
ދިރާގުގެ 37ވަނަ އަހަރީ ދުވަހަހާ ހަމައަށް ވާސިލުވީއިރު ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މޭސްތިރިއެއްގެ ގޮތުން ހޯދައިފައިވާ ކާމިޔާބީތައް ފާހަގަކުރަމުން، މި ދުވަހުގެ މުނާސަބަތުގައި ދިރާގުން ކަސްޓަމަރުންނަށް ހާއްސަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ.
މި އޮފަރތައް އިއުލާނުކޮށްފައިވަނީ މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގައެވެ.
"އަޅުގަނޑުމެންގެ މި ދަތުރުގެ ބައިވެރިން ކަމުގައިވާ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން. އަދި، މިއަދާހަމައަށް އަޅުގަނޑުމެން ހޯދައިފައިވާ ކާމިޔާބީތަކާ ހަމައަށް ވާސިލުވުމަށް އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރުއަދާކުރަން. ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން މި ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތައް ގުޅުވާލައި، ބާރުވެރިކޮށް، އެންމެ ރަނގަޅު ފެންވަރުގެ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް. މި ގޮތުން، ދިރާގަށް 37 އަހަރު ފުރުމުގެ މުނާސަބަތުގައި ކަސްޓަމަރުންގެ އަގު ވަޒަންކޮށް މި އުފަލުގައި ބައިވެރިކުރުމުގެ މަގުސަދުގައި މި ވަނީ ހާއްސަ އޮފަރތަކެއް ތައްޔާރުކޮށްފައި" އަލީ ރިޔާޒް، ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ ވިދާޅުވިއެވެ.
ދިރާގުގެ 37 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައާރަފްކޮށްފައިވާ އޮފަތަކަކީ:
- 37ޖީބީ ހިލޭ، 24 ގަޑީރަށް: ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 1 އޮކްޓޫބަރު 2025ވަނަ ދުވަހުގެ 10:00 އިން 18:00 އާ ދެމެދު *225# އަށް ޑައިލްކޮށްގެން 24 ގަޑިއިރަށް 37ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ.
- ދިރާގު x އައިސިކް: ރާއްޖޭގައި ކިޔަވަމުންދާ ދަރިވަރުންނަށް ފަރުމާކޮށްފައިވާ މި ޕްލޭން މެދުވެރިކޮށް އައިސިކް އަދި ދިވެހި ޕަރޓްނަރުންގެ ފަރާތުން ހާއްސަ އޮފަރތަކާއި، ޓެލެކޮމް އިނާޔަތްތައް ލިބިގެންދާނެއެވެ. މި ޕްލޭނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ސަބްސްކްރައިބް ކުރެވޭނެއެވެ.
- އާއިލާއަށް ހަދިޔާ ދީގެން ހަދިޔާއެއް: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، ދިރާގުއެޕް މެދުވެރިކޮށް އާއިލާގެ ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
- ދިރާގު ނެޓްޕްރޮޓެކްޓް: އޭއައިގެ އެހީތެރިކަމާއެކު އިންޓަރނެޓްގެ ރައްކާތެރިކަން އެންމެ 35 ރުފިޔާއިން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މި ހިދުމަތް ދިރާގުއެޕް މެދުވެރިކޮށް އެކްޓިވޭޓްކުރެވޭނެއެވެ.
މި އޮފާތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް www.dhiraagu.com.mv
ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން 1988އިން ފެށިގެން ދިރާގުން ވަނީ ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ބިނާކުރުމުގެ މުހިންމު ދައުރު އަދާކޮށްފައެވެ. މި ކުންފުނިން ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް %100 މޮބައިލް ކަވަރޭޖް ފޯރުކޮށްދީ، ޒަމާނީ ހިދުމަތްތައް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ރާއްޖެއަށް 5ޖީގެ ހިދުމަތް ތައާރަފްކޮށް، މި ހިދުމަތްވަނީ ރާއްޖޭގެ އާބާދީގެ %70އަށް ފުޅާކޮށްފައެވެ. އަދި، ދިރާގުން ވަނީ ރާއްޖޭގެ %100 މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފައިބަރ ބްރޮޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީފައެވެ.