ފަރުކޮޅުފުށީގެ ކުލަބު މެޑު، އޭރާއި މިހާރު އަދި މާދަމާ؟؟!!

ފަރުކޮޅުފުށި ނުވަތަ ކުލަބު މެޑަކީ، މާލެ ފިޔަވައި މިހާތަނަށް އަޅުގަނޑު ވަޒީފާއެއް އަދާކުރި ހަމައެކަނި ރަށެވެ. ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ބައެއް ލިޔުއްވުންތަކުން ފިޔަވައ ފަރުކޮޅުފުށި ނުވަތަ ކުލަބު މެޑުގެ ނަން އަޅުގަނޑު އެންމެ ފުރަތަމަ ދުށީ "ހަވީރު" ނޫހުގެ އެންމެ ކުރީކޮޅުގެ އަދަދަކުންނެވެ. އާދެ! "ހަވީރު" ނޫހުގެ ވޮލިއުމް:1 ނަންބަރު: 6 (6 ޖަނަވަރީ 1979) ހޮނިހިރު ދުވަހުގެ އަދަދުންނެވެ. އެއީ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމަށް 2 މަސް ވެސް ނުވަނީހެވެ. ނޫހުގެ އެ ދުވަހުގެ މައި ޚަބަރުގެ ގޮތުގައި "އޮރިޔާމުންމީހުންއުޅޭރަށްހިންގުން މަނާވެއްޖެ"ކަމަށް އޮތް ޚަބަރުންނެވެ. އެ ޚަބަރުގައި އޮތީ " ބޭރުގެ ޓްއަރިސްޓުންނަށްޓަކައި ހިންގަމުން ގެންދިޔަ ނިއުޑިސްޓް ކޮލޮނީ ހިންގެވުން މަނާ ކުރައްވައިފިއެވެ. ދިވެހިސަރުކާރުން މިފިޔަވަޅު އެޅުއްވީ ދިވެހިރާއްޖެއަކީ،  ސަތޭކައިންސަތޭކަ މުސްލިމް ޤައުމަކަށް ވުމާއިއެކު ނިއުޑިސްޓް ކޮލޮނީއެއް (އޮރިޔާމުން މީހުން އުޅޭ ރަށެއް) ރާއްޖޭގައި ހިންގެވުމަކީ، ހަމަޖެހޭކަމެއް ކަމުގައި ދިވެހިސަރުކާރަށް ފެނިވަޑައިނުގަންނަވައެވެ." މިހެންނެވެ. އެ ޚަބަރުގައި ވާ ގޮތުން، "ފަރުކޮޅުފުށީގެ ވެރިފަރާތަކީ، ސީ.ޓީ.އޭއެވެ. ހިންގާ ފަރާތަކީ، ކްލަބްނޭޗަރ ފްރާންސްއެވެ. ޑިޕާރޓްމަންޓް އޮފް ޓްއަރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓްގައި، ކްލަބްނޭޗަރ ރަޖިސްޓްރީ ކުރެވިފައިވަނީ، 23 ޖުލައި 1978ގައެވެ."

އޭގެ 18 އަހަރު ފަހެވެ. 1997ވަނަ އަހަރުގެ ސެޕްޓެންބަރު 19 ވީ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ޓޫރިސްޓު ރިސޯޓުތަކެއްގައި ވެސް ހުކުރު ކުރަން ޖެހޭނެކަމަށް ސަރުކާރުން ނިންމެވިއެވެ. އޭރު އަޅުގަނޑު ވަޒީފާ އަދާކުރަމުން ގެންދިޔައީ މައުހަދުއްދިރާސާތިލްއިސްލާމިއްޔާގައެވެ. އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމުގައެވެ. މި ވާހަކަ ދައްކާއިރު އޭރު އެޑްމިން އޮފިސަރުންގެ މަގާމާ ބެހޭ ގޮތުން ތާރަފެއް ދިނުން މުހިންމުކަމަށް ދެކެމެވެ. އޭރު ސަރުކާރުގެ އޮފީސްތަކުގެ އިދާރީ ފެށޭ މަގާމަކީ، ކާތިބުކަމެވެ. ދެން އެސިސްޓެންޓް ސެކްރެޓަރީކަމެވެ. އެއަށް ފަހު ސެކްރެޓަރީކަމުން ސީނިއަރ ސެކްރެޓަރީކަމަށެވެ. ދެން ބަދަލުވަނީ ވަނީ، އެޑްމިނިސްޓްރޭޓިވް އޮފިސަރކަމަށެވެ. އަޅުގަނޑު 1989ގައި ވަޒީފާ ފެށީ ސެކްރެޓަރީކަމުންނެވެ. މައުހަދުގެ ރަސްމީ (އާންމު) ފޯނު (3322718) އޭރު ހުންނަނީ އަޅުގަނޑުގެ މޭޒު މަތީގައެވެ.

އޮކްޓޯބަރު 19ގެ ދުވަސްކޮޅެއް ކުރިން އޮފީސް ފޯނަށް އައި ކޯލަކުން އެދިވަޑައިގަތީ ދެން އަންނަ ހުކުރު ދުވަހު ކުލަބު މެޑުގައި ހުކުރުކޮށްދެއްވާނެ ބޭފުޅަކު ހޯދައިދިނުމަށެވެ. ބަލައިލަދޭނަމޭ އަޅުގަނޑު

ފަރުކޮޅުފުށީ މިސްކިތް، މަސްޖިދުލްއިޚްލާޞް

ދެންނެވީމެވެ. މައުހަދުގެ ގިނަ މުދައްރިސުންނަކީ، އޭރު ހުކުރުކުރައްވާ ބޭފުޅުންނެވެ. އަދި ރަސްމީކޮށް ހުކުރު ނުކުރައްވާ ތިއްބެވި މަދު ބޭފުޅުންނަށް ވެސް ރިސޯޓުތަކުން އޭރު އޮތީ ވަޒީފާ ހަމަޖެހިފައެވެ. ހަނދާންވާ ގޮތުގައި ޖެހިގެން އައީ ބުދަ ދުވަހެކެވެ. އެ ދުވަހު ވެސް އެ ބޭފުޅަކު އަނެއްކާ ވެސް ގުޅުއްވައިފިއެވެ. ކަން އޮތްގޮތް ދެންނެވުމުން ވިދާޅުވީ "ތި ބޭފުޅާ ވަޑައިިގެންދެއްވަން ވީނޫންތޯ"އޭ އެވެ. އެހެން ބޭފުޅަކު ލިބެންދެން ނަމަވެސް އެންމެ ރަނގަޅެވެ. އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑަކީ، ހުކުރު ކުރުމުގެ ހުއްދަ އޮންނަ މީހެއް ނޫނެވެ. ދެން ވިދާޅުވީ "މައުހަދުގެ ބޭފުޅުންނަށް ހުއްދަ ލިބޭނެ ނޫންތޯ"އެވެ. ތިކަން އޮތް ގޮތެއް ބަލައިލާފައި ޚަބަރެއް ކޮށްލާނަމޭ އަޅުގަނޑު ދަންނަވައިފީމެވެ.

ކޮންމެއަކަސް "ހުކުރު ކުރުމުގެ" ޝައުގުވެރިކަން އަޅުގަނޑުގެ ހިތުގައި ވެސް އުފެދިއްޖެއެވެ. އޭރު އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގެ އިދާރީ ގޮތުން އެންމެ އިސްކޮށް ހުންނެވީ އަޅުގަނޑުގެ ވެސް ވަރަށް ގާތް ބޭފުޅަކަށް ވާތީ ވަގުތުން ގުޅައިލާފައި ވެގެން އުޅޭ ގޮތް ދަންނަވައިފީމެވެ. ވިދާޅުވީ، "ތިކަން ހަމަޖެހެންވާނެ ނޫން" ހެއްޔެވެ. ނައިބަށް ދަންނަވައިލާފައި ގުޅައިލައްވާނެކަމަށެވެ. ނައިބަކީ، މައުހަދުގައި ކިޔެވި ދުވަސްވަރު އަޅުގަނޑުމެންގެ ފިގުހު އުސްތާޒެވެ. ފަޟީލަތުއްޝައިޚު އަޙްމަދު ފާރޫޤު މުޙައްމަދެވެ. މާކަ ގިނައިރެއްނުވެ، އެބޭފުޅާ ގުޅުއްވާފައި ވިދާޅުވީ، މައުހަދުގެ ޝަހާދާގެ ކޮޕީއަކާ އެކު، ސިޓީއެއް ފޮނުވުމަށް ނައިބު ވިދާޅުވިކަމަށެވެ. ހަމަ އެދުވަހުމެ، ޝަހާދާގެ ކޮޕީއަކާ އެކު ސިޓީއެއް ފޮނުވައިފީމެވެ. ޖެހިގެން އައި ރަސްމީ ދުވަހު، ހުކުރު ކުރުމުގެ ހުއްދަ (69/97) ދެއްވައިފިއެވެ. 14 ސެޕްޓެންބަރު 1997 އާދީއްތަ ދުވަހުއެވެ.

ކޮންމެއަކަސް އަލަށް މިންބަރަށް އެރި ދުވަސް އެއީ މާކަ ފަސޭހަ ދުވަހެއް ނޫނެވެ. ހިސާބަކަށް ތުރުތުރާ އެކު ހުކުރުކޮށް ނިންމައިލުމުން ވަރަށް ރަނގަޅުކަމަށް މެނޭޖަރު ވިދާޅުވިއެވެ. އެހެން ބައެއް މީހުން ވެސްމެއެވެ. ޖަމާއަތުގައި ތިބީ ވިއްސަކަށް ފަންސަވީހަކަށް މީހުންނެވެ. ކުލަބު މެޑު ފަރުކޮޅުފުށީ މަސްޖިދުލްއިޚްލާޞްގައި އެ ދުވަހު އިމާމުވެ ހުކުރު ކުރަން ފެށި ގޮތަށް ފަރުކޮޅުފުށި ހުޅުމާލެއާ އެއްކޮށްލުމަށް ޓަކައި ކުލަބު މެޑު ކަނިފިނޮޅަށް ބަދަލު ކުރަންދެން ހުކުރު ނަމާދާއި އީދު ނަމާދު ކުރަމުން ގެންދިޔައިމެވެ. ހާހެއްގެ މެދަށް ވެސް ނާރާވަރުން ފެށުނު ކުޑަ މުސާރަ ބޮޑުވަމުން ގޮސް ހަތަރުގުނައަށް ވުރެ މައްޗަށް ދިޔައެވެ.

ކުލަބު މެޑަށް އާންމުކޮށް ދަތުރުކުރަނީ، "ބަނާނާ" ކިޔާ ކުޑަ ވޭލަރެއްގައި ބޭންކް އޮފް މޯލްޑިވްސްއާ ދިމާއިންނެވެ.  މާލޭން ފުރަނީ 11 ޖަހާއިރުއެވެ. މެންދުރުން އަނބުރާ 2 ޖަހާއިރު މާލެއައުމަށް ފުރަމެވެ. ދަތުރުގެ ދިގުމިނަކީ، 10، 15 ވަރަކަށް މިނެޓެވެ. އެކަނި ދަތުރުކޮށްލާ ޒުވާން ކައްޕިއެއް ހުރެއެވެ. ވަރަށް މަދު ދުވަހަކު ނޫނީ ދަތުރުކުރަނީ ދެ މީހުން އެކަންޏެވެ. މޫސުމުގެ ގޮތުން ހުޅުލޭގެ އިރުމަތީ ފަރާތުން ވަށައިލާފައި ދަތުރުކުރަން ޖެހުނު މަދު ދުވަހެއް ވެސް ދިޔައެވެ. ބޭނުން ނަމަ ތަންކޮޅެއް މައިރާ ފުރާ މުވައްޒަފުންގެ ދޯނިން ވެސް ދެވެން އޮވެއެވެ. ބައެއް ދުވަސް ދުވަހު އާއިލާ ގޮވައިގެން ވެސް ދަމެވެ.

އެ ދިގު މުއްދަތުގައި ފާހަގަކޮށްލެވުނު އެންމެ މުހިންމު އެއްކަމަކީ، މިހާރު ވެސް ކުލަބު މެޑުގެ ޖެނެރަލް އެފެއާޒް މެނޭޖަރު ކަމުގައި ހުންނެވި އަލްމުޙްރަތަމް ޢަބްދުއްޞަމަދު އިބްރާހީމް ބެހެއްޓެވި ގާތްކަމެވެ. ކުރެއްވި

މެނޭޖަރ ޢަބްދުއްޞަމަދު އިބްރާހީމްގެ އަރިހުގައި (އަޅުގަނޑު) 

އިހުތިރާމެވެ. އަދިވެސް ބަދަލެއްނުވެ އެކަން ދެމި އޮތް އޮތުމެވެ. އަޅުގަނޑު ދިއުމުން ޞަމަދުގެ ކޮޓަރި ޚާއްސަކޮށް ދެއްވަނީ އަޅުގަނޑަށެވެ. އަޅުގަނޑު އެރަށުން ފުރަންދެނެވެ. އަޅުގަނޑުގެ އާއިލާއާ އެކު ދިޔަޔަސް ކޮޓަރި ދެއްވަނީ އަޅުގަނޑުމެންނަށެވެ. އާއިލާއާ އެކު ދާ ދުވަސްދުވަހު ދަނީ ތަންކޮޅެއް ކުރީންނެވެ. އަދި އެނބުރި އަންނަނީ ވެސް ހަވީރުކޮށްލައިފައެވެ. ކުލަބު މެޑު، ފަރުކޮޅުފުށިން ކަނިފިނޮޅަށް ހުކުރުކުރަން ދިއުމަށް ވެސް ޢަބްދުއްޞަމަދު އެދިވަޑައިގަތެވެ. ނަމަވެސް، ތަންކޮޅެއް ދުރުވުމުން، ދިއުމާއި އައުމަށް ކުރިޔަށް ވުރެ ގިނަ ވަގުތު ނަގާނެތީއާއި އޭރު ކަންކަން ހުރި ގޮތުންނާ އެކު، އެ ހިސާބުން އެ ވަޒީފާ ދޫކޮށްލީއެވެ. އިމާމުވެ ހުކުރުކުރުން ވެސް ނިމުމަކަށް އައީއެވެ.

އޭގެ އަހަރުތަކެއް ފަހެވެ. މިނިވަން މުއައްސަސާތައް ގުޅިގެން ތަފާތު ހަރަކާތްތައް ހިންގުމަށް ޓަކައި އުފައްދާފައިވާ "އާރޯ"ގެ ފަރާތުން ހުޅުމާލޭގައި ގަސްއިންދުމުގެ ޕުރޮގުރާމެއް ފެއްޓެވިއެވެ. އެ ހަރަކާތް އޮތީ ކުލަބު މެޑު ހިންގި ފަރުކޮޅު ފުއްޓާއި ކައިރި ސަރަހައްދެއްގައި ހުޅުމާލޭގައެވެ. އެ ދުވަހު ފަރުކޮށްފުއްޓަށް ގޮސް އޭރުގެ ބައެއް ހަނދާންތައް އާކޮށްލެވުނެވެ. އޭރުގެ ގޮތަށް ބަދަލެއް ނުވެ ނަމަވެސް ހިސާބަކަށް ވީރާނާވާން ފަށައިފައިވާ މިސްކިތަށް ވެސް އެރީމެވެ.

ޒަމާންތައް ބަދަލުވަމުން އައިސް ބައްދަލުކުރީ، 2025ވަނަ އަހަރުގެ ޖޫން މަހުން 8ވަނަ ދުވަހެވެ. ވަރަށް ގާތްކަން ބަހައްޓަވާ މިތުރެއްގެ ދަރިކަލުންގެ ވަލީމާ އޮތީ ފަރުކޮޅު ފުށީގައެވެ. ވަލީމާއަށް ގޮސް ސައިކަލު މަޑުކޮށްލެވުނީ މިސްކިތް ކައިރިއަށެވެ. އެ ހިސާބުން އޭރުގެ ހަނދާންތައް އައުވީއެވެ. "އެ ޒަމާން ހިނގައްޖެ ފަސްދީ....."ގެ އިސްކިރީނުން އޭރުގެ ކުލަ ފޮޓޯތައް ފެންނަން ފަށައިފިއެވެ.

ބައެއް އެކުވެރިންނާ އެ ވާހަކަ ހިއްސާކޮށްލީމެވެ. އެ ވަގުތު ހަނދާނަށް އައީ މިއީ ވެސް ލިޔެލަން ރަނގަޅު ވާހަކައެއްކަމަށެވެ. ގެއަށް އާދެވުމާ އެކު މަސައްކަތް ފެށީއެވެ. ބައެއް ލިޔުންތައް ހޯދައިލައިގެނެވެ. ތިޔަ ވިދާޅުވީ އޭގެ ނަތީޖާއެވެ.

ދެން އޮތީ އެހެން ވާހަކައެކެވެ. ހަމަ ފަރުކޮޅުފުއްޓަށް ދެވުމުން އައި ޚިޔާލެކެވެ. ކުލަބު މެޑު ފަރުކޮޅުފުށިން ދިޔައިރު އެ ރަށް އޮންނާނީ މިހާރުގެ ގޮތަށް ދަންނަވާ ނަމަ "ރަނިންގ ކޮންޑިޝަން" ގައެވެ. ދަތުރުދާ

ކުލަބު މެޑުގެ  އިދާރީ އޮފީސް

މީހުންނަށް ކުއްޔަށް ދޫކުރި ނަމަވެސް އިތުރު ޚަރަދެއް ކުރުމަކާ ނުލައި އާމްދަނީއެއް ލިބެމުން ދިޔައީހެވެ. އޭގެ ފަހުން  ހަތަރު ފަސް ސަރުކާރު އަތުވެއްޖެއެވެ. އެއްވެސް ބަދަލެއް ނާދެއޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އާސާރީ ރަށެއްގެ ގޮތުގައި ތަރައްގީ ކުރެއްވުމުގެ ވިސްނުންފުޅެއް ގެންގުޅުއްވިކަމުގެ މައުލޫމާތު ލިބުނެވެ. ކަޅުވަކަރު މިސްކިތް ވެސް އެ ސަރަހައްދަށް ގެންދަވަން އުޅުއްވިއެވެ. ސަރުކާރު ރަނގަޅަށް ބަދަލު ނުވަނީސް އެހެން ވާހަކަތަކެއް ދެކެވެން ފަށައި ކުރީގެ ނިންމުންތައް އެފުށްމިފުށަށް ޖެހިގެން ދިޔައީއެވެ.

އެ ރަށޭ ދެންނެވުމަށް ވުރެ މިހާރު ރަނގަޅުވާނީ އެ ސަރަހައްދޭ ދެންނެވިއްޔާ ނޫންތޯއެވެ. ކޮންމެއަކަސް އަދިވެސް އެ ސަރަހައްދު އެ އޮތީ ރަނގަޅު އާންމުދަނީއަކަށް ފަހިވާ ގޮތަށެވެ. ހަމައެކަނި ރެސްޓޯރެންޓްތަކުގެ ސަރަހައްދު އެކަނި ބޭނުން ކޮށްލައިގެން ވެސް މެއެވެ. އަދި ކޮޓަރިތައް މާބޮޑު ނޫން މަރާމާތަކުން ކޮންމެވެސް ބޭނުންތަކަކަށް ދޫކޮށްލެވިދާނެ ގޮތަކަށެވެ. މިއީ "ގަހަށް ފެންނަ ގޮތް" ކަމަށް ވެސް ވެދާނެއެވެ. މާދިގު މުއްދަތަކަށް ނޫނަސް ވެހެވެ. އަދި ކުރު ނޯޓިހަކުން ތަން ހަވާލު ކުރަންޖެހޭ ފަދަ މަސައްކަތަކަށެވެ.

ކޮންމެއަކަސް މާދަމާ އެތަނަށް ވާނެ ގޮތެއް އަދި އޮތީ ފަރުދާގެ ފުރަގަހުގައެވެ. ސިޔާސަތަށް އަންނަ ބަދަލަކުން އަލުން ރިސޯޓަކަށް ވެސް ވެދާނެއެވެ. އެ ނޫން ގޮތަކަށް ވެސް ވެދާނެއެވެ. ބަލަން ތިބެމާ ހިންގަވާށެވެ.

މި ވާހަކަ ލިޔާއިރު ހުޅުމާލޭގެ ވޯޓަރ ޕާކެއް ތައްޔާރު ކުރައްވަން އުޅުއްވި ސަރަހައްދެއް ވެސް ވީރާނާވަމުން އެބަ ދާކަން ވެސް ހަނދާނަށް ގެންނަމެވެ. ކުރީން ބަސް ހުއްޓާ ސަރަހައްދުގައި ވެސް ފައިދާ ކުރަނިވި ގޮތަކަށް ބޭނުން ކުރެވިދާނެ ތަނެއް އެބަހުއްޓެވެ. މި ފަދަ އެތައް ތަނެއް ހުޅުމާލެއާއި މާލެއާއި ރަށް ރަށުގައި އެބަހުރިކަން ފާހަގަކުރެވެއެވެ. އެކަމަކު މި ކަންކަން ފެންނަންވީ ފަރާތްތަކަށް ނުފެންނަނީ ކަމަށް ވެދާނެއެވެ. އައިން ފެންނަންވާނީ ކެޔޮޅަށް ނޫންތޯއެވެ. އެކަމަކު ބައެއް ކެޔޮޅުން އެހައި ލޯ ތޫނު ނޫން ވީމާ ފަޅުވެރިޔަކު ވެސް އައިން ދެއްކުމުން އެއީ މައްސަލައެއް ނޫނެއް ނޫންތޯއެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް އަށް ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.