
ސޯޝަލް މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާ ގުޅިގެން "އެކު އެކީ" ނަމުގައި ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ (ޑީވީ އެންޑް ޖީބީވީ) ހުއްޓުވުމަށާއި، ހަމަހަމަ އުސޫލުތައް ގެންގުޅުމާއި، މުޖުތަމަޢުގައި ހޮޔޮ ބަދަލުތައް ގެނައުމާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.
އޮގަސްޓް 24 އިން 28 އަށް ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ 5 ދުވަހުގެ ތަމްރީނު ޕްރޮގްރާމުގައި، ހދ.ހަނިމާދޫ، ކުމުންދޫ، ވައިކަރަދޫ އަދި ކުޅުދުއްފުށި ސިޓީއިން 18 ފަރާތަކުން ވަނީ މި ޕްރޮގްރާމުގައި ބައިވެރިވެފައެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 04 ފަރާތެއް ވެސް ހިމެނެއެވެ.
މި ޕްރޮގްރާމަކީ 18-25 އަހަރާއި ދެމެދުގެ ކުދިންނަށް ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާއަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން މި އުމުރުފުރައިގެ ކުދިންގެ މެދުގައި ދިމާވާ ކަންކަމުގައި އެކަކު އަނެކަކާ ވާހަކަ ދައްކާ ހައްލު ކުރެވޭނެ ރަނގަޅު ގޮތްތައް ކިޔާ ދިނުމުގެ އިތުރުން، އަމިއްލަ އަދި އަނެކާގެ ނަފްސާނީ ދުޅަހެޔޮކަން ދެނެގަންނާނެ ގޮތްތައްވެސް ބުނެދެވޭނެއެވެ.
ހަމައެހެންމެ، މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް އެމީހުންގެ މުޖުތަމަޢުތަކުގައި އެދެވޭ ބަދަލުތަކެއް ގެނައުމަށް ބޭނުންވާ މުހިންމު ހުނަރުތަކާއި މަޢުލޫމާތުވެސް ފޯރުކޮށްދެވޭނެއެވެ.
އެގޮތުން، މި ޕްރޮގްރާމް ވެގެންދާނީ މިންތީގެ ހަމަހަމަކަމާއި، މުޖުތަމަޢުގައި ހުންނަ ހަމަނުޖެހުންތައް ހައްލުކުރުމާއި އަދި މުޢާމަލާތްކުރުން ފަދަ ދާއިރާތަކުން ތަޖުރިބާ ހޯދުމަށް ލިބިގެންދާނެ ޚާއްޞަ ފުރުޞަތެކެވެ.