
ދިރާގުން ކެއަރ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމް 2025 އަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނަށް މިނިވަންކަމާއެކު ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދެވޭ މުހިންމު ޕްރޮގްރާމެކެވެ.
ކެއަރ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްގެ ޕާޓްނާރޝިޕް މިއަހަރު އައު ކުރެވިގެންދިޔައީ 22 އޮގަސްޓް 2025 ވަނަ ހުކުރު ދުވަހު ރަސްފަންނުގައި "ޕޮޕް އަޕް ވިތް އަ ޕާޕޮސް" ގެ ނަމުގައި ބޭއްވުނު ހާއްސަ އިވެންޓެއްގައެވެ. މި އިވެންޓުގައި ބޭކަރީ ސްޓޯލްތަކާއި، އާޓްސް އެންޑް ކްރާފްޓްސް ކޯނަރަކާއި އަދި ކުޅިވަރު ސަރަހައްދުތައް ހުއްޓެވެ. މި ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް އެކުދިންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
2018ވަނަ އަހަރު ކެއަރ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިންގ ޔުނިޓް އުފެދުނީއްސުރެ ދިރާގުން އަންނަނީ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ކެއަރ ސޮސައިޓީއިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ޕްރޮގްރެސް ރިޕޯޓްތަކުގައި ބަޔާންކޮށްފައިވާގޮތުގައި، ވޮކޭޝަނަލް ޓްރެއިންގ ޕްރޮގްރާމް މެދުވެރިކޮށް 22 ކުދިންގެ ޕްރޮގްރެސް ރޭޓް ވަނީ އިތުރުވެފައެވެ. އަދި އެގޮތުން ކުދިންގެ އަމިއްލަ މިނިވަންކަމާއި، މުވާސަލާތީ އަދި އިޖުތިމާއީ ހުނަރުތަކަށް ހެޔޮ ބަދަލެއް އައިސްފައިވެއެވެ.
މި އަހަރުގެ ޕްރޮގްރާމްގައި 27 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެ ގޮތުން މުވާސަލާތްކުރުމާއި އަދި މައްސަލަ ހައްލުކުރުން ފަދަ ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތަކަށް އިސްކަންދެވޭއިރު، ކެއްކުމާއި، އާޓްސް އެންޑް ކްރާފްޓްސް، އަދި ކޮމްޕިއުޓަރ ލިޓަރަސީ ފަދަ ދާއިރާތަކުން އަމަލީ ތަމްރީނުތައްވެސް ފޯރުކޮށްދެވެއެވެ.
ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އަމާޒެކެވެ. އެގޮތުން މިފަދަ ޕްރޮގްރާމްތަކަށް ދިރާގުން އަބަދުވެސް ދަނީ އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދެމުންނެވެ.