( 29 އޮކްޓޯބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)
" މީރަބަކަށްވެސް އަދި މަރިޔަމަކަށްވެސް މަލިކު ޒުބޭރެއް ނޭނގެއެވެ. ދެމީހުންކުރެ އެކަކަށްވެސް ، އޭގެކުރިން މަލިކު ޒުބޭރު ފެނިފައެއް ނުވެއެވެ. މަލިކު ޒުބޭރު އެއޮތީ ، މަކަރާއި ޙީލަތުން މަރިޔަމަށް އޮޅުވައިލާ ، އޭނާގެ މަޅީގައި މަރިޔަމްވެސް އަދި މީރަބްވެސް ޖައްސައިފައެވެ. އެއީ ، މުރުތަސިމްޚާންގެ ކިބައިން ބަދަލު ހިފުމުގެ މަޤްޞަދުގައެވެ. އޭގެ މާނަޔަކީ ، މިމައްސަލައިގާ މީހަކު ކުށްވެރިވާނަމަ ، އެމީހަކީ ހަމައެކަނި މަލިކު ޒުބޭރެވެ. މީރަބްގެވެސް އަދި މަރިޔަމްގެވެސް އެއްވެސް ކުށެއް ނެތެވެ. " ވައްޤާސް ބުންޏެވެ.
މުރުތަސިމްވެސް ، އަންވަރުވެސް އަދި ޚާނަމްވެސް ތިބީ އަނގަ ހުޅުވިފައެވެ. ޙަޔާ ހުރީ އޭނާގެ މައްޗަށް އަތުވެދާނެ ނިޔާއަކާމެދު ކަންބޮޑުވެފައެވެ.
" އެހެންކަމަށްވާއިރު ، އެމައްސަލައިގާ ، މަރިޔަމް އަށާއި މީރަބަށް އަނިޔާއާއި އަދަބު ލިބެންވީ ކީއްވެގެން ހެއްޔެވެ ؟ " އެތާތިބި އެންމެންނާ ވައްޤާސް ސުއާލު ކުރިއެވެ.
ޙައިރާންކަމާއެކީ ، އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ.
" ޚާނަމް އެވެ ! ޚާނަމް އަބަދުވެސް ، މީރަބަށް އަހަރެންދިން ތަރުބިއްޔަތަށް ލަޢުނަތް ދެމުއެވެ. ނިކަން ވިސްނައިލަބަލާށެވެ ! ޚާނަމްގެ އަމިއްލަ ދަރިފުޅަށް އެފަދަ ނިންމުމެއް ނިންމަން މަޖްބޫރުއެވީ ، އެދަރިފުޅަށް ޚާނަމްދިން ތަރުބިއްޔަތުގެ ސަބަބުން ނޫން ހެއްޔެވެ ؟ " ވައްޤާސް ، ޚާނަމްއާ ސުއާލު ކުރިއެވެ.
މިއަދަށްފަހު ، އޭނާ އެގެޔަށް ނުއަންނާނެކަމަށް ވައްޤާސް ބުންޏެވެ. އަދި ، މީރަބްވެސް އެގެޔަކަށް ނުފޮނުވާނެއެވެ. އަބަދާއަބަދު ، މީރަބްގެ ކޮންމެވެސް ކުށެއް ހޯދައިގެން ދޮގު ތުހުމަތު އަޅުވައިގެން ، އެގެއިން މީރަބަށް އަނިޔާނޫން އެއްޗެއް ނުލިބެއެވެ. ވައްޤާސްގެ ވާހަކަ ނިންމައިލުމަށްފަހު ، އެންމެންނަށް ސަލާމް ކޮށްފައި ނުކުމެގެން ދިޔައެވެ.
މީރަބް ވިހޭތަނުން ވައްޤާސްއާ ޙަވާލުކުރި ކަމަށްޓަކައި ، އަންވަރު ، ޚާނަމަށް ޝުކްރު އަދާކުރިއެވެ. ވައްޤާސް އާއި ޚާނަމްގެ ތަރުބިއްޔަތުގެ ތަފާތު ، ދެންމެ ހާމަވެގެން އެ ދިޔައީއެވެ. ޚާނަމްގެ ބެލުމުގެ ދަށުގައި މީރަބް ހުރެ ބޮޑުވިނަމަ ، މަރިޔަމެކޭ އެއްގޮތަށް ، މީރަބްވެސް ހުންނާނީ ޚާނަމްގެ އުޞޫލުތަކުގެ ތެރޭގައި ބަނދެވި ހައްޔަރެއްގައެވެ. ވައްޤާސްފަދަ ހެޔޮލަފާ މީހެއްގެ އަތްމައްޗަށް މީރަބް ދިޔަކަން ނަޞީބެވެ. ވައްޤާސް އެދިޔައީ ، ޒިންމާދާރު ބަފައެއްގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކޮށް ފުރިހަމަ ކޮށްފައެވެ. އެކަމަށްޓަކައި ، އަންވަރު ، ﷲ އަށް ޝުކްރު ދެންނެވިއެވެ. ބޮޑު ޗޮކެއް ކަނޑާފައި އަންވަރު އެތަނުން ދިޔައެވެ. މުރުތަސިމް އެތަނުން ނުކުމެގެން ދިޔައީ ، ރުޅިއައިސްގެން ، މަންމަޔާ ދިމާލަށް ދެލޯއަޅައިގެން ހުރެއެވެ. ޙަޔާއަށް އެއީ އުފާވެރި ނިމުމެކެވެ. ވައްޤާސް އެދިޔައީ ، މީރަބް އެގެޔަށް ނުފޮނުވާނެކަމަށް ބުނެފައެވެ. އެއީ ޙަޔާއަށް ލިބުނު ކާމިޔާބީއެކެވެ. ޚާނަމްއަށް ހަދާނެގޮތް ބޮޑުވެ ، ކައިރީގައިހުރި ގޮޑިމައްޗަށް ތިރިވިއެވެ. ޚާނަމް މަންމަގެ ކަންބޮޑުވުމަށް ޙަޔާގެ ފަރުވާލެއް މިފަހަރަކު ނެތެވެ. ކޮލުދަތްތައް ފެންނަވަރަށް ހިނިއައިސް ، އުފަލުންހުރެ ، ޙަޔާވެސް ޚާނަމް ދޫކޮށްލާފައި އެތަނުން ދިޔައެވެ.
ލިބުނު މަލާމާތައި އައިސްހުރި ރުޅީގައި ، މަރިޔަމްގެ ކޮޓަރިޔަށް ޚާނަމް ގޮސްވަނެވެ. ދުވަހަކުވެސް މަޔަކު އޭނާގެ އަންހެންދަރިޔަކަށް ނުދޭވަރުގެ ސަޒާއެއް މަރިޔަމަށް ދޭނަމޭ ހިތަށް އަރާކަމަށް ބުނެ ، މަރިޔަމްއާ ދިމާލަށް އެއްޗެތި ގޮވައިގަތެވެ.
" އަހަރެންނަކީ މަރިޔަމްގެ މަންމައެވެ. އެހެންވެ ، މަރިޔަމްގެ ދަރިޔަކު މަރިޔަމަށް ބަދުދުޢާ ކުރުމަށް ނޭދޭނެގޮތަށް ، އަހަރެންވެސް މަރިޔަމްއަށް ބަދު ދުޢާ ކުރާކަށް ނެތީމެވެ. އެކަމަކު ، ގެއިން ފިލައިގެން ގޮސް މަރިޔަމް ތިކުރިކަމަކުން ، މަރިޔަމަށް ބަދު ދުޢާކުރުން އަހަރެންނަށް ޙައްޤެވެ. " ޚާނަމް ބުންޏެވެ.
މަރިޔަމް ތެދުވެގެން މަންމަގާތަށް ޖެހިލައި ، ހިތްއެދޭވަރަކަށް އޭނާގެ ގައިގައި ތަޅައި އަނިޔާކުރާށޭ ބުނެ ، މަންމަގެ އަތުގައިހިފައި ، އެއަތުން މަރިޔަމްގެ މޫނުމަތީ ތަޅަމުން ގެންދިޔައެވެ.
" އަހަރެންގެ ގައިގައި ތަޅައި އަނިޔާކޮށް މަރައިލާށެވެ ! ބޭނުން ކޮންމެގޮތެއް އަހަރެންނަށް ހަދާށެވެ ! އެކަމަކު ، މީރަބްގެ ކުށަކީ ކޮބައި ހެއްޔެވެ ؟ މީރަބް އަނބުރާ މިގެޔަށް ގެނެސްދޭށެވެ ! ކުރިކަމެއް ކުރީ އަހަރެންނެވެ. އަހަރެންނަށް އަނިޔާ ދޭށެވެ ! އެކަމަކު ، މެދު ނުކެނޑި ، އެއްކަމަކަށްފަހު އަނެއް ކަމެއް މަތިކޮށް ، މުރުތަސިމް ބޭބެއާއި މީރަބްގެ ދިރިއުޅުން ބަރުބާދު ކުރަމުން ތިގެންދަނީ ، މީރަބްގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ ؟ އެއީ ، މަންމަޔާ ދިމާލަށް ޗުއްޕުވެސް ބުނެލަން ބޭނުންނުވާ އަޚްލާޤް ރަނގަޅު ، އަދި މުރުތަސިމްބޭބެ ދެކެ ލޯބިވާ ކުއްޖެކެވެ. މަލިކު ޒުބޭރު ކުރި ކުށަކަށް ، އެކުއްޖާ ފަކީރަށް ، މަންމަ ތިޔަ އަނިޔާދެނީ ކޮން ސަބަބެއް އޮވެގެން ހެއްޔެވެ ؟ " ރޮމުންރޮމުން މަރިޔަމް ބުނަމުން ގެންދިޔައެވެ.
މީރަބްގެ އެއްވެސް ކުށެއް ނެތްކަމަށް މަރިޔަމް ތަކްރާރުކޮށް ބުނަމުން ގެންދިޔައެވެ. ފިލައިގެން ނުދާން އެތައް ވަރަކަށް އޭނާއަށް މީރަބް އާދޭސްކުރިކަމަށް މަރިޔަމް ބުންޏެވެ. އެކަމަކު ، މަރިޔަމްގެ ހިތުގައި އަނަސްގެ މައްޗަށް އުފެދިފައި އޮތް ކަނުލޯބީގައި ، މަރިޔަމްއަށް މަގު އޮޅުނީއެވެ. މަރިޔަމް އެގެއިން ފިލައިގެން ދިޔައީ ، އެކަން ނުކުރުމަށް އެންމެ ފަހު ވަގުތުވެސް ، މީރަބް އާދޭސް ކޮށްކޮށް އޮއްވައެވެ.
މުރުތަސިމް ބޭރަށް ނުކުންނަނިކޮށް ، މަރިޔަމްގެ ކޮޓަރިތެރެއިން އަޑުގަދަވާތީ މަޑުކޮށްލިއެވެ. މަރިޔަމާއި މަންމަ ކުރި ޒުވާބާއި ދެއްކި ހުރިހާ ވާހަކައެއްގެ އަޑު މުރުތަސިމަށް ސާފުކޮށް އިވުނެވެ. މުރުތަސިމްގެ ބޮލުގައި ދެއަތުން ހިފައި ބޯ ހާވައިގަތެވެ. އޭނާގެ ކުށެއްނެތް މަޢުޞޫމް އަނބިމީހާއަށް އެދެވުނީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ ؟ މީރަބްގެ މައްޗަށް މުރުތަސިމްގެ ހިތުގައި އުފެދިފައިވާ ލޯތްބަކީ އެއީ ހެއްޔެވެ ؟ މީރަބް އެބުނަނީ ރަނގަޅަށެވެ. މުރުތަސިމަކަށް އަދި ، މީރަބް އެބުނާ ޙަޤީޤީ ލޯތްބެއް މީރަބްދެކެއެއް ނުވެވެއެވެ. މުރުތަސިމަށް މީރަބްދެކެ ލޯބި ނުވެވޭކަމަށް މީރަބް ބުނަމުންގެންދަނީ އެހެންވެގެންކަމަށް ވެދާނެއެވެ. މުރުތަސިމަށް މީރަބްދެކެ އެވެވެނީ ، ކޮންކަހަލަ ލޯތްބެއް ހެއްޔެވެ ؟
މީރަބް ، ކަރާޗީއަށް އައިޚަބަރު ލިބުމާއެކީ ، މީރަބާ ބައްދަލުކޮށްލުމަށްޓަކައި ، ސަބާ ޒިޔާރަތް ކުރިއެވެ. މީރަބް ބުނިގޮތުގައި ، އޭނާގެ ފިރިމީހާ އޭނާ ދޫކޮށްލާފައި ހިނގައްޖެއެވެ. ސަބާއަށް އެނގިފައި އޮތްގޮތުގައި ، މީރަބް ކައިވެނިކުރި މުރުތަސިމްޚާނަކީ ، ގަނޑުވަރުތެރޭގެ ޚާންދާނީ ޢިއްޒަތްތއެރިޔެކެވެ. އަދި ، އެ ޚާންދާނަކީ ، ކައިވެންޏަށްފަހު ވަރިކުރުމުގެ ހުއްދަ އެއްގޮތަކަށްވެސް ނުއޮންނަ ޚާންދާނީ އުޞޫލުތަކެއް ދަމަހައްޓާ ބަޔެކެވެ.
މީރަބްގެ ވާހަކަ އަޑުއަހައިލާކަށްވެސް މުރުތަސިމް ބޭނުމެއް ނުވިއެވެ. މީރަބަށް އިތުބާރެއް ނުކުރިއެވެ. އެހާބޮޑު ކުށެއް އޭނާ ނުކުރާކަމަށް ، ސަބާގާތު މީރަބް ބުންޏެވެ. ތިމާއަށް އިތުބާރު ނުކުރެވޭ މީހަކު ، ތިމާދެކެ ލޯބިވާ ވާހަކަ ބުނީމަ ، އެކަން ޤަބޫލުކުރާނީ ކިހިނެއް ހެއްޔެވެ ؟ އިތުބާރަކީ ، ލޯބީގެ ތަޅުދަނޑިއެވެ. ލޯތްބަކީ ، އެއް ހަރުފަތުން އަނެއް ހަރުފަތަށް ވާޞިލްވުމުގައި އިތުބާރުކުރަމުން ދިއުމަށް ގޮވާލާ ވަޞީލަތެކެވެ. މީރަބަށް ޤަބޫލު ކުރެވޭ ގޮތުގައި ، މީހުން މީހުންދެކެ ލޯބިވާކަމަށް ބުނަނީ ، ލޯބީގެ އަޞްލު ނޭނގި ތިބެއެވެ. ނުވަތަ ލޮލަށް ފެންނަ ފެނުމެއް އެއީ ލޯބިކަމަށް ހީކުރެވިގެންނެވެ. އެކަމަކު ލޯބީގެ އުއްމީދާއި އިތުބާރަށް އެދޭހިނދު ، ލޯބިވާމީހާ ދޫކޮށްލާފައި ދަނީއެވެ.
މުރުތަސިމްދެކެ މީރަބަށް ލޯބިވެވުނީތޯ ސަބާ ސުއާލު ކުރިއެވެ. މީރަބްގެ ދެލޯ ފުހެލުމަށްފަހު ނޫނެކޭ ބުންޏެވެ.
" ނޫނެކެވެ ! މީރަބަށް މުރުތަސިމްދެކެ ލޯބި ވެވިއްޖެއެވެ. އެހެންނޫންނަމަ ، މުރުތަސިމްގެ ޝަކުވާތަކެއް އަދި އެކަމާ ދެރަވާކަމުގެ އިޙްސާސްތަކެއް މީރަބްގެ ހިތަކު ނުއުފެދޭނެއެވެ. އެއީ ، މުރުތަސިދެކެ މީރަބް ލޯބިވާކަމުގެ ހެއްކެކެވެ. " ސަބާ ބުންޏެވެ.
އެތައް އިރަކު ގަބުވެފައި އިނުމަށްފަހު ، އެކަހަލަ އެއްވެސްކަމެއް އޭނާގެ ހިތުގައި ނެތްކަމަށް މީރަބް ބުންޏެވެ. އެހެންނަމަވެސް ، ސަބާއަކަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. އެކަން އެހެން ވެއްޖެނަމަ ، ރޮހޭލަށްވާނީ ކިހިނެއްތޯ ، ސަބާ ސުއާލު ކުރިއެވެ. މީރަބްގެ ދެލޯ ބޮޑުވިއެވެ. އަދި ، ރޮހޭލް އޭނާގާތުގައި ބުނެފައިވާ ވާހަކަތަކެއްގެ މަތިން ހަނދާން ވިއެވެ.
" މީރަބްއެވެ ! މުރުތަސިމްޚާން ، މިރަބްދެކެ ލޯތްބެއް ނުވެއެވެ. ލޯތްބަކާނުލައި ، ކައިވެންޏެއްވެސް އަދި ގުޅުމެއްވެސް ދެމެހެއްޓުމަކީ ނާދިރު ކަމެކެވެ. މުރުތަސިމަށްޓަކައި ، މީރަބަކީ ، ހަމައެކަނި އޭނާގެ އީގޯއާއި ޢިއްޒަތާ ގުޅިފައިވާ މީހެކެވެ. މީރަބް ވަރިނުކުރަން މުރުތަސިމް ނިންމާނީ ، އެއީ ބަލިކަށިމީހެއްކަން ސާބިތު ވެދާނެތީއެވެ. މުރުތަސިމް އެކަން ކޮށްފިނަމަ ، އޭނާއަށް މީހުން މަލާމާތްކޮށް ހީ ހަދާނެއެވެ. އޭނާ މީރަބަކަށް އަޅައެއް ނުލާނެއެވެ. ލޯތްބެއްވެސް ނުވާނެއެވެ. އެއީ ، އަމިއްލަ އެދުންބޮޑު ، އަދި ހަމައެކަނި އޭނާގެ އަމިއްލަ ނަފްސަށް ވިސްނާ އިންސާނެކެވެ. އަހަރެން މިބުނާ ވާހަކަ ޤަބޫލު ކުރާށެވެ ! ޖަލެއްފަދަ އެގެއިން އަދި މުރުތަސިމްގެ ޙަޔާތުންވެސް ނުކުންނާށެވެ ! " ރޮހޭލް ބުނެފައި ވެއެވެ.
ސަބާއާއި މީރަބް ވާހަކަ ދައްކަން ތިބިއިރު ، އެގޭގެ ބޭރުގައި ރޮހޭލް މަޑުކޮށްގެން ހުއްޓެވެ. ބޭރަށް ޖައްސައިލުމަށް ސަބާއާއެކީ މީރަބް ނުކުތްތަނުން ރޮހޭލްއާ ދިމާވިއެވެ. މީރަބް އެނބުރި އައިކަމަށްޓަކައި ، ރޮހޭލް ޝުކުރު އަދާކުރިއެވެ. މީރަބާ ދައްކަން ޖެހޭ ވަރަށް ގިނަވާހަކަ އެބަހުރިކަމަށް ރޮހޭލް ބުންޏެވެ. އަދި ، ސަބާއާ ތިންމީހުން ކޮންމެވެސް ތާކަށްގޮސް ، ހަމަޖެހިލައިގެންތިބެ ވާހަކަ ދައްކާލާނީ ކަމަށްބުނެ ، ކާރަށް އެރުމަށް ރޮހޭލް އެދުނެވެ.
އެވަގުތަކީ ، މީރަބާ ބައްދަލު ކުރުމަށްޓަކައި ، މުރުތަސިމް އައިސް އެގޭދޮށަށް މަޑުކޮށްލި ވަގުތެވެ. މީރަބަކަށްވެސް އަދި ރޮހޭލްކަށްވެސް މުރުތަސިމް އައިސް މަޑުކޮށްލިތަނެއް ނުފެނެއެވެ. ރޮހޭލްގެ ކާރުގެ ކުރީ ޝީޓަށް މީރަބް އެރީ ، މުރުތަސިމް ބަލަހައްޓައިގެން އިންދައެވެ. ސަބާ ކާރަށް އެރުމާއެކީ ކާރުދުއްވައިލިއެވެ. އެތަން ބަލަހައްޓައިގެން މުރުތަސިމް އިންއިރު ، އެގޭގެ ފަތާ ފެންގަނޑަށް ފުންމައިލުމަށް މީރަބްގާތު ބުނި ރޭ ، މީރަބް ފުންމައިލަން އުޅެނިކޮށް އެކަން ހުއްޓުވައި ، ބެލްކަނީގެ ފާރުބުރިމަތިން މީރަބް ބާލައި ، ދެން ދުވަހަކުވެސް ރޮހޭލާ ބައްދަލުކޮށްގެން ނުވާނެކަމަށް ، މީރަބްގާތު ، މުރުތަސިމް ބުނި ހަނދާން އާވިއެވެ. ރޮހޭލާއެކީ ، މީރަބް އެދިޔައީ ، މީރަބް ގެނެސް ވައްޤާސްގެ ގެޔަށްލީތާ އެންމެ ދުވަހެއްވެސް ނުވަނީހެވެ. މުރުތަސިމް އެބުނި ބަސް އޭނާގެ އަނގަޔަށް ޖަހާފައެވެ. އެރޭ މީރަބް ބުނި ބަސްތައްވެސް މުރުތަސިމްގެ ހަނދާނަށް އައެވެ.
" ވަޢުދެއް ވުމަށްވުރެ މަރުވުންވެސް މާ ފަސޭހަ ވާނެއެވެ. އެއީ ، ކީއްވެގެންކަން އެނގޭ ހެއްޔެވެ ؟ މަރުވުމުން ، ހުރިހާ ވަޢުދަކާ ޢަހުދެއް އެ ނިމުނީއެވެ. ދިރިހުރުމުން ، ވަޢުދުގެ މަތީގައި ދެމިހުންނަން ޖެހޭނެއެވެ. " މީރަބް ބުނެފައި ވެއެވެ.
އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، މުރުތަސިމްގެ ކާރު އަނބުރައިލާފައި އައިކޮޅަށް ދުއްވައިލިއެވެ. ރޮހޭލާއެކީ މީރަބް ދިއުމުން ، މުރުތަސިމްގެ ހިތަށް އެލިބުނު ތަދާއި ރިހުމުގެ ތަކްލީފު ، ވައިރޯޅިއަށްވެސް ނޭނގޭގޮތަށް ސިއްރު ކުރުމަށް ފަހުގައެވެ.
މީރަބް ގޮވައިގެން ރޮހޭލް ދިޔައީ ، ކެފޭއަކަށެވެ. ސަބާވެސް އެތަނުގައި އިނެވެ. މުރުތަސިމް ދޫކޮށްލާފައި މީރަބް ކަރާޗީއަށް އައިކަމަށްޓަކައި ، ރޮހޭލް ހުރީ އިންތިހާއަށް އުފާވެފައެވެ. މުރުތަސިމަކީ މީރަބަށް ޙައްޤުމީހެއްނޫނެވެ. މީރަބަށް ޙައްޤީ ރޮހޭލެވެ. އެއީ މީރަބްދެކެ އޭނާ ، އިންތިހާއަށް ލޯބިވާތީކަމުގައި ރޮހޭލްބުންޏެވެ.
" މީރަބްއެވެ ! އަހަރެމެންގެ ނަޞީބު އަހަރެމެންނަށް އެދިނީ އިތުރު ފުރުޞަތެކެވެ. ދެމީހުން އެކަތިގަނޑަކަށް ވުމަށްޓަކައެވެ. އެކުގައި އައު ޙަޔާތެއް ފެށުމަށްޓަކައެވެ. މީރަބްދެކެ ، ޙަޤީޤީ ލޯބިވަނީ އަހަރެން އެކަންޏެވެ. މީރަބް ކަރާޗީއަށް އަންނަންޖެހުނީ ކީއްވެގެންކަން ، ސަބާ އަހަރެންނަށް ކިޔައިދީފިއެވެ. ދެން އެނބުރި މީރަބް ގޮސްގެން ނުވާނެއެވެ. މުރުތަސިމާއި މީރަބަކީ ، އެކުގައި އުޅެވޭނެ ދެމީހުންނެއްނޫނެވެ. އޭނާގާތުން ވަރިވާށެވެ ! " ރޮހޭލްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
ރޮހޭލް ، އެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ، މީރަބް އިނީ އަނގައިން ނުބުނެއެވެ. ބުނާނެ ވަކި އެއްޗެއް ނޭނގިފައެވެ.
އެތާ އިންއިރުވެސް މީރަބް އިނީ އެތާކު ނޫނެވެ. އޭނާގެ ޚިޔާލު އޮތީ އެހެން ތަނެއްގައެވެ. ރޮހޭލް ދެއްކި އެއްވެސް ވާހަކައެއް އޭނާއަކަށް ނޭނގެއެވެ. އެންމެ ފަހުން ، މީރަބް އަނގައިން ބުނުމަށް ރޮހޭލް އެދުނެވެ. މުރުތަސިމާއި މީރަބްގެ ގުޅުން މިއަދުވެސް އޮތީ ، ކުރިން އޮތްގޮތަށްތޯ ، ރޮހޭލް ސުއާލު ކުރިއެވެ. ރޮހޭލްގެ އެ ސުއާލަށް މީރަބް ވަކި ޖަވާބެއް ނުދެއެވެ.
" އޭގެމާނަޔަކީ ، މީރަބާއި މުރުތަސިމާ ދެމެދު ، ޚާއްޞަގުޅުމެއް އަދިވެސް ނުއުފެދޭކަމެވެ. މީރަބަކީ އަހަރެންގެ ޙައްޤެކެވެ. ހަމައެކަނި އަހަރެންގެ ޙައްޤެކެވެ. " ރޮހޭލް ބުންޏެވެ.
ކުއްލިޔަކަށް ، މީރަބް އެއްލިކަޅިޔަކުން ، އެފެނުނީ ، އޭނާގެ ކުރިމަތީ މުރުތަސިމް ހުއްޓިލައިގެން ހުރިތަނެވެ. އިރުކޮޅަކު ހުރުމަށްފަހު ، ބޯހޫރާލާފައި މުރުތަސިމް ހިނގައިގަތެވެ. މީރަބްވެސް ކުއްލިޔަކަށް ތެދުވެ ، ދުވެފައި އައިސް އޭނާ އެބުނާ ވާހަކައެއްގެ އަޑުއަހައިލުމަށް އެދުނެވެ. އަޑުއަހަންވީ ކޮންވާހަކައެއްތޯ މުރުތަސިމް ސުއާލު ކުރިއެވެ.
" މީރަބްގެ ހިތުގައި އަހަރެންގެ މައްޗަށް ޖާގައެއް އުފެދިފައި އޮތްކަން ، އަހަރެންގެ ހިތަށް އިޙްސާސް ކުރެވުނެވެ. ދެމީހުންގެ މެދުގައި އޮތް ދުރުކަން ނިމުމަކަށް އަތުވެއްޖެކަމަށް ޤަބޫލު ކުރެވުނެވެ. އެކަމަކު ، މިފެންނަނީ ، އެއިން އެއްވެސްކަމެއް ނުވާކަމުގެ ޢަލާމާތްތަކެވެ. " މުރުތަސިމް ބުންޏެވެ.
މީރަބަށް އެއްޗެކޭ ބުނަން ފުރުޞަތު ދިނުމަށް އަނެއްކާވެސް މީރަބް އެދުނެވެ. އެހެނަސް ، އެއްވެސް އެއްޗެކޭ މީރަބް ނުބުނުމަށް މުރުތަސިމް އެދުނެވެ. އެންމެންގެ ކުރިމަތީ ، މީރަބް އޭނާ ފަޟީޙަތް ކޮށްލައިފިކަމުގައި މުރުތަސިމް ބުންޏެވެ. މީރަބަށް އަނގައިން ބުނުމަށް ފުރުޞަތު ދިނުމަށް އަނެއްކާވެސް މީރަބް އެދުނެވެ. ކުރީ ރޭވެސް ، މީރަބް އެއްޗެކޭ ބުނަން ، އޭނާއަށް ފުރުޞަތު ނުދިންކަން ، މުރުތަސިމަށް މީރަބް ހަނދާން ކޮށްދިނެވެ. އެކަމާގުޅިގެން ހިނގައިދިޔަ ހުރިހާކަމެއް މުރުތަސިމްގެ ހިތުގައި ހަރުލާފައި އެބަހުއްޓެވެ. އޭނާ ކަރާޗީއަށް އަންނަން އެ ޖެހުނީވެސް ، އަނގައިން ބުނާނެ ފުރުޞަތު މީރަބަށް ނުދިނުމުގެ ސަބަބުންނެވެ. އެހެނަސް ، މުރުތަސިމްގެ ލޯމަތިން އެފެންނަ މަންޒަރަކީ ، މުރުތަސިމަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ. އެހެންމީހަކާ އެކުގައިނަމަވެސް ، ރޮހޭލާ މީރަބް ބައްދަލު ކުރުމަކީ ، މުރުތަސިމް ޤަބޫލުކުރާނެ ކަމެއްނޫނެވެ. ހިތަށް އިތުރަށް އުނދަގޫކުރަން އެތަނުގައި ނުހުރެ ، މުރުތަސިމް ނުކުމެގެން ދިޔައެވެ. (ނުނިމޭ)

Vv.reethi shukuran