
މާލެ ސިޓީގެ މަގު ތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިއަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން މި ހިނގާ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް، މާލޭގެ 141 މަގުން 21663 އަށް ވުރެ ގިނަ ކާނު ސާފުކޮށްފި އެވެ.
ކައުންސިލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި 141 މަގުން މި މުއްދަތުގެ ތެރޭގައި 1608 ޓަނޭޖެގެ ވެލި ވަނީ ނެގިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ޑީވޯޓަރ ހޮޅިލައިން އޮތުމުގެ ސަބަބުން ހަތް މަގެއްގެ ކާނު އަދި ވަނީ މުޅިން ސާފު ނުވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
މާލެ ސިޓީ ކައުންސިލުން ކާނު ސާފުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މާލޭގެ މަގުތަކަކީ، ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މި ކުރާ ބުރަ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ނުހަނު ބޭނުން ކަމަށާއި ކާނުތަކަށް ކުނި ނޭޅުމަށް ރައްޔިތުންގެ ފަރާތުން އެދޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މާލެ އަދި ވިލިމާލޭގެ ހުރިހާ ކާނެއް ސާފުކޮށް ނިންމާނެ ކަމަށެވެ.
މަގުތަކުގައި ފެން ބޮޑު ވުމަކީ ވެސް ކާނުތަށް ފުރި ބާރުވުމުގެ ސަބަބުން ކުރިމަތިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މި ކާނުތަކުގައި ކުނި ގިނަވެ ތާށިތައް ކުރިމަތިވުމުން މާލެއަށް ވިއްސާރައިގެ އަސަރުކުރާ ކޮންމެ ފަހަރަކު ކާނުތަކުން ކުނިތައް އެރުމުން އެކި ކަހަލަ ނަޖިސް މަގުތައް މަތީ ފެތުރެއެވެ.
މޭޔަރ އާޒިމްގެ އަމާޒަކީ މާލެ ސިޓީގެ މަގުތަކަކީ ސާފު ތަނަކަށް ހަދައި، ރައްޔިތުން އެދޭފަދަ ރީތި މަގުތަކެއް ހޯއްދަވައިދެއްވުމެވެ.