މި ފަހަށް ބަލާއިރު އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތަކުގެ ތެރެއިން، ގިނަ ގޮތްގޮތުން ދިވެހީން ދަތުރުފަތުރު ކުރުމުގައި ލަންބަރު އެކެއްގައި ފާހަގަކޮށްލެވޭ ގައުމަކަށް އުތުރުކަރަ ނުވެއެއް ނުދާނެއެވެ 1970ގެ އަހަރުތަކުގައި އަޅުގަނޑުމެން އެންމެ ބޮޑަށް އަހަނީ، ސިލޯނުގެ ވާހަކައެވެ. އަޅުގަނޑުމެންނޭ މިދެންނެވީ، އަޅުގަނޑު ހިމެނޭ އަޅުގަނޑުމެންނަށެވެ. އަޅުގަނޑުމެންގެ އާއިލާއިން އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ދަތުރެއް ކުރެއްވީ، އަޅުގަނޑުމެންގެ މަންމަ ފަރާތުގެ ކާފައެވެ. ގިނަ ބަޔަކު ދަންނާނެ ނަމުން ނަމަ، ބަބުރު ޢީސާ ފުޅެވެ. އެއީ 1970ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އެ ދަތުރަކީ، ކާފައަށް ލިބިލެއްވި "ސާޅީ" ދަތުރެކެވެ. އެ ދަތުރު ކާފަކުރެއްވީ އެ ދުވަސްވަރުގެ ތަނަވަސް ވިޔަފާރިވެރިއެއް ކަމުގައިވާ، އަދި އަޅުގަނޑުމެންގެ އަވަށްޓެރިއެއް ކަމުގައިވާ، ގ. ޑިއަރެސްޓް އަލްމަރުޙޫމް ބޮޑުދުފާ އިބްރާހީމް ފުޅާ އެކުގައެވެ. އެ ގޭގައި އޭނާ ހިންގަވާ ޑިއަރެސްޓް ސްޓޯރަކީ، ސިލޯނުގެ ސާޅީއާއި އެ ނޫން ވެސް ތަފާތު މުދަލުން ފުރިބަރާވެފައި އޮންނަ ފިހާރައެކެވެ. ސާޅީ ދަތުރުގެ ވާހަކައަކީ ވެސް ހަމަ، ވާހަކައެވެ. ތަޖުރިބާ ހުރި ބޭފުޅަކު ނުވަތަ އެފަދަ ބޭފުޅެއްގެ އަރިހުން މައުލޫމާތު ހޯދައިލައިގެން ލިޔެލަން މުހިންމު ވާހަކައެވެ.
އެ ދަތުރު ދުރުވުމަށް ފަހު، ސިލޯނުގެ ތަފާތު ވާހަކަތައް ކާފަ ކިޔުއްވައިދެއްވިއެވެ. ކެއުން ބުއިމުގެ ތަފާތެވެ. އޭރު އަޅުގަނޑުމެން ފަދަ ތިރި އާއިލާތަކުން އަޑު ވެސް ނާހާ ބައެއް ތަކެތީގެ ވާހަކައެވެ. ޕާނާ ބަޓަރާ ޖޭމުގެ ވާހަކައެވެ. އެންމެ ފުރަތަމަ އަޅުގަނޑުމެން، ޕާނާ ބަޓަރާ ޖޭމުގެ ވާހަކަ އަޑުއެހީ ކާފަގެ އެ ދަތުރަށް ފަހުގައޭ ދަންނަވައިފިއްޔާ އަޖައިބުވުން އެކަށީގެން ވެއެވެ. ނަމަވެސް އެއީ، ހަގީގަތެވެ.
ކޮންމެއަކަސް އެ ޒަމާން ފަސްދީ ހިނގައްޖެއެވެ. ރާއްޖެ ވެސް، ތަރައްގީގެ ހަލުވި ފިޔަވަޅުތައް އަޅަން ފަށައިފިއެވެ. ދަތުރުފަތުރު ތަންމިނަށް ހުޅުވިއްޖެއެވެ. އޮނަރަބްލް މަރުޙޫމް އިބްރާހީމް ޝިހާބު ވިދާޅުވި ފަދައިން، އޭރުގެ ބޮޑެތި މަހުޖަނުންގެ އަތުގައި ނުހުންނަވަރަށް އާދައިގެ ދިވެހީންގެ ޖީބުތަކަށް ވެސް ފައިސާ ވަންނަ ފަށައިފިއެވެ. މިއީ، އަޅުގަނޑުގެ ވާހަކައަށް ވަނުމުގެ "ތަޅުދަނޑި" ކަމުގައި ގަބޫލުފުޅު ކޮށްލެއްވުން އެދެމެވެ.
އަޅުގަނޑަކީ، މާގިނައިން ބޭރު ގައުމުތަކަށް ދަތުރުފަތުރުކޮށް އުޅެވޭ މީހެއް ނޫން ނަމަވެސް ކާޅުގުއި ބަންގާޅަށް ދާހެން ދެވުނު ދެ ގައުމަކާ އެކު ސާކުގެ ދެ ގައުމަކަށާއި ގަލްފުގެ ދެ ގައުމަކަށާއި އެފުރިކާގެ ގައުމަކަށް ވެސް ދެވިއްޖެއެވެ. ހަނދާން ނައްތައި ނުލެވޭނެ ބައެއް ތަޖުރިބާތަކާ ވެސް އެކުގައެވެ. ބައެއް ތަޖުރިބާތައް ލިޔެ ކިޔުންތެރިންނަށް ހަދިޔާކުރެވިފައި ވެސް ވާނެއެވެ.
މި ދެންނެވި ދަތުރުތަކުގައި އެންމެ ގިނައިން ދެވުނު އެއް ގައުމަކީ، އަވަށްޓެރި އުތުރުކަރައެވެ. އަދި އެންމެ ގިނަ ދުވަސް ހޭދަކުރެވުނު، އަދި ގިނަ ރަށްރަށަށް ދެވުނު ގައުމަކީ ވެސް އުތުރުކަރައެވެ. އެ ގޮތުން އުތުރުކަރައަށް ކުރެވުނު ދަތުރުތަކުގެ އަދަދު މިހާރު، ދެ އަތުގެ އިނގިލިތަކުން ގުނައިލެވޭނީ ކިރިޔާކަމަށް ހިތް ބުނެއެވެ. ސީދާ އަދަދު ބެލިފައި ނެތުމުންނެވެ. ދެން އެންމެ ގިނައިން ދެވިފައިވާނީ، އެކުވެރި ސިލޯނަށެވެ. އެކަމަކު އެއީ، އެންމެ ގިނަ، ރަށްވެހި ރައްޓެހިން ތިބި ގައުމެވެ.
3 އަހަރަށް ފަހު، އަނެއްކާ މި އުޅެވެނީ އުތުރުކަރަށް އާދެވިގެންނެވެ. 2025 އޮކްޓޫބަރު 6 ގައެވެ. އަބަދުވެސް އުތުރުކަރައިން ތަފާތުތަކެއް ފާހަގަކުރެވެއެވެ. ކަންކަމަށް ބަދަލުތައް އާދެއެވެ. މި ފަހަރު އައުމުގެ ކުރީން ފާހަގަކުރެވުނު އެއްކަމަކީ، "އީ- އެރައިވަލް ކާޑު" ދުރާލައި ފުރައިގެން ދާންޖެހުމެވެ. ނަމަވެސް ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރަށް ދިއުމުން، އެ ގަޑީގައި އުތުރުކަރައަށް ފުރަން ގޮސް ތިބި ވަރަށް ގިނަ މީހުންނަށް އެކަން އެނގިފައި ނެތްކަން ފާހަގަވިއެވެ. ބައެއް މީހުންނަށް އޮންލައިންކޮށް ކާޑު ފުރައިދެއްވުމުގައި ވައިގެބަނދަރުގެ ބައެއް މުވައްޒަފުން ދަތުރުވެރިންނަށް އެހީތެރިވެދެއްވިތައް ފެނުންވީ އުފާވެރި މަންޒަރަކަށެވެ.
އެ ކާޑު ކުރިން ފުރައިގެން އައުމުގެ ފަސޭހަކަން އިހުސާސުކުރެވުނީ، ތިރުވަނަންތަޕޫރަމްގެ ވައިގެބަނދަރުން ކަންކަން ނިމުނުލެއް އަވަސްކަމުންނެވެ. އިންޑިޔާއަށް ދަންޏާ، ކުރީގެ ޕާސްޕޯޓު ގެންދަން ޖެހޭނެކަމުގެ އަޑުތައް އިވިފައި އޮންނާތީ، މުސްކުޅި ޕާސްޕޯޓު ވެސް ގެނައިމެވެ. އެކަމަކު އެ ވާހަކައެއް ނާއްސަވައެވެ. މުސްކުޅި ޕާސްޕޯޓު އެބަ އޮތޭ ނަންގަތުމުން ވެސް، ކޮށިގަނޑުގައި އިންނެވި ޒުވާން އޮފިސަރުގެ ލޮލާއި ބޮލުގެ އިޝާރާތުން ބޭނުން ނޫންކަމަށް ބުނުއްވިއެވެ. ވަރަށް ފަސޭހަކަމާއި އޮމާންކަމާ އެކު ފޮށިތަންމަތި އިތުރަށް ފާސްކުރުމެއް ވެސް ނެތި، އަމިއްލަ ހަލުވިކަން ހުރި މިންވަރުން ގިމަތައިން ބޭރަށް ނުކުމެވިއްޖެއެވެ.
ނުކުމެ ދެކޮޅު ހޯދައި ބަލައިލިއިރު، އިންޑިޔާގެ ޒަމާންވީ "ދިވެހި އެކުވެރިޔާ" ފެންނަން އިނެވެ. އޭނާގެ އާދަކާދައިގެ މަތީން، ލަހެއްފަހެއް ނެތި އަޅުގަނޑުގެ ފޮށިތަންމައްޗާ ހަވާލުވެއްޖެއެވެ. އެއީ، އަޅުގަނޑު އެހައި ހިތްހަމަޖެހޭކަމެއް ނޫން ނަމަވެސް އެއީ އަޅުގަނޑުގެ ބާރު ފޯރާކަމެއް ނޫނެވެ. އަދި އަމުދުން "ރަށުމީދާ ރަށަށް ގަދަވާނެތީ" ބޯލަނބައި ކިޔަމަންވުން ނޫން ގޮތެއް ނޯންނާނެ ނޫންތޯއެވެ. ވަކި ހިސާބަކުން 10ވަރަކަށް މިނެޓުގެ "މަގުމަތި އެޅުމަކަށް" ފަހު ހަލުވި ދުވެއްޔެއްގައި އަޅުގަނޑަށް އަންނަން އާދަވެފައިވާ މުރަނގަގަސް ދޮށަށް އާދެވިއްޖެއެވެ.
މިހާތަނަށް ތްރިވަނަންތަޕޫރަމަށް އައި ކޮންމެ ފަހަރަކު ވެސް ހުރީ، "ބިވޭރާ ހޮޓެލް" ގައެވެ. 2022ގައި ކުރި ދަތުރުގައި ދިމާވި ކުޑަކަމަކުން ވަރަށް ސިއްރުން އެހެން ހޮޓަލަކަށް ދިޔަ ނަމަވެސް، އެއް ރެއަށް ފަހު، "ވަރިކުރިފުޅު" ގާތަށް ނައިހެއް ފަރަކު ނުޖެހުނެވެ. ބަފައިބެއަށް އަޅުގަނޑު ދިޔަކަން އެނގުނީ، އަލުން އަންނަން ވެގެން ގުޅުމުންނެވެ. އެނގި ވެސް ނުލައި ދިއުމުން ވަރަށް ބޮޑަށް ކުށްވެރިވިއެވެ. އަލުން އައުމުން ކުރިޔަށް ވުރެ ވެސް ހެޔޮކޮށް ހިއްތެވިއެވެ. ބޭރުން ފެންނަ ފެނުމަށް ހިސާބަކަށް ހޮޓަލުގެ އުމުރުން ދުވަސްވަމުން ދިޔަޔަސް އަޅުގަނޑަށް އަދިވެސް، ބިވޭރާ، ވަރަށް ފައްކަލެވެ. ގެވަންތަ އިހުސާސެއް ކުރެވެއެވެ.
ދެން އޮތީ ދަތުރުގެ މުހިންމު ބައެކެވެ. މެޑިކަލް ޗެކަޕެއް ހަދައިލުމެވެ. އައި ދުވަހުގެ ހަވީރު، އެކުވެރިޔާއާ އެކު، "ކިމްސް ހެލްތު" ހަސްފަތާލަށް ގޮސް އެޕޮއިންޓްމަންޓް ހަމަޖައްސައިފީމެވެ. ޖެހިގެން އައި ދުވަހު، ހެނދުނު ހަސްފަތާލަށް ގޮސް ވަރަށް ފަހިކަމާ އެކު، މެންދުރު ވާންވީ އިރަށް ހުރިހާ ކަމެއް ނިމި އަތްދޮވެލެވިއްޖެއެވެ. ހެދުނު ޓެސްޓުތަކާއި ނަތީޖާތައް ލިބެމުން ދިޔަލެއް އަވަސްކަމަށް ބަލާއިރު ޖީބަށް ކުރި އަސަރު ވަރަށް ކުޑައޭ ދެންނެވުމަކީ، ރާއްޖޭގެ އެފަދަ ތަންތަނަށް ރައްދުކުރެވޭ ކުޑައިމީސްބަހެއްކަމުގައެއް ނުދެކެމެވެ. މިދެންނެވި "ޕެކޭޖުގައި" ހެނދުނުގެ ނާސްތާއާއި މެންދުރުގެ ކެއުން ވެސް އޮތީ ހިމެނިފައެވެ. އަދި އެއް ކޮޓަރިން އަނެއް ކޮޓަރިއަށް ގެންގޮސް ދިނުމާއި މަގުދައްކައި ދިނުމުގައި އެހީތެރިވެދެއްވަން ތިއްބެވި ކުދިންގެ ހިތްހެޔޮކަމަކީ ވެސް ފާހަގަކޮށްލަން ކޮންމެހެން ޖެހޭ ކަމެކެވެ.
ހައިބަނޑާ ހުރެ ހެދި ޓެސްޓްތަކާއި އޭގެ ފަހުގެ ޓެސްޓްތަކާއި އީސީޖީއާ، ބަނޑުގެ ސްކޭނާއި، މޭގެ އެކްސްރޭއާ، ދަތުގެ އެކްސްރޭއާ، ތަޖުރިބާކާރު (ޕީއެޗްޑީ) ޑޮކްޓަރެއްގެ ފުން ބެލުންތަކާއި ނިއުޓްރިޝަނެއްގެ މިންކުރުންތައް ދުވާލެއްގެ އެއްދަން ނިމި ދެވަނަ ދަން ފެށުނުތަނާހެން ނިމިގެން ދިއުމަކީ، ކުޑަކަމެއް ނޫނެވެ. ހަމަގައިމުވެސް އަޅުގަނޑުމެންގެ ރާއްޖޭގައި މިހައި ހަލުވިކޮށް މިކަންކަން ކުރެވޭނެ ދުވަހެއް އަދިވެސް އޮތީ، ހުވަފެނުން ފެންނަ ހިސާބަށް ވުރެ ވެސް ދުރުގައޭ ދަންނަވަން ޖެހެނީ ހިތާމައާ އެކުގައެވެ. އަދި އަމުދުން މިފަދަ ކަމަކުން ޖީބަށް ބާރުބޮޑުވާނެ މިންވަރު ވެސް އިހުސާސު ކުރަން ދައްޗެވެ.
ހުރިހާ ޓެސްޓުތަކަށް ފަހު، އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އިރުޝާދަކީ، މިހާރަށް ވުރެ ތަންކޮޅެއް މުރާލިވުމަށް ލިބުނު އިރުޝާދެވެ. ރެޔާއި ދުވާލުގެ ގިނަ ވަގުތުތަކުގައި ގޮނޑިއަށް ދޭ ވަގުތަކުން ބައެއް ދެ ފައިގެ ހެލިފެލިވުމަށް ދިނުމަށް ލިބުނު އިރުޝާދެވެ. އެކަމަކު އެއީ، މި ވަގުތަށް އެއްވެސް މައްސަލައެއް އޮވެގެނެއް ނޫނެވެ. އެކަމަކު، އުމުރުން ފާއިތުވަމުން ދާ ދުވަސްތަކާ އެކު ކުރިމަގަށް ދެއްވި ހެޔޮ އިރުޝާދެކެވެ. މިއީ، ރާއްޖޭގެ ޑޮކްޓަރުންގެ ފަރާތުން ވެސް ދެއްވަމުން އައި އިރުޝާދެކެވެ. އެކަމަކު ހަމައެކަނި އޮތް ހިތާމައަކީ، އެ ވާހަކަތައް އަޅުގަނޑުގެ އެއް ކަންފަތުން ވަދެގެން އަނެއް ކަންފަތުން ނުކުމެ ދާތީއެވެ.
ދެން އޮތީ ދަތުރުގެ ފަހު ބައެވެ. މާލެއަށް ދަތުރުކުރުމެވެ. މާލޭން ފުރުމުގެ ކުރިން ވެސް ދިވެހި ބޯޓުން ދެތިން ފަހަރަކު ގަޑިއަށް ބަދަލު އައިސްގެން އެންގެވިއެވެ. އެންމެ ބޮޑު ބަދަލަކީ، ކުރިން 11ވަނަ ދުވަހުގެ ހަވީރު، މާލެ އައުމަށް އޮތް ދަތުރު ރޭގަނޑަށް ބަދަލުވުމެވެ. ވައިގެބަނދަރަށް ދާން ޖެހޭ ގަޑިއަކީ، 6 ޖަހާއިރުކަމަށް ވީތީ ހޮޓަލުން ނުކުންނަން ނިންމީ، 5:30ގައެވެ. އެހެންކަމުން، މެންދުރު 12ގެ ފަހުން ހޮޓަލުން ނުކުންނަން ޖެހުމުން އާންމު އަގަށް ވުރެ ބޮޑު އަގެއް ދައްކަން ޖެހުނެވެ.
ތިރުވަނަންތަޕޫރަމްގެ ވައިގެބަނދަރަށް ގޮސް ފޮށިދަބަސް ކިރައިލުމުން 3 ކިލޯ ބަރުވެއްޖެކަމަށް ބުނުއްވައިފިއެވެ. "ބަރުއިތުރު" ފައިސާ ދެއްކުމަށް ހިނގައިގަންނަން އުޅުނު ތަނާ ކޮށިގަނޑުގައި ތިއްބެވި ދެ ކުދިން ތުންގުޅުއްވައިލެއްވުމަށް ފަހު، އަތްދަބަސް ކިރައިލަން ބުނުއްވައިފިއެވެ. އެއަށް ފަހު، ބަރުއިތުރު ފައިސާއެއް ދައްކަން ނުޖެހޭކަމަށް ބުނުއްވައިފިއެވެ. އެކަމަކު، ފޮށިދަބަސް ފާސްކޮށް ނިމެންދެން 15 ވަރަކަށް މިނެޓު އަތްފޯރާފަށުގައި މަޑުކޮށްލުމަށް ބުނުއްވިއެވެ.
އެ ކޮށިގަނޑުގެ ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށް ހުރި ކޮފީގޮޅިއަކުން ކޮފީއެއް ގަނެލައިގެން އިށީންދެ، ހިސާބަކަށް ތަލި ފިއްސައިލައިފީމެވެ. ތިރީހަކަށް މިނެޓު މަޑުކޮށްލާފައި މައްޗަށް ހިނގައްޖައީމެވެ. މިފަހަރު މި ދިމާވީ އެހައި ފަހިކޮށެއް ނޫނެވެ. 15ވަރަކަށް މިނެޓު "ހޫނުކޮއްޅަށް" ހުންނަން ޖެހިއްޖެއެވެ. އިންޑިޔާއަށް އައި ބޭނުމާއި ދިޔަ ތަންތަނާއި ބައްދަލުވި މީހުންނާއި އެ މީސްމީހުންގެ ކުރު ވަނަވަރާއި ބައެއް މީހުންގެ ފޯނު ނަންބަރު ވެސް ކިޔައިދޭން ޖެހިއްޖެއެވެ. އަދި އަދާކުރާ ވަޒީފާއާއާއި މީގެ ކުރިން އަދާކުރި ވަޒީފާތައް ވެސް، އޭގެ ކުރިން... އޭގެ ކުރިން... ގެ ވެސް ތިން ހަތަރު ސުވާލަކަށް ޖަވާބު ދޭން ޖެހިއްޖެއެވެ. ސުވާލުތައް އައީ, ރައްޓެއްސަކާ ވެސް ސުވާލުކޮށްލާނޭ ފަދައިން ވަރަށް ގާތް އެކުވެރި، ހިނިތުންވެލައްވާފައިވާ މޫނަކާ އެކުގައެވެ. އަޅުގަނޑާ އެކުއެކީގައި ހެން ދިޔަ އެހެން މީހުން ވަރަށް އޮމާންކޮށް އެއްބުރުން ނިންމައިލައިގެން އެތެރެއަށް ވަދެގެންދާތަން ފެނެއެވެ. އަޅުގަނޑުގެ ފަހަތުގައި ކިއުގައި ހުރި ބައެއް މީހުން އެހެން ކޮށިގަނޑުތަކަށް ބަދަލުވެގެން ދާތަން ވެސް ފެނުނެވެ. ކިތަންމެ އިރެއް ވިޔަސް ފުރަން ދެވޭނީ، ކޮށިގަނޑުން ތައްގަނޑު ޖައްސަވާފައި ޕާސްޕޯޓު ދެއްވުމުން ނޫންތޯއެވެ. އަޅުގަނޑުގެ ވެސް މި ކަމާ ހިތްހަމަނުޖެހުމެއް އޮތީކީ ނޫނެވެ. ނަމަވެސް، މިވީ ކިހިނެއްތޯ ހިތުގައި ސުވާލު މާކެއް ޖެހުނެވެ. އެކަމަކު މުޅި ދަތުރުގެ ފަހިކަމާއި ކާމިޔާބީއަށް ދޭން ޖެހެނީ ސައްތައިން ސައްތައެވެ.
ފަހި ދަތުރަކަށް ފަހު، ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރުން ނުކުތްއިރު ގާތް ދެ މިތުރަކު ކާރުގައި ބަލައި އައިސް ތިއްބެވެ. ތަންކޮޅެއް ވިއްސާރަ ދުވަސްވަރަކަށް ވާތީ، ކާރު ކިޔުގައި މަޑުކުރަން ނުޖެހުމަކީ، ވަރަށް ބޮޑު ނަސީބެކެވެ. ދެ މިތުރުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމުން ކެރިކޮޅާ އެކު މާލެއަށް ދަތުރު ފަށައިފީމެވެ. ރައްޓެއްސެއްގެ އަމާނާތެއް ރައްދުކުރުމަށް ދަރުބާރުގޭ ކައިރީގައި ބަނދަރުކޮށްލުމަށް ފަހު، ގެއަށް އާދެވުމުން ދަތުރު ނިމުނީއެވެ. އެއާ އެކު، މި ފަހަރުގެ އިންޑިޔާ ދަތުރުގެ ހަދިޔާ ވެސް މި ނިންމައިލީއެވެ.
