ށ. މިލަންދޫގައި ސާފުފެނުގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ހަވީރު ފަށައިފިއެވެ. އެމަސައްކަތް ފަށްޓަވައިދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމެވެ.
މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 24 އޮގަސްޓް 2017 ގައެވެ. މި މަޝްރޫޢަކީ އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މަޝްރޫއަށް ސާޅީސް ހަމިލިއަން ނުވަލައްކަ ސައްބީސްހާސް ތިންސަތޭކަ އަށްޑިހަ ދެ ރުފިޔާ ހަތްދިހަ ހަ ލާރި ޚަރަދުވެއެވެ.
މިމަޝްރޫއުގެ ދަށުން އެރަށުގައި 29 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމްކުރާނެއެވެ. އަދި ގަޑިއަކު 10 ޓަނުގެ ފެންއުފައްދާ ދެ އާރް.އޯ ޕްލާންޓެއް ބަހައްޓާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިދެ ޕްލާންޓުން ދުވާލަކު ޖުމްލަ 164 ޓަނުގެ ފެން އުފެއްދޭނެއެވެ.
މި ރަސްމިއްޔާތުގައި މިލަންދޫ ދާއިރާގެ މަޖިލިސް މެންބަރ ޙަސަން މުފީދާއި، އެމްޑަބްލިޔުއެސްސީގެ މެނޭޖިންޑައިރެކްޓަރ ފަޒުލް ރަޝީދާއި، ރަށު ކައުންސިލްގެ މެން ބަރުންނާއި ބައެއް ރައްޔިތުން ބައިވެރިވިއެވެ.
"އެންމެނަށް ރައްކާތެރި ސާފު ފެން ޔަގީން" ކޮށްދިނުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްދެވޭނޭ ނިޒާމެއް މިލަންދޫގައި ގާއިމްކުރުމުގެ އަމަލީ މަސައްކަތް ރަސްމީ ގޮތުން މިއަދު ފެށިނަމަވެސް އެ މަސައްކަތް ކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މި މަސައްކަތުގެ އަމަލީ މަސައްކަތް ކުރިޔަށް ގެންދަވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މިމަސައްކަތް ކުރިއަށް ގެންދަވަނީ މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫޢު ނިމޭއިރު ށ. މިލަންދޫގައި ސާފު ފެނުގެ ޚިދުމަތް ގާއިމްވެ، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ސާފު ފެނުގެ ޚިދުމަތް ގުޅައިދެވޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
ކަނޑައެޅިފައިވާ މުއްދަތަކަށް މިމަސައްކަތް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިމްޑިރެކްޓަރ ފަޒުލް ވިދާޅުވިއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި މިލަންދޫގައި ވަނީ ނަރުދަމާގެ ނިޒާމު ވެސސް ގާއިމުކޮށްދެއްވައިފައެވެ. އެ މަޝްރޫއު ވެސް ކުރިއަށް ގެންދިޔައީ އެމްޑަބްލިޔުއެސްސީއިންނެވެ.