މާލެ ސިޓީ ކައުންސިލުން މޯލްޑިވިއަން ރެޑް ކްރެސެންޓާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފި

މާލެ ސިޓީގައި ތިއްބެވި، އަސާސީ ބަލިމީހުން އުފުލުމުގެ ޚިދުމަތް، ފުޅާ ދާއިރާއެއްގައި ދިނުމުގެ މަސައްކަތުގައި ބައިވެރިވުމަށް، މާލެ ސިޓީ ކައުންސިލުން، މޯލްޑިވިއަން ރެޑް ކްރެސެންޓާއެކު ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ، ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރެވެ. އަދި މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ފަރާޓުން ސޮއިކުރެއްވީ، ސެންޓަރަލް ރީޖަނަލް އޮފީހުގެ މެނޭޖަރ މުހައްމަދު އަދީލެވެ.

މި ހަފްތާގެ ހޯމަ ދުވަހު، މާލެ ސިޓީ ކައުންސިލްގެ، ސިޓީ ހޯލުގައި އޮތް މި ރަސްމިއްޔާތުގައި ވާހަކަ ފުޅުދައްކަވަމުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ދިވެހި ރެޑްކްރެސެންޓާއެކު މި ވެވުނު ފަހުމް ނާމާގެ ސަބަބުން، މާލެ ސިޓީއަކީ، އަމާން، ރައްކާތެރި، ސިޓީއަކަށް ހަދައި އަދި މާލެ ސިޓީގައި ދިރިއުޅުއްވާ، އިސް ރަށްވެހިންނަށް، ހިތްހަމަ ޖެހޭ މާޙައުލެއް ޤާއިމްކުރުމަށް މި ކުރާ މަސައްކަތަށް ވަރަށް ބޮޑު ފަހިކަމެއް ލިބިގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ. އަދި ދިވެހި ރެޑްކްރެސެންޓަކީ މި ފަދަ ހުރިހައި ޢިލްމާއި ތަމްރީނާއި ތަޖުރިބާ އާއި ޤާބިލްކަން ލިބިފައިވާ ޖަމިއްޔާއެއް ކަމަށް މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

"ދިވެހި ރެޑްކްރެސެންޓާ ގުޅިގެން އަޅުގަނޑުމެން މި ސޮއިކުރި ފަހުމްނާމާގެ ދަށުން، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތުން، މި ފަދަ ފައިދާހުރި މަސައްކަތްތަކެއް ކުރެވޭނެ ކަމާމެދު އަޅުގަނޑު ޔަޤީންކުރަން. " މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީއަކީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ވަރަށް ގިނަ މީހުން ދިރިއުޅޭ ސިޓީއެއް ކަމަށާއި ވަރަށް ގިނަ އުސް ޢިމާރާތްތައް ވެސް ހުރި ސިޓީއެއް ކަމަށެވެ. އަދި އުސް ޢިމާރާތަކުގައި، ދިމާވާ އަލިފާނުގެ ކާރިސާ ފަދަ ބޮޑެތި ކާރިސާތަކާ ގުޅިގެން، ތަފާތު ބާވަތުގެ އިންސާނީ އެހީ ފޯރުކޮށްދޭންޖެހޭ ކަމަށާއި "މި ސާލަކަށް ނުކުޅެދުންތެރިކަން ހުންނަ މީހަކު ނުވަތަ ޢުމުރުން ދުވަސްވީ މީހަކު ނުވަތަ ހާލުދެރަ ބަލި މީހަކު، އުސް ޢިމާރާތަކުން ބާލަން ޖެހުން" ފަދަ ކަންކަން ކުރަންޖެހުން ކަމަށް، މޭޔަރ ޢާޒިމް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މި ސޮއިކުރެވުނު ފަހުމް ނާމާއަކީ، ދެ ފަރާތުން ވަކި ކަންތައްތަކެއް ކުރުމަށް ވެވޭ އެއްބަސްވުމަކަށް ވީ ހިނދު، މާލޭގެ ރައްޔިތުންނަށް ދޭ ޔަޤީންކަމަކީ، މި ފަހުމް ނާމާގެދަށުން، މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންތައްތަކާއި އަދާ ކުރަންޖެހޭ ޒިންމާތައް، އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނެކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.