11 November 2025 (Tuesday)

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތުގެ ޢިއްޒަތް އެރުވުމާއި، ޚިދުމަތުގެ ޝަރަފު އެރުވުމާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުން ވަނީ ކުރިއަށްގެންދަވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ތަހުނިޔާގެ މެސެޖެއްވެސް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި، އެމަނިކުފާނު ވަނީ، ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައިދީ، ރައްޔިތުން އެދޭ އަމާޒުތައް ހާސިލުކޮށްދެއްވުމަށް މި ސަރުކާރުން ފެށި ދަތުރުގައި ކުރިއަށް ވަޑައިގަންނަވާނީ، މާތް ﷲގެ ޙަޟްރަތުން ވާގި އެދި ތިބެ، އިޚްލާޞްތެރިކަމާއެކުގައިކަމަށް ވިދާޅުވެފައެވެ. އަދި އެ މެސެޖުގައި އެމަނިކުފާނު ވަނީ، ދިވެހިރައްޔިތުންގެ ބަދަހިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު އަދާކުރައްވައި، ދިވެހި ރައްޔިތުން ފަޚުރުވެރިވާނޭފަދަ ތަމައްދުނާއި ތަރައްޤީގެ އުޖާލާ ދުވަސްތަކެއް މި ޤައުމަށް އިރާދަކުރެއްވިއްޔާ ހޯއްދަވައިދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ، އެކަމަނާގެ ރަސްމީ އެކްސް އެކައުންޓުން ތަހުނިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި އެކަމަނާ ވަނީ، އެކުވެރި، އެއްބައިވަންތަ، ބާއްޖަވެރި މުޖުތަމަޢެއް، މި ވަޠަނުގައި އަބަދުމެ ދެމިއޮތުމަށް އެދި ދުޢާ ދަންނަވާފައެވެ.

ދިވެހިރާއްޖޭގެ ވެރިކަން، ރަސްކަމަކުން ޖުމްހޫރިއްޔަތަށް ބަދަލުވެފައިވަނީ 1968 ވަނަ އަހަރުގެ ނޮވެންބަރު 11 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.