމް އޭނާގެ މަންމަގެ ކޮނޑުގައި ބޯއަޅައިލަމުން ބުންޏެވެ.

ޚާނަމް ޙައިރާންވަނީ ، އަދިވެސް މީރަބްދެކެ މުރުތަސިމް ލޯބިވާތީއެވެ. މުރުތަސިމަށް ބޭވަފާތެރިވެ ، ހިލޭ ފިރިހެނަކާއެކީ ފިލައިގެން ދިޔައިމަވެސް ، މީރަބަށްޓަކައި މުރުތަސިމް ހިތާމަ ކުރާތީއެވެ. ބޭވަފާތެރިވުން އެއީ ، މީރަބްގެ އިޚްތިޔާރުގައިވާ ކަމެއްކަމަށް މުރުތަސިމް ބުންޏެވެ. އެހެންއެކަން އޮތީމަ ، މީރަބް ބޭވަފާތެރި ވީއެވެ. މުރުތަސިމްގެ އިޚްތިޔާރުގައި އޮތީ ހަމައެކަނި ލޯތްބެވެ. މުރުތަސިމް އެހުންނަނީ ، އޭނާގެ ހިތުގައި އެ ލޯބި އޮބަހައްޓައިގެންނެވެ.

މުރުތަސިމް ކުޑައިރު ، ނިދިނައިސްގެން އުޅެންފެށީމަ ، ބޯމޮޑެލަދޭއިރަށް ނިދި އަންނާނެކަމަށް ޚާނަމް ބުންޏެވެ. މުރުތަސިމް ނުނިދާތާ އެތައް ރެޔެއް ވެއްޖެކަން ޚާނަމަށް އެނގެއެވެ. އެހެންނަމަވެސް ، މަޑުމަޑުން ހިތަށް ތަސައްލީ ލިބި ، ދާދިއަވަހަށް މުރުތަސިމަށް ހަމަޖެހުން ލިބޭނެކަމަށް ޚާނަމް އުއްމީދު ކުރެއެވެ. އިރާދަ ކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅު ވާނެއެވެ. އެފަދަ ހިތާމަވެރި ދުވަސްތަކެއް މުރުތަސިމްގެ ޙަޔާތަށް އައިކަން ހަނދާން ނެތޭނެ ދުވަހެއް އަދި އަންނާނެއެވެ.  މުރުތަސިމަށް އޮތީ ، ކުރިމަތިވެފައި އޮތް ޙާލަތަށް ކެތްތެރިވުމެވެ. މުރުތަސިމްގެ ބޮލުގައި ފިރުމާލަމުން ޚާނަމް ނަޞޭޙަތް ދެމުން ގެންދިޔައެވެ.

އަނެއްދުވަހުގެ ހެނދުނު ، ދަނޑުބިމަށް ދާން ޚާނަމް ތައްޔާރުވަމުން ދަނިކޮށް މުރުތަސިމް އައިސް އެކަން ހުއްޓުވިއެވެ. އަދި ، ދަނޑުބިމަށްދާނީ އޭނާކަމުގައި ބުންޏެވެ. މުރުތަސިމްގެ ޙާލަތު ހުރިގޮތުން ، ކުރިން ކަންކަން ކުރަމުން އައިގޮތަށް ، ކުއްލިޔަކަށް މުރުތަސިމަށް އެކަންކަން ނުބެލެހެއްޓޭނެކަން ޚާނަމަށް އެނގެއެވެ. އެކަމަށް ވަގުތު ނަގާނެއެވެ. އެހެނަސް ، އެންމެ ދެރަވެގެން ، އެތަނަށްދާން މުރުތަސިމްގެ ހިތް ބޭނުންވިކަން އެއީވެސް ހެޔޮ ފާލެކެވެ. މަޑުމަޑުން ގޮސް ހުރިހާކަމެއް ރަނގަޅުވާނެއެވެ. އެއީ ، ކުރީގެ މުރުތަސިމެއް ނޫނެވެ. އެ ބޭވަފާތެރި އަންހެންކުއްޖާ މުރުތަސިމަކަށް އެއްވެސް ޤަދަރެއް އިޙްތިރާމެއް ނުކުރިއެވެ. ދަނޑުބިމަށް ދިޔައިމަ ޚާދިމުންގެ ފަރާތުން މުރުތަސިމަށް ލިބޭނެ ޢިއްޒަތާއި ޤަދަރަކީ ، އެކަމުގެ ފަރުވާއަކަށް ވާނެއެވެ.

މީރަބްގެ ބަނޑަށް ތަދުވާތީ ، ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެއެވެ. މީރަބް ބޭރަށް ނުކުތުމަކީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްކަން މީރަބަށް އެނގެއެވެ. ރުޤިއްޔާގެ ދެމަފިރިންވެސް އެކަމާމެދު ވަރަށް ވިސްނިއެވެ. އެހެންނަމަވެސް އެހެންގޮތެއް ނެތިގެން ، ބޮޑު ހޮސްޕިޓަލަކަށް ނުގެންގޮސް ، އާދައިގެ ކްލިނިކަކަށް މީރަބް ގެންދަން ނިންމިއެވެ.

ހެނދުނުދޭ ބޭސްއަވީގައި ، އަންވަރު ނުކުމެ ގޯތިތެރޭގައި މަޑުކޮށްލައިގެން އިނެވެ. ހެނދުނުގެ ނާސްތާ އެތަނަށް ގެނެވިފައި ހުއްޓަސް ، އަންވަރަށްވެސް އެއްވެސް އެއްޗެއް ނުކެވެއެވެ. ދަނޑުބިމަށް ވިލެޖަށްދާން ތައްޔާރުވެގެން ، މުރުތަސިމް ނުކުތްތަނާ އަންވަރު ފެނުމާއެކީ ، އަންވަރުގާތަށް ދިޔައެވެ. ޙާލު ކިހިނެއްތޯ އަހައިލުމުން ، އޭނާގެ މީރަބް ދިޔަ ދުވަހުވެސް އޮތްޙާލަތުގައި އޭނާގެ ޙާލު އޮތްކަމަށް މުރުތަސިމް ބުންޏެވެ. މީރަބް ހޯދުމުގެ މަސައްކަތް މުރުތަސިމް ހުއްޓައިލީތޯ އަންވަރު ސުއާލު ކުރިއެވެ.

" ނޫނެކެވެ ބޭބޭއެވެ ! އެކަމަކު ، އަހަރެންގެ އެހެން މަސްއޫލިއްޔަތާއި ޒިންމާތަކެއްވެސް އެބަ ހުއްޓެވެ. އަހަރެން މި ފުރިހަމަކުރަނީ އެމަސައްކަތެވެ. " މުރުތަސިމް ބުންޏެވެ.

މީރަބް ހޯދުމަށް މުރުތަސިމް ކުރި އުއްމީދު ނަގައިލީތޯ އަނެއްކާވެސް އަންވަރު ސުއާލު ކުރިއެވެ. އެ އުއްމީދު އަދިވެސް މުރުތަސިމްގެ އެބަ އޮތެވެ. އަދި ، މީރަބް ހޯދުމުގެ މަސައްކަތް އޭނާގެ މީހުން އަދިވެސް ކުރިޔަށް އެބަ ގެންދެއެވެ.

" އެހެންވީމަ މީރަބް މިހާރު އެހޯދަނީ ، މުރުތަސިމެއް ނޫންދޯއެވެ ؟ މުރުތަސިމްގެ މަޤާމުގައި އަހަރެން ހުރިނަމަ ، އަހަރެން އެކަން ހުއްޓައެއް ނުލާނަމެވެ. " އަންވަރު ބުންޏެވެ.

މުރުތަސިމްގެ މަޤާމުގައި އަންވަރުބޭބެ ހުރިނަމަ ، އޭނާއަށްވުރެ ބޮޑަށް އެކަމުން ހިތާމައާއި ކެކުޅުން ލިބޭނެ އެހެން މީހަކު ހުންނާނެތޯ ސުއާލުކުރާނެކަމަށް މުރުތަސިމް ބުންޏެވެ. އޭނާ އެއުޅެނީ ، ރޭގަނޑަކު ހަމަނިދި ނުލިބިއެވެ. އެއީ ، މީރަބާއި ރޮހޭލާ ދެމީހުން އެކުގައި ތިއްބާ ، އޭނާއަށް ހުވަފެނުން ފެނިދާނެތީކަމަށް މުރުތަސިމް ބުންޏެވެ. މުރުތަސިމް އެބުނަނީ ރަނގަޅު ވާހަކައެއްކަމަށް އަންވަރުވެސް އެއްބަސްވިއެވެ. މުރުތަސިމްގެ ހިތުގައި އަޅާނެ ވޭނަކީ ،  އޭނާގެ ހިތަށްލިބޭ ތަދާ ތަފާތުވެފައި ގަދަވާނެ ވޭނެކެވެ. މީރަބް ދިއުމުގެ އިލްޒާމް މުރުތަސިމްގެ ބޮލުގައި އަޅުވާކަށް އަންވަރުވެސް ބޭނުމެއް ނޫނެވެ. އަންވަރު ބޭނުންވަނީ ، މީރަބް އަނބުރާ އައުމެވެ. މީރަބް ދިޔައީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި ، މީރަބް އެނބުރި އަންނާނީވެސް އޭނާގެ އަމިއްލަ އިޚްތިޔާރުގައިކަމަށް މުރުތަސިމް ބުންޏެވެ. އެހެނަސް ، މީރަބް އެނބުރި އައުމަށް މުރުތަސިމްކުރާ އުއްމީދު ގެއްލުވައެއް  ނުލައެވެ. އަންވަރުގެ އުއްމީދުވެސް ގެއްލުވައި ނުލުމަށް މުރުތަސިމް އެދުނެވެ.

ގެޔާ އެންމެ ކައިރީގައިހުރި ކްލިނިކަކަށް މީރަބް ގެންދެވުނެވެ. އޭނާ ގެންދެވުނީ ބަނޑަށް ތަދުވާވަރުން ކެތް ނުވެގެންނެވެ. މީރަބް ބަލައިފާ ޑޮކްޓަރ ބުނީ ، އެ ކްލިނިކުން މީރަބަށް ފަރުވާއެއް ދެވޭވަރަށްވުރެ މީރަބްގެ ޙާލު ސީރިއަސް ކަމަށެވެ. ޑޮކްޓަރ އެހުރިހާ ވާހަކައެއް ދެއްކީ ، ރުޤީއްޔާއާއި ފާރޫޤު ގާތުގައެވެ. މީރަބަކަށް އެއިން އެއްވެސް ކަމެއް ނުއަންގައެވެ. އެޙާލުގައި މީރަބް އޮއްވައި ، އެކަހަލަ ވާހަކަ ދައްކައިގެން ހައްތާވެސް ބަނޑުގައި އޮތް ދަރިފުޅާއި މީރަބަށް ލިބޭނީ ގެއްލުމެވެ. މީރަބް ވަރަށް އަވަހަށް ސިޒޭރިއަން ހަދަންޖެހޭކަމަށް ޑޮކްޓަރ ބުންޏެވެ. މީރަބްގެ ބަލިވެ އިނުމުގައި ވަރަށް ގިނަ މައްސަލަތައް އެބަހުއްޓެވެ. މީރަބްގެ ބަނޑަށް އަދިކިރިޔާ އެވީ ހަތްމަހެވެ. އެކަމަކު ، މީރަބް ވިއްސަން އެބަޖެހެއެވެ. އެހެންނޫނީ ، މީރަބްގެ ބަނޑުގައި އޮއްވައި ދަރިފުޅު މަރުވެދާނެއެވެ. ސިޒޭރިއަން ހަދަން ބޭނުންވާ ސާމާނެއް އެކަހަލަ ކްލިނިކެއްގައެއް ނުހުންނާނެއެވެ. އެއީ ، ވަރަށް އާދައިގެ ބަލިތަކަށް ފަރުވާދެވޭ ވަރުގެ ކުޑަކުޑަ ކްލިނިކެކެވެ. ވީ އެންމެ އަވަހަކަށް ، ތަންކޮޅެއް ރަނގަޅު ހޮސްޕިޓަލަކަށް މީރަބް ގެންދަން ޑޮކްޓަރ ލަފާދިނެވެ. ޑޮކްޓަރ ބުނިގޮތުގައި އެ އޮޕަރޭޝަނަށް ދޮޅުލައްކަ ރުފިޔާވަރު ޚަރަދު ވާނެއެވެ. އެހާ ގިނަ ފައިސާ ، ރުޤިއްޔާމެން ހޯދާނީ ކޮންތާކުން ހެއްޔެވެ ؟ އެއީ އެމީހުންގެ ހިތަށްވެސް ނާރާވަރުގެ ޢަދަދެކެވެ. ދިހަވަރަކަށްހާސް ރުފިޔާ ވަރުވެސް އެއްތާކު އޮއްވާ ، އެމީހުންނަށް އަދި ފެނިފައެއް ނެތެވެ.

ފައިސާގެ ކަންތަކުގައި ކޮންމެވެސް ގޮތެއް ހޯދޭތޯ ބަލަން ވެގެން ، މީރަބްގާތުގައި ރުޤިއްޔާ ބަހައްޓާފައި ފާރޫޤު ނުކުތެވެ. އިރުއިރުކޮޅުން އޭނާއަށް ފޯނުން ، މީރަބްގެ ޙާލު އެންގުމަށް ބުނުމަށްފަހުގައެވެ. މީރަބްގެ ބަނޑުގައި އަޅާ ވޭނަށް ކެތްނުވެގެން އަޑުގެ ނެތްތަނަށް އޭރު ، މީރަބް ރޮމުން ގެންދިޔައެވެ.

އެތައް އިރަކު ބޭރުގައި އުޅުމަށްފަހު ފާރޫޤު އައިސް ފައިސާގެ އިންތިޒާމް އޭނާއަށް ހަމަޖެއްސުނު ވާހަކަ ބުންޏެވެ. ހަމަ ވަގުތުން އެމްބިއުލެންސްގައި ، އެންމެ ކައިރީގައިހުރި ހޮސްޕިޓަލަށް މީރަބް ގެންދެވި ތިއޭޓަރަށް ވެއްދުނެވެ.

މީރަބް ވިއްސައިފިއެވެ. އޭނާ ވިހެއީ އަންހެން ކުއްޖެކެވެ. ދެމައިންގެ ޙާލުވެސް ރަނގަޅެވެ. ރުޤިއްޔާއާއި ފާރޫޤަށް ލިބުނު އުފަލުގެ ކޮޅެއް ނެތެވެ. ﷲ އަށް ޙަމްދާއި ޝުކުރުކޮށް ، ދެމައިންނަށް ހެޔޮގޮތް މިންވަރު ކޮށްދެއްވުންއެދި ، އެދެމީހުން ﷲ އަށް ދުޢާކުރިއެވެ.

މުރުތަސިމް ދަނޑަށްގޮސް އައިއިރު ، އޭނާގެ ކޮޓަރިތެރޭ ޙަޔާ ހުއްޓާ ، އެ ކޮޓަރިޔަށް ނުވަނުމަށް އޭނާއަށް އަންގާފައި އޮތް އެންގުން އަނެއްކާވެސް ، ޙަޔާއަށް ހަނދާން ކޮށްދިނެވެ. ބުނާނެ އެއްޗެއް ނޭނގި ހުރުމަށްފަހު ، އެކޮޓަރީގައިހުރި މީރަބްގެ އެއްވެސް އެއްޗެއްގައި އޭނާ ދެން ، އަތްނުލާނެކަމަށް ޙަޔާ ބުންޏެވެ. މުރުތަސިމް އަލުން ހޭލައްވައި ނުލުމަށް ބުނެ ، ޙަޔާގެ ޢަމަލު ތަކްރާރު ނުކުރުމަށް މުރުތަސިމް އެންގިއެވެ. ދެން ، އޭނާ ކުރަންވީ ކީއްތޯ ޙަޔާ ސުއާލު ކުރިއެވެ.

" ޙަޔާ ބޭނުންކަމެއް ކުރަންވީއެވެ. ޙަޔާގެ ޙަޔާތެވެ. ޙަޔާގެ ދިރިއުޅުމެވެ. " މުރުތަސިމް ބުންޏެވެ.

އެހެންކަމަށް ވަންޏާ ޙަޔާއާ މުރުތަސިމް ކައިވެނި ކުރުމަށް ޙަޔާ ބުންޏެވެ. ޙަޔާގެ ކިބަޔަކުން ޖެހިލުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. ޙަޔާއާ ކައިވެނި ނުކުރާކަމަށް ވަންޏާ ކައިވެނި ނުކުރިޔަސް ، ޙަޔާގެ އަމިއްލަ ހިތްހަމަޖެހުމަށް މުރުތަސިމަށް ކޮށްދޭ ކަންކަން ނުހުއްޓުވުމަށް ޙަޔާ އެދުނެވެ. އޭރަށްވެސް އެންމެ ދެރަވެގެން ، މުރުތަސިމް އެގޭގައި އުޅޭކަމުގެ އިޙްސާސް ޙަޔާއަށް ލިބޭނެއެވެ.

މީރަބްގެ ދަރިފުޅަށްދިނީ މީސަމްގެ ނަމެވެ. ދެތިންމަހެއްގެ ތެރޭގައި މީރަބްގެ ދަރިފުޅަށް ރޫފަލިބި ، ލޯބިލޯބި އިނގިލިތަކުން މީރަބްގެ އިނގިލީގައި ހިފަން ދަސްކުރިއެވެ. އެއީ މީރަބް ކަހަލަ ކުއްޖެއް ނޫނެވެ. މީރަބަކާ ވައްތަރެއްވެސް ނޫނެވެ. އެކުއްޖާފުޅު ވައްތަރީ މުރުތަސިމާއެވެ. މީރަބްގެ ގާތުގައި މުރުތަސިމް ނެތްނަމަވެސް ، އޭނާގެ ގާތުގައި މުރުތަސިމްގެ ދަރިފުޅުގެ ގޮތުގައި ، މުރުތަސިމްގެ ހިޔަނި މިހާރު އަބަދުވެސް އެބަ އުޅެއެވެ. ކިތަންމެ ވަރަކަށް މުރުތަސިމާ ދުރަށްދާން މީރަބް މަސައްކަތް ކުރިޔަސް ، އެއީ މިހާރު މީރަބަށް ކުރެވޭނެކަމެއްނޫނެވެ. މީސަމްގެ ޒަރީޢާއިން ، މުރުތަސިމްގެ ހަނދާންތައް އަބަދުވެސް މީރަބަށް ލިބެމުން އާވަމުން ދެއެވެ. މީސަމްގެ ބައްޕަޔާ ދުރުގައި އޭނާއަށް ފޮރުވައިގެން މީސަމް ގެންގުޅެ ، މީސަމަށް އޭނާ އެދެނީ އަނިޔާއެއްތޯ އަދި އެއީ އިންސާފުތޯ ، މީރަބްގެ އަމިއްލަ ނަފްސާ ސުއާލު ކުރިއެވެ.

" ނޫނެކެވެ ! އަހަރެން އަނބުރާ ހިނގައްޖެނަމަ ، މުރުތަސިމްގެ ދަރިއެއްގެ ގޮތުގައި މީސަމް ބަލައިގަންނާނެ ހެއްޔެވެ ؟  މީސަމް ދުނިޔެއަށް އައިގޮތަކާ ބެހޭގޮތުން ، އެންމެން ސުއާލު ކުރާނެއެވެ. މީސަމް ދުނިޔެއަށް އައީ ކިހިނެއްތޯއާއި ، އުޅުނީ ކޮން ޙާލެއްގައި ކޮންތާކުތޯ ސުއާލެއް ނުކުރާނެއެވެ. އެމީހުން ކުރާނީ އެއީ މުރުތަސިމްގެ ދަރިއެއްނޫންކަން ސާބިތުކުރުމާބެހޭ ސުއާލު ތަކެވެ. އެއީ ، އެމީހުންގެ ޠަބީޢަތެވެ.  " މީރަބް އޭނާގެ އަމިއްލަ ނަފްސަށް ބުނަމުން ގެންދިޔައެވެ.

ހެނދުނުހެނދުނާ ތެދުވެގެން ، މުރުތަސިމަށް މީރުހެންހީވާ ކާތަކެތި ހަދަން ޙަޔާ އަވަދިނެތި އުޅެނިކޮށް ، ޚާނަމް ޙަޔާއަށް ގޮވައިގެން ގެނެސް ، ފޮޓޯއެއް ދައްކައިލިއެވެ. އެ ފިރިހެންކުއްޖާގެ ނަމަކީ މުނީބެވެ. ވަރަށް ރަނގަޅު ކުއްޖެކެވެ. އެ ކުއްޖާއާ ބެހޭ ހުރިހާ މަޢުލޫމާތެއް ، ޚާނަމް އޮތީ ހޯދާފައެވެ. އެކުއްޖާގެ މަންމަ ޙަޔާ ދެކިލުމަށްޓަކައި ، އިސްލާމްއާބާދުން މާދަމާ އަންނާނެކަމަށް ޚާނަމް ބުންޏެވެ.

އިސްލާމްއާބާދުން ނައިސް ، ދަރިފުޅަށް އެތަނުން އަންހެންކުއްޖަކު ހޯދައިދިނުމަށް ، މުނީބުގެ މަންމަގާތުގައި ބުނުމަށް ، ޚާނަމްގެ ކިބައިން ޙަޔާ އެދުނެވެ. ޙަޔާއެއް ، އެ މުނީބަކާ އިންނާކަށް ބޭނުމެއްނޫނެވެ. މުނީބުގެ މަންމަ ، ޙަޔާ ޤަބޫލުކޮށްފިކަމަށާއި ، އެއީ މުއްސަނދި ޢާއިލާއެއްކަމަށް ޚާނަމް ބުންޏެވެ. އަދި ، ޚާނަމްގެ ނިންމުންވެސް ބަދަލެއް ނުކުރާނެއެވެ. ނޮރޭޒާ ދެވަންވެގެން އުޅުނުއިރު ، ޙަޔާ އެޖެހި ސަކަރާތެއް ދެނެއް ނުޖެހޭނެއެވެ.

" ޚާނަމް މަންމާއެވެ ! އެއީ ވަލީޢަހުދެއްކަމަށްވިޔަސް ، އަހަރެން އެހެންމީހަކާ އިންނާކަށް ބޭނުމެއްނޫނެވެ. އެއީ ، މުރުތަސިމެއް ނޫނެއް ނޫން ހެއްޔެވެ ؟ އަހަރެން މީހަކާ އިންނަންޏާ އިންނާނީ ހަމައެކަނި މުރުތަސިމާއެވެ. އެހެންނޫނީ މީހަކާ ނީނދެ ހުންނާނީއެވެ. " ޚާނަމްގެ ވާހަކަ ނުނިމެނިސް ޙަޔާ ޖަވާބު ދިނެވެ.

އެވަގުތު ، މުރުތަސިމަށްވެސް އެތަނަށް އާދެވުނެވެ. މރުތަސިމް އައުމާއެކީ ، ޙަޔާ އެތަނުން ދިޔައެވެ. ޙަޔާއަށް ހޯދައިދޭ އެއްވެސް ކުއްޖަކާ އިންނަން ބޭނުންނުވާކަމަށް ޚާނަމް ، މުރުތަސިމްގާތު ބުންޏެވެ. ޙަޔާ ބޭނުންވަނީ މީހަކާ ނީނދެ ޢުމުރު ހުސްކޮށްލާށެވެ. ޙަޔާ އެ ހުންނަނީ ، މުރުތަސިމްދެކެވާ ލޯބީގައި މަރުދަންޖެހޭ ވަރު ވެފައެވެ.

މުރުތަސިމަށް އެކަމުގައި އެއްވެސް ކަމެއް ނުކޮށްދެވޭނެކަމަށާއި ، ޙަޔާއަށް ވިސްނައިދިނުމަށް ޚާނަމްގާތު މުރުތަސިމް ބުންޏެވެ. މީރަބް ނޫން އެހެންނަމެއް ، އޭނާގެ ނަމާ ގުޅުވިގެންދާކަށް މުރުތަސިމް ބޭނުމެއްނޫނެވެ. އެއީ ޚާނަމަށް ކުރެވޭނެކަމެއް ނޫނެވެ. ޙަޔާ މީހަކާ ދެވޭތޯ ލައްކަ މަސައްކަތް އޭނާއަށް ކުރެވިއްޖެއެވެ. މީރަބްވެސް ދިޔަތާ އެތައް ދުވަހެއް ވެއްޖެއެވެ. މީރަބް އެކުރިކަމަކުން އެންމެން އެތިބީ ހިތާމައެއްގެ ތެރޭގައެވެ. އެމީހުންގެ ޢިއްޒަތާއި އަބުރާ އަދި ޤަދަރުވެސް ވެއްޔާ މޮޑެވިއްޖެއެވެ.

" އެކަމަކު ، އެއްކަމެއް އަހަރެންނަށް ޔަޤީންވެއްޖެއެވެ. މުރުތަސިމްދެކެ ޙަޔާ އިންތިހާއަށް ލޯބި ވެއެވެ. ޙަޔާއެއް މީރަބް ހެދިހެންނެއް މުރުތަސިމަކަށް ނުހަދާނެއެވެ. ކުޑައިރުއްސުރެ ޙަޔާ އެހުންނަނީ މުރުތަސިމްގެ ލޯބީގައި މަރުދަންޖެހޭވަރު ވެފައެވެ. އަނތްބަކަށް ވީމާވެސް ، މީރަބްގެ ހިތުގައި މުރުތަސިމްގެ މައްޗަށް ލޯތްބެއް ނެތްތާނގައި އިޙްތިރާމްގެ ކަންފުޅެއްވެސް ނެތެވެ. " ޚާނަމް ބުންޏެވެ.

ޙަޔާއާ އޭނާ ކައިވެނި ނުކުރާނެކަމަށް މުރުތަސިމް ކަނޑައެޅިގެން ބުންޏެވެ. މުރުތަސިމް އެކަނި ހުންނާނީ ކިހާ ދުވަހަކުތޯ ޚާނަމް ސުއާލު ކުރިއެވެ. އޭނާ އެކަނިނުވާ ކަމަށާއި ، މަންމަ އެބަހުރިކަމަށް މުރުތަސިމް ބުންޏެވެ. އަންވަރު ބޭބެވެސް އެ ހުރީއެވެ. ދަނޑުގައި މަސައްކަތްކުރާ އެތައްބަޔަކުވެސް މުރުތަސިމާއެކީ އެބަ ތިއްބެވެ. އެވަރުން އޭނާއަށް ފުދެއެވެ. މީރަބް ދިޔަތާ އެތައް މަހެއްވެއްޖެ ކަމަށާއި އެހާތަނަށް މީރަބް ނާންނަންޏާ ދެން ދުވަހަކުވެސް މީރަބް ނާންނާނެކަމަށް ޚާނަމް ބުންޏެވެ. މީރަބް ދިޔަތަނެއް ނޭނގެއެވެ. ޚަބަރެއްވެސް ނުވެއެވެ. މުރުތަސިމްގާތުން ވަރިވާކަށްވެސް ނޭދެއެވެ. މީރަބަށް ހެދޭނެގޮތެއް ނެތެވެ.

ޙަޔާއަށް މުރުތަސިމްދެކެ ވާ ލޯބީގައި އެތައް ގޯހެއް ހެދިފައި އެބަހުރިކަމަށް ޚާނަމްވެސް އެއްބަސް ވިއެވެ. އެކަމަކު ، މުރުތަސިމް ދެކެ ޙަޤީޤީ ލޯބިވާމީހަކީ ޙަޔާކަން ޚާނަމް ހާމަކުރިއެވެ. މުރުތަސިމަށް އަޅާލައިގެން އޯގާތެރިކަމާއެކީ ޚިދުމަތް ކޮށްދޭނެއެވެ. މުރުތަސިމަށް އެއްވެސް މީހަކު އުފަލުގައި ނުބެހެއްޓޭނެކަމަށް މުރުތަސިމް ބުންޏެވެ. އަދި އޭނާ އެއްވެސް މީހަކާ ނުވެސް އިންނާނެއެވެ. އޭނާއަށް އެކަމުގައި އިތުރަށް ކުރެވޭނެ އެއްވެސްކަމެއް ނެތްކަމުގައި މުރުތަސިމް ބުންޏެވެ. އެހެންކަމަށް ވަންޏާ އެހެން މީހަކާ އިންނަން ޙަޔާ އެއްބަސް ކުރުވުމަށް މުރުތަސިމްގެ ކިބައިން ޚާނަމް އެދުނެވެ. އެއީ މުރުތަސިމަށް ކުރެވޭނެކަމެއް ނޫނެވެ. އެކަން ކުރަންޖެހޭނީ މަންމަކަމަށް މުރުތަސިމް ބުންޏެވެ.

މީރަބްގެ ދަރިފުޅު ބެލެހެއްޓުމުގައި ރުޤިއްޔާއާއި ޚާލިދުގެ ދެމަފިރިން ތިބެނީ ވާދަ ޖަހާފައެވެ. އެކަކު އަތުން އަނެކަކު މީސަމް އަތުލަންޖެހެނީ ގަދަކަމުންނެވެ. އެގެޔަށް ލިބިފައިވާ ދިރުމުގެ އަސްލަކީ މީރަބާއި މީސަމް އެވެ. މީރަބް އެގެއިން ނުކުމެގެން އެހެންތާކަށްދާކަށް އެމީހުން ދުލެއް ނުކުރާނެއެވެ.

ކާމޭޒުދޮށުން މުރުތަސިމަށް ޙަޔާއާ އެކަނި ބައްދަލުވާން ފުރުޞަތު ލިބުނެވެ. މުރުތަސިމަށް އިތުރަށް ބޭނުންވެދާނެ އެއްޗެއް ދިއްކޮށްލުމަށްޓަކައި ޙަޔާ އިންނަނީ ކެތްމަދުވެފައެވެ. ޙަޔާއަށް ބެލެނީ މުރުތަސިމް ކާން އިން ތަށްޓަށާއި މުރުތަސިމްގެ އަނގަޔަށެވެ.

އެކުއްޖާއާބެހޭ މަޢުލޫމާތު އޭނާގާތު މަންމަ ބުނިވާހަކަޔާއި އެކައިވެންޏަށް އެއްބަސްވުމަށް ޙަޔާގާތު ، މުރުތަސިމް ބުންޏެވެ. އޭރު ޙަޔާވަނީ އެ ކައިވެންޏަށް އިންކާރުކޮށް ، ޚާނަމްމަންމަޔަށް ޖަވާބު ދީފައެވެ. ޙަޔާއަށް ކައިވެންޏެއް ކުރަން ޖެހޭނެކަމަށް މުރުތަސިމް ބުންޏެވެ. ކޮންމެ މީހަކުވެސް މީހަކާ އިންނަން ޖެހޭނެއެވެ. މުރުތަސިމްވެސް ކައިވެންޏެއް ކޮށްފިއެވެ.

" އަހަރެން މީހަކާ އިންނަން އޮތީ އެންމެ ޝަރުތެކެވެ. އެއީ އަހަރެން އެމީހަކު ދެކެ ލޯބިވާމީހާއާ ކައިވެނި ކުރެވުމެވެ. ފިލައިގެންދާން މަޖްބޫރުވާފަދަ ގުޅުމަކުން މީހަކާ އިނދެގެން ގުޅުމެއް އުފެދިގެންދާކަށް އަހަރެން ބޭނުމެއް ނޫނެވެ. " ޙަޔާ ބުންޏެވެ.

މީރަބް ފިލައިގެން ދިޔަ ސަބަބަކީ ކޮބައިތޯ މުރުތަސިމް ސުއާލު ކުރިއެވެ. އެކަމުގައި ކުށްވެރިޔަކީ އޭނާއާއި މީރަބާ ދެމީހުންގެ ތެރެއިން ކާކުކަން އެނގޭނީ ހަމައެކަނި މުރުތަސިމަށްކަމުގައި މުރުތަސިމް ބުންޏެވެ. އެއީ ސަބަބެއްކަމަށް ނަގައިގެން ، ޙަޔާގެ ކައިވެންޏަށް ނޫނެކޭ ނުބުނުމަށް މުރުތަސިމް ޙަޔާއަށް އިންޒާރު ދިނެވެ. ޙަޔާއާ ދިމާލަށް ލޯއަޅައިގެންފައި ، އަނެއްފަރާތަށް މުރުތަސިމް އެނބުރުނެވެ.

މުރުތަސިމް އޭނާއާ ދިމާލަށް ބަލައިލުމަށް ޙަޔާ އެދުނެވެ. މުރުތަސިމް ނުބަލަން އިނދެފައި އިސް އުފުލައިލުމާއެކީ ޙަޔާ ބުންޏެވެ. " މުރުތަސިމަކަށް ނުފެނޭ ހެއްޔެވެ ؟ އެއްފަރާތުން ލޯބިވެގެން އަނެއްފަރާތުން ލޯތްބެއް ނުލިބިގެން ތެޅިތެޅި އަހަރެން ބަލިވެއްޖެއެވެ. ހިތްހަލާކުވަމުންގޮސް އަހަރެން މިއޮށް މަރުވަނީއެވެ. އެކަމަކު ، އަހަރެންގެ ލޯތްބެއް ، ހިތްވަރެއް ، ޤުރްބާނީއެއް މުރުތަސިމަކަށް އިޙްސާސެއް ނުވެއެވެ. އަހަރެން މިއުޅޭ ޙާލެއް ނުފެނެއެވެ. އަހަރެންގެ ކިބައިގާ އުނިވާކަމެއް އޮތްނަމަ ބުނެދޭށެވެ ! އޭރަށް އެކަމެއްވެސް އަހަރެން ފުރިހަމަ ކޮށްދޭނަމެވެ. "  ޙަޔާ ބުންޏެވެ.  ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.