( 12 ނޮވެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ނޮރޭޒް ނުކުމެގެން ދިއުމާއެކީ ، ޚާނަމަށް ރޮވުނެވެ. މަރިޔަމް ދަމުން އެދިޔައީ ، މުރުތަސިމްގެ ޙަޔާތަށް ދިރުންވެސް ގެނެސްދީފައެވެ. ނޮރޭޒާ ކައިވެނިކޮށްގެން މިގެއިން ދާން މަރިޔަމް ހުށަހެޅި ޝަރްތު އެނގޭ ހެއްޔެވެ ؟ މުރުތަސިމާ ދިމާލަށް ބަލަހައްޓައިގެން ހުރެ ޚާނަމް ބުންޏެވެ. މީރަބް މިގެޔަށް ނުގެންނަނިސް ، ފިރިމީހާޔާއެކީ ، މިގެއިން ނުކުމެގެން ނުދާނެކަމުގައި މަރިޔަމް އޮތީ ބުނެފައެވެ. އޭނާ އެދިޔައީ ޚާނަމް ކަރާޗީއަށް ގޮސް ، މީރަބް ގެޔަށް ގެނައިފަހުންނެވެ. މީރަބް އެއައީ ހަމައެކަނި މަރިޔަމްގެ އުފަލަށްޓަކައެވެ. މަރިޔަމަށްޓަކައި ކޮންމެކަމެއްކުރަންވެސް މީރަބް ހުރީ ތައްޔާރަށެވެ.
މުރުތަސިމް އައިސް ކޮޓަރިޔަށް ވަތްއިރު ، ކޮޓަރިތެރެއިން މީރަބް ފެންނާކަށް ނެތެވެ. އެނދުގައި ނިދާފައެއްވެސް ނެތެވެ. ފާޚާނާޔަކުވެސް ނޫޅެއެވެ. އަޑުގެ ނެތްތަނަށް މީރަބަށް ގޮވަމުން މުރުތަސިމް ގޭތެރެޔަށް ނުކުތެވެ. ޙީލަތްތެރި ހިނިތުންވުމެއްގައި ބޭރުގައި މަޑުކޮށްލައިގެން ޙަޔާ ހުއްޓެވެ. މީރަބް ކޮބައިތޯ އެހުމުން މީރަބްވާނީ ކޮޓަރީގައި ކަމަށާއި އޭނާއަށް މީރަބް ވީތަނެއް ނޭނގޭކަމަށް ޙަޔާ ބުންޏެވެ. މުރުތަސިމްގެ ހަޅޭކުގެ އަޑަށް ޚާނަމްވެސް އެތަނަށް ނުކުތެވެ، ވެގެން އެއުޅެނީ ކީއްތޯ ސުއާލުކުރިއެވެ. ކޮޓަރީގައި މީރަބް ނެތްކަމަށް މުރުތަސިމް ބުނުމާއެކީ ، ގޭގެ ކޮންމެވެސް ތަނެއްގައި މީރަބް އުޅޭނެކަމަށް ބުނެ ، މީރަބް ހޯދައިގެން އަންނަން ޙަޔާގާތު ބުންޏެވެ.
މުރުތަސިމަށް ވެފައި އެހުރީ ކީއްތޯ ޚާނަމް ސުއާލު ކުރިއެވެ. މީރަބާ ދެމީހުން ޒުވާބުކުރީތޯ އެހިއެވެ. އެކަހަލަކަމެއް ނުވާކަމަށް މުރުތަސިމް ބުނެ ޖަވާބުދިނެވެ. ޙަޔާވެސް އައިސް ، މީރަބް ނުފެނުނު ވާހަކައާއި މީރަބްގެ އަނގޮޓި ފެނުނުވާހަކަ ބުންޏެވެ. އެ އަނގޮޓިޔަކީ ، އެގެއިން މީރަބް ދިއުމާއެކީ ، މުރުތަސިމްމެންގެ ކޮޓަރިޔަށް އެރޭ ޙަޔާ ވަތްއިރު ފެނުނު އެއްޗެކެވެ. އެ އަނގޮޓި އޭގެފަހުން އޮތީ ޙަޔާގެ އަތުގައި ފޮރުވާފައެވެ. އެއީ މީރަބާއި މުރުތަސިމްގެ ކައިވެނީގެ ނިޝާނެވެ. އެވަގުތު ބަޚްތިޔާރު އައިސް ، ރޭގެ ލަސްގަޑިއެއްގައި މީރަބް އެގެއިން ނުކުމެގެން ދިޔަވާހަކަ ދޮރުވާނު ބުނިކަމުގައި މުރުތަސިމްގާތު ބުންޏެވެ.
ޚާނަމަށް ކޮޅަށް ތެދުވެވުނެވެ. މުރުތަސިމްގެ ދެލޯބޮޑުވެ ، މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. އަބުރު ރައްކާތެރިކުރަން ބޭނުންކަމަށްވަންޏާ ، ގޮސް މަގުމަތިން މީރަބް ހޯދައިގެން ގެނެސް ގެޔަށްލުމަށް ޚާނަމް ބުންޏެވެ. އޭނާ ، އެގެޔަށް މީރަބް ގެންނާނެކަމުގައި ބުނެ ، މީރަބް ހޯދުމަށްޓަކައި މުރުތަސިމް ނުކުތެވެ. މުރުތަސިމް ދިއުމާއެކު ، މީރަބް ދެން އެގެޔަށް ނާންނާނެކަމުގައި ޚާނަމް ބުންޏެވެ. އެކަމަކު ، ގެއިން ބޭރުކޮށްލާ ކޮންމެ ފަހަރަކުވެސް ، އެމީހުންގެ ދިރިއުޅުމަށް މީރަބް އެބަ އަންނަކަމުގައި ޙަޔާ ބުންޏެވެ. މިފަހަރު މީރަބް އެދިޔައީ އޭނާގެ އަމިއްލަ އިޚްތިޔާރުގައެވެ. އެހެންވީމާ ، މިފަހަރު މީރަބް އެގެޔަށް ނާންނާނެކަމުގައި ޚާނަމް ބުންޏެވެ.
އެއީ ޙަޔާ ބޭނުންވާ ގޮތެވެ. ޙީލަތްތެރި ހިނިތުންވުމަކުން ޙަޔާގެ މޫނުމަތި އަލިވެގެން ދިޔައެވެ. އެރޭ މީރަބް އެގެޔަށް އައީ ވަރަށް ހަމަޖެހިލައިގެން ހުރެކަން ޚާނަމަށް ފާހަގަކުރެވުނެވެ. އޭގެ ފަހުން ، މީރަބް ފިލައިގެންދާން ދިމާވާނީ ކޮންކަމެއް ބާވައޭ ޚާނަމްގެ ހިތަށް އެރިއެވެ. އެމީހެއްގެ ކަމަކީ އަބަދުވެސް ދުރަށް ދިއުންކަމަށްވެފައި އޮތް މީހަކު ދިޔައިމަ އެކަމާ ކަންބޮޑުވާންވީކަމެއް ނެތްކަމަށް ޙަޔާ ބުންޏެވެ. އަދި މީރަބަށް އެގޭގައި މަޑުކުރެވޭނީ ކިތައްފަހަރު ، ކިހާ ދުވަހަކުތޯ ޙަޔާ ސުއާލު ކުރިއެވެ. ދަނޑުބިމަށްގޮސް އަންވަރު އައިތަނުންވެސް ، މީރަބް ގެއިން ނުކުމެގެން ދިޔަވާހަކަ ޙަޔާ ބުންޏެވެ. މީރަބް އެދާނީ ވައްޤާސްގާތަށް ކަމުގައި އަންވަރު ބުންޏެވެ.
މީރަބް ދިޔައީ ކާރަކުވެސް ނޫނެވެ. އެހެންވީމާ ދިޔަތަނެއް ނޭނގޭކަމަށާއި ، ވައްޤާސްގާތު އެވާހަކަ ނުބުނުމަށް ޚާނަމް އެދުނެވެ. ވައްޤާސްއަކީ ހިތުގެ ބައްޔެއް ހުންނަ މީހެއްކަމަށްވާތީ އެކަހަލަ ޚަބަރަކުން ވައްޤާސްއަށް ގެއްލުމެއް ލިބިދާނެކަމުގައި ޚާނަމް ބުންޏެވެ. އަދި ، ޚުދު ޚާނަމް ވައްޤަސްއާ ބައްދަލުކުރުމަށް ކަރާޗީއަށްދާން ނިންމިއެވެ.
މުރުތަސިމަށް މީރަބްވީތަނެއް އެނގޭކަމަށް ބުނެ ، ފުރަތަމަވެސް ދިޔައީ ކަރާޗީއަށެވެ. ކަރާޗީއަށް އައިސް މީރަބް ހުރެދާނެހެން ހީވާ ގެޔަކަށް މުރުތަސިމް ދިޔައެވެ. އެއީ ސަބާމެންގެ ގެއެވެ. އެގެޔަކަށް މީރަބް އައިކަމަކަށް ނުވެއެވެ. ދެން ، މުރުތަސިމް ދިޔައީ ، ރޮހޭލްމެންގެޔަށެވެ. އެގެޔަކަށްވެސް މީރަބެއް ނާދެއެވެ. އެގޭގައި އެއްވެސްމީހަކު ނޫޅޭކަމަށާއި ، އެގޭ އެންމެންވީ މީގެ މަހެއްހާ ދުވަސްކުރިން ލަންޑަނަށް ގޮސްފައިކަމަށް ، ގެޔާ ޙަވާލުވެހުރި މީހާ ބުންޏެވެ.
ޚާނަމާއި އަންވަރުވެސް ވައްޤާސްމެންގެޔަށްގޮސް ، އެމީހުން އެއައީ މީރަބް ބަލައިކަމުގައި ބުންޏެވެ. ވައްޤާސްއަށް ލިބުނީ ޙައިރާން ކަމެކެވެ. އެގެޔަކަށް މީރަބެއް ނާދެއެވެ. އެކަމަކު ، އެރޭ ، އެގެޔަށް މީރަބް އައިކަމަށް ވައްޤާސްއަށް އޮތީ ހީވެފައެވެ.
މީރަބް ކޮބައިތޯއާއި މީރަބް ދިޔައީ ކޮންތާކަށްތޯ ވައްޤާސް ސުއާލު ކުރިއެވެ. ވައްޤާސްގެ ސުއާލުން ޚާނަމަށްވެސް އަދި އަންވަރަށްވެސް ލިބުނީ އިތުރު ޙައިރާން ކަމެކެވެ. އެގެޔަކަށް މީރަބެއް ނާދެއެވެ. މީރަބަށް އެމީހުން ކުރީ ކީއްތޯއާއި އޭނާގެ ދަރިފުޅު ކޮބައިތޯ ވައްޤާސް ސުއާލު ކުރަމުން ގެންދިޔައެވެ.
މީރަބް ހޯދަން މުރުތަސިމް ނުކުމެ އެބައުޅޭކަމަށާއި ، މުރުތަސިމް ، މީރަބް ހޯދައިގެން ގެންނާނެކަމުގައި ޚާނަމް ބުނިތަނާ މުރުތަސިމަށްވެސް އެގެޔަށް އާދެވުނެވެ. މީރަބް ކޮބައިތޯއާއި ، މީރަބަށް މުރުތަސިމް ހެދީ ކިހިނެއްތޯ ވައްޤާސް ސުއާލު ކުރިއެވެ. އެއްވެސްކަމެއް ނުވެ ، ގެއިން ނުކުމެގެން މީރަބް ނުދާނެކަން ވައްޤާސްއަށް އެނގެއެވެ.
" މުރުތަސިމް ތިހުރީ މީރަބަށް ގޮތެއް ހަދާފައެވެ. މީރަބްގެ ހިތަށް ތަދުވެގެން ހިތްހަލާކުވާވަރުގެ ކަމެއް ކޮށްފައެވެ. އެހެންނޫނީ ، މީރަބް އެކަހަލަ ކަމެއް ނުކުރާނެއެވެ. މުރުތަސިމާ މީރަބް ޙަވާލު ކުރެވުނީތީ މިއަދު ، އަހަރެން ހިތާމަ ކުރަމެވެ. މީގެފަހުން އަހަރެންނާ ކަލޭމެންނާ ދެމެދު އޮތް ގުޅުން މި ކެނޑުނީއެވެ. ކަލާމެންގާތަށް މީރަބް ދާން ، އަހަރެން ދެނެއް ފުރުޞަތެއް ނުދޭނަމެވެ. " ވައްޤާސް ބުންޏެވެ.
މީރަބް ހޯދުމަށްޓަކައި ވައްޤާސްވެސް ނުކުތެވެ. އަދި މުރުތަސިމްވެސް ނުކުމެގެން ކާރަށް އަރަނިކޮށް މުރުތަސިމް އެދަނީ ކޮންތާކަށްތޯ ޚާނަމް ސުއާލު ކުރިއެވެ. އޭނާ އެދަނީ މީރަބް ހޯދުމަށްކަމުގައި މުރުތަސިމް ބުންޏެވެ. އެހެންނަމަވެސް ، ވައްޤާސް އެވަނީ އެމީހުންނާ ގުޅުންކަނޑައިލާފައި ކަމަށް ޚާނަމް ބުންޏެވެ.
" އަހަރެންނާ މީރަބާ ދެމެދު އޮތްގުޅުން ޤިޔާމަތަށް ދާނދެން ދެމިއޮންނާނެއެވެ. އެއީ އަހަރެންގެ ޙަލާލު އަނބިމީހާއެވެ. " މުރުތަސިމް ބުންޏެވެ.
މީރަބާ ދިމާލަށް އެތިވަރު ގޮވައިގެންފައި ، އަންވަރުވެސް މުރުތަސިމާ އެކީ ދާންބޭނުންނަމަ ، ދާން އަންގައި އޭގެކުރިން އޭނާ ގެޔަށް ލައިދިނުމަށް ޚާނަމް ބުންޏެވެ.
މުރުތަސިމާއި ވައްޤާސްއާ ދެމީހުން ، މީރަބް ހޯދަން ދުއްވާ ވަރުބަލިވިއިރުވެސް ، މީރަބެއް ނުފެނުނެވެ. މީރަބް ދާނެހެން ހީވާ ހުރިހާތާކަށް އެމީހުން ދިޔައެވެ. މީރަބް ދުށްމީހަކުވެސް އެއިންތާކު ނެތެވެ. އެންމެފަހުން ވައްޤާސް ގޮސްވަނީ ، ރޮހޭލްމެންގެޔަށެވެ. އެގެޔަކަށްވެސް މީރަބެއް ނާދެއެވެ. އަނީލާއާ ގުޅައި މީރަބް ނުފެނުނު ވާހަކަ ބުނަން ފޯނުކުރިތަނާ ، ވައްޤާސްގެ މެޔަށް ތަދެއްއަރައި ބިންމައްޗަށް ވެއްޓުނެވެ. އެގޭގެ ހަވާލުދާރަކަށް ހުރިމީހާ ވައްޤާސް އަތުން ވެއްޓުނު ފޯނުނަގައި ، އެފޯނުން ވާހަކަ ދެއްކި މީހެއްގެ ގާތުގައި ވައްޤާސްއަށް ވީގޮތް ކިޔައި ދިނެވެ.
މީރަބް އެދިޔަތާކަށްގޮސް ، ކޮޓަރީގަ ހަމައިސްކޮޅަށް ހުރި ލޯގަނޑެއްކައިރީ ހުއްޓިލިއެވެ. އެވަގުތު ، ކުރިމަތިން ފެންނަންހުރި މީރަބް ، އޭނާއާ ވާހަކަ ދައްކަން ފެއްޓިއެވެ.
" މީރަބެވެ ! ތިކުރީ ކީއްހެއްޔެވެ ؟ މީރަބް ބޭނުންނަމަ ، މުޅި ދުނިޔެއަށްވެސް ދޮގުހެދިދާނެއެވެ. އެކަމަކު ، މި ލޯގަނޑުން ތިފެންނަ މަންޒަރާއި އިޙްސާސް އޮޅުވައެއް ނުލެވޭނެއެވެ. ފިލައިގެން ތިއައީ ކޮންސަބަބަކާ ހުރެ ހެއްޔެވެ ؟ އަމިއްލަ ނަފްސަށް ހެއްޔެވެ ؟ ނޫނީ ދިމާވެފައިއޮތް ޙާލަތަށް ހެއްޔެވެ ؟ ތިގޮތަށް ފިލައިގެން ގެއިން ނުކުމެގެން އައުން އެއީ ރަނގަޅުކަމެއް ހެއްޔެވެ ؟ މިހާތަނަށް މީރަބްގެ ދިރިއުޅުމުގައި ދިމާވިކަންކަމާއި ، މީރަބް ޢަމަލުކުރިގޮތްގޮތް އެއީ ހަމަ ރަނގަޅުގޮތް ހެއްޔެވެ ؟ "
" އާނއެކެވެ ! އަހަރެން މިހެދީ ރަނގަޅަށެވެ. އެއްކަމަކަށްފަހު އަނެއްކަމެއް އެހާ ގާތްގާތުގައި ، ހިނގިއިރު އަހަރެންގެ އަމިއްލަ ނަފްސާމެދު ވިސްނައިލާކަށް ވަގުތެއް ނުލިބުނެވެ. ދިރިއުޅުމަކީ ކޮބައިކަން ދެނެގަންނާކަށް އަހަރެންނަކަށް ފުރުޞަތެއް ނުލިބެއެވެ. އަހަރެންގެ ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތަކާމެދު ވިސްނަން އަހަރެންގެ އަމިއްލަ ނަފްސަށް ވަގުތު ބޭނުންވިއެވެ. އަހަރެންނަށް ވަގުތު ބޭނުމެވެ. " މީރަބް އޭނާގެ ތަސްވީރަށް ޖަވާބު ދިނެވެ.
ވަންނާނެ ތަނެއް ހޯދަމުންގޮސް ، އެރޭގެ ދަންވަރު މީރަބަށް ގޮސްވަދެވުނީ ، ގެސްޓްހައުސް އަކަށެވެ. އެ ގެސްޓްހައުސްގައި އޭނާގެ ނަން ރަޖިސްޓަރީ ކުރީ މިރާލްގެ ނަމުންނެވެ. އޭނާގެ އަތުގައި ފައިސާއެއް ނެތްތާނގައި އައިޑީކާޑްވެސް އަދި ފޯނު ނަންބަރެއްވެސް ނެތެވެ. ރިސެޕްޝަންގައި އިނީ މުސްކުޅިވަރެއްގެ މީހެކެވެ. އެތަނުގައި ހުހަށް ހުރީ އެންމެ ކޮޓަރިއެކެވެ. މީރަބަށް އެކޮޓަރި ނުދޭން އޭނާ ލައްކަ މަސައްކަތް ކުރިއެވެ. އައިކާޑެއް ނެތެވެ. ފޯނެއް ނެތެވެ. އަދި ފައިސާއެއްވެސް ނެތެވެ. އަންހެންކުއްޖެއްކަމަކު ، އެފަދަ މީހަކަށް ކޮޓަރިއެއް ދޭނީ ކިހިނެއް ހެއްޔެވެ ؟ އެއީ ، އޭނާއަށް ހަމަޖައްސައި ދެވޭވަރަށްވުރެ ބޮޑު ކަމެކެވެ. ގެސްޓްހައުސްއިން ނުކުތުމުގެ ކުރިން ފައިސާ ދައްކާނެކަމަށް މީރަބް ބުނި ނަމަވެސް ، ފައިސާ ނެތިސް ކޮޓަރިދިނުމަށް ރިސެޕްޝަންގައި އިންމީހާ އިންކާރު ކުރިއެވެ. އެހެންނަމަވެސް ، އޭނާގެ އަތުގައި އަޅާފައި އޮތް ރަން އުޅާބައި ޑިޕޮޒިޓަކަށް ބާއްވާފައި ، ޗެކްއިން ކޮށްދިނުމަށް އެދުމުން އެކަން ހަމަޖެހުނީއެވެ.
ލޯގަނޑުކައިރިން ދުރަށްގޮސް އެނދުގައި މީރަބް އިށީނދެލިއެވެ. މީރަބް ހޯދަން ، މުރުތަސިމް މަސައްކަތްކުރާނެކަން މީރަބަށް އެނގެއެވެ. ނުފޮރުޅާ އެންމެ ގާކޮޅެއްވެސް މުރުތަސިމް ނުބާއްވާނެއެވެ. އެހެނަސް ، މުރުތަސިމާއެކީ ދާކަށް އެވަގުތު ، މީރަބް ބޭނުމެއް ނުވެއެވެ. އޭނާއަށް ސަލާމަތްކަމާއި ރައްކާތެރިކަން ދެއްވުން އެދި ﷲ އަށް ދުޢާ ދެންނެވިއެވެ. ގެސްޓްހައުސްއަށް ފައިސާ ދެއްކޭނެ ކޮންމެވެސް ގޮތެއް އޭނާއަށް ހޯދޭނެކަމަށް މީރަބް ނިންމިއެވެ. އެކަން މީރަބް ހަމަނުޖައްސައިފިނަމަ ، ގެސްޓްހައުސް އިން މީރަބްގެ ވާހަކަ ޕޮލިހަށް އަންގާނެއެވެ. އޭރަށް ، މީރަބް ހޯދަން މުރުތަސިމަށް ފަސޭހަވާނެއެވެ.
ކޮޓަރިން ނުކުމެގެން ތިރިޔަށް ގޮސް ފޯނުކޯލެއް ކޮށްލަން ބޭނުންވާހަކަ ބުނުމާއެކީ ، ނަސީބަކުން އޭނާއަށް ފޯނުކޮށްލަން ، ރިސެޕްޝަނިސްޓް ފުރުޞަތު ދިނެވެ. މީރަބް ފޯނުކުރީ ސަބާއަށެވެ. އެހެނަސް ، ސަބާގެ ނަންބަރު އޮތީ އޮފް ކޮށްލާފައެވެ. ދެން އިތުރަށް ގުޅާނެ ރައްޓެއްސަކު މީރަބްގެ ނުހުރެއެވެ. އެކުގައި ކިޔަވަން އުޅުނު މަލާއިކާއަކީ ، މީރަބާ އެހާ ގާތް ކުއްޖެއްނޫނެވެ. އެހެންނަމަވެސް މީރަބަކަށް އެހެން ގޮތެއް ނެތެވެ. މަލާއިކާއާ ގުޅުމުން ފޯނު ނެގިއެވެ.
މީރަބަށް މާގިނަ ވާހަކައެއް އެވަގުތު ދެއްކެން ނެތްކަމަށާއި ، އޭނާގެ އެހީތެރިކަން މީރަބަށް ބޭނުންވާ ކަމުގައި މީރަބް ބުންޏެވެ. އަދި މީރަބް އެޑްރެސް ފޮނުވީމަ އެތަނަށް އައިސްލަ ދިނުމަށް މީރަބް އެދުނެވެ. މަލާއިކާ އޭރުހުރީ ކަރާޗީން ބޭރުގައެވެ. އެކަމަކު ، މީރަބް ބޭނުންވަނީ ކޮންކަހަލަ އެހީއެއްތޯއާއި ، މުރުތަސިމް ރަނގަޅުތޯ މަލާއިކާ ސުއާލު ކުރިއެވެ.
މީރަބް ބޭނުންވީ ކޮންމެވެސް މަގެއް ހޯދައިގެން ، އޭނާ އެ ފޮނުވާ އެޑްރެހަށް ލާރިކޮޅަކާއި ހެދުން ކޮޅެއް މަލާއިކާ ފޮނުވައި ދިނުމެވެ. ފަހުން ހުރިހާ ވާހަކައެއް އޭނާ ކިޔައިދޭނެއެވެ. މީރަބަށް ، ކޮންމެހެންވެސް އެކަންކަން އެވަގުތަށް ބޭނުންކަމުގައި މީރަބް ބުންޏެވެ. އިތުރު އެއްޗެއް ބޭނުންތޯ އަހައި ، މީރަބް އެ އެދުނުގޮތަށް އެކަން ހަމަޖައްސައިދޭނެކަމުގައި މަލާއިކާ ބުންޏެވެ.
ކަރާޗީގެ ފުލުހުންގެ ބޮޑުމީހާއަކީ މުރުތަސިމްގެ ވަރަށް ގާތް ރައްޓެއްސެކެވެ. އޭނާގެ އެހީތެރިކަންވެސް މުރުތަސިމް ހޯދިއެވެ. ހުރިހާ ޕޮލިސް ސްޓޭޝަންތަކާއި ހޮޓަލާއި ގެސްޓްހައުސް އަދި ހޮސްޕިޓަލްތައް ޗެކްކޮށް އެއިންތަނަކަށް މީރަބް ދިޔަތޯ ބަލައިދިނުމަށް މުރުތަސިމް އެދުނެވެ. އަދި ، ކޮންމެ އަގެއްދީފައިނަމަވެސް ، ރޮހޭލް ހޯދަންވެސް މުރުތަސިމް ބޭނުންވިއެވެ.
ކުޑައިރުކޮޅަކުން ، މީރަބްހުރި ކޮޓަރީގައި ޓަކިޖެހުމާއެކީ އެއީ ކާކުތޯ ސާފުކުރުމަށްފަހު މީރަބް ދޮރުހުޅުވައިލިއެވެ. އެއީ ، މަލާއިކާ ފޮނުވި ޕާރސަލް ހިފައިގެން އައި މީހެކެވެ.
ރޮހޭލްމެންގޭދޮރުމައްޗަށް ވައްޤާސް ވެއްޓުނުތަނުން ، އެމްބިއުލެންސަށް ގުޅައިގެން ގެނެސް ހޮސްޕިޓަލަށް ގެންދެވުނުއިރު ، ވައްޤާސް އޮތީ ނިޔާވެފައެވެ. ވައްޤާސް ނިޔާވި ޚަބަރު ލިބުމާއެކީ ، މުރުތަސިމާއި އަންވަރާ ދެމީހުން ވަގުތުން އެގެޔަށް ދިޔައެވެ. އަދި ޚާނަމްއާއި ޙަޔާވެސް އައިސް ތިއްބެވެ.
މުރުތަސިމަށް މީރަބް އިންތިޒާރުކުރަންވީ ސަބަބެއް ނެތެވެ. މުރުތަސިމްގެ ފަރާތުން އޭނާގެ ޙަޔާތަށް ދިރުމެއް އަތުވެދާނެކަމަކަށް މީރަބަކަށް ނުފެނެއެވެ. މީރަބް ބޭނުންވަނީ ، އެއިން އެއްވެސްމީހަކަށް ނުފެންނަ ހިސާބަށްގޮސް ގެއްލޭށެވެ. މަޑުމަޑުންގޮސް މީރަބަށް އެނދުގައި އޮށޯވެލެވުނެވެ. އެކަމަކު ، އޭނާގާތަށް ނިންޖެއް ނައެވެ. މީރަބަށް އޮވެވުނީ ، މުރުތަސިމްގެ ރަނގަޅު ކަންކަމާއި މީރަބް އުފާވާގޮތަށް މުރުތަސިމް ދައްކާފައިވާ ހިތްގައިމު ވާހަކަ ތަކުގެ މައްޗަށް ފުނިޖެހެމުންދިޔަ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. މީރަބަށް ލޮލުފިޔަ ޖެހިފައި އޮއްވައި ، ފުލުހުންގެ ސައިރަންގެ އަޑަށް މީރަބަށް ހޭލެވުނެވެ. އިރުކޮޅަކުން ، ތިރީގައި އަޑުގަދަވެގެންދިޔައެވެ. ގެސްޓްހައުސް ހުޅުވައިގެން ޤާނޫނާޚިލާފް ކަންކަން ކުރާވާހަކަ ފުލުހުން ބުނިއަޑު މީރަބަށް އިވުނެވެ. އެކަހަލަކަމެއް ނުކުރާ ކަމަށް ރިސެޕްޝަނިސްޓް ބުނަމުން ގެންދަނިކޮށް އޭނާ ބަހަށް އަރުވައި ، ހުރިހާ ކޮޓަރިތަކެއް ޗެކްކޮށް ، އެކޮޓަރިތަކުގައިތިބި މީހުންވެސް ސިފައިންގެޔަށް ގެންދަން ބަހަށް އެރުވުމަށް އޮފިސަރަކު އަމުރު ކުރިއެވެ. އެއްވެސް މީހަކަށް ފިލައިގެން ދެވިގެން ނުވާނެކަމަށް އޮފިސަރު އެންގިއެވެ. އެންމެފަހުން މީރަބްވެސް ކޮޓަރިން ބޭރުގައި ބިރުން ހުއްޓައި އައި އަންހެނަކު ، ކަލޭގެންގުޅޭ ފިރިހެންމީހާ ކޮބައިހޭ ބުނެ ، ދަމާފައި ، ސިފައިންގެ ބަހަށް އަރުވަން ތިރިޔަށް ގެންދިޔައެވެ. މީރަބަށް ތިރިޔަށް ދެވުނުއިރު ، އެ ގެސްޓްހައުސްގައި ތިބި އެންމެން ނެރެގެން ބަހަށް އަރުވަނީއެވެ. މީރަބްވެސް ގެންގޮސް ބަހުގެ ދޮރުމައްޗަށް ހޫރައި ލެވުނެވެ. ( ނުނިމޭ )

Varahves reethi