ދިވެހި ގައުމީ ހޭންޑްބޯލް އަންހެން އަދި ފިރިހެން ޓީމު އުމްރާވުމަށް މީޤާތު ގްރޫޕުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ސައުދީ އަރަބިއާގެ ރިޔާޟުގައި ބޭއްވި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ބައިވެރިވުމަށްފަހު، މި 2 ޓީމު ޖިއްދާ އަށް އައީ 2025 ނޮވެމްބަރ 22 ވަނަ ދުވަހުއެވެ. އެޓީމުތަކަށް މަރުހަބާ ކިޔުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުގެ އިސްވެރިންނާ މި ދަތުރު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތައް ވަނީ ޖިއްދާ އެއަރޕޯޓަށް ގޮސްފައެވެ. އަދި އެ ދެޓީމު މައްކާ އަށް ދަތުރުކުރުމަށް ހާއްސަކޮށްފައިވާ ބަހުގައި މައްކާ އަށް އައި ދަތުރުމަތީގައި އުމްރާގެ އަޅުކަން އަދާކުރުމުގައި ވިސްނަންޖެހޭނެ ކަންތައްތަކާއި ދީނީ މައުލޫމާތު ވަނީ ދީފައެވެ. މި މައުލޫމާތު ދެއްވާފައިވަނީ މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުގެ އިސް-މުޝީރު ޝައިޚް ޢަބްދުﷲ ރަޝީދުއެވެ.
އަދި ޓީމުތައް ތިބުމަށް ހާއްސަކޮށްފައިވާ ހޮޓަލުން ވަނީ ކަރުތެންމާލުމުގެ މަރުހަބާއެއް ކިޔައި، އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް، މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުގެ އިސް-މުޝީރު ޝައިޚް ޢަބްދުﷲ ރަޝީދު އާއި އެހެނިހެން ފަރާތްތަކާއެކު ވަނީ އުމްރާ ފުރިހަމަކޮށް، ސަޢުޔު (ޞަފާ އާއި މަރުވާ ދޭތެރޭ ހިނގުން) ކޮށްފައެވެ.
އަދި، އެއަށްފަހު ނޮވެމްބަރ 23، 2025 ވަނަ ދުވަހު ހެނދުނުގެ ސަޔަށްފަހު، ހިރާ މިއުޒިއަމްއަށް ގެންގޮސް އެތަނުގެ ތާރީޚާއި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އަރަފާތު ބިން ސަރަހައްދަށް ޒިޔާރަތްކޮށް މައުލޫާތު ފޯރުކޮށްދީފައި ވެއެވެ.
މައްކާ އިން މަދީނާ އަށް އައިސްފައިވަނީ ހައި-ސްޕީޑު ރޭލުގައެވެ. އަދި މަދީނާގެ ކަދުރު ބާޒާރަކަށް ގޮސް، މަދީނާގެ ކެއުމެއް ވަނީ ޓީމަށް ދީފައެވެ. އަދި މަދީނާގެ ތާރީޚީ އެކި ތަންތަން ދައްކާލައި، ތާރީޚީ މައުލޫމާތު ވެސް ވަނީ ދީފައެވެ. އެގޮތުން ޤުބާ މިސްކިތަށް ޒިޔާރަތްކުރިއެވެ. އަދި ޢުހުދުގެ މައިދާނަށް ޒިޔާރަތްކޮށް، އެ ހަނގުރާމަ ހިނގާދިޔަ ގޮތާއި، އެކަމުން ލިބިގަންނަންވީ އިބްރަތްތަކަށް ދީނީ ނަޒަރަކުން ވަނީ އަލިއަޅުވާލައްވާއެވެ.
ކުޅުންތެރިންނާއި އޮފިޝަލުންނާއެކު ގާތްގަޑަކަށް 46 މީހުންގެ މި ދަތުރާއި ގުޅިގެން ދިވެހި ގައުމީ ހޭންޑްބޯލް ޓީމުގެ ފަރާތުން ބުނީ މިއީ ވަރަށް ފުރިހަމަ ދަތުރެއް ކަމަށާއި ދީނީގޮތުންނާއި މައްކާ އަދި މަދީނާ އާ ބެހޭގޮތުން ވެސް މިހާތަނަށް އެނގިފައިނުވާ އެތައް މައުލޫމާތުތަކެއް ލިބުނު ކަމަށެވެ.
"އަސްލު މިއީ ވަރަށް ފިރިހަމަ ދަތުރެއް. އަސްލު އެންމެ 2 ދުވަހުން ނޭނގޭނެ އެތައް މައުލޫމާތުތަކެއް ލިބިއްޖެ. ދީނީ ގޮތުން ވެސް. މައްކާ އަދި މަދީނާ އާ ގުޅޭ ގޮތުން ވެސް. މީޤާތު ގްރޫޕުން މިކަން އިންތިޒާމުކޮށްދީފައިވަނީ ވަރަށް ރަނގަޅަށް. ވަރަށް ބިޒީކޮށް ޝެޑިއުލް އޮތީ. އެކަމަކު ވެސް އެއްވެސް ކަމަކަށް ދަތިވިޔަ ނުދީ ފުރިހަމަކޮށްދިނީ މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުން. އެކަމަށްޓަކައި ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އަދި ވަރަށްބޮޑަށް ޝުކުރިއްޔާ." ގައުމީ ހޭންޑްބޯލް ޓީމުގެ ކުޅުންތެރިން ބުންޏެވެ.
މި ދަތުރާ ގުޅިގެން މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާޒިމް ވިދާޅުވީ އަޅުގަނޑުމެން ބެލީ އެކުދިންގެ ޝެޑިއުލް އާ އެއްގޮތަށް ކަންކަން ކޮށްދެވޭތޯ ކަމަށެވެ. އަދި އެއްވެސް ވަރަކަށް ފުށުއެރުމެއް ނައިސް، އެކުދިން ބޭނުންވި ކަންކަން ﷲގެ ރަޙުމަތްފުޅުން އަޅުގަނޑުމެންނަށް ކޮށްދެވުނީމަ އުފާކުރާ ކަމަށެވެ.
ދިވެހި ގައުމީ ހޭންޑްބޯލް އަންހެން އަދި ފިރިހެން ޓީމު މާލެ ދިއުމަށް މިހާރު ވަނީ ދަތުރުފަށާފައެވެ. އެ ޓީމު މާލެ ދާނީ މާދަމާއެވެ.
މީޤާތު ހައްޖު އެންޑް ޢުމްރާ ގްރޫޕް ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވަނީ 6 ޖުލައި 2023 ގައެވެ. މި ގްރޫޕުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އެކި މަސްތަކަށް ބަހާލައިގެން އުމްރާ އަށް މީހުން ގެންދަމުންނެވެ.
