
( 23 ޖުލައި 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
މުރުތަސިމަށްވެސް އަދި މީރަބަށްވެސް ކުރިޔަށް ޖެހިލައި އެކުއެކުގައި އެކަކު އަނެކަކާ ގާތަށް ޖެހިލެވުނެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހައިލިއެވެ. މީރަބް ގޮސް ދޮރުހުޅުވާލިއިރު އެއީ ، ޙަޔާއެވެ. އެކޮޓަރީގެ ދޮރުމަތީ ޙަޔާ އެ އެނބުރެނީ ކީއްވެތޯ މީރަބް ސުއާލު ކުރިއެވެ.
" މުރުތަސިމަކީ ، އިރުގެ އަލިކަންފަދައިން އަހަރެންގެ ޙަޔާތުގެ އަލިކަމެވެ. މިހިސާބުގައި އަބަދުވެސް އަހަރެން އެނބުރޭނަމެވެ. " އެއްވެސް ޖެހިލުމެއްނެތި ޙަޔާ ބުންޏެވެ.
މީރަބަށް ޖަވާބު ދިނުމަށްފަހު ، ޙަޔާ އެތަނުން ހިނގައިގަތްތަނާ ، މީރަބްވެސް ޙަޔާއަށް ރައްދު ދިނެވެ. ކިތަންމެވަރަކަށް ، އެހިސާބުގައި ބުރުއެޅިޔަސް ، ޙަޔާއަށްޓަކައި އެކޮޓަރީގެ ދޮރު ، ނުހުޅުވޭނެކަމަށް މީރަބް ބުންޏެވެ.
" އަހަރެންގެ ޙައްޤު ދަމައިގަނެގެން މީރަބަށް ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ ؟ " ޙަޔާ އަނެއްކާވެސް ސުއާލު ކުރިއެވެ.
އެވަޤުތަކީ ، އަތުގައި ވެލި ހުރެގެން އުފެދިފައިވާ ރާޅުކަމުން ، ކައްސާލައިގެންދާން އުނދަގޫ ވަޤުތެކެވެ. މިހާރު ދުވަސްކޮޅެއް ފާއިތުވެ ހިނގައްޖެއެވެ. ދުވަސްކޮޅަކުން ، ކުރިޔަށްއޮތް ވަޤުތުވެސް އައިސް ގޮއްސާނެކަމަށް މީތަބް ބުންޏެވެ.
މީރަބް ބޭނުންވަނީ ކޮންކަމެއްތޯ ޙަޔާ ސުއާލު ކުރިއެވެ. މުރުތަސިމާއެކީ އުޅޭކަށް ބޭނުމެއް ނުވެއެވެ. މުރުތަސިމްގެ ކިބައިން ސަލާމަތްވާން ބޭނުންވެއެވެ. އެކަމަކުވެސް ޙަޔާއާ ދިމާލަށް އެއްޗެތިކިޔަން އެބަ ޖެހެއެވެ. ކައިވެނިކުރުމުން ފިރިމީހާއަށް ލިބިދޭ ޙައްޤުވެސް ، މުރުތަސިމަކަށް ނުދެއެވެ. އެހުރިހާކަމެއްވެސް އޭނާއަށް އެނގޭކަމުގައި ޙަޔާ ބުންޏެވެ.
އެހުރިހާކަމެއް އެނގޭކަމަށް ވަންޏާ ، ޙަޔާއަށް ކިހާ އުފާވެރި ހެއްޔެވެ ؟ ޙަޔާގެ މައްސަލަޔަކީ ކޮބައިކަން ، ޙަޔާއަށް އެނގޭހެއްޔެވެ ؟ މީރަބް ސުއާލު ކުރިއެވެ. މީރަބަށް އެކަން އެނގެއެވެ. ކޮންމެ ވަޤުތަކުވެސް ، ކޮންމެ އިރަކުވެސް ޙަޔާ ބޭނުންވަނީ މީރަބްގެ އަގުވައްޓައިލުމަށެވެ. އެކަން ނުކުރެވެންޏާ ، ޙަޔާއަކަށް ރޭގަނޑު ހަމަނިންޖެއް ނުލިބޭނެއެވެ. މީރަބްގެ މައްޗަށް ގަދަވެގަންނަން ނުކުރާކަ ކަމެއް ނޯންނާނެއެވެ.
" އެންމެ ހިނދުކޮޅަކަށްވެސް ، ޙަޔާގެ އަމިއްލަ ނަފްސާމެދު ވިސްނައިލަ ބަލާށެވެ ! އަމިއްލަ ނަފްސަށް އިޙްތިރާމްކޮށް ލޯބިކުރާށެވެ ! އޭރަށް ، ޙަޔާ ބޭނުންވާ މަންޒިލަށް ވާޞިލް ވެވޭނެއެވެ. " މީރަބް ބުންޏެވެ.
މުރުތަސިމާ ވާހަކަ ދައްކައިލަން ބޭނުންކަމުގައި ޙަޔާ ބުންޏެވެ. މިހާރަކު ނޫނެވެ. މުރުތަސިމް އެއުޅެނީ ނިދާށެވެ. އެހެންނޫނަސް ، މުރުތަސިމާ ، ޙަޔާ ވާހަކަދައްކާކަށް މީރަބް ބޭނުމެއްވެސް ނޫނެވެ. މިހާރަކު ނޫނޭބުނެ މީރަބް އޭނާގެ ކޮޓަރީގެ ދޮރު ލެއްޕިއެވެ.
އޭނާގެ ކަންކަށިމަތީ މީރަބް އެތިފަހަރެއް އަޅުވައިލިހެން ޙަޔާއަށް ހީވިއެވެ. މީރަބް ދޮރުލައްޕައިލިތަނުން ، ދޮރުހުޅުވާލާފައި ކޮޓަރި ތެރެޔަށް ޙަޔާ ވަދެގަތެވެ. އަދި މުރުތަސިމް ގާތަށްގޮސް ، އޭނާ އެބުނާ ވާހަކައެއް އަޑުއަހައިލުމަށް އެދުނެވެ.
" އަހަރެން ބުނި ކޮންމެ ވާހަކަޔަކީ ސާފު ތެދެވެ. އަހަރެން ދޮގެއް ނުހަދަމެވެ. މީރަބް ގެއިން ނުކުމެގެން ދިޔައީ ، ގެއިން ނުކުމެގެން ދާން މާބޭގަމް ( ޚާނަމް ) އެންމެ ފަހަރަކު ބުނިތަނާއެވެ. މީރަބް އެހުރީ ، އަބަދަށްޓަކާ މުރުތަސިމް ދޫކޮށްލާފައި ގޮހެވެ. " ޙަޔާ ބުނަމުން ގެންދިޔައެވެ.
ޙަޔާގެ ވާހަކަ މުރުތަސިމް ހުއްޓުވިއެވެ. އަދި ، ދޭތެރެ ޖައްސަން ހަދަހަދައގެން ވާހަކަ ނުދައްކާ އެތަނުން ނުކުމެގެން ދާން ޙަޔާއަށް މުރުތަސިމް އެންގިއެވެ. މުރުތަސިމްގާތަށް އައިސްހުރި ރުޅީގެ ސަބަބުން ، ބިރުންހުރެމެ ، އޭނާގެ ވާހަކަ ނިމެންދެން އަޑުއަހައިލުމަށް ޙަޔާ އެދުނެވެ. އެހެނަސް ، ޙަޔާ އެކޮޓަރިން ނުކުމެގެން ދިއުމަށް ، ލޯއަޅައިގެންފައި އަނެއްކާވެސް މުރުތަސިމް ބުންޏެވެ. އިތުރަށް އެކޮޓަރީގައި ހުރެގެން ލިބޭނެ ކުރިއެރުމެއް ނެތްކަން އެނގުމުން ޙަޔާ ބޭރަށް ނުކުތެވެ.
ނިދުމަށްޓަކައި ސޯފާގައި ޖައްސައިލުމަށް އެނދުގައި އޮތް ބާލީސް ނަގައިގެން މުރުތަސިމް ހިނގައިގަތްތަނާ ، އެ ބާލީސް އަތުލައި ، މުރުތަސިމަށް އެނދުގައި އޮށޯވެ ނިދިދާނެކަމަށް މީރަބް ބުންޏެވެ. އެކަން ޔަޤީން ކޮށްލުމަށްޓަކައި ، މީރަބްގެ މައްސަލައެއް އެކަމުގައި ހަމަ ނެތީތޯ ، މުރުތަސިމް ސުއާލު ކުރިއެވެ.
" އާނއެކެވެ ! މުރުތަސިމްގެ ހަށިގަނޑުގެ އެތަންމިތަން އެހުރީ ހަލާކު ވެފައެވެ. ސޯފާގައި ނިދާކަށް ފަސޭހައެއް ނުވާނެއެވެ. އެހުރިހާ ތަނަކަށް އަދިވެސް ތަދުވެސް ވާނެއެވެ. " މީރަބް ބުންޏެވެ.
މީރަބަށް ޝުކުރު އަދާކުރުމަށްފަހު ، ނުބައިފާޑެއްގެ ހިންޏެއް އައިސްހުރެ ، މުރުތަސިމްގޮސް އެނދުގައި އޮށޯވެލިއެވެ. މުރުތަސިމް ބުނެބުނެވެސް މުރުތަސިމާއެކީ އެއް އެނދެއްގައި އޮންނާކަށް މީރަބް ބޭނުމެއް ނުވިއެވެ. މީރަބް ދިޔައީ ، ބާލީސްތައް ހިފައިގެން ސޯފާއަށެވެ. އެތައް އިރެއްވީއިރުވެސް މީރަބް ގާތަކަށް ނިންޖެއް ނައެވެ. ސޯފާގައި އޮންނަން އުނދަގޫ ވެގެންނެވެ. މުރުތަސިމް ނިދިކަން ޔަޤީންކޮށްފައި ، މަޑުމަޑުން އެނދަށް އަރައި މީރަބް އޮށޯތެވެ. މުރުތަސިމް އޮތީ ނިދާކަމަށް ހަދައިގެން ހޭލާއެވެ. ބަނޑަށް ހީލަހީލައެވެ. މީރަބަށް ނިދުމާއެކީ ، މީރަބް އޮތްފަރާތަށް އެނބުރިލައި މީރަބްގެ މޫނަށް ބަލަހައްޓައިގެން އޮތެވެ. މީރަބްގެ އިސްތަށިގަނޑު މޫނުމައްޗަށް ވެއްޓިފައި އޮވެގެން ، ނިދަން އުނދަގޫވެގެން އުޅޭތަން މުރުތަސިމަށް ފެނުމާއެކު ، މީރަބާ ގާތަށް ޖެހިލައި ، މަޑުމަޑުން އިސްތަށިތައް ނަގައި ، މީރަބްގެ މޫނު އެއްކޮށް ފެންނަގޮތަށް ރީތިކޮށްލިއެވެ.
ހެނދުނު ހެނދުނާ ، މީހުން ނިދާވެސް ނުހޭލަނިސް ، މުރުތަސިމްގެ ގެޔަށް މާލިކު އައެވެ. މުރުތަސިމްވެސް އޭރު އަދި ކޮޓަރިޔަކުން ނުނުކުމެއެވެ. ޚާނަމް އައިސް ، މާލިކު އައިސްހުރި ވާހަކަ މުރުތަސިމްގާތު ބުންޏެވެ. އަދި ، އެއީ އެޢާއިލާގެ ޒަމާންވީ ދުޝްމަނެއްކަމަށާއި ، މާލިކުގެ އެއްވެސް ވާހަކައެއް ޤަބޫލުނުކުރުމަށް ، ޚާނަމް އެދުނެވެ. މުރުތަސިމް އޭނާއާ ބައްދަލު ނުކުރުމަކީ ، ޚާނަމް އެންމެ އެދޭ ގޮތެވެ. އެހެނަސް ، މެހެމާނެއްގެ ގޮތުގައި އެގޭގެ ހަތަރުފާރުގެ ތެރެޔަށް ވަތްމީހަކާ ބައްދަލު ކޮށްލުމަކީވެސް ، އިޙްސާންތެރިކަމެއްކަމަށް ޚާނަމަށް ފެނުނެވެ. މާލިކާ ބައްދަލުކޮށްފައި ، އޭނާ އެއައިބޭނުމެއް އޭނާގެ މޫނަށް ޖަހައި ، އެގެއިން ބޭރުކޮށްލުމަށް ، މުރުތަސިމްގާތު ޚާނަމް ބުންޏެވެ.
މާލިކު އެއައީ ، އެހެންގޮތެއް ނެތިގެންނެވެ. މާލިކުގެ ހުރި ހަމައެކަނި ދަރިޔަކީ ޒުބޭރެވެ. ޒުބޭރު އެވަނީ މުރުތަސިމް ގަޔަށް ބަޑިޖަހާފައެވެ. ޒުބޭރު އެކުރި ކުށުގެ އަދަބަކަށް އޭނާ ދަންޖައްސައި މަރައފިއްޔާ ނުވަތަ ޢުމުރު ދުވަހަށް ޖަލަށްލައފިއްޔާ ، މުސްކުޅި ޢުމުރުގައި އޭނާގެ ހުރިހާ އެއްޗެއް ގެއްލިގެން އެދިޔައީއެވެ. އޭނާގެ ފަރާތުން ، މާލިކު ބޭނުންވަނީ ކޮންކަމެއްތޯ މުރުތަސިމް ސުއާލު ކުރިއެވެ.
އެއީ ، ޒުބޭރު އެކުރި ކުށަށް ބަލާއިރު ، އެދެން އެކަށީގެންވާ ކަމެއްނޫންކަމެއްކަން މާލިކު ހާމަކުރިއެވެ. އެހެންނަމަވެސް ، މާލިކުގެ މުސްކުޅި ޙާލަތާއި އެކަނިވެރިކަން އެކަމަށް މަޖްބޫރު ކުރުވީއެވެ. މާލިކު ބޭނުންވީ ، މުރުތަސިމް ފުލުހުންނަށްދިން ބަޔާން އަނބުރައި ގެނެސް ، ޒުބޭރަށް މަޢާފު ކުރުމަށެވެ. މުރުތަސިމްގެ ، ރުޅިވެރިކަމުން ފުރިފައިހުރި ދެލޯ ބޮޑުވިއެވެ. އެވަގުތު ، މުރުތަސިމްގެ ކަންފަތްދޮށުގައި ބަށްވަމުން އެދިޔައީ ، އޭނާ ކޮޓަރިން ނުކުމެގެން އައި ވަގުތު މީރަބް ބުނި ބަސްތަކެވެ.
" ޒުބޭރަށް މަޢާފުދީ ، މާލިކުގެ ބޭނުން ފުއްދައި ދޭށެވެ ! " މީރަބް ބުންޏެވެ.
މާލިކަކީ ، ޒަމާނުއްސުރެ އެޢާއިލާގެ ދުޝްމަނެއްކަމަށާއި ، އެއީ އެކަށީގެންވާކަމެއް ނޫންކަން ، މުރުތަސިމް ، މީރަބަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ. މީރަބަކަށް ، މާލިކުގެ ޚަޞީލަތާއި ނުބައި ނުލަފާކަމެއް ނޭނގޭނެއެވެ.
" މަޢާފު ކުރުމަކީ ، ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގެންވާ އެއް ޢަމަލެވެ. މަޢާފުކުރުމަކީ ، އެހެންމީހުންގެ ކުރިމަތީ ، ޚާއްޞަކޮށް މަޢާފަށް އެދޭމީހާގެ ކުރިމަތީ ، މަޢާފުކުރާމީހާގެ ޤަދަރު އުފުލިގެންދާނެ ހެޔޮ ޢަމަލެކެވެ. ކުށްކުރިމީހާ އެކުށް ތަކްރާރު ނުކުރުމަށް ވާގިދެވޭ ކަމެކެވެ. ހެޔޮ ޢަމަލަކުން ނުބައިކަމެއް ނުއުފެދޭނެއެވެ. ހެޔޮ ޢަމަލާ ގުޅިފައި އަބަދުވެސް އޮންނާނީ ރަނގަޅާއި ހެވެވެ. ސަވާބާއި ދަރުމައެވެ. ޒުބޭރަށް މަޢާފު ކުރާށެވެ. " މަންމަ ބުނި އެއްޗަކާ މުޅިން އިދިކޮޅަށް އެކަމުގައި މުރުތަސިމަށް ، މީރަބް ލަފާދިނެވެ.
މީރަބްގެ ލަފަޔަކީ ، ހެޔޮ ލަފައެއްކަމަށް ޤަބޫލުކުރަން މުރުތަސިމްގެ ހިތް ބުންޏެވެ. އެހެނަސް ، މަންމަ އެބުނީކީވެސް ދޮގުވާހަކައެއް ނޫނެވެ. މާލިކުގެ އުނދަގޫ އެޢާއިލާއަށާއި ޢާއިލާއަށް ނިސްބަތްވާ ދަނޑުގައި މަސައްކަތްކުރާ އެތައްބަޔަކަށް ކޮންމެ ދުވަހަކުވެސް އަންނަނީ ފޯރަމުންނެވެ. މާލިކާ އަދި ޒުބޭރަކީ ، އަނިޔާވެރިކަން ޙައްދު ފަހަނަޅާފައިތިބި ދެމީހުންނެވެ. މީރަބްގެ ހެޔޮ ލަފަޔާއި މަންމަގެ އަނިޔާއަށް މަގުދައްކާ ނަޞޭޙަތާމެދު ، މާލިކާ ބައްދަލުކުރަން ދިޔައިރު މުރުތަސިމް ދިޔައީ ވިސްނަމުންނެވެ. ޒުބޭރަށް މަޢާފު ކޮށްދިނުމަށް މާލިކު ބުނުމާއެކީ ، މުރުތަސިމް ވަގުތުން ޖަވާބު ދިނެވެ.
" މަޢާފް ކޮށްފީމެވެ. " މުރުތަސިމް ޖަވާބު ދިނެވެ.
މާލިކު ދިޔައީ އެއްލިގެންނެވެ. އަނގަހުޅުވިފައި އެތައް އިރެއްވަންދެން މާލިކަށް އިނދެވުނެވެ. ކުއްލިޔަކަށް މާލިކަށް ކޮއްޅަށް ތެދުވެވުނެވެ. އަދި ގޮސް ، މުރުތަސިމާ ކޮނޑާކޮނޑު ޖައްސައި ސަލާމް ކޮށްލިއެވެ.
" މުރުތަސިމްގެ ތި އިޙްސާންތެރިކަން ، ދުވަހަކުވެސް އަހަރެން ހަނދާން ނައްތައެއް ނުލާނަމެވެ. މިހިސާބުން އަހަރެމެންގެ މެދުގައި އޮތް ޒަމާންވީ ޢަދާވާތްތެރިކަން މި ނިމުނީއެވެ. މުރުތަސިމްމެންގެ ދަނޑާއި ދަނޑުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށް ، އަހަރެމެންގެ ފަރާތުން އެއްވެސް ގޯނާއެއް ، މީގެފަހަކުން ނުފޯރާނެއެވެ. އެކަމަށް އަހަރެން ، ﷲ ގަންދީ ހުވާކުރަމެވެ. ވަރަށްބޮޑަށް ޝުކްރިއްޔާއެވެ. ތިޔައީ ، ޤަދަރު އުފުލިގެންވާ ޢިއްޒަތްތެރި މުރުއްވަތްތެރިއެކެވެ. އެހީތެރިކަމާއި އެއްބާރުލުން ފިޔަވައި ، އަހަރެމެންގެ ފަރާތުން ، މުރުތަސިމްމެންނަކަށް ނުފޯރާނެއެވެ. " ފެންކަޅިވެފައިހުރެ ، މާލިކު ބުނަމުން ގެންދިޔައެވެ.
މާލިކާ ބައްދަލުކުރަން މުރުތަސިމް ގޮސް އެތަނުން ނުކުންނަންދެން ، ކެތްމަދުވެފައި ޚާނަމްއާއި ޙަޔާ ތިއްބެވެ. މުރުތަސިމް ނުކުތުމާއެކީ ، ކިހިނެއްތޯވީ ޚާނަމް ސުއާލު ކުރިއެވެ. މާލިކު އައީ ، މަޢާފަށް އެދިގެންކަމަށް މުރުތަސިމް ބުންޏެވެ. އޭނާ އެއައީ ޒުބޭރަށް މަޢާފުކޮށްފައެވެ.
މީރަބްވެސް ދުރުގައި ހުއްޓިލައިގެން ހުއްޓެވެ. މީރަބްގެ މޫނުމަތި އުޖާލާވެގެންގޮސް ، މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ. ޚާނަމްގެ ދެލޯ ބޮޑުވިއެވެ. މުރުތަސިމް މޮޔަވީ ހެއްޔޭބުނެ ރުޅި އައިސް ޚާނަމް ހަޅޭއްލަވައިގަތެވެ. މުރުތަސިމްގެ އެ ހިތްވަރުގަދަ ނިންމުމަށް ، މަންމަ ސާބަސްދޭނެކަމަށް މުރުތަސިމް ހުރީ އުއްމީދުކޮށްގެންނެވެ. މުރުތަސިމް މަޢާފް އެކުރީ ، ޢާއިލާގެ ޒަމާންވީ ދުޝްމަނަކަށްކަން ، ޚާނަމް ހަނދާން ކޮށްދިނެވެ. މުރުތަސިމް އެ ސަލާމަތްކުރީ ، މީހުންމަރާ ޤާތިލެކެވެ.
" މަންމާއެވެ ! އަހަރެން މިކުރީ ، ކޮންމެވެސް އެކަކު އިސްނަގަންޖެހޭ ކަމެކެވެ. ބައްޕަޔަށް އެކަން ނުކުރެވުނީމަ ، ޒަމާނަށް ދެމިގެންދާން އެކަން ދޫކޮށްލަންވީ ހެއްޔެވެ ؟ އަހަރެން މި ޚިޔާރުކުރީ ރަޙްމަތްތެރިކަމެވެ. " މުރުތަސިމް ބުންޏެވެ.
އެ ނިންމުމަކީ ، މީރަބްގެ ނުފޫޒު އޮވެގެން ނިންމި ނިންމުމެއްކަން ޚާނަމްއަށް އެނގެއެވެ.
" އާނއެކެވެ ! ދަރިޔެއްގެ ސަލާމަތަށްޓަކައި އަހަރެންގެ އެހީއަށް އެދި އާދޭސްކުރަން ، އަހަރެންގެ ގާތަށް އެއައީ ބައްޕައެކެވެ. އެކަމަށް އަހަރެންނަކަށް އިންކާރެއް ނުކުރެވޭނެއެވެ. މަޢާފުކުރާ މީހަކީ ޤަދަރު އުފުލިގެންވާނެ ހިތްވަރުގަދަ އަދި ޤަދަރު އުފުލިގެންވާނެ މީހެއްކަމަށް ކޮންމެވެސް މީހަކު އަހަރެންގާތު އޮތީ ބުނެފައެވެ. " މުރުތަސިމް އިތުރަށް ބުންޏެވެ.
މުރުތަސިމް ، މީރަބާދިމާލަށް ބަލައިލިއެވެ. މީރަބްގެ މޫނުމަތި އުފަލުންގޮސް ފޮޅުނެވެ.
މަޑުމަޑުން ހިނގާލާފައި ކޮޓަރިޔާ ދިމާލަށް މުރުތަސިމް ހިނގައިގަތެވެ. އޭނާހުރީ ކަޅިޖަހައިނުލާ ، މީރަބާ ދިމާލަށް ބަލަހައްޓައިގެންނެވެ. މީރަބްވެސް ހުރީ މުރުތަސިމާ ދިމާލަށް ބަލަހައްޓައިގެންނެވެ. ދެމީހުންވެސް ތިބީ ފަރި ހިނތުންވުމެއްގައި ކަޅިޖަހައިނުލާ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ.
މުރުތަސިމް ނަށަމުން އެގެންދަނީ ، މީރަބްޖަހާ ބެރަށްކަން އެނގުމާއެކީ ، ޚާނަމްގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. ކައިރީ ހުއްޓިލައިގެންހުރި ޙަޔާއާ ދިމާލަށްވެސް ޚާނަމް ، އެއްޗެތި ކިޔައިގަތެވެ. ޚާނަމްވެސް ޙަޔާދެކެ ރުޅިއައީއެވެ. މުރުތަސިމްވެސް އެ ހުންނަނީ ޙަޔާދެކެ ރުޅިއައިސް ، އޭނާއާ ވާހަކަވެސް ނުދައްކައެވެ. މުރުތަސިމްގެ ކަންކަމާ ޙަޔާ ބެހެމުންދާތީ ، ޚާނަމްވެސް އެހުންނަނީ ހިތްހަމަ ނުޖެހިފައެވެ.
މުރުތަސިމް އެކުރީ އެންމެ ރަނގަޅުކަމެއްކަމަކަށް ، ޚާނަމަކަށް ޤަބޫލެއް ނުކުރެވުނެވެ. އެހެންނަމަވެސް އެކަމުގައި އޭނާއާ ބައިވެރިވާނެ އެއްވެސްމީހަކު އެގެޔަކު ނެތެވެ. ފަހަރެއްގައި އަންވަރާ ވާހަކަ ދައްކާލައިގެން ، އަންވަރު ހައްލައި ލެވިދާނެއެވެ. އެކަމަކު ، އަންވަރު މިހާރު އެހުރީ ، މީރަބް ގެއިން ނެރެލައިގެން އެކަމާ ހިތްހަމަ ނުޖެހިގެން އެގެއިން ނުކުމެ ، އަންވަރަށް ޚާއްޞަ ކުރެވިފައި ހުންނަ ބަނގަލޯއަށް ބަދަލުވެފައެވެ.
ހިތްވަރުކޮށްލާފައި ، އަންވަރާ ބައްދަލުކޮށްލުމަށް އަންވަރުގާތަށް ޚާނަމް ދިޔައެވެ. ޚާނަމްއަކީ އޭނާ މަންމަޔެއްކަމަށް ބަލާ މީހެއްކަން ހަނދާން ކޮށްދީ ، އެތައް ވާހަކައެއް ދައްކައިގެން ، ޚާނަމްމެންނާ އެއްގެޔެއްގައި އުޅެން އައުމަށް އަންވަރު އެއްބަސް ކުރުވައިފިއެވެ. އަދި ވައްޤާސް އާއި އަނީލާވެސް ، އަންވަރާއެކު އައުމަށް ޚާނަމް އެންގިއެވެ. ( ނުނިމޭ )