އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން އިފްތިތާޙުކޮށްފި

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) 2025 އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން އިފްތިތާޙުކޮށްދެއްވައި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ އާދީއްތަ ދުވަހު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ އެންމެ ފާހަގަކޮށްލެވޭ އިވެންޓު ކަމަށްވާ އެފްއެޗްއޭއެމް 2025 ގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ މުހިންމު އުފެއްދުންތަކާއި ޚިދުމަތްތައް ފޯރުކޮށްދޭ އެގްޒިބިޓަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެއެވެ.

މި އެގްޒިބިޝަންގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އަދި ޝެފްސް ގިލްޑް އޮފް ލަންކާގެ އެއްބާރުލުމާއެކު އިންތިޒާމުކުރެވޭ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖެވެ. މިއީ ދެކުނު އޭޝިއާގައި ބާއްވާ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވެކްސް) ގެ ހަމައެކަނި ކޮންޓިނެންޓަލް ކަލިނަރީ މުބާރާތެވެ. މި އިވެންޓުގައި ދިވެހިރާއްޖެ އަދި މި ސަރަޙައްދުގެ 80 އަށްވުރެ ގިނަ ރިސޯޓު، ހޮޓާ އަދި ރެސްޓޯރަންޓުތަކުން 500 އަށްވުރެ ގިނަ ޝެފުން ބައިވެރިވެއެވެ.

މި އަހަރުގެ މުބާރާތުގައި ފާހަގަކޮށްލެވޭ ފަނޑިޔާރުންގެ ޕެނަލެއް ހިމެނެއެވެ. މީގެ ތެރޭގައި ވެކްސްގެ އިމީޑިއެޓް ޕާސްޓް ޕްރެޒިޑެންޓް ޝެފް ތޯމަސް ގުގްލަރ އާއި އެކު ޖެރާޑް މެންޑިސް، އުވެ މިޝެލް، ދިމުތު ކުމާރަސިންގެ އަދި އިސްޙާޤު ޞާލިޙު ހިމެނެއެވެ. މިއީ ރާއްޖޭގެ އަދި ބޭރުގެ ކާބޯތަކެތީގެ ވިޔަފާރީގެ އިސްވެރިން ޝެފުންނާ ބައްދަލުކޮށް، މި ދާއިރާގެ ބޭނުންތައް ދެނެގަތުމަށް މުހިންމު ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެފްއެޗްއޭއެމް 2025 އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން ކުރިއަށްދާނީ 7 - 9 ސެޕްޓެންބަރު 2025 އަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.