ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް އިން ގިނަ ހަރަކާތްތަކެއް

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް އެމްއެންޑީއެފުން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދުންނެވެ. އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރެވޭ ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު، 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އަދި، ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އެ ދުވަހުގެ ހެނދުނު 09:00 ގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ނަޞްރުގެ ދުވަހު ކުރިއަށްގެންދަން ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރެއިން، އެ ދުވަހުގެ ހަވީރު 04:15 ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑް ތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާޢަތުގައި ފަތިސް ނަމާދުކުރުމުގެ އިތުރުން ނަޞްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި ނަޞްރުގެ ދުވަހުގެ ދުވުން ކުރިއަށް ގެންދާނެއެވެ.
އަދި މީގެއިތުރުން ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި ސިފައިންގެ އަސްކަރީ ހުށަހެޅުމަކާއި ކުޑަކުދިންގެ ހަވީރެއް ގދ. ތިނަދޫ ސިޓީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ސިފައިންގެ ފޮޓޯ މައުރަޒު، ތިނަދޫ ސިޓީގައި ކުރިއަށްދާނީ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހާއި 8 ވަނަ ދުވަހު، ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އަސްކަރީ ހުށަހެޅުމާއި ކުޑަކުދިންގެ ހަވީރު ކުރިޔަށްދާނީ 8 ވަނަ ދުވަހުގެ ހަވީރު، ތިނަދޫ ސިޓީ ސްޓޭޑިއަމް ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.