މާލެ ސަރަހައްދުގައި ހިމެނޭ ބިންތައް ބޭނުން ކުރެވެމުންދާ ގޮތަށް ގެންނަން ޖެހޭ ބަދަލުތަކެއް އެބަހުރި: މޭޔަރ ޢާޒިމް

މާލެ ސިޓީ މިހާރަށްވުރެ، ދިރިއުޅެން ފަސޭހަތަނަކަށް ހެދުމަށް ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ ބިންތައް ބޭނުން ކުރެވެމުންދާ ގޮތަށް ގެންނަން ޖެހޭ ބަދަލުތަކެއް އެބަހުރި ކަމަށް މާލެ ސިޓީގެ މޭޔަރ ޢާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިހެން ވިދާޅުވީ، މާލެ ސިޓީ ހޯލްގައި އާދިއްތަ ދުވަހު އޮތް މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރިވިޝަން މަސައްކަތުގައި ހިމެނޭ ފުރަތަމަ ޕަބްލިކް ކޮންސަލްޓޭޝަން ބައްދަލުވުން ފައްޓަވާދެއްވުމުގެ ގޮތުންނެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީއަށް ތަފާތު ހިދުމަތްތައް ފޯރުކޮށްދެމުންދާ ކުންފުނިތަކާއި އެކި އެކި ސްޓޭކްހޯލްޑަރުންގެ މަސައްކަތައް ފަހިވާނެ ގޮތަކަށް މާލެ ސިޓީގެ ބިންބޭނުން ކުރާނެ ކުރުރާސްތާ، އަދި މެދު ރާސްތާގެ ޕްލޭނެއް އޮތުން ވަރަށް މުހިންމު ކަމަށެވެ.

"މިސާލަކަށް، މާލެ ސިޓިއަށް ފެނުގެ ހިދުމަތް ފޯރު ކޮށްދިނުމަށް، ފެން ކުންފުންޏަށް ބޭނުންވާ ބިން ހަމަޖައްސާނެ ގޮތުގެ ޕްލޭނެއް އޮންނަން ޖެހޭ. ސްޓެލްކޯ އަށް އެކުންފުނިންދޭ ހިދުމަތް އެއްފެންވަރެއްގައި ދިނުމަށް ބޭނުންވާނެ ބިން ހަމަޖެއްސުމަކީ މާލެ ސިޓީ ކައުންސިލުން ކޮށްދެންޖެހޭ ކަމެއް " މޭޔަރ އާޒިމް ވިދާޅުވި އެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ކައުންސިލަށް، މާލެ ސިޓީގެ މިހާރުގެ ހާލަތަށް ވުރެއް ރަނގަޅު ހާލަތަކަށް ގެންދެވޭނީ ހުރިހާ ބޭފުޅުންގެ ބައިވެރިވުމާއި އެކު ކަމަށާއި މައި ސަރުކާރުގެ ވެސް ފުރިހަމަ ބައިވެރި ވުމާއެކު ކަމަށެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މިހާރު މުޅިރާއްޖެ އަށް އަމާޒު ކުރެވިގެންދާ ތަރައްޤީގެ ޕްލޭން އެކަށަ އެޅުމުގެ މަސައްކަތް ކުރަމުންގެންދާ ޓީމުން ވެސް ، މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މި ލޭންޑް ޔޫސް ޕްލޭން ރިވިޝަން މަސައްކަތުގައި ވެސް ކޮންސަލްޓޭޝަން ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާއާ ހިޔާލު ދިނުން ވަރަށް ވެސް މުހިންމު ކަމަށެވެ. އެހެން ނޫންނަމަ ތައްޔާރު ކުރާ ޕްލޭނާއި ސެންޓަރަލް ގަވަރމަންޓުން ހަދާ ޕްލޭނާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވެސް މޭޔަރ ޢާޒިމްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.