
އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލަތައް މެދުނުކެނޑި މިއަދުވެސް ކުރިއަށް ގެންގޮސްފިއެވެ. އިއްޔެވެސް އިޒްރޭލުން ވަނީ 115 ފަލަސްތީނީން ޝަހީދުކޮށްލައިފައެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ އެހީ ހޯދަން މަސައްކަތް ކުރަމުން ދިޔަ 79 މީހުން ހިމެނެއެވެ. މިއަދުގެ ހަމަލަތައް ދިނީ ޒިކިމްގެ ކައިރިއަށާއި އެހީދޭ ފަރާތްތަކުން މަސައްކަތްކުރަމުން ގެންދާ 13 ތަނަކަށެވެ.
ޣައްޒާގެ ސިއްހީ ވުޒާރާއިން ހާމަކުރާ ގޮތުގައި ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި 19 މީހަކު ވަނީ ބަނޑަށް މަރުވެފައެވެ. އަލިފުދާލުން ބުނާ ގޮތުގައި ފަލަސްތީނުގެ ހާލަތު މިހާރު ވަނީ "ހާލުގައި ޖެއްސުމުގެ' އައު ހަރުފަތަކަށް ގޮސްފައެވެ.
އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލަތަކާ ދެކޮޅު ހެދުމުގެ ގޮތުން އިސްލާމީ ގައުމުތަކުގައި މިހާރުވެސް ގެންދަނީ މޒާހަރާ ކުރަމުންނެވެ. އެ ގައުމުތަކުގެ ތެރޭގައި ޠޫނިސް، ޢިރާޤް، ތުރުކިޔޭ، މަޣްރިބް (މޮރޮކޯ) ލުބްނާން ހިމެނެއެވެ. މީގެ އިތުރަށް ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަﷲގައިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ޢުދުވާނީ ހަމަލަތަކުގައި މިހައިތަނަށް 58895 މީހުން ވަނީ މަރުވެފައެވެ. 140980 މީހުން ވަނީ ޒަޚަމްވެފައެވެ. މިއީ ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ހަމަލަދީ ބަޔަކު މަރައިލުމަށް ފަހު 200 މީހުން ރަހީނުކުރުމާ ގުޅިގެން ވިދިގެން އައި 8 ވަނަ ދުވަހު އިޒްރޭލުން ފެށި ޢުދުވާނެކެވެ.