އެމެރިކާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމެވެ. ޢަސްކަރީ އިޤްތިޞާދީގޮތުން ހޯދާފައިވާ ކުރިއެރުމާ ، އަދި އީޖާދީ އުފެއްދުންތެރިކަމާއި އެހެން ޤައުމުތަކަށް އޮންނަ ނުފޫޒާއި އދ މަޖިލީހުގެ އެކި ގުނަވަންތަކުގައި އެމެރިކާއަށް ލިބިފައި އޮންނަ ބާރުގެ ސަބަބުން ، އެމެރިކާއަކީ ، ދުނިޔޭޣެ އެންމެ ބާރުގަދަ ޤައުމެވެ. ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ލިބިފައިނުވާފަދަ ބާރާއި ނުފޫޒު އެމެރިކާއިން ދުނިޔޭގެ މައްޗަށް ބާއްވައެވެ. ބއެމެރިކާއާއި ދުނިޔޭގެ ޤާނޫނުތަކަށް ބެލުމެއްނެތި ، ބޭނުންކަމެއް ބޭނުންގޮތަކަށް ، ހިތަށްއެރި ކޮންމެ ކަމެއް ކުރެވޭފަދަ މަތީ ބާރަކަށް އޮންނަނީ ވެފައެވެ. އެމެރިކާއިން ކޮންމެ ކަމެއް ކުރިޔަސް އެހެން ޤައުމަކަށް ބަހެއް ނުބުނެވެއެވެ. އަދ ގެ ސަލާމަތީ މަޖިލީހުގެ ބާރު ، އެމެރިކާގެ މައްޗަކަށް ނޯވެއެވެ. އެމެރިކާއާ ނުވަތަ އެމެރިކާބޭނުންވާ ޤައުމަކާ ދެކޮޅަށް ، ސަލާމަތީ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި ނިންމުންތައް ވީޓޯކޮށް ބާތިލުކޮށްލައެވެ. އިންސާނިއްޔަތަށް އަސަރުކުރާ ، ހުރިހާ ބާރަކުން ނުފޫޒާއި ބާރު ލިބިގެން ، މުޅި ދުނިޔެ ކޮންޓްރޯލް ކޮށް ، ދުނިޔޭގައި ހަމައެކަނި އޮތް ބާރަށްވެ އޮތަސް ، އެމެރިކާއަކީ ، އެހެން ޤައުމުތަކާ އަޅާބަލާއިރު ، އިންސާނިއްޔަތަށް އެންމެ ގެއްލުންދޭ ، ދުނިޔޭގެ ހަމައެކަނި ބާރުކަމަށްވެސް ބެލެވެއެވެ.
މިފަދަ ވަރުގަދަ ، ނުފޫޒުގަދަ ބާރެއް ލިބިފައި އޮންނަ އެމެރިކާގެ މައިސަރުކާރު ، ހުއްޓިފައި އޮންނަތާ މިއަދަށް މިއީ 55 ވަނަ ދުވަހެވެ. މީގެ ކުރިންވެސް ، އެމެރިކާ ސަރުކާރު ، އެތައް ދުވަހަކަށް ހުއްޓިފައި ވެއެވެ. އެކަމަކު ، މިހާ ގިނަދުވަހަކަށް މީގެ ކުރިން ސަރުކާރު ހުއްޓިފައެއް ނެތެވެ. މިކަމުގެ ސަބަބުން ، ޓްރަމްޕްގެ ސަރުކާރަކީ ، އެމެރިކާގެ ރައްޔިތުން އެންމެ ރުޅިއަރާ ، ހިތްހަމަ ނުޖެހޭ ސަރުކާރުކަމަށް ، ޚުދު އެމެރިކާގެ ރައްޔިތުން އެބަ ބަލައެވެ. ޓްރަމްޕަށް ވޯޓު ދެވުނީތީ ގިނަބަޔަކު މިހާރު ހިތާމަ ކުރެއެވެ.
ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުން ، ވަކިވަކި ދާއިރާއިން ބާރުތަކެއް ލިބިފައި އޮތްސް ، ޢަސްކަރީ ގޮތުންނާއި އިޤްތިޞާދީގޮތުން ، ޓެކްނޮލޮޖީގެ އިސްސަފުގައި އޮވެގެންނާއި ، ޚާރިޖީ އަދި ސަޤާފީ ރޮނގުން ގުޅިލާމެހިފައިވާ ، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމަކީ އެމެރިކާއެވެ.
ޢަސްކަރީގޮތުންނާއި އެންމެފަހުގެ ޓެކްނޮލޮޖީގެ ދާއިރާއިން ، އެމެރިކާއަކީ ، އެޤައުމާ ވާދަކުރެވޭޏެ އެހެން ޤައުމެއް ނެތްފަދަ ބޮޑު ބާރެކެވެ. އެމެރިކާގެ 2025 ވަނައަހަރުގެ ޢަސްކަރީ ބަޖެޓަކީ 895 ބިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ، ޢަސްކަރީ ޚަރަދުތަކަށް އެންމެ ގިނައިން ޚަރަދުކުރާ 10 ޤައުމުގެ ބަޖެޓް އެއްކޮށްލީމާވެސް ، އެއާ ކައިރިނުކުރެވޭ ވަރުގެ ބޮޑު ބަޖެޓެކެވެ. އެމެރިކާގެ ޢަސްކަރީ ބަޖެޓަކީ ، އައު ހަތިޔާރު އުފެއްދުމާއި ، 13،043 އެއަރކްރާފްޓާއި، ހަނގުރާމަމަތީ 8 ހާސް ޓޭންކް އަދި ހަނގުރާމަމަތީ މަތިންދުއްވާ ބޯޓު އުފުލާ 20 އުޅަނދާއި ، އެ އުޅަނދުތަކާ ގުޅިފައިވާ ޚަރަދު ތަކެކެވެ.
ދުނިޔޭޣެ 70 ޤައުމެއްގައި އެތައް ސަތޭކަ ޢަސްކަރީ މަރުކަޒުތަކާއި އެތަންތަނަށް ބޭނުންވާ ސިފައިން އެބަތިއްބެވެ. ދުނިޔޭގެ ކޮންމެތާކުވެސް ، ޢަސްކަރީ ޙަރަކާތްތައް ހިންގުމުގެ ކުޅަދާނަކަން އެމެރިކާއަށް ލިބިގެން ވެއެވެ.
އެމެރިކާއަކީ ، ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދެވެ. ދުނިޔޭގެ އިޤްތިޞާދީ ޙަރަކާތްތަކުގެ ނާރެހަކީ އެމެރިކާއެވެ. ބައިނަލްއަޤްވާމީ ވިޔަފާރީގައި ބޭނުންކުރެވެނީ އެމެރިކާ ޑޮލަރެވެ. އެއީ ، ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ބޭނުންކުރާ ފައިސާ އެކެވެ. އެހެންކަމުން މުޅިދުނިޔޭގެ ވިޔަފާރީގެ އެންމެހައި ޙަރަކާތަކުގައި ، އެމެރިކާގެ ފައިސާ ، ޑޮލަރު ބޭނުންކުރެވެމުން ދިއުމަކީ ، ދުނިޔޭގެ އިޤްތިޞާދުގެ މައްޗަށް ނުފޫޒު ހިންގުމަށް ، އެމެރިކާއަށް ލިބިގެންވާ ބާރެކެވެ.
އެމެރިކާގެ މާލީބާޒާރަކީ ، ނިއުޔޯކް ސްޓޮކް އެކްސްޗޭންޖް އަދި ނަސްދަޤް ހިމެނިގެން ، މުޅިދުނިޔެ ކޮންޓްރޯލް ކުރުމުގެ ޤާބިލްކަން ލިބިގެންވާ ، ދުނިޔޭގެ އެންމެ ބޮޑު މާލީ ބާޒާރެކެވެ. އެމެރިކާގައި ދިރިއުޅޭމީހުންނަށް ދުވަހުން ދުވަހަށް ބޭނުންވާ ޟަރޫރީ ތަކެތީގެ ބާޒާރުވެސް އޮތީ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައެވެ. އެއީ ، ދުނިޔޭގެ އެންމެބޮޑު އެފަދަ ބާޒާރެވެ.
ޓެކްނޮލޮޖީގެ އައު އުފެއްދުންތަކުގެ ބާޒާރަށް ބަލާއިރު ، ސިލިކޮންވެލީއާއި އެޕަލް ، ގޫގްލް އަދި މައިކްރޯސޮފްޓް ފަދަ މާސިންގާ ކުންފުނިތަކަކީ އެމެރިކާގެ ކުންފުނިތަކެވެ. ސޮފްޓްވެއަރ އާއި އާރޓިފިޝަލް އިންޓެލިޖެންސް އަދި ބަޔޯޓެކްގެ ރޮނގުން އެމެރިކާއާ ވާދަކުރެވޭވަރުގެ އެހެންބާރެއް އަދި އުފެދިފައެއް ނެތެވެ.
އެންމެ ނަންހިނގާ ޔުނިވަރސިޓީތަކާއި ، ރިސާރޗް އަދި ޑިވެލޮޕްމަންޓަށް ކުރާ ހޭދައިގެ ސަބަބުން ، ސައިންސްގެ އައު ހޯދުންތަކާއި އުފެއްދުންތަކުގައި އެމެރިކާ އޮތީ އެންމެ ކުރީގައެވެ. އެހެންނަމަވެސް ، ޗައިނާއިން މިހާރުގެންދަނީ ، ޓެކްނޮލޮޖީގެ ދާއިރާއިން އެމެރިކާއާ ވާދަކޮށް ، ކުރިއެރުންތަކެއް ހޯދަމުންނެވެ. ދުވަސްކޮޅެއްގެ ތެރޭގައި ، މިދާއިރާއިން ޗައިނާއިން އެމެރިކާ ފަހަތަށް ޖައްސައިލުމަކީ އެކަށީގެންވާ ކަމެކެވެ.
އެމެރިކާއަކީ ޚާރިޖީގޮތުންނާއި ސަޤާފީ ރޮނގުން ނުފޫޒުގަދަ ޤައުމެކެވެ. 180 އަށްވުރެ ގިނަ ޤައުމާއެކީ ، ޚާރިޖީ ގުޅުންތައް އުފައްދާފައި ވެއެވެ. ނޭޓޯފަދަ ބޮޑެތި ޖަމާޢަތްތަކަށް ބަސްކިޔާ ބާރުގަދަ ޤައުމެކެވެ. އެހެންކަމާއެކު ، ދުނިޔޭގެ ހުރިހާ ބައްރަކުން އުފެދި ، ބައިނަލްއަޤްވާމީ ގުޅުންތަކުގައި ނުފޫޒު ފޯރުވުމުގެ ބާރު އަދި އެމެރިކާ ބޭނުންވާ ގޮތަކަށް ވަކިކަމެއް އަނބުރައިލުމުގެ ބާރާއި ނުފޫޒު ، އެމެރިކާއަށް ލިބިގެން ވެއެވެ.
އެމެރިކާގެ ސަޤާފަތަކީ ، މުނިފޫހިފިލުވުމުގެ ޞިނާޢަތާއި ނޫސްވެރިކަމާއި ، ޟަރޫރީ ބޭނުންތަކަށް ޚާއްޞަ ބްރޭންޑް ތަކުން މުއްސަނދިވެފައިވާ އަދި މުޅިދުނިޔެއަށް ނުފޫޒުގަދަ ސަޤާފަތެކެވެ. މިއީ ބައިނަލްއަޤްވާމީ ، ހަމަތަކާއި އާދަތަކާއި ގޮތްތައް ބަދަލުކޮށްލާފަދަ ބާރުގަދަ ސަޤާފަތެކެވެ.
މިފަދަ ބާރާއި ނުފޫޒުގަދަ ޤައުމެއްގެ ސަރުކާރު ، ދެމަހެއްހާ ދުވަސްވާއިރު ހުއްޓިފައި އޮތުމަކީ ، ސަރުކާރެއްގެ ސިފައިގާ އެމެރިކާ ސަރުކާރު ނެތްކަމުގެ ހެއްކެކެވެ. ސަރުކާރު ހިންގުމުގައި މައްސަލަތަކެއްހުރިކަމުގެ ދަލީލެކެވެ. ސިޔާސީގޮތުން ބާރުދެރަ އަދި ، ސަރުކާރުގެ ނުފޫޒު ސިޔާސީ ނާރެހުގައި ބަލިކަށިވެފައިވާކަމުގެ ހެއްކެކެވެ. މިއީ ، އެމެރިކާގައި ސަރުކާރެއް ހުއްޓިފައި އޮންނަތާ އެންމެގިނަދުވަސްވީ ފަހަރެވެ. އަދި މިމައްސަލަ ޙައްލުވާނީ ކޮން ދުވަހަކުންކަމެއްވެސް ނޭނގެއެވެ.
ޢާންމުގޮތެއްގައި ސަރުކާރު ހުއްޓެނީ ، ކޮންގްރެސްގައި ބަޖެޓާމެދު ކުރެވޭ ބަހުސް ނުނިމުމުގެ ސަބަބުންނެވެ. އެމެރިކާގެ ސިޔާސީ މަޝްރަޙޫގައި އެއީ ވަރަށް ޢާންމު ކަމެކެވެ. މިފަހަރު ދިމާވެގެން އުޅޭ އެއްކަމަކީ ، ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް އައިސް ، މައިސަރުކާރު ކުޑަކޮށްލުމުގެ ސަބަބުން ދިމާވި ކަމެކެވެ. އަދި ، ކުރިޔަށް އޮތްތާނގައިވެސް ، އިތުރަށް ސަރުކާރު ކުޑަކުރުމުގެ ވިސްނުން ޓްރަމްޕް ގެންގުޅުމެވެ.
ސަރުކާރުންދޭ ގިނަ ޚިދުމަތްތައް ހުރީ ވަގުތީގޮތުން ހުއްޓިފައެވެ. މައިސަރުކާރުގެ 1.4 މިލިއަން މުއައްޒަފުން ތިބީ ، މުސާރަ ނުލިބޭ ޗުއްޓީގައެވެ. އޭގެ ތެރެއިން ބަޔަކު ވަޒީފާ އަދާކުރިނަމަވެސް ، އެމީހުންނަކަށް މުސާރައެއް ނުދެވެއެވެ. ނުވަތަ އެމީހުން މަސައްކަތްކުރަނީ މުސާރަ ނުލިބޭ ގޮތަށެވެ.
މިދިޔަ އަހަރުގެ ބަޖެޓް ނިމެނީ 30 ސެޕްޓެމްބަރ 2025 ގައެވެ. 1 އޮކްޓޯބަރާ ހަމަޔަށް ، އާ ބަޖެޓް ފާސްކުރަން ޖެހުނުނަމަވެސް ، ޑިމޮކްރެޓުންނާއި ރިޕަބްލިކަނުންގެ މެދުގައި ބަހުސާމެދު ވެފައިވާ ދެބަސްވުން ނިމުމަކަށް ނާދެއެވެ. އެހެންކަމުން އެ ބަޖެޓް އަދި ފާހެއް ނުވެއެވެ.
ބަޖެޓް ފާސްކުރުމުގެ ނިޒާމް އެމެރިކާގައި އޮންނަގޮތުން ، ބަޖެޓް ޚަރަދުކުރާ ގޮތް ފާސްކުރުމަށްފަހު ، ރައީސަށް ފޮނުވައި ރައީސް ސޮއިކޮށް ޤާނޫނަކަށް ބަދަލުކުރަން ޖެހެއެވެ.
ކޮންގްރެސްގެ ކޮންޓްރޯލް މިވަގުތު އޮތީ ރިޕަބްލިކަނުންގެ އަތުގައެވެ. އެހެންނަމަވެސް ، ސެނެޓް ނުވަތަ މަތީ މަޖިލީހުގައި ކަމެއް ނިންމާއިރު ، ބިލެއް ފާސްކުރަން 60 ވޯޓު އިތުރަށް ބޭނުން ވެއެވެ. އިދިކޮޅު ޑިމޮކްރެޓުންނަށް ބަހުސްކުރުމުގެ ފުރުޞަތު ލިބިގެންދާ އެ ޙާލަތުގައި ، އިދިކޮޅުން ދޫނުދޭ ކަންކަމާ ދިމާވެއެވެ. ބަޖެޓްގެ މައްސަލައިގާވެސް ، އިދިކޮޅު ، ޑިމޮކްރެޓުން ތިބީ ދޫ ދޭގޮތަކަށް ނޫނެވެ.
ޑިމޮކްރެޓުން ބޭނުންވަނީ ، މުއްދަތުހަމަވާ ޓެކްސްގެ ދަރަނީގެ މުއްދަތު އިތުރު ކުރުމަށާއި ، އެމެރިކާގެ އެތައް މިލިއަން މީހުންނަށް ބޭނުންވާ ހެލްތު އިންސޫރަންސްގެ އަގު ހެޔޮ ކުރުމަށެވެ. އަދި ، ޓްރަމްޕް ސަރުކާރުން ކަނޑައިލާފައިވާ ، ޞިއްޙީ ބައެއް ޚިދުމަތްތައް އަލުން ބަޖެޓްގައި ހިމެނުމަށެވެ. މިއީ ، އެމރިކާގެ ދުވަސްވީ ، އެތައް މިލިއަން މީހުންނާއި ނުކުޅެދޭ އަދި މަދު އާމްދަނީއެއްލިބޭ މީހުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޙައްޤެކެވެ. ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކަށް ދޭޏް ކަނޑައަޅާފައިވާ ޢަދަދު މަދުކުރުމާމެދުވެސް ޑިމޮކްރެޓުން ދެކޮޅު ހަދައެވެ. މިކަމަށް ރިޕަބްލިކަނުން އެއްބަހެއް ނުވެއެވެ. ބަޖެޓް ފާސްކުރުން ދިގުލަމުންދަނީ ، ދެޕާޓީގެ މެދުގައި މިކަމާމެދު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުންނެވެ.
އެމެރިކާ ސަރުކާރު އެންމެފަހުން ހުއްޓިފައި ވަނީ މީގެ ހަތްއަހަރު ކުރިންނެވެ. އެއީވެސް މިހާރުގެ ރައީސް ޓްރަމްޕް ރައީސްކަމުގައި ހުއްޓައެވެ. އެއީ ޓްރަމްޕްގެ ފުރަތަމަ ދައުރެވެ.
ޓްރަމްޕް ސޮއިކުރާނެ ، ބަޖެޓުން ޚަރަދުކުރާނެ ގޮތުގެ ލިޔުމަކަށް ސަރުކާރު ހިންގާ ޕާޓީންނާއި އިދިކޮޅު ޕާޓީން އެއްބަސްވާން ޖެހެއެވެ. އެ ދެޕާޓީން އެއްބަސްވާ ލިޔުމެއް ނުއުފެއްދިއްޖެނަމަ ، ޓްރަމްޕް ސޮއިކުރާ ލިޔުން ތައްޔާރެއް ނުކުރެވޭނެއެވެ. ސަރުކާރު ހުއްޓިފައި އޮންނަ ސަބަބަކީ އެއީއެވެ. އެކަން ކުރެވޭތޯ ޓްރަމްޕް ސަރުކާރުން ވަރަށް މަސައްކަތް ކޮށްފިއެވެ. އަދި ، އެކަން ވާގޮތެއް ނުވެއެވެ. ޑިމޮކްރެޓުންގެ މަޤްޞަދަކީ ، ޞިއްޙީ ޚިދުމަތުގެ އަގުހެޔޮ ކުރުމަށް މަސައްކަތް ކޮށްގެން ، ރައްޔިތުންގެ ގިނަވޯޓު ހޯދުމެވެ.
ބަޖެޓް ފާސްކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ، ދެޕާޓީގެ މެދުގައި ބަހުސްކޮށް ، ދެޕާޓީގެ ޚިޔާލު އެއްގޮތް މެންބަރުންގެ އެހީތެރިކަމާއެކީ ، މިމަހުގެ 27 ގައި ބަޖެޓްފާސްކުރެވިދާނެކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
އެމެރިކާ ސަރުކާރުން ހުއްޓިފައިވާ ޚިދުމަތްތަކާއި ދެވެމުންދާ ޚިދުމަތްތަކަށް ބަލާއިރު ، ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް ނުހުއްޓެއެވެ. ޟަރޫރީ މުހިންމު ޚިދުމަތްތައް އެބަ ދެވެއެވެ. އެކަމަކު ، ސަރުކާރުގެ ހުރިހާ މުއައްޒަފުންނަކަށް މުސާރައެއް ނުދެއެވެ. އެމީހުންނަށް މުސާރަ ދެވޭނީ ، މިހާރު ސަރުކާރު ހއްޓިފައި އޮތްއޮތުން ނިމި ، އަލުން ސަރުކާރު ހުޅުވުމުންނެވެ.
ސަރުކާރު ހުއްޓުމާ ގުޅިގެން ، އެމެރިކާގެ 40 އެއަރޕޯޓެއްގެ އެތެރެއާއި ބޭރުގެ ބައެއް އުދުހުންތައް އޮތީ ހުއްޓިފައެވެ. ބައެއްފަހަރަށް ، ފްލައިޓް ލަސްކުރަން ޖެހެއެވެ. އެއީ ، މުސާރަ ނުލިބޭގޮތަށް މަސައްކަތްކުރަންޖެހޭ ، އެއަރޓްރެފިކް ކޮންޓްރޯލަރުން މަދުވުމާ ގުޅިގެންނެވެ.
ސަރަޙައްދީ ރޮނގު ބަލަހައްޓާ މުއައްޒަފުންނާއި ، ޤާނޫނު ތަންފީޒުކުރާ މީހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ މުއައްޒަފުން މަސައްކަތް ކުރެއެވެ. ކޮންމެހެން ބޭނުންނުވާ ، މުއައްޒަފުން ވަނީ ، މުސާރަ ނުލިބޭ ޗުއްޓީދީ ގެޔަށް ފޮނުވައިލެވިފައެވެ.
ސަރުކާރުން ކުރަންޖެހޭ މުހިންމު ޚަރަދުތައް ، ބަޖެޓްގެ އިމަޖެންސީ ފަންޑުން ކުރުމަށް ފެޑެރަކް ކޯޓުން ޙުމުކް ކުރިނަމަވެސް ، ސްޕްރީމް ކޯޓުންވަނީ އެ ޙުކުމް ބާތިލްކޮށްފައެވެ.
ސަރުކާރުން ޚަރަދުކުރާ ބައެއް ޕްރީސްކޫލްތައްވަނީ ބަންދު ކުރެވިފައެވެ. މައިގަނޑު ނެޝަނަލް ޕާކްތަކާއި މޮނިއުމަންޓްތައް ހުރީ ބަންދު ކުރެވިފައެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ، ޑިސެމްބަރ 2018 އިން ޖެނުއަރީ 2019 އަށް ސަރުކާރު ހުއްޓުނު އިރު ، ޕާކްތަކާއި މިއުޒިއަމްތައް ހުރީ ހުޅުވާފައެވެ. އެކަމަކު މުއައްޒަފުން ނުލައެވެ. އެތަންތަނަށް ގެއްލުންދީ ތާރީޚީ އަދި އާސާރީ ބައެއް ތަކެތި ވަގަށް ނެގުންފަދަ ޙާދިސާތައް އެފަހަރު ކުރިމަތިވިއެވެ.
ކޮންގްރެސްގެ މެންބަރުންގެ މުސާރަ ދެވެއެވެ. ޢާންމު ރައްޔިތުންގެ މުސާރައާއި ޞިއްޙީ ޚިދުމަތްތައް ނުދެވޭއިރު ، ކޮންގްރެސްގެ މެންބަރުންނަށް މުސާރަ ދިނުމަކީ ، ޣައިރު ޤާނޫނީ ކަމެއްގެ ގޮތުގައި ގިނަބަޔަކު ބަލައި ފާޑުކިޔުންތައް ވަނީ އަމާޒު ވެފައެވެ. ރައީސަށްލިބިދޭ ރިޔާސީ ބާރުގެ ބޭނުންކޮށް ، ޓްރަމްޕް ސަރުކާރުންވަނީ ، މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ، މައިސަރުކާރުގެ އެތައް މުއައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައެވެ. ސަރުކާރު ހުއްޓިފައި އޮތް މިދުވަސްތަކުގެ ތެރޭގައި ، ކޮންމެހެން ބޭނުންނުވާ އެތައް ބަޔަކު ، ދާއިމީކޮށް ވަޒީފާއިން ވަކިކުރުމަށް ، ޓްރަމްޕް ސަރުކާރުން މަސައްކަތް ކުރަމުން އެބަގެންދެއެވެ. ވަގުތީގޮތުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް ، ސަރުކާރު ހުއްޓިފައި އޮންނަ ދުވަސްތަކަށް މުސާރަ ނުލިބޭނެކަމުގެ އިންޒާރުވެސް ، ޓްރަމްޕް ސަރުކާރުންވަނީ ދީފައެވެ. އެއީ ، ޤާނޫނާޚިލާފް ކަމެއްކަމަށް ، ޤާނޫނީ ވަކީލުން އަންނަނީ ބުނަމުންނެވެ. މިދިޔަ އޮކްޓޯބަރމަހުގެ ތެރޭގައި ، ސަރުކާރުން ކަނޑައިލަން އުޅުނު 4 ހާސްމީހުންގެ ވަޒީފާ ، ކޯޓުމަރުޙަލާގައި ވަނީ އެކަން ނުކުރެވޭނެކަމަށް އަންގައި ހުއްޓުވައިފައެވެ.
ސަރުކާރު ހުއްޓިފައި އޮންނައިރު ، ޢާންމުގޮތެއްގައި އިޤްތިޞާދަށް އަންނަ ބަދަލަކީ ވަގުތީ ކަމެކެވެ. އެއީ ، ތޫފާނުތަކުގައި ލިބޭ ގެއްލުންތައް ފަދަ ކަމެކެވެ. އެހެންނަމަވެސް ، ތޫފާނުތަކާ ޚިލާފަށް ، އެއީ މައްސަލަތަކެއް އުފައްދާނެ ޙާލަތެކެވެ. ލޯނުތަކާއި ހުއްދަތައް ލިބުން ލަސްވުންފަދަ ، މާލީ ނިޒާމަށް ލޮޅުން އަރާނެއެވެ. މައިސަރުކާރުގެ ކޮންޓްރެކްޓްތަކުން ، ކޮންމެ ދުވަހަކު ، 800 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓް ހެދެއެވެ. އެއީ މެދުފަންތީގެ ކުންފުނިތަކަށް ލިބޭނެ ގެއްލުމެކެވެ. އެފަދަ އާދައިގެ ކުންފުނިތަކުން ކޮންޓްރެކްޓަށް ކުރާ މަސައްކަތަށް ، ސަރުކާރު ހުޅުވިގެން ނޫނީ ފައިސާއެއް ނުލިބޭނެއެވެ. މިކަމާ ގުޅިގެން ، ކޮންމެވެސް މިންވަރަކަށް ، އިޤްތިޞާދު ހީނަރުވެ ، ކޮންމެ ހަފުތާޔަކަށް ، ގާތްގަނޑަކަށް 15 ބިލިއަން ޑޮލަރުގެ ގެއްލުމެއް ، އެމެރިކާގެ އިޤްތިޞާދަށް ލިބިގެންދާނެއެވެ. އިޤްތިޞާދީ ތަފާސްހިސާބުތައް ރަނގަޅަށް ބަލަހައްޓަން އުނދަގޫވާނެއެވެ. ކޮންމެ މަހަކު ، އެމެރިކާ ސަރުކާރުން ނެރޭ ވަޒީފާގެ ރިޕޯޓްތައް ރަނގަޅަކަށް ނުބެލެހެއްޓޭނެއެވެ. މިކަމާ ގުޅިގެން ، ސިޔާސަތުތައް ރާވައި ހިންގާ ފަރާތްތަކުގެ މަސައްކަތް އެންމެ ފުރިހަމަގޮތުގައި ހިންގަން އުނދަގޫ ވާނެއެވެ.
އެމެރިކާ ސަރުކާރު ހުއްޓުމަކީ އާދައިގެކަމެއްނޫނެވެ. ޓްރަމްޕްގެ ފުރަތަމަ ދައިރިގައި 2018 އިން 2019 އަށް ، ސަރުކާރު ހުއްޓިފައި އޮތެވެ. އެފަހަރު 11 ބިލިއަން ޑޮލަރުގެ ގެއްލުމެއް ، އެމެރިކާގެ އިޤްތިޞާދަށް ލިބުނެވެ. ރޮނަލްޑް ރޭގަންގެ ސަރުކާރު 1980 ގެ އަހަރުތަކުގައި ކުޑަދުވަސްކޮޅަކަށް ހުއްޓުނެވެ. ބިލްކްލިންޓަންގެ ސަރުކާރު ، 1995 ގައި 21 ދުވަހަށް ހުއްޓުނެވެ. އޮބާމާގެ ސަރުކާރު ، 2013 ގައި 16 ދުވަހަށް ހުއްޓުނެވެ. ސަރުކާރު ހުއްޓިގެން އެންމެ ބޮޑުގެއްލުމެއް ، އެމެރިކާއަށް ލިބިފައިވަނީ ، ޓްރަމްޕް ސަރުކާރުގެ ދެ ދައުރުގައެވެ. 1980ގެ ފަހުން ، 11 ފަހަރަކު ، އެމެރިކާ ސަރުކާރު ހުއްޓިފައި ވެއެވެ.
އެހެން ޤައުމުތަކުގައި ، ހަނގުރާމައިގެ ޙާލަތުގައިވެސް އަދި ޤާނޫނީ ހުސްކަމެއްގެ ތެރޭގައިވެސް ، ސަރުކާރުތައް ހިނގަމުން އާދެއެވެ. އެކަމަކު ، ދުނިޔޭގެ އެންމެ ބޮޑުބާރު ، އެމެރިކާ ސަރުކާރު ހުއްޓެއެވެ. އެހެން ޤައުމުތަކުގައި ސަރުކާރު ހުއްޓުމަކީ ބޮޑުކަމެކެވެ. އެމެރިކާގައި އެކަން މިވަނީ ޢާންމުކަމަކަށް ވެފައެވެ. ސަރުކާރާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މެދުގައި ހިނގާ ، ދެބަސްވުމެއްގެ ގޮތުގައެވެ.
