ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

މާލޭގެ ޕާކިންގް ދަތިކަމަށް ހައްލެއް ހޯދައިދިނުމަށާއި، ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމުގެ މަޤްސަދުގައި، ފުރުޤާން މިސްކިތް ކުރިމަތީގައި އޮންނަ ހުސްބިމުގައި 150 އަށް ވުރެ ގިނަ ސައިކަލް ޕާކް ކުރެވޭނެ، ޒަމާނީ ޕާކިންގް ސަރަހައްދަކާއި ހިތްފަސޭހަ މައިޒާނެއް ތަރައްޤީ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ، މިދިޔަ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ. މިހާރު ވެސް ބިން ސާފުކޮށް، މަސައްކަތުގެ ތެރެއިން ޖުމްލަ ހަ ކަދުރު ރުށް ވަނީ އެ ސަރަހައްދުގައި އިންދާފަ އެވެ.

މި މަޝްރޫޢުގެ ދަށުން، ޕާކިންގް ސަރަހައްދުގެ އިތުރުން، ރައްޔިތުންނަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ މައިޒާނެއް ވެސް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މާލޭގައި ވެހިކަލް ޕާކިންގް ސަރަހައްދުތައް އިތުރުކުރުމަކީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ މުހިންމު ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅު ފުއްދެވުމަށް، މިހާރު ވެސް، މާލެ ސިޓީ ކައުންސިލުން އަންނަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި، ޕާކިންގް ޒޯންތައް ތަރައްޤީ ކުރަމުންނެވެ.

މިކަމާ ގުޅިގެން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެއަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނެވިގެން މިދަނީ، މާލޭގައި ދިރިއުޅުއްވާ ރައްޔިތުން އުފާކޮށް، އެ މީހުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމް ކުރުމުގެ މަޤްސަދުގައެވެ. އަދި މި މަސައްކަތްތައް ކުރުމުގައި، ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބެމުން އަންނަ ކަމަށް ވެސް މޭޔަރ ޢާޒިމް ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.