ހުއްޓިފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތް އަލުން ފެށޭނެ އިންތިޒާމުތައް ދަނީ ކުރަމުން: ރައީސް

މިލަދުންމަޑުލު އުތުރުބުރީ ފީވައް ހިމަނޭގޮތަށް، އުތުރުގެ ވިއްސަކަށް ރަށުގައި ހުއްޓުމަކަށް އައިސްފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫޢުތައް އަލުން ފެށުމުގެ އިންތިޒާމުތައް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ބޭރުގެ ފަންޑެއްގެ ދަށުން، އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ގޮތަށް ފަށާފައި ހުރި ކުނި މެނޭޖްކުރާ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫޢުތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތައް އަލުން ފެއްޓޭނޭ ގޮތްތަކެއް ހޯއްދެވުމަށް ކަމާބެހޭ ވުޒާރާއިން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަމަށެވެ. އެހެންކަމުން، މިހާރު މިކަމުގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުއްވައި، އެ އިންތިޒާމުތައް ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފީވަކުގައި ގޯތި ދޫކޮށްފައިވާ ސަރަޙައްދު ބޭނުންކުރުމުގައި ހުރި ދަތިތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން އެ ރަށުގައި ސްކޫލް މަޝްރޫޢާއި، މޫދަށް އެރޭ ސަރަހައްދުގެ މަޝްރޫއު ކުރިއަށްގެންދާއިރު، ގޯތި ދޫކޮށްފައިވާ ޗަސްބިމަށް ފަސް އަޅައި، ބޭނުންކުރެވޭނޭ މަގުފަހިކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.

2024 ވަނަ އަހަރުގެ ފެބުރުވަރީ މަހު، ރައީސުލްޖުމްހޫރިއްޔާ، ފީވަކު ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން އެދިވަޑައިގަތް ގިނަ ކަންތައްތަކެއްގެ ޢަމަލީ މަސައްކަތްވެސް މިއަދު ވަނީ އެ ރަށުގައި ފައްޓަވާފައެވެ. އެގޮތުން، އެ ރަށުގެ ޒުވާނުންނަށްޓަކައި ކުޅިވަރުގެ ދާއިރާ ތަރައްޤީކުރެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި އެދިވަޑައިގަތުމަށް އިޖާބަދެއްވައި، ފީވަކު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު ވަނީ އަޅުއްވައިދެއްވާފައެވެ. އަދި، ރަށު ކައުންސިލުން އެދިވަޑައިގެންނެވި ފަދައިން މިއަދު ވަނީ، ސްކޫލްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާފައެވެ.

މީގެ އިތުރުން މިއަދު އެ ރަށުގައި ވަނީ، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާފައެވެ. ފީވަކު ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް އިތުރުކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުރެއްވުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވަވާފައެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާ ތެރޭ، ޞިއްޙީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް އެދެވޭ ދުވެލީގައި ކުރިއަށް ނުދާނަމަ، މަސައްކަތް ކުރާ ފަރާތާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކުރައްވައިގެން ނަމަވެސް، އެ މަސައްކަތް ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.