
(16 އޯގަސްޓް 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކޮމާންޑަރު ސިފައިންގެ ބަޔަކަށް، ޤައިދީން ރައްކައުތެރިކަމާ އެކު ލަޝްކަރުގެ ތެރެޔަށް ގެންދާން އަންގަވައިފިއެވެ. އޭނާ އަސްމައްޗަށް ސަވާރު ވެވަޑައިގެން ސިފައިންގެ ދެން ތިބި މީހުން ގޮވައިގެން އެއްފަރާތަކަށް ވަޑައިގެންފިއެވެ.
"މިއީ ކާކުބާވައެވެ!" ރަންބީރު އިރުއިރުކޮޅާ އޭނާގެ ހިތްޕުޅާ މި ސުވާލު ކުރައްވައެވެ. ލަޝްކަރާ ދިމާޔަށް ވަޑައިގެންނެވި މަގުމަތީގައި ރަންބީރަށް އިވިވަޑައިގަތީ ފާރަވެރީން އެކަކު އަނެކަކާ ހިންދީ ބަހުން ވާހަކަ ދައްކާ އަޑެވެ. ސިފައިންގެ އެކަކު ބުންޏެވެ. "މި ނާކާމިޔާބަށް ފަހު ހިންދުސްތާނުގެ ހުރިހައި ރަސްރަސްކަލުންނަށް ވެސް ދޭހިންދުގެ ވެރީންނަށް އެހީ ވެވަޑައިގަތުމުގެ ބޭނުންފުޅެއް ނެތްކަން ޔަޤީން ވެވަޑައިގަންނަވާން ޖެހޭނެއެވެ. މިހާރު ތަރުލޯޗަންޕާލަށާއި އޭނާގެ ދަރިކަލުންނަކަށް ޕަންޖާބުގައި އެއްވެސް ޖާގައެއް ނެތެވެ."
ދެވަނަ މީހާ ބުންޏެވެ. "އަހަންނަށް ޔަޤީނެވެ. ބުރަހުމަނުން މިތާނގެ ރައްޔިތުން ލައްވައި އެންމެ ފަހު މީހާއަށް ދާންދެން ވެސް ހަނގުރާމަ ކުރުވާނެއެވެ. ތަރުލޯޗަންޕާލް އަވަހާރަ ވެއްޖެ ކަމުގައި ވާނަމަ އެހެން އެތައް ރަސްކަލުންނެއް މައިދާނަށް ނުކުމެވަޑައިގަންނަވާނެއެވެ."
ތިންވަނަ މީހާ އޭނާގެ ޚިޔާލު ފައުޅު ކުރިއެވެ. "އަހަންނަށް ޔަޤީނެވެ. މި ހަނގުރާމައިގައި ވެސް ބުރަހުމަނެއްގެ ގައިގައި ކޫރުމެއް ވެސް ނޭޅޭނެއެވެ. އެބައިމީހުން ތިބީ ކިއްލާގެ ތެރެޔަށް އެތައް ބުދުތަކެއް ޖަމާ ކޮށްގެންނެވެ. އެތައް ދުވަހެއްގެ ކުރީއްސުރެ އެ ތަކެތި ހެއިލެއްވުމަށް ރަނގަބީލު ޖަހައި ސަންގު ފުމެ ހެދިއެވެ. ނިކަން ދެކޭން ތިބޭށެވެ! ނިގަރުކޯޓެކޭ އެއްގޮތަށް މި ކިއްލާ ދޫ ކޮށްލައިފައި އެބައިމީހުން ފިލާން ދުވާ އިރު ވެސް އެ ބުދުތަކާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓާނެއެވެ."
"އެބައިމީހުން ފިލާން ނުއުޅެ މިހައި އިރު ވާންދެން ތިބޭނެހެން ހީ ވޭހެއްޔެވެ؟" ފުރަތަމަ ވާހަކަ ދެއްކި ސިފައިންގެ މީހާ މިހެން ބުނެލައިފައި، ރަންބީރާ ދިމާޔަށް އެނބުރިފައި ދެންނެވިއެވެ. "މަނިކުފާނުގެ ރަށަކީ ކޮބައިތޯއެވެ؟"
ރަންބީރު ޖަވާބެއް ނުދެއްވިއެވެ. އޭނާގެ އެކުވެރީންގެ ތެރެއިން ދުވަސް ވީ މީހަކު ޖަވާބު ދިނެވެ. "އަހަރެމެންގެ ރަށަކީ ގުނޫޖެވެ."
ސިފައިންގެ މީހާ ޖަވާބު ދިނެވެ. "އެހެން ވީ އިރު އަހަރެމެންނަށް ގުނޫޖަށް ވެސް ދާން ޖެހޭނެއެވެ."
ތުރުކީ ސިފައިންގެ މީހެއް (ހީ ވާ ގޮތުން އޭނާ އަކީ ދެން ތިބި ސިފައިންގެ އޮފިސަރެކެވެ) ކޮށަކޮށައިގެން ހިންދީ ބަހުން ވާހަކަ ދެއްކިއެވެ. "ކަލޭމެންނަކަށް ޤައިދީންނާ ސަމާސާ ކުރުމުގެ އަމުރެއް ނެތެވެ."
ސިފައިންގެ މީހާ ޖަވާބު ދިނެވެ. "މިއީ ސަމާސާއެއް ނޫނެވެ. އަޅުގަނޑު މި މައްސަލައިގައި ވަރަށް ސީރިޔަސްކަމާ އެކު ވިސްނައިފީމެވެ. އަޅުގަނޑަށް ޔަޤީނެވެ. އަޅުގަނޑުމެންގެ ޤައުމުގެ ނަސީބުގެ ނިޔާ ކަނޑައެޅޭ ހަނގުރާމަތައް ހިނގާނީ ގަންގާ އާއި ޖަމްނާގެ ވާދީގައެވެ. އެތާނގައި އެތިބަ މީހުންނަކީ އަޅުގަނޑުމެންނަށް ވުރެ ވެސް މާ ބޮޑަށް އަނިޔާ ލިބިފައި ތިބި ބައެކެވެ. سلطان محمود އަކީ ޤުދުރަތުން އަނިޔާ ލިބިފައި ވާ އިންސާނިއްޔަތުގެ އާދޭހަށް ފޮނުއްވި ޖަވާބެއް ކަމުގައި ވާނަމަ އޭނާ އެތަނަށް ވަޑައިގަންނަވާނެކަމީ އެއްވެސް އޮޅުމެއް އޮތް ކަމެއް ނޫނެވެ."
އީރާނުގެ ނުވަތަ އަފްޣާނިސްތާނުގެ ބަޔަކު މިފަދަ ވާހަކަތަކެއް ދެއްކި ނަމަ ރަންބީރަށް މާކަ ބޮޑު އަސަރެއް ކުރާނެކަމެއް ނޭނގެއެވެ. ނަމަވެސް ހިންދުސްތާނުގެ ބައެއްގެ ދުލުން އެ ވާހަކަތައް އަޑު އިވިވަޑައިގަތުމުން އެކަން ހިމެނުނީ ރަންބީރަށް ކެތް ކުރައްވާން އުނދަގޫފުޅު ކަމަކަށެވެ. ނަމަވެސް އޭނާ ހުންނެވި އާރެއްބާރެއް ނެތް ޙާލުކޮޅުގެ އިޙްސާސް އޭނާގެ އަނގަފުޅު ހުޅުއްވައިލައްވާކަށެއް ހުއްދައެއް ނުދިނެވެ. އޭނާ އޭނާގެ ހިތްޕުޅުން ވިދާޅުވިއެވެ. "މި ކަހަލަ މޮޔަ ރަޙުމަތްތެރީންގެ މަޝްވަރާގެ ސަބަބުން محمود ގެ ހިތްޕުޅުގައި ގަންގާ އާއި ޖަމްނާގެ ވާދީން ފުތޫޙާތުތަކެއް ހޯއްދެވުމުގެ ޝައުޤުވެރިކަން އުފެދިއްޖެއްޔާ ކަލާކޯއެވެ. އޭރުން އޭނާއަށް ދޭވަތާއިންގެ މުޤައްދަސް ބިމުގައި ފިޔަވަޅު އެޅުއްވުމާ އެކު، މިނިކާވަގު ޝިކާރަ ކުރައްވާ ހިތްޕުޅުން ސިންގާ ކޮށްޓަކަށް ވެދެވަޑައިގެންނެވިއްޖެކަން އިޙްސާސް ކުރެއްވޭނެއެވެ."
އިރުކޮޅެއްގެ ފަހުން ރަންބީރު އޭނާގެ ވަށައިގެން ހިނގާ ހުރިހައި ކަމެއްގެ މަތީން ހަނދުމަފުޅު ނައްތައިލައްވައިފައި، ޚިޔާލުފުޅު ކުރައްވަމުން ގެންދެވީ ހިންދުސްތާނުގެ މެދުތެރޭގެ ރާޖްޕޫތު ރަސްރަސްކަލުންގެ ގުނައި ޢަދަދު ނުކުރެވޭ ފަދަ ލަޝްކަރުތައް سلطان محمود އާ ހަނގުރާމަޔަށް ސަފު ހަދައިގެން ތިއްބަވާ މަންޒަރާ މެދުގައެވެ. ރަންބީރު ޚިޔާލުފުޅު ކުރައްވާ ގޮތުގައި، ހަމައެކަނި ހިންދީ ރާޖާއިންގެ ގުޅިފައި ވާ ލަޝްކަރުގެ ކުރީ ސަފުތަކުގައި ތިބޭ ނީލަގެރިއެތްތަކުގެ ގިނަކަމުން މުސްލިމުން ބިރުން ފިލައިފާނެއެވެ. މިހާރު މުސްލިމުންގެ ފުތޫޙާތުގެ ސަބަބުން އަސަރު ކޮށްގެން މުސްލިމުންނާ ބައިވެރި ވެ ހިންދީންގެ ދޭވަތާއިންތަކަށް މަލާމާތް ކުރަމުންގެންދާ އިންޑިއާ މީހުން ހަނގުރާމަ ފެށުމުގެ ކުރީން މުސްލިމުން ބަލި ވާނޭކަން ޔަޤީން ވެގެން އެ ބޭފުޅުންނާ ބައިވެރި ވެދާނެއެވެ.
ހިންދީންގެ ތެރެއިން އިސްލާމް ދީން ޤަބޫލު ކޮށްގެން ތިބި ސިފައިންނާ މެދު ރަންބީރުގެ ހިތްޕުޅުގައި އުފެދުނު ކޯފާ މިހާރު ވަނީ ފޫހިފުޅުކަމާއި ނަފުރަތަށް ބަދަލު ވެފައެވެ.
ނަންދުނާގެ ކިއްލާ ފަތަޙަ ވުމުން، ހުރިހާ ޤައިދީން ވަނީ ފޭލިގެތަކުން ކިއްލާއަށް ބަދަލު ކޮށްފައެވެ. محمود ގެ ލަޝްކަރު ކަޝްމީރަށް މިޞްރާބު ޖަހައިފިއެވެ. سلطان محمود ގެ އޮފިސަރުންގެ ތެރެއިން އެ ބޭފުޅެއްގެ ބުރުސޫރަފުޅާއި ކެރިވަޑައިގަތުމާއި ހިތްވަރުފުޅުގަދަކަމުގެ ސަބަބުން ރަންބީރުގެ ހިތްޕުޅުގައި ފިލުއްވައިނުލެއްވޭ ވަރަށް އެ ބޭފުޅެއްގެ ހަނދުމަފުޅު ބިންވަޅު ނެންގެވުނު އޮފިސަރާ ބެހޭގޮތުން މަޢުލޫމާތެއް ލިބިވަޑައިގަންނަވާތޯ ރަންބީރު ވަރަށް ބޮޑަށް ބެއްލެވިއެވެ. ނަމަވެސް އޭނާ ރަންބީރަށް ދެވަނަ ފަހަރަކު ފެނިވަޑައެއްނުގެންނެވިއެވެ.
+ + +
ހަނގުރާމައިގައި ހައްޔަރު ވެވަޑައިގެންފައި ހުންނެވި ޤައިދީއެއްގެ ޙައިޘިއްޔަތުން ނަންދުނާގެ ކިއްލާގައި ރަންބީރު ހުންނަވާތާ ހަތަރު އަހަރެއްހައި ދުވަސް ވެއްޖެއެވެ. އެ ދުވަސްވަރު ހިންދުސްތާނުގެ އެކި ހިސާބުހިސާބުންނާއި ހިންދުސްތާނުގެ ބޭރުން އުތުރުގެ ޤައުމުތަކުން سلطان محمود ހޯއްދަވާ ފުތޫޙާތުގެ ޚަބަރުތައް އިވިވަޑައިގަންނަވަމުން ދެއެވެ.
ކިއްލާގައި ތިބި ޤައިދީންގެ ޢަދަދު ވަރަށް މަދު ވެއްޖެއެވެ. ކިއްލާއިން ސަލާމަތް ވި ޤައިދީންގެ ތެރެއިން ގިނަ މީހުންނަކީ އިސްލާމް ދީނަށް ގޮވައިލައްވާ މުބައްލިޣުންގެ ތަބްލީޣުގެ ސަބަބުން އިސްލާމް ދީން ޤަބޫލު ކޮށްގެން މިނިވަންކަން ހޯދި މީހުންނެވެ. އޭގެ ތެރެއިން ގިނަ މީހުން ބައިވެރި ވީ سلطان محمود ގެ ލަޝްކަރުގައެވެ. އެބައިމީހުން އިސްލާމީ ލަޝްކަރުގައި ބައިވެރި ވީ އެބައިމީހުންގެ މުސްތަޤުބަލުގެ ޖާމިނަކީ ހަމައެކަނި ހިންދުސްތާނުގައި އިސްލާމް ދީނަށް ފަތަޙަ ލިބުންކަން ޔަޤީން ކުރެވިފައި ވާތީއެވެ.
ހަތަރުވަނަ އަހަރު ނަންދުނާގެ ކިއްލާގައި ތިބީ މުޅިއެކު ސަތޭކަ ފަންސާސް ޤައިދީންނެވެ. އެއީ ތަނަވަސްކަން ހުރުމާ އެކު ވެސް ފިދުޔަ ދޭން އެއްބަސް ނުވެ އެބައިމީހުންގެ ދީންމަތީގައި ސާބިތު ވެތިބި މީހުންނެވެ.
ރަންބީރެކޭ އެއްފަދައިން އެބައިމީހުން ވެސް ތިބީ ހިންދުސްތާނުގެ އިރުމައްޗާއި ދެކުނު ފަރާތުގެ ރަސްރަސްކަލުން އެ ބޭފުޅުންގެ ގޮށްފުޅަނގި ބައިގަނޑުގަނޑު ކަހަލަ ޢަދަދު ގިނަ ލަޝްކަރުތަކާއިގެން މުސްލިމުން ފުނޑުފުނޑު ކުރައްވަމުން ވަޑައިގެން ކިއްލާގެ ދޮރޯށި ހުޅުއްވައިލައްވައިފައި "ހިންދީ ދީނަށް ނަޞްރާއި ނަޞީބެވެ" ވިދާޅުވެ ނަޢުރާ ކުރައްވަމުން އެބައިމީހުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އެހައިތަނުން ޣަޒްނީ ކީއްކުރާންތޯއެވެ! އޭޝިއާގެ މެދުތެރެޔާ ހަމަޔަށް މުސްލިމުންގެ ފަހަތުން މުސްލިމުން ފައްސަމުން ހިންދީންނަށް ކުރިޔަށް ދެވޭނެ ކަމުގައެވެ.
ނަންދުނާގެ ކިއްލާ އަކީ މިހާރު ޖަލަކަށް ވުރެ ބޮޑަށް އިސްލާމީ ލަޝްކަރުގެ ޢަސްކަރީ މަރުކަޒެކެވެ. ސިފައިންނަށް ބޭނުން ވާ ވަރަށް ވުރެ އިތުރަށް ހުންނަ އަސްތަކާއި ނީލަގެރިއެތްތައް ބައިތިއްބައިފައި ތިބެނީ އެ ކިއްލާގައެވެ. ސިފައިންގެ ތެރެއިން ޒަޚަމް ވާ މީހުން ކުރެ ގިނަ ދުވަހު ފަރުވާ ކޮށް އަރާމު ކުރާން ބޭނުންވާ މީހުން ވެސް ފޮނުވަނީ އެ ކިއްލާއަށެވެ. ހަނގުރާމައިގައި ހައްޔަރު ވެވަޑައިގަންނަވާ ހިންދީ ރަސްރަސްކަލުންނާއި ޢިއްޒަތްތެރި އަމީރުން ކުރެ ކޮންމެވެސް ރައްކައުތެރި ތަނަކަށް ފޮނުވާން ޖެހޭ ބޭފުޅުން ވެސް ފޮނުވަނީ އެ ކިއްލާއަށެވެ.
سلطان محمود އަލަށް ހޯއްދަވާ ފުތޫޙާތާ ބެހޭގޮތުން ބިދޭސީންނާއި ހިންދުސްތާނުގެ އައު މުސްލިމުންގެ ފަރާތުން ރަންބީރަށް ލިބިވަޑައިގަންނަވާ ޚަބަރުތަކަށް އިތުބާރު ނުކުރެއްވުމަކީ އޭނާގެ އާދައެކެވެ. ނަމަވެސް އަލަށް ކިއްލާއަށް ގެނެވޭ ކޮންމެވެސް ހިންދީ ޤައިދީއަކު އެއީ ތެދެއް ކަމުގައި ދެންނެވުމުން، އޭނާ ހިތާމަފުޅުތައް އޮއްބަވައިލައްވައިގެން މަޑުމަޑުން ހުންނަވަނީއެވެ.
ރަންބީރު ހައްޔަރު ވެވަޑައިގެންނެވިތާ ދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް ވަނީ سلطان محمود ޑޭރާ ގޯޕީޕޫރުގެ ރަސްގެފާނު ބަލި ކުރައްވައިފައި ތާނީރާ ދިމާޔަށް ދަތުރު ކުރައްވާ ޚަބަރު ލިބިވަޑައިގެންފައެވެ. އެއިރު ކިއްލާގައި ހާހެއްހައި ޤައިދީން ތިއްބެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން ރަންބީރު ދެރަފުޅު ވުމުގެ ބަދަލުގައި އެކަމާ ކުރެއްވީ އުފާފުޅެވެ. އެހެނީ ތާނީރުގައި ހުންނަ ޗަކަރުސުވާމީގެ ބުދުގެ ކަރާމާތާ ބެހޭގޮތުން ގުނައި ޢަދަދު ނުކުރެވޭހައި ގިނަ ވާހަކަތައް އަޑު އަހައިފައި ނުވާ އެކަކު ވެސް ޤައިދީންގެ ތެރެޔަކު ނެތެވެ. އެބައިމީހުން އެކަކު އަނެކެއްގެ ގާތު ބުނަމުން ގެންދިޔައީ، ތާނީރަށް ވަޑައިގަތުމަށް سلطان محمود އަށް ދަޢުވަތު އެރުވީ އޭނާގެ އަޖަލު ކަމުގައެވެ. އެ ޚަބަރު ލިބުމުން، ޤައިދީންގެ އެތައް ބަޔަކު އެބައިމީހުންގެ ކުރިމަތީގައި ކޮންމެ ދުވަހަކު އިސްލާމް ދީން ތަބްލީޣު ކުރައްވާ ދީނީ ޢިލްމުވެރިޔާގެ އަރިހަށް ޖަމާ ވެއްޖެއެވެ. ޤައިދީންގެ މީހަކު އޭނާގެ އަރިހުގައި ދެންނެވިއެވެ. "އަޅުގަނޑުމެންގެ ދޭވަތާއިންނަށް މުސްލިމުންނަށް އެއްވެސް ގެއްލުމެއް ނުދެވޭނެކަމުގައި މަނިކުފާނު ވިދާޅުވަމުއެވެ. ނަމަވެސް ތިޔަ ބޭފުޅުންގެ ރަސްގެފާނު މިހައިތަނަށް މުގުރުއްވައިފައި ވަނީ އަޅުގަނޑުމެންގެ ކުދިކުދި ކަލާނގެތަކުގެ ބުދުތަކެވެ. މި ފަހަރު محمود އެ ވަޑައިގަންނަވަނީ ދީނުގެ އެއްވެސް ދުޝްމަނަކަށް އެ ތަނަށް ގޮސްފައި ދިރިހުރެ އެނބުރި ނާދެވޭ ތަނަކަށެވެ. ވުމާއެކު ތިޔަ ބޭފުޅުންގެ ކަލާނގެ ޗަކަރުސުވާމީގެ ކޯފާއިން محمود ސަލާމަތް ކުރައްވައިފި ކަމުގައި ވާނަމަ އަޅުގަނޑު އިސްލާން ވެދާނަމެވެ."
މުސްލިމުންގެ ޢިލްމުވެރިޔާ ހިނިފުޅު ވަޑުވައިލައްވައިފައި ޖަވާބު ދެއްވިއެވެ. "ކަލޭ ޗަކަރުސުވާމީގެ ބުދަކީ މާތްރަސްކަލާނގެ ކިބަފުޅަށް ވާ ޝަރީކަކު ކަމުގައި ބަލަނީހެއްޔެވެ؟ ނިކަން ދެކޭން ހުންނާށެވެ! ދުވަސްކޮޅެއްގެ ތެރޭގައި ކަލެޔަށް ޙަޤީޤަތް އޮޅުން ފިލައިފާނެއެވެ. އެ ބުދަކީ ހަމައެކަނި ހިލަގަނޑެއްކަން އެނގިދާނެއެވެ."
(ނުނިމޭ)
haadha reechey mibai thankolheh kuru shukuran