ކުރިއަށް އޮތް އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މާލޭ ސީޓީ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤްރުއާންކިޔެވުމާއި، މަދަހަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
"މާލޭ ސިޓީ ކައުންސިލް ޤުރުއާން އަދި މަދަހަ މުބާރާތް 1447"ގެ ނަމުގައި ބާއްވާ މި މުބާރާތުގައި، ޤްރުއާން ކިޔެވުން ކުރިޔަށް ގެންދަނީ ދެ ގޮތްޕަކަށް ބަހައިލައިގެންނެވެ. އެ ގޮތުން ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފިން ކޮންމެ ގޮތްޕެއްގައި ވެސް، 6 ޢުމުރުފުރާ ހިމެނޭނެއެވެ. ޤްރުއާން މުބާރާތެކޭ އެއް ގޮތަށް މަދަހަ މުބާރާތް ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 6 ޢުމުރުފުރާ އަކަށް ބަހާލައިގެންނެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. ޢުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2025 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ. ޤްރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ، އެއް ޢުމުރުފުރާގެ، އެއް ގޮފީގައެވެ
މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ޤުރުއާން ކިޔެވުމާއި، މަދަހަކިޔުމަށް އިންސާފު ނުކުރާނެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުންނާއި، ކޮންމެ ގްރޫޕަކުންނާއި، އަދި ކޮންމެ ގޮތްޕަކުން، އެންމެ މޮޅު 5 ދަރިވަރުން ހޮވާނެއެވެ.
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުންނާއި ނުބަލައި ކިޔެވުމުން 1 ވަނަ އަށް ހޮވޭ ދަރިވަރަކަށް ބައި ލައްކަ ރުފިޔާ އާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ހުށަހަޅައިފައިވާ އިރު، މަދަހަ ކިޔުމުގެ މުބާރާތުން ދެ ގްރޫޕް އެއްކޮށް، މުޅި މުބަރާތުން 1 ވަނަ ހޮވޭ ދަރިވަރަކަށް ވެސް ވަނީ ބައި ލައްކަ ރުފިޔާ އާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ހުށަހަޅައިފައެވެ. މީގެ އިތުރުން ވެސް މުޅި މުބާރާތުން 2 ވަނަ، 3 ވަނައަށް ފައިސާ ގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. 4 ވަނަ އަދި 5 ވަނަ އަށް އަންނަ ދަރިވަރުންނަށް ވެސް، ފައިސާ ގެ އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ވެސް މި މުބަރާތުގެ ކޮންމެ ޢުމުރުފުރާއަކުންނާއި، ކޮންމެ ގްރޫޕަކުންނާއި، ކޮންމެ ގޮތްޕަކުން 1 ވަނަ، 2 ވަނަ، 3 ވަނަ، އަށް ފައިސާގެ އިނާމާއި، ޓްރޮފީ އަދި ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. 4 ވަނަ އަދި 5 ވަނަ އަށް އަންނަ ދަރިވަރުންނަށް ވެސް ފައިސާގެ އިނާމާއި، ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ދެ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުން މާލެ ސިޓި ކައުންސިލުންގެ ގެޒެޓްގައި ޢާންމު ކޮށްފައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި މި ލިންކް މެދުވެރިކޮށް މި މުބާރާތުގެ އުޞޫލުތަކާއި މުޤައްރަރު ޢާންމުކޮށްފައިވެއެވެ.
މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު، 13 ނޮމެމްބަރު 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ. މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު މާލެ ސިޓީ ކައުންސިލްގެ ހޮޓްލައިން ނަމްބަރު 1622 ގުޅުއްވައިގެން ހޯދޭނެއެވެ.
