ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީއަށް ވާރޭވެހި ބައެއް ގެތަކަށް ފެންވަދެއްޖެއެވެ.
އައްޑޫ ސިޓީގައި މަސައްކަތް ކުރައްވާ ހައުސިން މިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވީ ބުދަދުވަހު ހަވީރުން ފެށިގެން ވާރޭ ވެހުމުގެ ސަބަބުން ހިތަދޫން އެކަނިވެސް 4 ވަރަކަށް ގެއަށް ފެންވަދެފައިވާ ކަމަށެވެ. އޭގެ އިތުރަށް މިސްކިތަކަށްވެސް ފެންވަދެފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ގޭތަކަށް ފެންވަނުމުގެ އިތުރަށް ބައެއް މަގުތަކުގައިވެސް ވަނީ ފެން ބޮޑުވެފައެވެ. ގުޅިފައިވާ އަވަށްތަކުގެ އިތުރަށް ހުޅުމީދޫގެ މަގުތަކުގައިވެސް ފެންބޮޑުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ފެންބޮޑުވުމުގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ފެން ހިންދުމުގެ އިތުރަށް ބައެއް ގޭގެއަށް ފެންވަންނަމުންދާތީ ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް އެމްއެންޑީއެފުން ގެންދަނީ ކުރަމުންނެވެ. އެމަސައްކަތުގައި ސަދަން އޭރިއާގެ ސިފައިން ދަނީ ކުރަމުންނެވެ.