ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މުޅި މިލްކިއްޔާތު ވިއްކައިލިޔަސް ޕީޕީއެމްގެ މެންބަރަކު ނުގަނެވޭނެ ކަމަށް އެޕާޓީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅު ވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ މިހެން ވިދާޅުވީ ރާއްޖެ ޓީވީއަށް ގާސިމް އިއްޔެ ދެއްވި އިންޓަރވިއުއެއްގައި އަބްދުއްރަހީމް އަބްދުﷲ އާއި، ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކާއި، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފާއި، ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ޖޭޕީއަށް ވަޑައިގެންނެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވުމުން އެއަށް ރައްދު ދެއްވަމުންނެވެ.
"ގާސިމްގެ މިލްކިއްޔާތުގައި ހުރިނަމަ ހުރިހާ އެއްޗެއް ހުސްކޮށްލިޔަސް ގާސިމަކަށް އަޅުގަނޑެއް ނުގަނެވޭނެ. އަދި އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ނުގަނެވޭނެ. ޚުދު ގާސިމަށްވެސް ރަނގަޅަށް އެކަން އެނގިވަޑައިގަންނަވާނެ،" އަދުރޭ ވިދާޅުވިއެވެ.
ގާސިމް މިހާރުވެސް އުޅުއްވަނީ އަރިހުގައި ތިބި މީހުންވެސް ނުގެންގުޅެވިގެން ކަމަށާއި، ދެން އިތުރުބަޔަކު ގެންދަން ނޫޅުއްވުމަށް އަދުރޭ ވިދާޅުވިއެވެ.
ގާސިމް އެފަދަ ވާހަކަ އެ ދައްކަވަނީ ފެބުރުއަރީ އެކަކުން ފެށިގެން ދިވެހި ސަރުކާރު ދިފާއުކޮށް ވާހަކަ ދައްކަވަމުން ގެންދަވާތީއާއި އެވާހަކަ ތަކުގައި ކެނޑިނޭޅި ދައުލަތަށް ގާސިމް ދައްކަވަންހުރި 191 މިލިއަން ޑޮލަރުގެ ވާހަކަ ދައްކާތީ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ގާސިމް ހީކުރެއްވީ ކަމެއް ދިމާވީމާ އަޅުގަނޑުމެން ފިލައިގެން ދާނެކަމަށް. އެފަދަ ބަޔަކަށް އަޅުގަނޑުމެން ނުވީމާ ދައްކަވާ ވާހަކަތައް އެހުންނަނީ،" އަދުރޭ ވިދާޅުވިއެވެ. އެޒާތުގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި ދައުލަތަށް ދައްކަވަންހުރި ފައިސާތައް ދެއްކެވުމަށް އޭނާ ގާސިމަށް ގޮވައިލެއްވިއެވެ.