ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޚާއްޞަ އޮޕަރޭޝަނެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފުލުހުންނަށް އަންގަވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގެ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
މިކަން ހާމަކުރައްވައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ، ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، މިއަދު އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަން ބަލާ ފާސްކުރާ އޮޕަރޭޝަނެއް ފުލުހުން ހިންގާނެކަމަށާއި މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެކަން ހާމަކުރައްވާފައެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައިވާއިރު، ޤާނޫނީ ރައްކާތެރިކަން ލިބޭގޮތަށް، ޤާނޫނީ ފިޔަވަޅުތަކާއެކު، ފަރުވާ ދިނުމާއި އަދި މުޖުތަމަޢަށް އަނބުރާ ގެނައުން ހިމެނޭ ގޮތަށް، ޤައުމީ އޮނިގަނޑެއް އެކުލަވާލެވި، ތަންފީޒުކުރެވެމުންދާކަން މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވެއެވެ. މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރެއްވުމަށް އިސްކަންދެއްވައިގެން ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، މަސްތުވާތަކެތީގެ ވަބާގައި ޖެހޭ މީހުން ސަލާމަތްކުރުމަށް އަމާޒުކޮށް ނ. ވެލިދޫ، ކ. ކާށިދޫ، އަދި، ލ. ގަމުގައި ރީހެބިލިޓޭޝަން ސެންޓަރުތައް ވަނީ ގާއިމުކުރައްވާފައެވެ. އަދި ފަރުވާ ފުރިހަމަކުރުމުން އަނބުރާ މުޖުތަމަޢަށް އައިސް، ވަޒީފާގެ މާހައުލަށް ނުކުމެ، މަސްތުވާތަކެއްޗަށް އަނބުރާ ނުދިޔުމަށް ދޭންޖެހޭ ފަރުވާ އާއި އަޅާލުން ދިނުމުގައި ދައުލަތުން ބުރަ މަސައްކަތްތަކެއް ކުރާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ދެއްވާފައިވެއެވެ.
