ޑޮމެއިން ނަންބަރު

ޑޮމެއިން ނަންބަރަކީ، ހާދަ ނަސީބުގަދަ ނަންބަރެކެވެ. އަގު އެރުން އޮތީ ހީކޮށްލެވުނު ވަރެކޭ ދެންނެވިދާނެއެވެ. އެހެން ނަމަވެސް ހަނދާން ބަލި ނޫންކަމުގައި ވާ ނަމަ، އެންމެ ފުރަތަމަ ޑޮމެއިން ނަންބަރު ވިއްކަވަން ފެއްޓެވީ ވަރަށް ކުޑަ އަގެއްގައެވެ. ސައިކަލު ނަންބަރެއް، 500 ރުފިޔާއަށެވެ. ކާރު ނަންބަރެއް، 1000 ރުފިޔާއަށެވެ.

އަޅުގަނޑުގެ ބޭބެއެއްގެ އެންމެ ޗާލާކު ދުވަސްވަރު ގެންގުޅުއްވީ، ދަފަތްހިއްލި ސައިކަލެކެވެ. އެ ސައިކަލަށް ޑޮމެއިން ނަންބަރެއް ވެސް ހޯއްދެވިއެވެ. ނަންބަރު ނަންގަވަމުން އެ ނަންބަރު ރަނގަޅުތޯ އަޅުގަނޑު ގާތު އެއްސެވުމުން ރަނގަޅުކަމަށް ނަންގަތީމެވެ. އެއީ 7867 އެވެ. އޭރު ރަނގަޅުކަމަށް އަޅުގަނޑު ނަންގަތީ މާބޮޑު ވިސްނުމެއް ނެތިއެވެ. ހަމައެކަނި ވިސްނައިލީ ހަތަކާއި އަށެއް އެއީ ގާތް ދެ އަކުރަށްވުމާއި ހަޔަކާއި ހަތެއް ވެސް އެއީ ގާތް ދެ އަކުރަށް ވެފައި ފެށޭށާއި ނިމެން ހަތެއް އޮންނާތީއެވެ.

އޭގެ އަހަރުތަކެއް ފަހުން، ބޭބެ އެ ސައިކަލު ވިއްކަވައިލައްވައިފިއެވެ. ސައިކަލު ގަނެގެން ގެންދިޔައީ، ރާއްޖޭގެ ކޮންމެވެސް ރަށަކަށެވެ. އޭގެ އަހަރުތަކެއް ފަހުން އެނގުނު ގޮތުގައި އެ ސައިކަލު ހަލާކުވެގެން ރަށުން ހެދޭ ގޮތް ނުވެގެން "އެހެލި ގޮތަށް" ސައިކަލު ވީރާނާވީއެވެ.

ކަން މިހެން ވެފައިވަނިކޮށް، ޓްރާންސްޕޯޓު މިނިސްޓްރީގައި އުޅުއްވާ ގާތް ރައްޓެއްސަކާ ދެކެވުނު ވާހަކައެއްގެ ތެރެއިން މި ދެންނެވުނު ޑޮމެއިން ނަންބަރުގެ ވާހަކަ ނެގިއްޖެއެވެ. ސައިކަލުގެ އަސްލު ނަންބަރާއި ޑޮމެއިން ނަންބަރަކީ، މުޅިން ދެ ނަންބަރެއްކަމަށާއި ސައިކަލު ވިއްކައިލިޔަސް އެ ނަންބަރު ނުވިއްކަންޏާ، އެ މީހެއްގެ އެހެން ސައިކަލެއްގައި އެ ނަންބަރު ބޭނުން ކުރެވޭނެކަމަށް އޭނާ ބުނުއްވިއެވެ. މި ލިބުނީ ރަނުގެ ފުރުސަތެކެވެ. ކުރަން ޖެހުނު ކަމަކީ، ޑޮމެއިން ނަންބަރު ގަތް ރަސީދުކޮޅު ހޯދުމެވެ. ވަރަށް މަސައްކަތުން އޭގެ ކޮޕީއެއް އަތުޖެހިއްޖެއެވެ. ނަސީބު ވެސް ރަނގަޅުކަމުންނެވެ.

ބޭބެ ގާތު ނަންގަތުމުން އެ ނަންބަރު އަޅުގަނޑަށް ދެއްވިކަމުގެ ސިޓީއެއް ދެއްވައިފިއެވެ. އެއާ އެކު ޓްރާންސްޕޯޓަށް ހުށަހެޅުމުން މާބޮޑު ތަކުލީފަކާ ނުލައި އެ ނަންބަރު އަޅުގަނޑުގެ ނަމަށް ބަދަލުކޮށް ދެއްވައިފިއެވެ.

7867 އެންމެ ފުރަތަމަ އަޅުގަނޑު ބޭނުން ކުރަން ފެށީ، އަޅުގަނޑު ދުއްވި "ޔަމަހާ-މޭޓް" ސައިކަލެއްގައެވެ. ގަތް އިރުވެސް ސައިކަލު ދެބައިން ބާވެފައި ހުއްޓަސް، ޑޮމެއިން ނަންބަރެއް ޖަހައިލުމުން ސައިކަލުގެ އަގު ވަރަށް މަތިވެއްޖެއެވެ.

އެކި ފަހަރު މަތީން ދިމާވާ ރައްޓެހިން ހާދަ ރީތި ނަންބަރެކޭ ބުނެލައެވެ. އެއް ދުވަހަކު ރައްޓެއްސަކު ބުންޏެވެ. 786 އެއީ ކުރިން ބިސްމިއަށް ބޭނުންކޮށް އުޅުނު ނަންބަރެކެވެ. އެހެންވީމާ ރަނގަޅު ނަންބަރެކެވެ. އެކަމަކު ދެން އޮތް ހަތެއް ނެތް ނަމަ، ވަރަށް ރަނގަޅުވީހެވެ. އަޅުގަނޑުގެ ހިތަށް ކުއްލިއަކަށް އައީ، އެއީ ވެސް ބޭކާރު ނަންބަރެއް ނޫންކަމުގެ ޖަވާބެކެވެ. އަޅުގަނޑު ބުނީމެވެ. އެއީ، "ލަކީ ސެވަން" އެވެ. ބިސްމިއަށް ފަހު، "ނަސީބުގެ" ހަތެކެވެ.  އޭނާ ވަރަށް ގަޔާވި ޖަވާބަކަށް ވިއެވެ.

ދުވަސްކޮޅެއް ފަހުން ނަންބަރުގެ އަގު އަރަން ފަށައިފިއެވެ. ޔަގީނުން ވެސް އެ "ލަކީ ސެވަން"ގެ ސަބަބަކުން ނޫނެވެ. ކޮންމެހެން އެ ނަންބަރަށް ވެގެނެއް ވެސް ނޫނެވެ. ޑޮމެއިން ނަންބަރެއް ވީމައެވެ. އެކި ދުވަސްވަރު ޑޮމެއިން ނަންބަރު ވިއްކެވުން ޓްރާންސްޕޯޓް މިނިސްޓްރީން ހުއްޓަވައިލައްވާތީ ވެސް މެއެވެ. ކޮންމެއަކަސް ފަހަތުން އައިސް އަރާހަމަކޮށްފައި ނަންބަރު ވިއްކަފާނަންތޯ އަހަން ފަށައިފިއެވެ. ނަންބަރަށް އެކި ހުށަހެޅުންތައް އަންނަން ފަށައިފިއެވެ. އެކަކު ހުށަހެޅީ ކުޑަ ކާރެކެވެ. ބޭނުން ވައްތަރެއްގެ ސައިކަލެއް ލިބެން ވެސް އޮތެވެ. އަދި އަގެއް ކިޔާފައި ނަންބަރު ވިއްކަން އެދުނު މީހުންގެ އަދަދު، އަތުގެ އިނގިލިތަކުން ގުނައިލެވޭ ވަރަށް ވުރެ ގިނަ ވާނެކަން ޔަގީނެވެ.

ފަހުން އަދި އެހެންކަމެއް ވެސް ދިމާވިއެވެ. "އަޅުގަނޑުގެ ސައިކަލު" ހުންނަން އެކަށީގެން ނުވާ ހިސާބަކުން ކޮންމެވެސް ވަރަކަށް ސައިކަލު ފެންނަން ފެށީއެވެ. ޑޮމެއިން ނަންބަރެއް ވީމާ، ގާތް ރައްޓެހިންނާއި ދަންނަ މީހުންނަށް ވެސް "އަޅުގަނޑުގެ ސައިކަލު" ހަމަ ފެންނަ އިރަށް އެނގޭތީ، އެކަމުގެ ހިތްހަމަ ނުޖެހުމާއި "ޝައްކު"ގެ އަޑުތައް އަންނަން ފަށައިފިއެވެ. މި ފަހަރު "ލަކީ" މި ދިމާވާން ފެށީ އޭގެ އިދިކޮޅަށެވެ. "ލަކީ ސެވަން"ގެ ތެރެއިން ނޫނަސް އެކަން ހައްލުކޮށްލެވިއްޖެއެވެ.

އޭގެ ވެސް އަހަރުތަކެއް ފަހެވެ. ޑޮމެއިން ނަންބަރު، އަނެއްކާ ވެސް މިވީ ކޮންމެ ވެސް ބަޔަކަށް ވަރަށް "ބަރަކާތްތެރި" ނަންބަރަކަށެވެ. ޑޮމެއިން ނަންބަރުތައް އަލުން ރަޖިސްޓަރީ ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގަވައިފިއެވެ. ވަކި މުއްދަތެއްގެ ތެރޭގައި ހުށަނޭޅިއްޖެ ނަމަ، އެ ނަންބަރެއް ކެންސަލު ވާނެކަމަށް ވެސް އިއުލާނު ކުރެއްވިއެވެ. އަދި އަލުން ރަޖިސްޓަރީ ކުރާއިރު 500ރގެ "ޚައިރާތެއް" ކޮށްލަން ވެސް ޖެހޭ ގޮތަށެވެ. އެއީ އެ މިނިސްޓަރީގައި އޮންނަ "ޑޮމެއިން ނަންބަރުތަކުގެ ރަޖިސްޓަރީ" އަދާހަމަކުރެއްވުމަށް ކުރެއްވި ކަމެއް ކަމަށް އަޑުއެހީމެވެ. އެކަމަކު އުފެދޭ ސުވާލަކީ، އެ މިނިސްޓަރީންގެ ރަޖިސްޓަރީއެއް ފުރިހަމަކުރެއްވުމަށް، ބަޔަކު ގަނެފައިވާ ނަންބަރަކަށް އަލުން ފައިސާއެއް ދައްކަން ޖެހުމަކީ، ހަމަ އެންމެ ރަނގަޅު ގޮތެއް ބާވައެވެ. ޑޮމެއިން ނަންބަރުތައް ގެންގުޅޭ މީހުން އެ މިނިސްޓަރީއަށް މައުލޫމާތު ހިއްސާކޮށްލުމުން، އެ ރަޖިސްޓަރީ އަދާހަމަ ނުކުރެއްވޭނެ ބާވައެވެ. އަޅުގަނޑުމެންގެ ޒަމާނުގައި ނަންބަރު ގަނެފައިވަނީ، މިހާރުގެ ނިސްބަތުން ކުޑަ އަގެއްގައި ކަމަށް ވިޔަސް، ފަހަކަށް އައިސް ޑޮމެއިން ނަންބަރުގެ އަގުތައް ހުރީ ހަ އަކުރަށް އަރައިފައެވެ. އޭގެ މައްޗަށް އަނެއްކާ ވެސް "އަގެއް" ދައްކަން ޖެހުނީއެވެ.

އަލަށް ނަންބަރުތައް ރަޖިސްޓަރީ ކުރަން ޖެހުމުން ނޭނގިގެންނާއި އަލުން ފައިސާ ދައްކައިގެން ނަންބަރު ނުނަގަން ވެގެން އެކަމާ ނޫޅުނު އަދި ނޫޅެވުނު އެތައް ބައެއްގެ ނަންބަރުތައް މިހާރު ހުންނާނީ އަލުން އަނބުރާ ޓްރާންސްޕޯޓް މިނިސްޓަރީއަށް މިލްކުވެފައި ނޫން ބާވައެވެ. އެހެން ކަމަށް ވާނަމަ، އެ ނަންބަރުތައް އަލުން ވިއްކަވައިލެއްވުމުގެ ފުރުސަތު ފަހިވީއެވެ. ދޭތެރެއަކުން މި ކަހަލަ ކަންކަން ކޮށްލުމަކީ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދެއްވުމަށް ސަރުކާރަށް ފައިސާކޮޅެއް ހޯއްދެވިދާނެ "ގޮތެކެވެ."

އެހެންކަމުން ޑޮމެއިން ނަންބަރުގެ ނަސީބު މި އޮތީ، އެ ކޮޅަށާއި މި ކޮޅަށް ވެސް ނަސީބެއްގެ ގޮތުގައެވެ. އަޅުގަނޑުގެ "ލަކީ ސެވަން" ފަދައިންނެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް އަށް ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.