ރައީސް މައުމޫނަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފި

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަދި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމަށް، ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަދި ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނަ އެރުވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މިއީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު، ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން އެރުއްވި އައްޑަނައެކެވެ.

ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.

ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ބޭފުޅުން؛

ޝަހީދު ސާރޖަންޓް ކުޑައާދަމް ކުޑަތުއްތު
ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތު މަނިކު
ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު
ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް
ޝަހީދު ސާޖަންޓް އާދަމް ނަޞީރު
ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު
ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން
ޝަހީދު ކޯޕްރަލް ޙުސައިން އާދަމް
ޝަހީދު އިސްމާޢީލް ޙަލީމް
ޝަހީދު އިބްރާހީމް ޙަމީޒު
ޝަހީދު ޢުމަރު އަހްމަދު
ޝަހީދު އަޙްމަދު ލަބީބު
ޝަހީދު އިބްރާހީމް ޙުސައިން
ޝަހީދު ޢަބްދުއްޞައްތާރު އާދަމް
ޝަހީދު ޢަބްދުއްރަޙްމާން އާދަމް
ޝަހީދު އަޙްމަދު ރަޝީދު
ޝަހީދު ޙަސަން ޒަރީރު
ޝަހީދު ޖަވާދު ޢުމަރު
ޝަހީދު ޙުސައިން ޢަބްދުއްރަޙްމާން ( ދޮންމަނިކު )

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ޢުދުވާނީ ހަމަލާ ފެށިގެންއައިވަގުތު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ހިތްވަރާއި، ދުޝްމަނުން ދިން ހަމަލާތަކުގައި އެންމެ ފުރަތަމަ ޝަހީދުވި ގދ. ތިނަދޫ، އަރިނަގާގޭ ޝަހީދު ކޯޕްރަލް ޢަބްދުﷲ އަށް ޚާއްޞަކުރެވިފައިވާ ވީޑިއޯ ކްލިޕެއްގެ އިތުރުން އެކިއެކި ޑިއުޓީތަކުގައި އުޅުއްވަނިކޮށް ޝަހީދުވި ސިފައިންގެ ބޭކަލުންނަށް ޚާއްޞަކުރެވިފައިވާ ހުށަހެޅުމެއް ވަނީ ދައްކާލާފައެވެ.

1988 ނޮވެންބަރު 3ގެ ޢުދުވާނީ ހަމަލައިގައި ޝަހީދުވި ސިފައިންގެ ޢާއިލާތަކާއި އަދި އެ ދުވަހު ދެއްކި އާދަޔާޚިލާފު ހިތްވަރު ފާހަގަކޮށް، ޝަރަފުގެ ނިޝާން ދެވިފައިވާ ފަރާތްތަކަށް، މިއަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން، ސަރުކާރުން ވަނީ އިނާޔަތް ދޭން ފަށާފައެވެ.

ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަޑައިގަތުމުން އެދެކަނބަލުންނަށް، މަރުޙަބާ ދެންނެވީ، މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.