ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ މާޒީ ލިޔުމަށްފަހު ރަށްެރަށުގެ މަޢުލޫމާތު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމެއް ޤާއިމުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާނުންގެ މަރުކަޒުގައި ބޭއްވި "ރައްޔިތުންނާއެކު ކުރިއަށް- ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު"ގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަށްރަށުގެ މާޒީ ލިޔެ ރައްކާކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ "ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު"ގެ ނަމުގައި މަސައްކަތްތަކެއް ފަށާފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ރަށްތަކަކީ އެތައް ހާސް އަހަރުތަކެއް ވީ ރަށްތަކެއް ކަމަށްވާތީ ކޮންމެ ރަށެއްގައި ވެސް އެނގެންޖެހޭ ހަޤީޤަތްތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް އެ ރަށްތަކުގެ މާޒީ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މީގެ ކުރީގެ ސަރުކާރުތަކުގައި ކޮށްފައިވާ މަސައްކަތްތަކެއް ނޫން ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
"އެހެންވީމާ އެ މާޒީ އެބަޖެހޭ ލިޔަން. އެ ލިޔަން އެބަޖެހޭ. ލިޔެގެން އެބަޖެހޭ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރަން. މިއީ ކުރީގައި ފިކުރު ކުރާ ކަންކަމެއް ނޫނޭ އަޅުގަނޑުމެން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވއެވެ.
ރަށްތަކުގެ މަޢުލޫމާތު ލިޔަން ފަށާއިރު އެންމެ މުހިންމު ކަމެއް ދޭ އެއް ރަށަކީ ދިވެހީންގެ ބޮޑު މާޒީއެއް އޮތް ހއ. އުތީމުކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އުތީމަކީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ މިފަދަ ކޮންމެ މަސައްކަތެއް ވެސް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވަނީ ޅަ ޒުވާން ޖީލުތަކުގެ ސިކުނޑިތައް ތަރައްޤީ ކުރުމަށް ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ދަންނަވަން ތަރައްޤީއަކީ ހަމައެކަނި އެންމެ ދިމާލަކުން ކުރަންޖެހޭ ކަމެއް ނޫނޭ. އަތްލެވޭ ތަރައްޤީ އެކަންޏެއް ނޫނޭ ތަރައްޤީއަކީ. އިމާރާތްތައް އެކަންޏެއް ނޫނޭ ތަރައްޤީއަކީ. ވަށާޖެހޭ ތަރައްޤީއަކަށް ވާނީ އަޅުގަނޑުމެންގެ ފިކުރު ތަރައްޤީކޮށްގެންނޭ. ޚާއްސަކޮށް ޅަދަރިންގެ ފިކުރު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންނަކީ އިޚްލާސްތެރިކަމާއެކު ޤައުމު ދެކެ ލޯބިވާ ބައެއް ކަމަށްވާނަމަ އަދި އަޅުގަނޑުމެންގެ މާޒީ، މުސްތަޤުބަލަށް ފޯރުކޮށްދޭން ބޭނުންވާނަމަ މި މަސައްކަތަކީ މުހިއްމު ކަމެއްކަމުގައި ދެކި، އެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
