ނިލަންދޫ މަސް ފެކްޓްރީއަށް ބޭނުންވާ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމުގެ ރަސްމިއްޔާތެއްގައި، ފ. ނިލަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މަސް ފެކްޓްރީ މަޝްރޫޢު ފެށުމަށްޓަކައި ބޭނުންވާ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި 2025 ވަނަ އަހަރުގެ ނޮވެމްބަރ 6 ވާ ބުރާސްފަތި ދުވަހު ސޮއިކުރެވިއްޖެއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެތިއޯން ޕްރައިވެޓް ލިމިޓެޑާއެކުއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ ދަށުން ފ. ނިލަންދޫ މަސް ފެކްޓްރީ ޤާއިމްކުރުމަށް ބޭނުންވާ 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، ބަނދަރެއްގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތައް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށް ގެންދިއުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ފެށުނު މުހިންމު މަޝްރޫޢެކެވެ. މި އުޞޫލުގެ ދަށުން، ސަރުކާރަށް ފައިނޭންޝަލް ބުރައެއް ނެތި، ޕްރައިވެޓް ސެކްޓަރގެ އެހީތެރިކަމާއެކު ތަރައްޤީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެއެވެ.

ނިލަންދޫގައި މަސް ފެކްޓްރީއެއް ޤާއިމުވުމުން އެ ރަށާއި ވަށައިގެންވާ ރަށްރަށުގެ އިޤްތިޞާދަށް ކުރިއެރުން ލިބި، މަސްވެރިންނަށް ފަސޭހަ ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.