ޤައުމުގެ މުސްތަޤްބަލު ބިނާވެފައިވަނީ ހުނަރުވެރި ޒުވާނުންގެ އަތް މަތީގަ: މޭޔަރ ޢާޒިމް

އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލު އޮތީ ހުނަރުވެރި، އީޖާދީ އަދި ބާރުވެރި ކުރެވިފައިވާ ޒުވާން ޖީލެއްގެ އަތްމަތީގައި ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، މި އަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ޒުވާނުންގެ ހުނަރުވެރި ކަމުގެ ދުވަހާ ގުޅިގެން، އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ދުވަހާ ގުޅިގެން، ރާއްޖޭގެ ހުނަރުވެރި ހުރިހައި ޒުވާނުންނަށް ތަހުނިޔާ ފޮނުއްވަވައި ކުރެއްވި މި ޕޯސްޓްގައި، މޭޔަރ ޢާޒިމް ވިދާޅުވީ، ޓެކްނޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް އަދި ޑިޖިޓަލް ހުނަރުތަކުގެ ޒަރީއާއިން، ހަލުވި ދުވެއްޔެއްގައި ދުނިޔެ ކުރިއަރަމުންދާ އިރު، މި ހުނަރުތަކަކީ، މިހާރު ކޮންމެހެން ވެސް ބޭނުންތެރި ހުނަރުތަކެއް ކަމުގައެވެ.

އަދި މި ވަޞީލަތްތައް ބޭނުންކޮށް، އާ ކަންތައްތައް ދަނެގަނެ، ވިސްނުންތެރި އަދި ދެމެހެއްޓެނިވި މުސްތަޤްބަލެއް ބިނާކުރުމުގައި އިސްދައުރެއް އަދާކުރާ ބަޔަކަށް ވުމަށް ވެސް، ޒުވާނުންގެ ކިބައިން މޭޔަރ ޢާޒިމް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، އުފެއްދުންތެރިކަމާއި، ކެތްތެރިކަމާއި، އަދި އުނގެނުމުގެ ޝައުޤުވެރިކަމަކީ އެ ބޭފުޅުންގެ އެންމެ ބޮޑު ބާރު ކަމަށާއި، އެހެންކަމުން މި ހުނަރުތައް އިތުރަށް ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމަށް ވެސް މޭޔަރ ޢާޒިމް ވަނީ ހިތްވަރުދެއްވަވާފައެވެ. އަދި ޒުވާނުންގެ ކުރިއެރުވުމަށް ޓަކައި ކުރާ ކޮންމެ ކަމެއްގައި މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ވެސް މޭޔަރ ދެއްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.