( 16 ނޮވެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
މީރަބް ދަނޑިވަޅު ބަލާފައި ، ބަހުގެ ކުރިޔަށް ނުކުމެ ސިފައިންނަށް ނިވައިވެލިއެވެ. އެތާތިބި މީހުން ގިނަވުމާއެކު ، ފުލުހުންނަކަށް މީރަބްގެ ޙަރަކާތަކެއް ނުފެނުނެވެ. ކަރާޗީއަށް ދާން މީރަބް އަރައިގެން އައިބަހުގައި ޓިކެޓްކަނޑަންހުރި މީހާއަށް ކުރޮޅިއެއްގައި އައިސް މީރަބްގެ ކުރިމައްޗަށް އެ ވަގުތު ހުއްޓެވުނެވެ. އެމީހާއަށް މީރަބް ފާހަގަ ކުރެވުނެވެ. އަދި ، މީރަބް ކަންބޮޑުވެ ހާސްވެފައި ހުރިތަން ފެނުމާއެކީ ، ފުރާނަ ސަލާމަތްކުރަން ބޭނުމިއްޔާ އަވަހަށް އައިސް ކުރޮޅީގައި އިށީނުމަށް ބުންޏެވެ. މީރަބް ސަލާމަތް އެވީ ހަމަ ކިރިޔާއެވެ. މީހުންތައް ބަހަށް އަރުވައަރުވާ އޮއްވައި ، ސިފައިންގެ މީހަކަށް ނުފެނި ، މީރަބް އެރުމާއެކީ ، ކުރޮޅި ދުއްވައިލިއެވެ.
ރައްކާތެރި ހިސާބަކަށްގޮސް ، ކުރޮޅި ހުއްޓައިލިއެވެ. ގަނޑުފިއްލާ ކުޅުން ހުއްޓާލައި ކުރޮޅިން ފޭބުމަށް ، ކުރޮޅީގައި އިންމީހާ މީރަބަށް އެންގިއެވެ. އޭނާ މީރަބް އެހިސާބަށް އެގެނެސްދިނީ ، ކަރާޗީއަށް އަންނަން ޓިކެޓް ނެތިގެން މީރަބް ދިން ރަން ފަށާއި ޖަވާހިރުގެ އަގުއަދާކުރުމަށްކަމަށް ބުންޏެވެ. އަދި ، އެކަހަލަ ނާސިއަންހެންވެރިން އޭނާގެ ކުރޮޅިޔަށް ނާރުވާކަމަށް އޭނާ ބުންޏެވެ. އޭނާއަށް ހަމްދަރްދީވާން މަޖްބޫރުވީ ، މީރަބްގެ މޫނުމަތިން ފެނުނު ބިރުވެރިކަމާއި މަޢޫޞޫމިއްޔަތުކަމުން ކަމުގައިވެސް އޭނާ ބުންޏެވެ.
އޭނާއަކީ ، އެކަހަލަ އަންހެންކުއްޖެއް ނޫންކަމަށް މީރަބް ބުނިނަމަވެސް ، އެވާހަކަ ޤަބޫލުކުރަން އެމީހާއަށް އުނދަގޫވިއެވެ. މީރަބްހުރި ގެސްޓްހައުސްއަކީ ، ޣައިރުޤާނޫނީ ކަންކަންކުރާ އަދި ނާސިއަންހެނުންގޮވައިގެން ފިރިހެނުން ވަންނަ ތަނެއްކަމަށް އޭނާ އިތުރަށް ބުންޏެވެ. މީރަބް އެހެން ބުންޏަސް އެވާހަކަ އޭނާއަށް ޤަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ ؟
މީރަބަށް އެތަނަށް ދެވުނީ އޮޅުމަކުންނެވެ. އެއީ އެކަހަލަ ތަނެއްކަމެއް މީރަބަކަށް ނޭނގެއެވެ. އެކަމަކު ، އެތަނަކީ ، މުޅިންވެސް ޣައިރުޤާނޫނީ ކަންކަންކުރާ ތަނެއްކަން މުޅި ކަރާޗީއަށް އެނގޭ ތަނެކެވެ. މާ ޤަދަރުވެރިވުމަށް މަސައްކަތް ނުކޮށް ، ކުރޮޅިން މީރަބް ފޭބުމަށް މީރަބަށް އޭނާ އެންގިއެވެ. އޭނާ ކުރުނުކޮށްގެން އެންމެފަހުން އެ ކުރޮޅިން ފޭބުމަށް މީރަބަށް މަޖްބޫރުވިއެވެ. ކާރަކަށްވެސް އެރޭކަށް ނެތެވެ. މަލާއިކާ ފޮނުވި ހުރިހާ ލާރިއެއްވެސްވީ ގެސްޓްހައުސްގައެވެ. ހެދުންކޮޅު ބަހައްޓާފައި ލާރިކޮޅު ގެނެވުނުނަމަވެސް ، ކޮންމެވެސް ގޮތެއް ފެނުނީހެވެ. މީރަބް ފޭބުމާއެކީ ، ކުރޮޅި ދުއްވައިލިއެވެ.
އެވަގުތު ، އެތަން ބަލަންތިބި ދެފިރިހެނަކު ، ސައިކަލުގައި އައިސް މީރަބް އެ ސައިކަލަށް އަރުވަން މަސައްކަތް ކުރިއެވެ. ކުރޮޅި ޑްރައިވަރަށް އެތަން ފެނުމާއެކީ ، އައިސް އެމީހުން ފޮނުވައިލިއެވެ. އަދި ، މީރަބްގެ ގެ ކޮބައިތޯ ސުއާލު ކުރިއެވެ.
ގެޔަށްދާކަށް މީރަބް ބޭނުމެއް ނޫނެވެ. ދެން އެހެންވިއްޔާ މީރަބް ދާން ބޭނުންވަނީ ކޮންތާކަށްތޯ އެމީހާ ސުއާލު ކުރިއެވެ. އެއްފަހަރު ބަހަކުން ފެނުނިއްޔާ އަނެއްފަހަރު ފެންނާނީ ނާސި ގެސްޓްހައުސްއަކުންނެވެ. ދެން ފެންނާނީ މަގުމަތިންނެވެ. މީރަބްގެ ގެޔަށް އޭނާ ލައިދީފާނެކަމަށާއި އޭނާއާއެކީ ދިއުމަށް އެދުނެވެ. އެހެންނަމަވެސް ، ގެޔަށްދާކަށް މީރަބް ބޭނުމެއް ނުވިއެވެ.
މީރަބްގެ ރައްޓެއްސަކު އެބަހުރިކަމަށާއި އޭނާ ދިރިއުޅެނީ ޑިފެންސް ކޮލޮނީގެ ފޭސް ހަތަރެއްގައިކަމަށް މީރަބް ބުންޏެވެ. އެއީ ވަރަށް ދުރެވެ. ދެހާސް ރުފިޔާއަށް އެތަނަށް ދެވިދާނެކަމަށް ކުރޮޅި ޑްރައިވަރު ބުންޏެވެ.
ޑްރައިވަރު ހަނދާން ނެތުނީއެވެ. މީރަބްގެ އަތުގައި އަދިވެސް ފާއިސާއެއް ނެތެވެ. ގެއިން ނުކުމެގެން އައިއިރު ، ކޮންމެވެސް އެއްޗެއް ހިފައިގެން ނުކުތްނަމަ އެހެން ނުވާނެކަމަށް ޑްރައިވަރު ބުންޏެވެ. ހުސްއަތާ ގެއިން ނުކުމެގެން އަންނާނީ ކާކު ހެއްޔެވެ ؟ މީރަބް އަނގައިން ނުބުނެ މަޑުން ހުއްޓާ ، އެތަނަށްވެސް ގެންގޮސްދީފާނަންކަމުގައި ޑްރައިވަރު ބުންޏެވެ. މީރަބާ ދިމާވާނީ ކިތައްފަހަރުކަމެއް ނޭނގެއެވެ. ޑިފެންސް ކޮލޮނީކަހަލަ ދުރުތާކަށް ދެވުނީމަ ، ފެނުން ތަންކޮޅެއް މަދުވެދާނެކަމަށް ބުނެ ޑްރައިވަރު ކުރޮޅިޔަށް އެރިއެވެ. މީރަބްވެސް އޭނާގެ ފަހަތުން އައިސް ކުރޮޅިޔަށް އެރިއެވެ.
މުރުތަސިމްމެންގެ ކޮޓަރިޔަށް ޙަޔާ އައިސް ، ވަތްގަނޑުތައް ހުޅުވައި ، އަލަމާރި ހާވައި ކޮންމެވެސް އެއްޗެއް ހޯދަމުން ގެންދަނިކޮށް މުރުތަސިމް އައިސް ކޮޓަރިޔަށް ވަނެވެ. ޙަޔާއަކަށް މުރުތަސިމް އައިކަމެއް ނޭނގެއެވެ. ޙަޔާ އެނބުރިލިތަނުން ، އެނދުގައި އިށީނދެއިން މުރުތަސިމް ފެނުނެވެ. މުރުތަސިމްވެސް އިސް އުފުލައި ބަލައިލިއެވެ. ޙަޔާ ، އެކޮޓަރިތެރޭ އެކުރަނީ ކޮންކަމެއްތޯ މުރުތަސިމް ސުއާލު ކުރިއެވެ. ޙަޔާ އެއައީ ، އެއްވެސް އެއްޗެއް ބޭނުންތޯ މުރުތަސިމްކުރެން އަހައިލަންވެގެންނެވެ. އެއީ ، ޙަޔާއާ ބެހޭކަމެއްނޫންކަމަށް މުރުތަސިމް ބުންޏެވެ.
" އަހަރެން އައީ މުރުތަސިމް ދެކިލުމަށެވެ. " ޙަޔާ ބުންޏެވެ.
މުރުތަސިމްގެ ޖީބުގައި އޮތް އަނގޮޓިނަގައި ، ޙަޔާ އެއައީ އެ ހޯދަންކަމުގައި މުރުތަސިމް ބުންޏެވެ. މީރަބް އެ ދިޔައީ އެ އަނގޮޓި އެއްލާލައިފާކަމަށާއި ، މުރުތަސިމްވެސް ދޫކޮށްލާފައިކަމަށް ޙަޔާ ބުންޏެވެ. މުރުތަސިމަށް އެއީ މައްސަލަޔަކަށް ނުވިއެވެ. މައްސަލަޔަކަށްވީ ، ޙަޔާ އެ އަނގޮޓި ހޯދަން އައިމައެވެ. މީރަބް އެގޭގައި އުޅުނުއިރު ، މުރުތަސިމްގެ ހިތުގައި އޮތީ މީރަބްކަމަށް ޙަޔާ ބުންޏެވެ. މީރަބް ދިޔައިމަ ، މީރަބްގެ މަތިން ހަނދާން ކުރަންވީ ކީއްވެތޯ ޙަޔާ ސުއާލު ކުރިއެވެ. މިހާރު ދެން މީރަބްގެ މަތިން ހަނދާންކޮށް ، ހިތްދަތިކުރަންވީ ކީއްވެ ހެއްޔެވެ ؟
ޙަޔާ އެބުނީ ރަނގަޅަށްކަމަށް މުރުތަސިމް އެއްބަސްވިއެވެ. މީރަބް އެގޭގައިހުރިއިރު ، މީރަބާ އޭނާއަށް ވާހަކަ ދެއްކެއެވެ. މީރަބާމެދު ކަންބޮޑުވެއެވެ. އެކަމަކު ، މީރަބް މިހާރު ނެތީމަވެސް ، މީރަބާމެދު ވިސްނައި ފިކުރު ކުރެވެއެވެ. ދެރަ ވެއެވެ. އެހެންކަމަށް ވަންޏާ ، އެއީ ޙަޔާގެ ނެތް އަދި މީރަބްގެ ހުރި ޚާއްޞަ ކަންކަމުންކަމުގައި މުރުތަސިމް ބުންޏެވެ. ޙަޔާއަށް ޚާއްޞަ ކަމެއްވެސް އެބަ އޮތްކަމަށް ޙަޔާ ބުންޏެވެ. މީރަބް އެދިޔައީ މުރުތަސިމަށް ފިލައިގެންނެވެ. އަދި ޙަޔާ ފިލައިގެންނެއް ނުދެއެވެ. އޭނާ އެހުރީ މުރުތަސިމް ގާތުގައެވެ.
" މީރަބަކީ ފިލައިގެން ދާކަހަލަ ފިނޑިއެއް ނޫނެވެ. މީރަބް އެދިޔައީ މިގެއިން ނުކުމެގެންދާން މަޖްބޫރު ކުރުވައިގެންނެވެ. މީރަބް މިގެއިން ނުކުމެގެން ފިލައިގެން ދާނެނަމަ ، ވައްޤާސްއަކީ މީރަބްގެ އަސްލު ބައްޕަނޫންކަމަށް ބުނުމުން ، ގެއިން ނުކުމެގެން ދިޔައީހެވެ. މީރަބް ފިލައިގެން ދާނެނަމަ ، އަހަރެންނާ ގަދަކަމުން ކައިވެނި ކުރެވުނުއިރު ، ފިލައިގެން ދިޔައީހެވެ. މީރަބް ފިލައިގެން ދާނެނަމަ ، އަހަރެން ހޮސްޕިޓަލުގައި އޮތްއިރު ، ގެއިން ނުކުމެގެން ދިޔައިހެވެ. އެކަމަކު މީރަބް ފިލައިގެންނެއް ނުދެއެވެ. ޙަޔާއެވެ ! އެއިން އެއްވެސްކަމެއްގައި ޙަޔާގެ އަތެއްވާނަމަ ، މުޅި ޢުމުރުގައިވެސް އަހަރެންގެ މޫނު ފެނިލާ ހިސާބަށްވެސް ޙަޔާ އަޔަކަ ނުދޭނަމެވެ. " ހިނިއައިސް އިނދެ މުރުތަސިމް ބުންޏެވެ.
ގެއިން ނުކުމެގެން މީރަބް ދިއުމުގައި އޭނާގެ އެއްވެސް އަތެއްނުވާކަމަށް ބުނެ ، ޙަޔާ ދޮގު ހެދިއެވެ. އަދި އެ ސުއާލު ، އޭނާގެ އަމިއްލަ ނަފްސާ ނުކުރީ ކީއްވެތޯ ، ޙަޔާ ސުއާލު ކުރިއެވެ. މީރަބް ގެއިން ނުކުގެންދާން ، މުރުތަސިމް ކުރީ ކީއްހެއްޔެވެ ؟ ޙަޔާ ، އޭނާގެ އަތް މުރުތަސިމާ ދިމާލަށް ދިއްކޮށްލައި ، އެ އަނގޮޓި އޭނާއަތަށް ލައިދިނުމަށް އެދުނެވެ. ޙަޔާ އެއައީ ، އެ އަނގޮޓި ގެނެސްދޭން ޚާނަމްމަންމަ ބުނެގެންކަމަށްވެ. އެއީބުނެ ދޮގެއް ހަދައިލިއެވެ. އެއީ ، މީރަބްގެ އަނގޮޓިއެއްކަމަށް މުރުތަސިމް ބުންޏެވެ.
" މީރަބް ފެނުމުގެ އެންމެ ފަހު އުއްމީދު އަހަރެންގެ ހިތުން ނެތިދާ ދުވަހަކުން ، އެއަނގޮޓި ޙަޔާއަށް ދޭނަމެވެ. " މުރުތަސިމް ބުންޏެވެ.
އަނގޮޓިޔާއެކީ ، މުރުތަސިމްވެސް އޭ ބުނެ ، ޙަޔާ އެކޮޓަރިން ނުކުމެގެން ދިޔައެވެ. ޙަޔާ ނުކުމެގެން ދިޔައީ އުއްމީދުން ފުރިފައިވާ ހިތަކުން ، އެނބުރެމުން ސެނބުރެމުން ނަށަމުންނެވެ.
ކޮންމެ އަގެއް ދީފައިވިޔަސް ، މީރަބް ހޯދާނެކަމަށް މުރުތަސިމް ، އޭނާގެ ނަފްސަށް ވަޢުދުވިއެވެ.
ޑިފެންސް ކޮލޮނީއަކީ ، ސަބާގެ ގެ ހުންނަ ސަރަޙައްދެވެ. މީރަބް އެގެޔަށްގޮސް ، ސަބާ ކޮބައިތޯ ސުއާލުކުރިއެވެ. ގެޔާ ޙަވާލުވެހުރި މީހާއަށް މީރަބް އެނގެއެވެ. މީރަބް އެއުޅެނީ ކޮންތާކުތޯ އެމީހާ ސުއާލު ކުރިއެވެ. މީރަބްގެ ބައްޕަ ވައްޤާސްއާއި މުރުތަސިމްޚާންވެސް މީރަބް ހޯދަން އައިކަމަށް އެމީހާ ބުންޏެވެ. އޭނާ ބުނިގޮތުގައި ، ސަބާމެން އަންނާނެ ދުވަހެއް އޭނާއަކަށް ނޭނގެއެވެ. އެމީހުން ގޮސްވީ ކައިރި ސަހަރަކަށެވެ.
މީރަބަށް ހަދާނެގޮތް ބޮޑުވެ ލޮލުން ކަރުނަ ފާއްދާލިއެވެ. މީރަބް ދެން ހަދާނީ ކިހިނެއްތޯ ކުރޮޅި ޑްރައިވަރު އެހިއެވެ. މީރަބްގޮސް އެގެޔަކަށް ވަންނަވަރުގެ ރަޙުމަތްތެރިއެއްގެ ގެޔެއް ދެނެއް ނެތެވެ. އޭނާގެ އެއްވެސްމީހަކު ނެތެވެ. ފޯނެއްވެސް ، އޭނާގެ އަތަކު ނެތެވެ. ފޯނުވެސް ނުލައި ގެއިން ނުކުމެގެން އައީ ކޮންވިސްނުމެއްގައިތޯ ކުރޮޅި ޑްރައިވަރު ސުއާލު ކުރިއެވެ.
" ގެއިން ނުކުންނަތަނުން ، ފައިއެޅޭނީ ބަގީޗާއަކަށްކަމަށް ހީކުރީ ހެއްޔެވެ ؟ މި ދުނިޔެއަކީ ، ދައްޗާއި ތުރާލުން ފުރިފައިވާ ކަށިކުނބުރު ޖަންގައްޔެކެވެ. ޙައިވާނުންނަށްވުރެ ، ނުބައި އިންސާނުންވެސް އުޅޭނެއެވެ. އެފަދަ ދުނިޔެއެއްގައި މީރަބް ތިހުރީ އެކަނި ވެފައެވެ. އަންހެނެކެވެ. ތިއުޅެނީ ކޮންކަހަލަ ދުނިޔެއެއް ހޯދަން ހެއްޔެވެ ؟ ފޯނެއް ނެތެވެ. ފައިސާއެއް ނެތެވެ. ބޯމަތީ ފުރާޅެއް ނެތެވެ. " ކުރޮޅި ޑްރައިވަރު ބުންޏެވެ.
ކުރޮޅި ޑްރައިވަރު ދިއުމަށް މީރަބް އެދުނެވެ. އޭނާ ކޮންމެވެސް ގޮތެއް ހޯދާނެއެވެ. މީރަބް ދާނީ ކޮންތާކަށްތޯ އޭނާ ސުއާލު ކުރިއެވެ. ގެޔަށް ދާކަށް ބޭނުމެއް ނޫނެވެ. ރަޙުމަތްތެރިޔެއްގެ ގެޔަށް ދިޔައިރު ، އޭނާއެއް ނެތެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ ؟ ހުރިމީހަކީ ހަމަ އެކަނި ކުރޮޅި ޑްރައިވަރެވެ. ޑްރައިވަރަށް އިތުރު ތަކްލީފެއް ދޭކަށް މީރަބް ބޭނުމެއް ނޫނެވެ. މީރަބް ބޭނުންވީ ، އޭނާވެސް މީރަބް ދޫކޮށްލާފައި ދިއުމަށެވެ. ވީ ޙާލެއްގައި އޭނާ ދިރި ހުންނާނެއެވެ. މީރަބް ދާނީ ކޮންތާކަށްތޯ ޑްރައިވަރު ސުއާލު ކުރިއެވެ. އޭނާގެ ހިތުގައި ، މީރަބްގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ. މެންދަންވެސް ވެއްޖެއެވެ. ޑްރައިވަރު ނިދިއައިސް ، ބޮލަށް ބަރުވެއްޖެކަމަށް ބުންޏެވެ. އަދި ، ކުރޮޅިޔަށް އަރައި އިށީނުމަށް މީރަބްގާތު ބުންޏެވެ. އެކަނި ޙާލަށް މީރަބް ދޫކޮށްލާފައި ދާކަށް އޭނާއަކަށް ނުކެރުނެވެ. އެގޭ ދޮރުމަތީ ކިތަންމެ އިރަކު ހުއްޓަސް އޭނާއާ ސުއާލެއް ކޮށްލާނެ އިތުރު މީހަކު ނާންނާނެއެވެ. އަޔަސް އަންނާނީ ، އެއުޅޭ ޒުވާނުންގެ ތެރެއިން ގްރޫޕެކެވެ. އޭގެ ބަޔަކާ ދިމާވެއްޖިއްޔާ މީރަބްގެ ދުވަސް ދުއްވައިލާނެއެވެ. އެފަދަ ޙާލެއް މީރަބަށް ކުރިމަތިވުމަކީ ، އިންސާނިއްޔަތަށްޓަކައިވެސް ، ޑްރައިވަރު އެދޭގޮތެއް ނޫނެވެ. އެހެންވީމާ ، ބަސްއަހައިގެން ކުރޮޅިޔަށް އަރައި އިށީނުމަށް ، ދެއަތް ޖޯޑުކޮށްފައި އޭނާ އެދުނެވެ.
" ނަމަކީ މީރަބެވެ. ބައްޕަޔަކީ ، ކަރާޗީގެ މަޝްހޫރު ވަކީލު ، ވައްޤާސް އަޙްމަދެވެ. މުރުތަސިމަކީ ކާކު ހެއްޔެވެ ؟ ބޭބެއެއް ހެއްޔެވެ ؟ ހީވާގޮތުން ތިއީ ރަނގަޅު ޢާއިލާއެއްގެ ކުއްޖެކެވެ. އެ ނާސި ގެސްޓަހައުސްގައި އެއުޅުނު ކަހަލަ އަންހެން ކުއްޖެއްނޫނެވެ. އެކަމަކު ، ވާހަކައެއް އަހައިލަން ހެއްޔެވެ ؟ އެ ގެސްޓްހައުސްގައި މީރަބް ކުރީ ކޮންކަމެއް ހެއްޔެވެ ؟ " ޑްރައިވަރު ބުންޏެވެ.
މީރަބަށް އެތަނަށް ވަދެވުނީ އެއީ ކޮންކަހަލަ ތަނެއްކަން ނޭނގި ، އޮޅުމަކުން މަޖްބޫރީ ޙާލަތެއްގައެވެ.
އޭނާގެ ނަމަކީ ފާރޫޤް ދިލް ކަމުގައި ޑްރައިވަރު ބުންޏެވެ. ނަމުގެ ފަހަތަށް ދިލް އަންނާތީ ، އެނަމުގެ ސަބަބުން ، މީހުން އޭނާގެ ނާޖާއިޒް ފައިދާ ނަގާވަރަށް އޭނާގެ ހިތް ސާފުވެފައި ޠޯހިރުކަމުގައި އޭނާ ބުންޏެވެ. އޭނާގެ ސަބަބުން ، ޑްރައިވަރަށް އެއްވެސް ތަކްލީފެއް ލިބޭކަށް މީރަބް ބޭނުމެއްނޫނެވެ. އެހެންވީމާ ، މައިމަގަށް ނުކުމެފައި އެމަގުން ކޮންމެވެސް ތާކަށް އޭނާ ބޭލުމަށް މީރަބް އެދުނެވެ.
އޭނާއަކީ ޕަޓާނެއްކަމަށް ފާރޫޤު ބުންޏެވެ. ނިކަމެތި ޙާލެއް ކުރިމަތިވެފައިވާ އެކަނިވެރި އަންހެންކުއްޖަކު ، ދަންވަރުގެ އެގަޑީގައި ، ބޮޑުމަގެއްމައްޗަށް ދޫކޮށްލާފައި ދިއުމަކީ ، އޭނާގެ ދީނާއި ޕަޓާނުންގެ އާދަކާދަ ހުއްދަ ނުކުރާނެކަމެއްކަމަށް ފާރޫޤު ބުންޏެވެ. އޭނާގެ ނަމަކީ ފާރޫޤުކަން ހަނދާން ކުރުމަށާއި ، އެނަމަކީ ، އިސްލާމީ އުއްމަތުގެ ދެވަނަ ޚަލީފާ ، ޢުމަރުގެފާނަށް ނިސްބަތްވާ ނަމެއްކަން އަދި ، އެނަމުގެ މާނަޔަކީ ، ހެޔޮނުބައި ވަކިކޮށް ދަންނަ މީހާކަމަށް ފާރޫޤު އިތުރަށް ބުންޏެވެ. އޭގެ މާނަޔަކީ ، ވަކިމީހަކާ އޭނާ އެއްހަމަ ކުރަނީ ނޫންކަމަށާއި ، އޭނާގެ ނަމަށް ފަޚުރުވެރިވުމާއެކީ ، އެނަމަށް އިޙްތިރާމް ކުރުންކަމަށް ފާރޫޤު ބުންޏެވެ. އޭނާޔަކީވެސް ނިކަމެއްޗެކެވެ. މީރަބްގެ އަތުން އެއްވެސް ލާރިއެއް އޭނާ ބޭނުމެއް ނެތެވެ. މީރަބަށް ރައްކާތެރިކަން ދިނުމަކީ ، އޭނާގެ މައްޗަށް ވާޖިބުވެއްޖެކަމެއްކަމަށް ފާޜޫޤު ނިންމިއެވެ. އެވަގުތަށް ، މީރަބަށް ރައްކާތެރިކަމާއި ޙިމާޔަތް އޭނާގެ ފަރާތުން ދޭނެކަމަށާއި ، އޭގެފަހުން ލަސްނުކޮށް ، މީރަބް އަމިއްލަޔަށް ގޮތެއް ހޯދުމަށް ބުންޏެވެ. އޭގެފަހުން ، މީރަބަކީ އޭނާއާ ދިމާވެފައިވާ ކުއްޖަކަށް ނުވާނެއެވެ. މީރަބަކަށް އޭނާއެއް ނޭނގޭނެއެވެ. އޭނާޔަކަށްވެސް މީރަބެއް ނޭނގޭނެއެވެ.
މީރަބް ގޮވައިގެން ފާރޫޤު ދިޔައީ ދުރު ހިސާބެއްގައި ހުރި ގެޔަކަށެވެ. އެއްވެސް ވަރެއްގެ ބިރުވެރިކަމެއް ހިތުގައި ނުބޭއްވުމަށާއި ، ބިސް މިކިޔާފައި ރައްކާތެރިކަން ލިބިގެންވާ ޙާލު ، އެގެޔަށް ވަނުމަށް ، އެގޭގެ ދޮރު ހުޅުވައިލަމުން ، މީރަބްގާތު ބުންޏެވެ.
އޭނާ އެގެނައީ ކޮންތާކަށްތޯއާއި ، އެއީ ކާކުގެ ގެޔެއްތޯ ، މީރަބް ސުއާލު ކުރިއެވެ. މީރަބް އެހުރީ ބޯހިޔާވަހިކަމެއް ބޭނުންވެފައި ކަމަށާއި ، އެގޭގައި ދިރިއުޅޭމީހުން ، މީރަބަށް އެހީތެރިވާނެއެވެ. އެއީ ، ވަރަށް ޚުލްޤު ރަނގަޅު އެކަނިވެރި ދެމަފިރިޔަކު އުޅޭ ގެޔެކެވެ. އެގޭގެ އަހުލުވެރިންގެ އެހީތެރިކަމާއެކީ ، އެންމެން ގުޅިގެން މަސައްކަތްކޮށް ، މީރަބަށް ދިމާވެފައިއޮތް ޙާލަތަށް ޙައްލެއް ހޯދާނީކަމަށް ފާރޫޤު ބުންޏެވެ.
ފާރޫޤު ލައްކަވާހަކަ ދައްކައިގެން ، މީރަބް ގޭތެރެޔަށްވައްދައި ، އެނދެއްމަތީ އިށީނދެތިބި ދެމަފިރިޔަކަށް ސަލާމް ގޮވާލައި ، އެމީހުންނަށް މީރަބް ތަޢާރުފް ކޮށްދިނެވެ. މީރަބަކީ ، ނިކަމެތި ޙާލެއް ކުރިމަތިވެފައިވާ އެކަނިވެރި އަންހެން ކުއްޖެކެވެ. މީރަބަށް އިޙްތިރާމް ކުރުމާއެކީ ، ގޭތެރެޔަށް ވައްދައި ، މާގިނަ ސުއާލުތަކެއް ނުކޮށް ، މީރަބަށް ކާންދީ ނިދާނެ ކޮޓަރިޔެއް އެމީހުން ދެއްކިއެވެ. މީރަބް ހުރީ ބަނޑުހައިވެގެންގޮސް އަވަދިވާ ވަރުވެފައެވެ. ބިންމައްޗަށް ވެއްޓޭވަރަށް ވަރުބަލިވެސް ވެފައެވެ. މީރަބްގެ ޙަޤީޤަތް އެމީހުން ސާފުކުރާނީ ފަހުންކަމަށް އެދެމަފިރިން ނިންމިއެވެ. މީރަބަށް ކުރިމަތިވެފައި އެވަނީ ، ވަރަށްބޮޑު ކަންތައްގަނޑެއްކަން ، އެދެމަފިރިންނަށް ފާރޫޤު ވިސްނައި ދިނެވެ. ރަނގަޅު ޢާއިލާއެއްގެ ކުއްޖެއްކަމަށް އޭނާއަށް ހީވާ ކަމަށެވެ. އެކަހަލަ ކުއްޖަކު ، ގެއިން ނުކުމެގެން އަންނާނީ ، ވަރަށްބޮޑުވަރު ވެގެންނެވެ. މީރަބަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލު ހޯދައިދޭން ، އެދެމަފިރިންވެސް ނިންމިއެވެ. ފާރޫޤަށް އިތުބާރު ކޮށްފައެވެ. ( ނުނިމޭ )

vv.reethi shukuran
ދެން އަންނަ އާދީއްތަ ދުވަހަކަށް އިންތިޒާރުކޮށްގެން އިނގިލިބިންދައިގެން
ގިނައިރު އާދީއްތަ ވަނީ ބުރާސްފަތި ދުވަހުން ފެށިގެން 4 ވަނަ ދުވަހަށް
ވަރަށްދިގު އިންތިޒާރެއް
އަދި ސަފުހާއެއްވަރު ދިގުކޮށްލެއްވިނަމަ ވަރަށްބޮޑަށް ހިތްހަމަޖެހުން
އިޙުތިރާމާއެކު ޝުކުރިއްޔާ ދަންނަވަން
ވާހަކަ ނިމުމަކާ ގާތްވެ ، ރީތި ހިސާބަކަށް އައިސްފައިވާތީ ، އިންތިޒާރު ދިގުވާނެކަންވެސް އިޙްސާސް ކުރެވޭ. އިރާދަ ކުރެއްވިއްޔާ ، ދެން އަންނަ އާދީއްތަ ދުވަހުން ފެށިގެން ، އެއް ޞަފްޙާ އިތުރު ކޮށްފައި ލިޔާނަން.