ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން މާލެ ސިޓީ ކައުންސިލަށް ޒިޔާރަތްކޮށްފި

ތަޖުރިބާ ދަތުރެއްގައި މާލެ އައިސް އުޅޭ، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 12 އަދި 11ގައި ތަޢުލީމް ޙާޞިލް ކުރަމުން އަންނަ ދަރިވަރުން، މާލެ ސިޓީ ކައުންސިލަށް ޒިޔާރަތް ކޮށްފިއެވެ.

ކައުންސިލަށް ކުރި މި ޒިޔާރަތުގައި، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ވަނީ، ކައުންސިލް އިދާރާގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި ދަރިވަރުން ވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލައި، ކައުންސިލްގެ ޚިދުމަތްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ސާފުކޮށްފައެވެ.

މިއީ ރާއްޖޭގެ ރަށެއްގެ ދަރިވަރުން، މާލެ ސިޓީ ކައުންސިލަށް ރަސްމީކޮށް ކުރި ފުރަތަމަ ޒިޔާރަތެވެ.

އެ ގޮތުން އެ ދަރިވަރުންގެ ޝަރަފުގައި ލޮނުޒިޔާރަތް ޕާކުގައި، ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވަނީ، ދަރިވަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ކިޔަވާ ކުދިންނަކީ، އެ މަނިކުފާނުގެ ހިތްޕުޅުގައި، ވަރަށް ޚާއްޞަ ގަދަރެއް ދެވިފައިވާ ބައެއް ކަމަށެވެ. އަދި ކިޔަވާ ކުދިންނާ ބައްދަލުވާ ކޮންމެ ފަހަރަކު، ވަރަށް ޚާއްޞަ އުފަލެއް ލިބިވަޑައިގަންނަވާ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

" ވަޒީފާއެއް ވިއްޔާ ކުރަންޖެހޭ މަސައްކަތް ހުންނާނެކަން ގަބޫލު ކުރަންޖެހޭ. މަސައްކަތްނެތް ވަޒީފާއެއް ނުހުންނާނެ. މަސްވެރިކަމާއި،ދަނޑުވެރިކަމާއި ވިޔަފާރި ބިދޭސީން ކުރަން ދޫކޮށްލައިގެން ތިޔަ ދިން ތިބެއްޖެނަމަ، ދެންއަންނަ ދިވެހި ޖީލަށް، މިގައުމު ނުފެންނާނެ." އެ ދަރިވަރުންނާ ވާހަކަދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަރާތުން ވަނީ، މާލެ ސިޓީ ކައުންސިލަށް ހަނދާނީ ފިލައެއް ދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.