( 2 ނޮވެމްބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)
" މިތާނގަ މިވަނީ ކީއްހެއްޔެވެ ؟ މުރުތަސިމަށް ، އަހަރެންގެ މައްޗަށް ތިކުރެވެނީ ކޮންކަހަލަ އިތުބާރެއް ހެއްޔެވެ ؟ އަހަރެންނަށް ކުރެވޭ އިތުބާރަކީ ތިއީ ހެއްޔެވެ ؟ " މީރަބް ބުންޏެވެ.
އޭނާއަކީ ، ލޯ އަނދިރި މީހެއްނޫންކަމަށް މުރުތަސިމް ބުންޏެވެ. އަދި ، މީރަބްގެ ރަޙްމަތްތެރިން އެތިބީ އިންތިޒާރުގައި ކަމަށާއި އެމީހުންގެ ގާތަށް ދިއުމަށް މުރުތަސިމް އެދުނެވެ. އެއީ މީރަބަށް މާ މުހިންމު ކަމެއްނޫން ހެއްޔޭ ބުނެ ، މީރަބް ގޮވަގޮވާ އޮއްވައި ، މުރުތަސިމް އެތަނުން ނުކުމެގެން ދިޔައެވެ.
މުރުތަސިމް ދިއުމާއެކީ ، ރޮހޭލާއި ސަބާ އައިސް ، މުރުތަސިމް ބުނީ ކީކޭތޯ ސުއާލު ކުރިއެވެ. ފަހަރެއްގައި މުރުތަސިމް އެއައީ އޭނާ ބަލައިކަމަށް ވެދާނެކަމަށް މީރަބް ބުންޏެވެ. މީރަބް ބުނީ ކީކޭތޯއާއި ، މުރުތަސިމާއެކީ މީރަބް ނުދާނެކަން މުރުތަސިމަށް އެނގެންޖެހޭނެކަމުގައި ރޮހޭލް ބުނުމާއެކީ ، މީރަބް ނޫނެކޭ ބުނުމަށް ބޯހޫރައލިއެވެ.
" މުރުތަސިމަކީ އަހަރެންގެ ޙަޔާތުގެ ޙިއްޞާއެކެވެ. އެއީ ، މަޑުމަޑުން ، އަހަރެންނަށް ކަމުގޮސް ގަޔާވާންފެށި ޙިއްޞާ އެކެވެ. " މީރަބް ބުންޏެވެ.
މީރަބްގެ ޖަވާބުން ރޮހޭލަށް އިސްދަށަށް ޖަހައިލެވުނެވެ. އަދި ، މީރަބްވެސް އެތަނުގައި ނުހުރެ ނުކުތެވެ.
ގޭތެރެއިން މުރުތަސިމް ނުފެނިގެން މުރުތަސިމަށް ގޮވަމުން ޚާނަމް ނުކުތެވެ. މުރުތަސިމް ގޭގައި ނޫޅޭކަމަށް ނޯކަރަކު ބުންޏެވެ. ބަޚްތިޔާރު ބޭރުގައި އެބަހުރިކަމަށާއި އޭގެ މާނަޔަކީ ، މުރުތަސިމް އަވަށަށް ނުދަނީކަމުގައި ޚާނަމް ނިންމިއެވެ. އެހެންވިއްޔާ މުރުތަސިމް އެދިޔައީ ކޮންތާކަށް ހެއްޔެވެ ؟
އިރުކޮޅެއްވީތަނާ މުރުތަސިމް ގެޔަށްވަދެ ، މަންމަޔަށް ސަލާމް ގޮވައިލިއެވެ. މުރުތަސިމް އެއައީ ކޮންތާކަށްގޮއްސައިތޯ ޚާނަމް ސުއާލު ކުރިއެވެ. މުރުތަސިމް އެއްވެސްތާކަށް ނުދާކަމަށާއި އޭނާ އެހުރީ ގޭގައިކަމަށް ބުންޏެވެ. އޭނާ ކަރާޗީއަށް ދިޔައީތޯ ޚާނަމް ސުއާލު ކުރިއެވެ. އެ ސުއާލަށް ޖަވާބެއް ނުދީ ، މަންމަ ބޭނުންވާ ކަމަކީ ކޮބައިތޯ މުރުތަސިމް ސުއާލު ކުރިއެވެ.
ކަރާޗީއަށް ނުދާކަމަށް ވަންޏާ ، ކަރާޗީއަށް ދިއުމަށް ޚާނަމް އެންގިއެވެ. އޭނާ ކަރާޗީއަށް ދާން ، މަންމަ ބޭނުންވާ ސަބަބެއް މުރުތަސިމަކަށް ނޭނގުނެވެ. ކަރާޗީއަށްގޮސް ، މީރަބް ގޮވައިގެން އައުމަށް ޚާނަމް އެދުނެވެ. މީރަބް ގެންގޮސް ކަރާޗީއަށްލީ މުރުތަސިމެވެ. އެހެންވީމާ ، މީރަބް އަނބުރާ ގެންނަންވާނީވެސް މުރުތަސިމްކަމަށް ޚާނަމް ބުންޏެވެ. އެވަގުތު ، ޙަޔާވެސް ، ފެންތަށްޓެއް ބޮމުން އެތަނަށް އައެވެ.
" މީރަބް ފޮނުވައިލީ އަހަރެންނެވެ. އެކަން އެ ނިމުނީއެވެ. އަހަރެންނެއް މިގެޔަކަށް މީރަބެއް ނުގެންނާނަމެވެ. މީރަބާ ދޭތެރޭ ވިސްނުން މަންމަވެސް ހުއްޓައިލާށެވެ ! " މުރުތަސިމް ބުންޏެވެ.
ޙަޔާގެ ކަރުތެރެޔަށް އެތެރެވަމުންދިޔަ ފެންފޮދު ކަރުގައި ތާށިވެ ، ކޮށި އެރިއެވެ. އެވަރުންވެސް ، ޙަޔާބެލީ ހީލެވޭތޯއެވެ. އޭނާގެ ކޮޅަށް ވަންނަން އައިބޯޅަ ، މުރުތަސިމް މަތަކޮށްލަ ދިނީމައެވެ. މުރުތަސިމް ދިއުމާއެކީ ، ޙަޔާއަކަށް މަޑެއްކޮށެއް ނުހުރެވުނެވެ. މީރަބް އަނބުރާ އެގެޔަށް ގެންނަ ވާހަކަ ޚާނަމް މަންމަ އެދައްކަނީ ކީއްކުރަންތޯ ޙަޔާ ސުއާލު ކުރިއެވެ. މީރަބް ކަރާޗީއަށް ގެންގޮސްލީ މުރުތަސިމެވެ. މީރަބް ގެންނަންޏާ ގެންނަންވާނީވެސް މުރުތަސިމެވެ. ޚާނަމް މަންމަ ކަރާޗީއަށްގޮސް މީރަބް ގެންނަން އުޅޭނެކަމެއް ނެތެވެ. މުރުތަސިމް އެއައީ ކަރާޗީއަށް ގޮއްސައިކަން ޙަޔާއަށް އެނގެއެވެ. މުރުތަސިމާއެކީ އަންނަން މީރަބް ދެކޮޅު ހެދީއެވެ. ހުސްއަތާ މުރުތަސިމް އެއައީ އެހެންވެގެންކަންވެސް ޙަޔާއަށް ވިސްނުނެވެ. މީރަބްގެ ކުށެއްނެތްކަން ވައްޤާސް ސާބިތުކޮށްދީފައި އެއޮތީ ، އެއީ ޤާނޫނީ ވަކީލަކަށްވާތީ ކަމަށާއި ، ޤާނޫނީ ވަކީލުންގެ ވާޖިބަކީ ، ކުށްވެރިން ސަލާމަތް ކޮށްދިނުންކަމުގައި ޙަޔާ ބުނަމުން ގެންދިޔައެވެ. މީރަބްގެ މައްޗަށް ޚާނަމްގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދޭނެ ހުރިހާ ވާހަކައެއް ، ޙަޔާ ދައްކަމުން ގެންދިޔައެވެ.
ޙަޔާގެ ވާހަކަ މާގިނަވާން ފެށީމަ ، ޙަޔާ އޭނާގެ ފެންވަރުގައި ހުރުމަށްބުނެ ޚާނަމް އިންޒާރު ކުރިއެވެ. އަދި އޭނާއަށް ވިސްނައިދޭން ނުއުޅުމަށް ބުންޏެވެ. އެތާ އަނގަތަޅަން ނުހުރެ ، މަރިޔަމްގެ ކޮޓަރިޔަށް ދިއުމަށް ޚާނަމް ، ޙަޔާއަށް އެންގިއެވެ.
ގެޔަށްގޮސް ކޮޓަރިޔަށް ވަނުމާއެކީ ، މުރުތަސިމްގެ ހަނދާނަށް އަންނަމުން ދިޔައީ ، އޭނާއާ ދުރުވުމަށް މީރަބްގެ ވިސްނުންހުރިގޮތް ބަޔާން ކޮށްދީ ، މީރަބް ދައްކާފައިވާ ވާހަކަ ތަކާއި ޙާދިސާ ތަކެވެ. މީރަބް ގެޔަށްގޮސް ކޮޓަރީގައި އެކަނިހުރިއިރު ، މީރަބްގެ ޚިޔާލަށް އަންނަމުން ދިޔައީ ، އޭނާދެކެ މުރުތަސިމްވާ ލޯބީގެ އިޢުތިރާފްތަކާއި ، މީރަބާއި މުރުތަސިމް ލޯބިން އެކުގައި އުޅުމަށް މުރުތަސިމް އެދޭކަން ބަޔާންކޮށް ، މުރުތަސިމް ދައްކާފައިވާ ވާހަކަތަކާއި ދެމީހުންގެ މެދުގައި ހިނގާފައިވާ އެކިއެކި ޙާދިސާ ތަކެވެ.
ޙަޔާގާތު މަރިޔަމްގާތަށްދާށޭ ބުނެ ފޮނުވައިލުމުން ، ޙަޔާ ، މަރިޔަމްގެ ކޮޓަރިޔަށް ދިޔައީ ، ގަހަނާ ފޮށިތަކަކާއި ، ހެދުމެއް ހިފައިގެންނެވެ. މާދަމާއަކީ ، ނޮރޭޒް އައިސް މަރިޔަމް އެގެއިން ގެންދާ ދުވަހެވެ. ޙަޔާ އެއައީ ، މަރިޔަމް ޒީނަތްތެރިވުމަށް ބޭނުންކުރާނެ ހެދުމާއި ގަހަނާ ހިފައިގެންނެވެ. މަރިޔަމަށް ފަހަރަކު ގަހަނާފޮށްޓެއް ދައްކަމުންގޮސް ޙަޔާގެނައި ހުރިހާ ފޮށިތަކެއް މަރިޔަމްގެ އަތަށް ލައިދިނެވެ. މަރިޔަމް އެފޮށިތަކާއި ހެދުން ހިފައިގެން ކޮޓަރީގެ ދޮރުމައްޗަށްގޮސް ، ބޭރަށް އެއްލައިލިއެވެ. ކީއްހޭ ތިކުރީބުނެ ، ޙަޔާ ބޭރަށް ނުކުތުމުން ކޮޓަރީގެ ދޮރުލައްޕައިލިއެވެ. ޙަޔާހުރީ ބުނާނެ އެއްޗެއްވެސް ނޭނގި އަނގަ ހުޅުވިފައެވެ.
އެވަގުތު ޚާނަމަށް އެތަނަށް އާދެވި ، ވެގެން އުޅެނީ ކީއްތޯ ސުއާލު ކުރިއެވެ. އެއީ ، މަރިޔަމްގެ ގޮތްދޫނުކުރުން ކަމުގައި ޙަޔާ ބުންޏެވެ. މަރިޔަމް ބޭނުންވަނީ ، މީރަބް އެގެޔަށް އައިސް އޭނާ ޒީނަތްތެރި ކުރުވުމަށެވެ. އެކަމާ ރުޅި އައިސްގެން އެއެއްޗެތިތައް ކޮޓަރިން ބޭރަށް އުކައިލީއެވެ.
" އެކަމަކު ، ޚާނަމް މަންމަ ކަންބޮޑު ނުވާށެވެ ! މާދަމާ ، ނޮރޭޒްމެން އަންނަންވާއިރަށް ، މަރިޔަމް ތައްޔާރު ކުރުވައިގެން އަހަރެން އެކަން ފުރިހަމަ ކުރުވާނަމެވެ. " ޙަޔާ ބުންޏެވެ.
އެކަން ޙަޔާއަށް ނުކުރެވޭނެކަމަށް ޚާނަމް ބުންޏެވެ. އޭނާއާއި މުރުތަސިމެކޭ އެއްގޮތަށް ، މަރިޔަމަކީވެސް ، ބުނާބަހެއްގައި ހިފަހައްޓައި ގޮތްދޫނުކުރާ ކުއްޖެއްކަމަށް ޚާނަމް ބުންޏެވެ. މަރިޔަމް އޭނާގެ ފިރިމީހާއާއެކީ ފޮނުވައިލުމަށްޓަކައި ، ޚާނަމަށް އޮތީ ހަމަ އެންމެ ގޮތެކެވެ. އެވާހަކަ ޙަޔާގާތަކު ނުބުނެއެވެ. އެއީ މަޖްބޫރުންނަމަވެސް ، ޚާނަމަށް ކުރަންޖެހިފައި އޮތްކަމެކެވެ. އެއްވެސް މީހަކަށް އަންގައިނުލާ ، ޚާނަމް ކަރާޗީއަށް ދިޔައެވެ. ވައްޤާސްއާއި އަނީލާ ، ޚާނަމަށް މަރުޙަބާ ކިޔައި މެހެމާންދާރީ އަދާކުރިއެވެ. ޚާނަމާމެދު އެދެމީހުންގެ ހިތުގައިވެސް އެއްވެސް ކަހަލަ ހިތްބަރުކަމެއް ނެތެވެ. އެހެންނަމަވެސް ، ވައްޤާސް އޭނާދެކެ ހިތްހަމަނުޖެހިފައި ހުރިކަން ޚާނަމަށް އެނގެއެވެ. ޚާނަމް ، ކަރާޗީއަށް އެއައީ ، ވައްޤާސްގެ ކަންބޑުވުން ފިލުވައިދިނުމަށްޓަކައި ކަމުގައި ޚާނަމް ބުންޏެވެ. ޚާނަމް އެއައީ ، މީރަބް ބަލައެވެ. އެވަގުތު ، މީރަބްވެސް ތިރިޔަށް ފޭބިއެވެ.
" އަހަރެން ބަލައި ތިޔައީ ކީއްކުރަން ހެއްޔެވެ ؟ " މީރަބް ސުއާލު ކުރިއެވެ.
އެއީ ، އެގެޔަކީ މީރަބްގެ ގެ ކަމަށް ނުވާތީކަމުގައި ޚާނަމް ބުންޏެވެ. މީރަބްގެ ގެޔަކީ ، މުރުތަސިމް ދިރިއުޅޭ ގެއެވެ. އޭނާއާ އެކީ ގެޔަށް ދިއުމަށް ޚާނަމް ބުނުމާއެކީ ، މުރުތަސި އުޅޭ ގެޔެއްގައި އޭނާ އުޅެންޖެހޭނަމަ ، މީރަބް ބަލައި އަންނާނީ މުރުތަސިމްކަމުގައި މީރަބް ބުންޏެވެ.
" އަހަރެންގެ އަތުގައި ހިފައި ދަމާ ކޫއްތާފައި މިގޭދޮރުމައްޗަށް ހޫރާލައި ، އަހަރެންގެ ދިފާޢުގައި އެއްޗެއް ބުނާނެ ފުރުޞަތެއްނުދީ ، އަހަރެން ދޫކޮށްލާފައި ދިޔައީ މުރުތަސިމެވެ. އެކަމަށް ބާރުއެޅިމީހަކީ ތިއީއެވެ. އެގެޔަށް އަހަރެން ދާންވީ ކޮންސަބަބަކާ ހުރެ ހެއްޔެވެ ؟ މުރުތަސިމް އައިސް އަހަރެންގެ އަތުގައި ހިފައިގެން ، ނުގެންދަނިސް ، އަހަރެންނެއް ނުދާނަމެވެ. " މީރަބް ބުންޏެވެ.
މީރަބް ބުނާނެ އެއްޗެއް ބުނެފައި ހިނގައިގަތްތަނާ ، މީރަބްގެ އަތުގައި ޚާނަމް ހިފެހެއްޓިއެވެ. އަދި ބުންޏެވެ. މިއީ މުރުތަސިމްގެ މަންމަގެ އަތެވެ. އެއަތުން މީރަބްގެ އަތުގައި މި ހިފީއެވެ. މީރަބަށް ޖެހޭނީ ދާށެވެ ! މީރަބް މިގެޔަށްލާފައި ދިޔައީއްސުރެ ، މުރުތަސިމް ހުންނަނީ ވަރަށް ކަންބޮޑުވެ ދެރަވެފައެވެ. އެކަމަކު ، މީރަބް އެގޭގައި ދިރިއުޅުމަކީ ، ޚާނަމް މަންމަ ބޭނުންވާ ގޮތެއްނޫނެއް ނޫންހޭ ބުނެ ، މީރަބްގެ އަތް ޚާނަމްގެ އަތުތެރެއިން ފޮޅުވައިލިއެވެ. އެއީ ، އޭނާއަށް މަޖްބޫރުވެފައި އޮތްކަމެއްކަމުގައި ޚާނަމް ބުންޏެވެ. މީރަބް އެގެޔަށް އަނބުރާ ނުގެންނަނިސް ، އޭނާގެ ފިރިމީހާޔާއެކީ ނުދާނެކަމަށް މަރިޔަމް އޮތީ ޝަރުތު ކޮށްފައެވެ. މީރަބްގެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ. އޭނާ ނެތިސް ، ފިރިމީހާޔާއެކީދާން ، ގެއިން ނުކުމެގެން މަރިޔަމް ނުދާނެކަން އޭނާއަށް އެނގޭކަމުގައި މީރަބް ބުންޏެވެ. މީރަބް ބަލައި ޚާނަމް އެއައީ ، މަރިޔަމްގެ އެ ޝަރުތާހުރެ ، މަޖްބޫރުވެގެންކަމުގައި ޚާނަމް ބުންޏެވެ.
" އަހަރެން ހީކުރީ ، ޚާނަމް މަންމަޔަށް ކުރެވުނީ ގޯސްކަމެއްކަމުގައި އިޙްސާސް ކުރެވުނީ ކަމަށެވެ. " މީރަބް ބުންޏެވެ.
މީރަބަށް ކުރެވުނީ ގޯސްކަމެއްކަމަށް ޤަބޫލެއް ނުކުރެވޭތޯ ، ޚާނަމް ސުއާލު ކުރިއެވެ. މައްސަލައެއް ނެތެވެ. މަލިކު ޒުބޭރަކީ ކާކުކަން މީރަބަށް ނުއެނގުނީކަމަށް ބަލަމާ ހިނގާށެވެ ! އެކަމަކު ، އެންމެ ދެރަވެގެން މަރިޔަމްގެ އެ ޢަމަލުގެ ވާހަކަ ޚާނަމްގާތު ބުނެލިނަމަ ވާނީ ކީއްހެއްޔެވެ ؟
" ޚާނަމް މަންމާއެވެ ! ޚާނަމް މަންމަ ، މިއަދު އައިސް މިގޭގައި ތިހުރީ ، މަރިޔަމްގެ ޝަރުތެއް ފުރިހަމަ ކުރުމަށްޓަކައި މަޖްބޫރު ވެގެން ނޫންހެއްޔެވެ ؟ ހަމަ އެގޮތަށް ، މަރިޔަމަށް އަހަރެންވީ ވަޢުދުން ، އެއްވެސް މީހެއްގާތު އެވާހަކަ ނުބުނުމަށް އަހަރެންނަށްވެސް އޮތީ މަޖްބޫރު ވެފައެވެ. އަހަރެމެން ދުނިޔޭގައި އުޅޭއިރު ، ގޯސްކަމެއް އަދި ރަނގަޅުކަމެއް ކުރިޔަސް އޭގެފަހަތުގައި ކޮންމެވެސް ކަހަލަ މަޖްބޫރީ ޙާލަތެއް އޮންނާނެއެވެ. އަހަރެންވެސް ، އެކަން އެގޮތަށް ކުރީ އެގޮތުގެ މަތިންނެވެ. " މީރަބް ބުންޏެވެ.
އޭގެ މާނަޔަކީ ، އެގެއިން މީރަބް ފޮނުވައިލުން ނޫންކަމުގައި އަނީލާވެސް ބުންޏެވެ.
މިހާރަކު ، ޚާނަމް ކިތަންމެ ބޭނުންވިޔަސް މީރަބް އެގެއިން ނެރެލެވެން ނެތްކަމުގައި ޚާނަމް ބުންޏެވެ. އެއީ ، އޭނާގެ ދަރިފުޅު ، މުރުތަސިމަށް މީރަބާ ނުލައި ދިރި ނުހުރެވޭނެތީއެވެ. މީރަބް ނެތުމުން ، މުރުތަސިމްގެ ލޮލުން އަލިކަމެއް ނުފެނެއެވެ. ކާއެއްޗެއް އަރުތެރެޔަށް ލެވޭކަމެއް ނުލެވޭކަމެއް ނޭނގެއެވެ. އަބަދު ގޯތިތެރެޔަށް ނުކުމެ ސިނގިރެޓަކަށްފަހު ސިނގިރެޓެއް ބޮމުން ގެންދެއެވެ. ރޭގަނޑަކު ލޮލުފިޔައެއް ނުޖެހެއެވެ. ހެނދުނު ހޭލައިގެން ނާސްތާކުރަން އަންނައިރު ، ދެލޯ ހުންނަނީ ރަތްވެފައެވެ. އުލެއް ސަމުސަލެއް ވަތްކެއް ނުކުރެވެއެވެ.
ޚާނަމް އެދައްކަނީ ރަނގަޅު ވާހަކައެއްކަމަށް ވައްޤަސްއަށްވެސް ފެނުނެވެ. ޚާނަމް އާއި އެގެއާ އަދި އެގޭގެ ކޮންމެ މީހެއްގެ ކަންބޮޑުވުމަކީވެސް ، ވައްޤާސްގެ ދެމަފިރިންގެ ކަންބޮޑުވުމެއްކަމުގައި ވައްޤާސް ބުންޏެވެ. އެހެންނަމަވެސް ، ޚާނަމްއާއެކީ މީރަބް ފޮނުވުމަކީ ، އޭނާވެސް ބޭނުންވާ ގޮތެއްނޫނެވެ. ޚާނަމްމެންނަށް މިވަގުތު ދިމާވެފައި އޮތް ޙާލަތަކީ ވަރަށް އުނދަގޫ އަދި ނާޒުކު ޙާލަތެއްކަމުގައި ޚާނަމް ބުންޏެވެ. ޚާނަމް އެއައީ ، އެކަމުގައި ވައްޤާސްގެ މަދަދަށް އެދިގެންނެވެ. ވައްޤާސްގެ ކަންބޮޑުވުމަށް ޚާނަމްވެސް އިޙްތިރާމް ކުރެއެވެ. އެހެނަސް ، ޚާނަމް އެއައީ އޭނާގެ ޅީދަރިފުޅު ބަލައިކަމުގައި ޚާނަމް ބުންޏެވެ.
ވައްޤާސްހުރީ ޚާނަމްއާއެކީ އޭނާގެ ދަރިފުޅު ފޮނުވާގޮތަކަށް ނޫނެވެ. އެކަމަކު ، މީރަބްގެ އަމިއްލަ އިޚްތިޔާރުގައި ދާންބޭނުންވާކަމުގައި ވާނަމަ ، އޭނާ މީރަބް ނުހުއްޓުވާނެކަމުގައި ވައްޤާސް ބުންޏެވެ.
" އަހަރެން ދާން ބޭނުމެވެ. މަރިޔަމްގެ އުފާ ، އެހެން ހުރިހާ ކަމަކަށްވުރެ އަހަރެންނަށް މުހިންމެވެ. " މީރަބްގެ އެބަހުން މުޅިތަން ހަމަހިމޭންވިއެވެ. ޚާނަމްއަށްވެސް ޙައިރާންކަން ލިބުނެވެ.
މަރިޔަމް ތައްޔާރު ކުރުވީ ޚާދިމުންނެވެ. ޙަޔާއަށް އޭނާ ތައްޔާރުކުރުމުގެ ފުރުޞަތުދޭކަށް މަރިޔަމް ބޭނުމެއް ނުވިއެވެ. އެހެނަސް ، މަރިޔަމް ތައްޔާރުވެ ނިމުމާއެކީ އެތަނަށް ޙަޔާ އައިސް ވަނެވެ.
" އަހަރެން ހީކުރީ ، ހެދުމާއި ގަހަނާތައް އުކައިލާނެކަމަށެވެ. އެކަމަކު ، އެހާ ފުރިހަމަޔަށް ތިއިނީ ތައްޔާރުވެގެންނެވެ. އަހަރެމެން މިތިބީ ، މިގެއިން މަރިޔަމް ފޮނުވައިލަން ކެތްމަދުވެފައެވެ. ނޮރޭޒް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. މަރިޔަމް އަނގަޔަކުން ނުބުނާނަން ހެއްޔެވެ ؟ އަހަރެން ބޭނުމީ އަނަސްއާ ކައިވެނި ކުރާށެވެ. ނޮރޭޒަކާ ނުއިންނާނަމެވެ. ޙަޔާއަކީ އަހަރެންގެ ތިމާގެ މީހެއްނޫނެވެ. އަހަރެންގެ މިތުރަކީ ހަމައެކަނި މީރަބެވެ. އެކަހަލަ ހާސަރުތަކެއް ނުދަމާނަން ހެއްޔެވެ ؟ " ޙަޔާ ބުންޏެވެ.
ޚާދިމާއަކު އައިސް ނޮރޭޒްމެން އަތުވެއްޖެ ވާހަކަ ބުންޏެވެ. ނޮރޭޒްމެން އައިވާހަކަ އާއި މީރަބް އެތާ ނެތްކަމަށާއި ލަސްނުކޮށް ދާން ޙަޔާ ބުންޏެވެ. ޙަޔާ އެހުރިހާ ވާހަކައެއް ދެއްކި އިރުވެސް މަރިޔަމް އަނގަޔަކުން ނުބުނެއެވެ. އޭނާ އިނީ ކަންބޮޑުވެފައެވެ. އަދިވެސް ، މަރިޔަމް އެ އިންތިޒާރުކުރަނީ މީރަބަށްތޯ ޙަޔާ ސުއާލު ކުރިއެވެ. ޚާނަމް މަންމަޔަށް ވެގެންވިއްޔާ މީރަބް އަޔަކަ ނުދޭނެއެވެ. މުރުތަސިމްގެ ދިރިއުޅުމުން މީރަބް އެވަނީ ނެރެލެވިފައެވެ. އޭނާއާއެކީ ދިއުމަށް އަނެއްކާވެސް ޙަޔާ އެދުނެވެ.
ޙަޔާއާއެކީ މަރިޔަމް ނުދާނެކަމަށާއި ޙަޔާ އެތަނުން ދިއުމަށް މަރިޔަމް ބުންޏެވެ. އެހާތަނަށް ހުރިހާކަމެއް ކުރީވެސް އޭނާ އަމިއްލަޔަށެވެ. ނޮރޭޒާ ބައްދަލުކުރަން އޭނާދާނީވެސް އެކަނި ، އޭނާ އަމިއްލަޔަށްކަމުގައި މަރިޔަމް ބުންޏެވެ. ( ނުނިމޭ )
