ވިއުރަ:  އާ ސަހަރާ މިސްކިތުން އިތުރު ފަސޭހައަކަށް އެދި!

ރައްޔިތުންނަށް ޚިދުމަތެއް ދޭ ކޮންމެ ބައެއްގެ ވެސް އެންމެ އިސް މަގުސަދަކަށް ވާންވާނީ، ގިނަ ބަޔަކަށް ވީހާ ވެސް ފަސޭހަވާނޭ ގޮތްތަކަށް އިސްކަން ދިނުމެވެ. އަދި ދަތިވެދާނޭ ކޮންމެ ކަމެއް ލުއިކޮށް ދިނުމެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މުއައްސަސާތަކުގެ ހިންގުންތެރިންގެ ވިސްނުން ހުންނަނީ މުޅީން އެ މަގުންނޭ ދަންނަވަން އަޅުގަނޑަށް ދައްޗެވެ. މިހެން މި ދެންނެވީ، އަމިއްލައަށް ކުރެވިފައިވާ ގިނަގުނަ ތަޖުރިބާތަކާއި މީސްމީހުންގެ ފަރާތުން އިވިފައިވާ އަޑުތަކުގެ މައްޗަށް ބިނާކޮށެވެ.

މި ދެންނެވި ކަންކަމުން އަޅުގަނޑަށް ފާހަގަކުރެވޭ އެއްކަމެއް ދަންނަވައިލާނަމެވެ. އެންމެ ދިމާއަކުންނެވެ.

އާ ސަހަރާ މިސްކިތަކީ، އާންމު ގޮތެއްގައި ވެސް ވަރަށް ގިނަ މީހުން ނަމާދަށް އަރާ މިސްކިތެކެވެ. ޚާއްސަކޮށް ޖަނާޒާއެއް އޮވެއްޖެ ނަމަ، މުޅި މިސްކިތާއި މަގުމަތި ވެސް ބައެއް ފަހަރަށް ފުރެއެވެ. މީގެ އިތުރުން ކޮންމެ ހުކުރު ދުވަހަކު އާ ސަހަރާ މިސްކިތަށް ގިނަ ބަޔަކު ހުކުރަށް ދެއެވެ. ހުކުރު ނަމާދުގެ އިތުރުން ގަބުރުސްތާނަށް ޒިޔާރަތް ކޮށްލުމުގެ ބޭނުމުގައެވެ.

އެހެންކަމުން، ހުކުރުކުރާ އެހެން މިސްކިތްތަކާ ޚިލާފަށް އާ ސަހަރާ މިސްކިތުގައި އެކަމަށް ފަހި ގޮތްތަކެއް ހަމަޖައްސައިދެވޭތޯ ބެލުމަކީ، ކަމާ ބެހޭ ފަރާތުން ވިސްނައިލައްވަން ޖެހޭ ކަމެއް ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވެއެވެ.

އެއް ކަމެއްގެ ގޮތުން ކޮންމެ ހުކުރަކު ވެސް މިސްކިތް ފުރި ގޯތިތެރޭގައި ވެސް ނަމާދުކުރަން ޖެހޭތީ، ދުރާލައި ތަރުތީބުން ކުނާ ފަތުރައިލައިފައި ހުރުމަކީ، ވަރަށް ރަނގަޅުކަމެއް ކަމުގައި ވާނޭކަމަށް ދެކެމެވެ. މިހެން މި ދެންނެވީ ކޮންމެ މީހަކު ވަކިވަކިން ކުނާއެޅުމުން، ތަރުތީބު ގެއްލި ސަފުތައް ތަރުތީބު ނުވުމުގެ މައްސަލަ ވަރަށް ގިނައިން ދިމާާވާތީއެވެ. ސަފުތައް ތަރުތީބުވުމަކީ، ނަމާދު ފުރިހަމަވުމުގެ ތެރެއިން ހިމެނޭ ކަމަކަށް ވާއިރު އެކަމަކަށް އެހީތެރިވެ، މަގުފަހިކޮށް ދިނުމަކީ ކޮށްދެވޭ ހެޔޮކަމަކަށް ވާނޭކަން ޔަގީނެވެ.

ދެން އޮތީ، އާ ސަރަހާ މިސްކިތުގެ މަތީބުރީގެ ވާހަކައެވެ. މަތީބުރީގެ ފަހަތުބައިގައި އިރުމަތީ ކޮޅުގައި ކަހައިލެވޭ ދޮރުފަތްތަކަކުން ހުޅުވައި، ބަންދުކުރެވޭ ބައެއް އޮވެއެވެ. އެނގިފައިވާ ގޮތުގައި އެއީ، ކަށުނަމާދަށް

އާ ސަހަރާ މިސްކިތުގެ މަތީބުރީގެ އިރުމަތީކޮޅު

އަރާ އަންހެނުންނަށް ޚާއްސަކުރެވިފައިވާ ބައެކެވެ. އާ ސަހަރާ މިސްކިތުގައި ނޫނަސް، ބައެއް މިސްކިތްތަކުގައި އަންހެނުން ނަމާދުކުރުމަށް ހުޅުވައިލެއްޕޭ ގޮތަށް ވަކި ބައެއް ޚާއްސަކޮށްފައި އޮވެއެވެ. އެ ގޮތުން ފާހަގަ ކޮށްލެވޭ އެއް މިސްކިތަކީ، މަސްޖިދު ޞަލާޙުއްދީނެވެ. އެ މިސްކިތުގައި އަންހެނުން ނަމާދުކުރާ ބައި ވެސް ހުކުރު ވަގުތަށް، ހުކުރުކުރާ މީހުންނަށް ހުޅުވައިލައެވެ.

ނަމަވެސް އާ ސަހަރާ މިސްކިތުގެ މަތީބައިގައި، އަންހެނުން ކަށުނަމާދު ކުރުމަށް ޚާއްސަކޮށްފައި އޮންނަ ބައި، ހުކުރު ވަގުތުގައި ކަށުނަމާދެއް ނެތަސް ހުޅުވަނީ މަދު ފަހަރެއްގައެވެ. ހުކުރު ނަމާދަށް ފަހުގައި ކަށު ނަމާދެއް އޮތަސް، ކަށުނަމާދުގައި ބައިވެރިވާން ތިބި އަންހެނުން މަދު ނަމަ، ފިރިހެނުންނަށް މަތީން ޖާގަ ހުޅުވައިދިނުމަކީ، ބޭނުންތެރިކަމަކަށް ވާނޭކަމަށް ގަބޫލުކުރެވެއެވެ. މިކަން މީގެ ކުރިން ވެސް ކަމާ ބެހޭ ފަރާތުގެ ސަމާލުކަމަށް ގެނެވުނެވެ. ނަމަވެސް އަދި މިހާތަނަށް މާ އެދެވޭ ބަދަލެއް ނާދެއެވެ. ފަހަރެއްގައި ހުކުރު ދުވަހު ބަޔަކު ވަޒީފާއަށް ނެރެގެން އެކަން ކުރައްވަން ދަތިވަނީ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ގަބޫލުކުރެވޭ ގޮތުގައި އިތުރުގަޑިއަށް ފައިސާކޮޅެއް ދެއްވައިގެން ނަމަވެސް އާންމުންނަށް ފަސޭހަ ވާނޭ މި ފަދަކަމެއް ކޮށްލެއްވުމަކީ، ހަމަ އެންމެ ރަނގަޅުކަމަކަށް ވާނޭކަމަށް ގަބޫލުކުރެވެއެވެ.

މި ދަންނަވައިލެވުނީ، ވަރަށް ކުޑަކުޑަ ދެ ކަމެއްގެ ވާހަކައެވެ. އެކަމަކު އެ ދެ ކަންތަކުގެ ސަބަބުން ވެސް ގިނަ ބަޔަކަށް ފަސޭހަތަކެއް ލިބޭނެ ދެ ކަންތަކެވެ. ކަމާ ބެހޭ ފަރާތަށް މިކަން ކޮށްލުން މާބޮޑު ކަމަކަށް ވެސް ނުވާނެއެވެ. ހެޔޮ ކަމަކަށް ހެޔޮ ނިޔަތުގައި އެހީތެރިވެދޭ ބަޔަކަށް އެކަމުގެ ސަބަބުން ދަރުމައެއް ނުލިބިއެއް ނުދާނެއެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް އަށް ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.