
( 29 ޖޫން 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ގޭގެ ތަޅުދަނޑިފަތި ، މީރަބާ ޙަވާލުކުރުމަށްފަހު ، ޚާނަމް އައީ ، އެހެން ކަންކަންވެސް މީރަބާ ޙަވާލު ކުރަމުންނެވެ. ޚާނަމްގެ އަބުރާއި ޢިއްޒަތާ އަދި ޤަދަރާ ގުޅިފައިވާ ، ބައްދަލުވުންތަކާއި އެއްވުންތަކަށް މީރަބް ގެނެސް ، އެއީ މިހާރު ، ޝާހްނަވާޒް ޢާއިލާގެ ވެރިޔާގެ ގޮތުގައި މީރަބް ތަޢާރުފް ކޮށްދެމުން ގެންދިޔައެވެ. އެންމެ ދެރަވެގެން ، އެގޭގައި އިރުންއިރަށް ކައްކަންޖެހޭ ކާއެއްޗިއްސަށް ދަންދެން ނިންމަން ޖެހެނީ މީރަބަށެވެ. އެއީ ، މީރަބަށް ލިބޭ އެހާބޮޑު ޝަރަފެއްކަމަކަށް ، މީރަބެއް ނުދެކެއެވެ. މީރަބް ބަލަމުން އައީ ، އެއީ މުރުތަސިމާ ކައިވެނިކުރުމާ ގުޅިގެން އޭނާއަށް ލިބެމުންދާ އަދަބެއްގެ ގޮތުގައެވެ.
އެއްދުވަހެކެވެ. ބަދިގޭގެ ޚާދިމު އައިސް ، އެދުވަހު ކައްކާނެ އެއްޗަކާބެހޭގޮތުން މީރަބާ ސުއާލު ކުރިއެވެ. މީރަބްގެ ޖަވާބަކަށްވީ ، އެމީހުންނަށް ފެންނަ އެއްޗެއް ކައްކާށެވެ. އެހެނަސް ، އެއީ ، ޚާދިމުންނަށް ނިންމޭވަރަށްވުރެ ބޮޑު ކަމެކެވެ. މީގެ ކުރިން ، އެކަން ކުރަމުން އައީ ޚާނަމް އެވެ. މިހާރު އެކަންވެސް އެއޮތީ މީރަބްގެ ޒިންމާއަކަށް ވެފައެވެ.
މުރުތަސިމަށް އެންމެ މީރީ ކޮން އެއްޗެއްތޯ މީރަބް ސުއާލުކުރުމުން ، ޚާދިމުން ޖަވާބުދިނީ ، ބިރިޔާނީ ކަމުގައެވެ. އެއަށްފަހު ، މީރަބް ސުއާލުކުރީ ، މުރުތަސިމަށް އެންމެ ނުބައި އެއްޗަކާ ބެހޭގޮތުންނެވެ. މުރުތަސިމަށް އެންމެ ނުބައީ ކަނޑުމަހެވެ. ކަނޑުމަސް އެއީ ، އެގެޔަށް ވައްދަންވެސް ހުއްދަ އޮންނަ އެއްޗެއްނޫނެވެ. ބަދިގޭގެ ޚާދިމުންގެ ފަރާތުން މީރަބަށް އެލިބުނީ ވަރަށް މުހިންމު މަޢުލާމާތެކެވެ. މީރަބް ބޭނުންވީ އެދުވަހު ، ކަނޑުމަސް ކައްކާށެވެ. އެއީ ، މީރަބަށް މީރު އެއްޗަކަށް ވާތީއެވެ.
ގޭގެ ވެރިކަން މީރަބަށް ލިބުމާގުޅިގެން ، އެންމެ ހިތަށް ތަދުވި އެކަކީ ، ޙަޔާއެވެ. ޙަޔާ ޤަބޫލުކުރާގޮތުގައި ، އެ ތަޅުދަނޑިފައްޗަކީ ، އަދި އެ ގެޔަކީވެސް ޙަޔާގެ ޙައްޤެކެވެ. މީރަބް އައިސް ، މުރުތަސިމާއި އޭނާއާ ދޭތެރެޔަށް ވަދެ ، ހުރިހާކަމެއް އެވަނީ ބަދަލުކޮށްލާފައެވެ. އެއްދުވަހަކުން ، އެހުރިހާ ބާރެއް މީރަބް އަތުން އަތުލުމަކީ ، ޙަޔާގެ މަޤްޞަދެވެ. އޭނާ އެކަން ކުރާނެކަމަށްބުނެ ، މީރަބަށް ގޮންޖަހަމުން ގެންދިޔައެވެ. މީރަބްވެސް ، އެއީ އޭނާއަށް އެހާ މުހިންމު ކަމަކަށް މީރަބެއް ނުހަދައެވެ. ހިތްވަރާއެކީ ، ގަދައަޅާ މަސައްކަތް ކޮށްގެން ، އެކަން ޙާޞިލްކުރުމަށް ޙަޔާއަށް ، މީރަބް ނަސޭޙަތް ދިނެވެ.
ކަނޑުމަހަކީ ، މުރުތަސިމް ނުކާ އެއްޗަކަށްވާތީ ، މުރުތަސިމަށް ލަނޑެއް ދީ ބަދަލު ހިފުމަށްޓަކައި ، މަސްކެއްކީވެސް ޚުދު މީރަބެވެ. އެދުވަހުގެ ރޭގަނޑުގެ ކާނާ ތައްޔާރުކުރީ ، މީރަބްކަން މުރުތަސިމަށް އެނގުނެވެ. އަދި ، އެކަން މުރުތަސިމަށް އެނގޭކަން މީރަބަށް އަންގައިލިއެވެ. މީރަބްވެސް އެކަމަށް އެއްބަސްވިއެވެ. އަދި އޭނާ މަސްކެއްކި ކަމަށާއި އެއީ ވަރަށް ލޯބިން ޚުދު އޭނާގެ އަތުން ކެއްކި އެއްޗެއްކަމަށް މީރަބް ބުންޏެވެ. މުރުތަސިމް ކައިފިއްޔާ އޭނާ ވަރަށް އުފާވާނެކަމަށްވެސް މީރަބް ބުންޏެވެ. އަދި ، މުރުތަސިމް ނުކައިފިއްޔާ އޭނާ ވަރަށް ދެރަވާނެއެވެ. ދެރަވެގެންގޮސް ރޮވިވެސް ދާނެއެވެ.
އެރޭގެ ކާމޭޒުމައްޗަށް ، މީރަބްހެދި މަސް ނެގިފައި ހުއްޓެވެ. މުރުތަސިމާ ދިމާލަށް މަސްދިއްކޮށްލުމާއެކީ ، އެއީ މުރުތަސިމަށް ނުކެވޭ އެއްޗެއްކަމަށް ޚާނަމް ބުންޏެވެ. މަސްކައިފިއްޔާ މުރުތަސިމް ބަލިވެދާނެއެވެ. މަހަކީ ، މުރުތަސިމްގެ ހަށިގަނޑާ ގުޅޭ އެއްޗެއްނޫނެވެ. އެހެނަސް ، މީރަބް އޭނާއަށް ހަދައިދިން އެއްޗެއްކަމަށްވާތީ ، މަސްކާން މުރުތަސިމް ނިންމިއެވެ. ޚާނަމް ނުކާން ބުނެބުނެ އޮއްވާވެސް ، މުރުތަސިމް ، މަސްކެޔެވެ.
އެރޭގެ ނިދާގަޑީގައި ، މުރުތަސިމަށް ވެދާނެގޮތެއް ބަލަން މީރަބް ހޭލާ އިނެވެ. އެތައް އިރެއްވީއިރުވެސް ، މުރުތަސިމް އޮތީ ނިދާފައެވެ. އެއްވެސްކަމެއް ނުވެއެވެ. އެހެންނަމަވެސް ، މެންދަންވީތަނާ ، ގައި ހިރުވާފައި މުރުތަސިމަށް ހޮޑު ލެވުނެވެ. އަދި އޭނާގެ ޚަބަރު ހުސްވެގެން ނިދަން އޮތް ސޯފާމައްޗަށް ވެއްޓުނެވެ.
މީރަބަށް އެކުރެވުނު ކަމަކާމެދު ޚުދު ، މީރަބްވެސް ކަންބޮޑުވިއެވެ. އޭނާއަށް ހަދާނެގޮތް ބޮޑުވިއެވެ. އެހީތެރިކަމަށް އެދި ގޮވާނީ ކާކަށް ހެއްޔެވެ ؟ އެންމެފަހުން ، އަންވަރަށް ގޮވުމަށް މީރަބް ނިންމިއެވެ. އެ ދަންވަރު ، އަންވަރުގެ ކޮޓަރީގައި ޓަކިޖަހައި ، އަންވަރުގާތު ، މީރަބް ސަލާމަތްކޮށްދިނުމަށް އެދުނެވެ. އަދި ، އަންވަރުގެ އަތުގައި ހިފައިގެން ، އޭނާގެ ކޮޓަރިޔާ ދިމާލަށް ހިނގައިގަތެވެ.
މުރުތަސިމަށް އެވީ ކިހިނެއްކަން އަންވަރަށް އެނގުނެވެ. އެހެންކަމުން ، ގޭގައިހުރި ބޭސްތަކުން ބޭހެއްނަގައި ، މުރުތަސިމް އަތުލަފިކޮށްގެން ، ދެބަފައިންވެގެން ، މުރުތަސިމަށް ބޭސް ކާންދިނެވެ. އަދި ، ﷲ ގެ އިރާދަފުޅާއެކީ ، ހެނދުނުވާއިރަށް ، މުރުތަސިމް ރަނގަޅުވެދާނެކަމަށް އަންވަރު ބުންޏެވެ. އެއީ މީރަބްގެ ސަބަބުން މުރުތަސިމުގެ ފުރާނަޔަށް ލިބުނު ގެއްލުމެއްކަމަށް އަންވަރުގާތު ، މީރަބް ބުންޏެވެ.
މުރުތަސިމަށް ، މީރަބް ، މަސްކާން އެދިނީ ގަދަކަމުންނެވެ. މަސްކައިފިއްޔާ މުރުތަސިމް ބަލިވެދާނެކަމަށް ބުނެ ، އެކަން ޚާނަމް މަނާކޮށްކޮށް އޮއްވައެވެ. ކުޑައިރު ، މަސްކޭމަ ، ބަލިވެގެން މުރުތަސިމް މަރުނުވީ ކިރިޔާއެވެ.
ބަދަލު ހިފުމުގެ ގޮންޖެހުންތަކުގައި ، މީރަބްގެ އަގު އެންމެންގެ ކުރިމަތީ ވައްޓައިނުލުމަށް ، އަންވަރު ، މީރަބަށް ނަސޭޙަތް ދިނެވެ. މީރަބްގެ ބަދަލު ހިފުމުގެ ޢަމަލުތަކުން މީހުންގެ ފުރާނަދާ ހިސާބަށް ނުގެންދިއުމަށް ނަސޭޙަތްތެރި ވިއެވެ.
އަންވަރުވެސް އެބުނިގޮތަށް ، މީރަބަށް އެކުރެވުނީ ރަނގަޅުކަމެއްނޫނެވެ. އޭނާގެ ބަދަލު ހިފުމުގެ އަލިފާންގަނޑު އެހާ ގަދަޔަށް އަންދައިގެން ، ރަނގަޅު ނަތީޖާއެއް ނުނުކުންނާނެއެވެ. އެކަމާ މީރަބް ވަރަށް ދެރަވިއެވެ. އަދި ، ވީ ދެރައިން މީރަބަށް ރޮވުނެވެ. މުރުތަސިމް އޮތީ ޚަބަރު ހުސްވެފައެވެ. އެހެންނަމަވެސް ، އޭނާއަށް އެކުރެވުނީ ވަރަށްބޮޑު ކުށެއްކަމުގައި ބުނަމުން ، ރޮމުންރޮމުން ، މުރުތަސިމްގެ ކިބައިން މަޢާފަށް އެދެމުން ގެންދިޔައެވެ.
ފަތިހު ހޭލުމަކީ ، މުރުތަސިމްގެ އާދައެކެވެ. އެހެންނަމަވެސް އެދުވަހުގެ ދަމަކަށް އިރުއެރި އިރުވެސް ، މުރުތަސިމް ހޭލިކަމަކަށް ނުވިއެވެ. އެއީ ، ޚާނަމަށް މައްސަލަޔަކަށް ވިއެވެ. އެހެނަސް ، އަންވަރު ބުނިގޮތުގައި ، ކައިވެނީގެ އާކޮޅުގައި އެހެން ވެދާނެއެވެ. ޝިކާރަ ކުރަންވެސް މުރުތަސިމް ، އިއްޔެ ދިޔައެވެ. އެވާނީ ވަރުބަލިވެގެން ނުހޭލެވުނީ ކަމަށެވެ. ޙަޔާއަށް އަދި އެހެންމީހުންނަށްވުރެ އެކަން އެއީ ބޮޑުކަމަކަށް ވިއެވެ. ކޮޅުކޮޅު ހޯދަމުން ނޯކަރުންކުރެން އަހަމުންގޮސް ، އެންމެފަހުން ، ޙަޔާގެ މަސައްކަތް ކާމިޔާބު ކުރިއެވެ.
މުރުތަސިމްމެންގެ ކޮޓަރީގައި އަޅާފައި އޮންނަ ކާޕެޓް ގަނޑެއް ހިފައިގެން ނޯކަރަކު ނުކުންނަނިކޮށް ، ދުވެފައިގޮސް އެ ނޯކަރުގެ ފަރާތުން ޙަޔާ ، ހުރިހާ މަޢުލޫމާތެއް ހޯދައި އެއްކުރިއެވެ. މުރުތަސިމް ނިދަނީ މީރަބާ އެއްއެނދަކު ނޫނެވެ. އެ ކާޕެޓް ގަނޑަކީ މުރުތަސިމް ނިދަން އޮންނަ ސޯފާކައިރީގައި އަޅާފައި އޮންނަ އެއްޗެކެވެ. މުރުތަސިމަށް ހޮޑުލެވިގެން ކާޕެޓްގަނޑު އޮތީ ހަޑިވެފައެވެ. ކޮނެކޮނެގެން ނޯކަރުގެ ފަރާތުން މަޢުލޫމާތު ހޯދައި އެއްކުރިއެވެ. ޚާނަމްގާތު ޝަކުވާކުރަން ވެގެންނެވެ. މުރުތަސިމަށް ހޮޑުލެވުނީ ، އެރޭ ، މީރަބް އޭނާއަށް މަސްކާން ދިނުމުގެ ސަބަބުންނެވެ. ނޯކަރުގެ ވާހަކަތަކުން އެއްކުރި މަޢުލޫމާތުން ، ޙަޔާގެ ގާތަށް އައިސްހުރި ރުޅިގަނޑު ވަކިން ގަދަވިއެވެ. އެއީ ، މީރަބްގެ ކަންކަށިމަތީ ، ޚާނަމްގެ އަނެއް އެތިފަހަރު އެޅުމަށް ފުދޭވަރުގެ މަޢުލޫމާތެކެވެ.
މުރުތަސިމް އެރޭ ބަލިވެ އުޅުނު ކަމަށާއި ، ހޮޑުވެސްލީވާހަކަ ، ޙަޔާގޮސް ޚާނަމްގާތު ބުނެ ، ޝަކުވާ ކުރިއެވެ. އެކަމާ ޚާނަމް ގާތަށް އައިރުޅި ބޭލީ ، އަންވަރަށެވެ. އަންވަރަށް އެކަން އެނގޭތީއެވެ. އަދި ، ދަންވަރުގޮސް ، އަންވަރުއޮތީ ، މުރުތަސިމަށް ބޭސްވެސް ދީފައެވެ. އެހުރިހާކަމެއް އެނގިހުރެ ، އަންވަރު މަސައްކަތް ކުރަމުން އެގެންދަނީ ، މީރަބްކުރާ ހުރިހާކަމެއް ފޮރުވުމަށްކަމުގައި ޚާނަމް ބުންޏެވެ.
މީރަބް އެކުރިކަމެއްކުރީ ، މުރުތަސިމަށް ގެއްލުމެއްދިނުމުގެ މަޤްޞަދުގައި ނޫންކަން މުރުތަސިމަށް އެނގެއެވެ. އޭނާ މަރުވާކަށް މީރަބް ބޭނުމެއް ނުވާނެއެވެ. އަދި ، މުރުތަސިމަށް ތަކުލީފެއް ލިބޭކަށްވެސް މީރަބް ބޭނުމެއް ނުވާނެއެވެ. އެއީ ، މީރަބްގެ ވިސްނުމުގެ ކޮށިކަމުން ކުރެވުނު ކަމެކެވެ. މުރުތަސިމްގެ ކިބައިން ބަދަލު ހިފުމަށް ހިތުގައި އަނދަމުންދާ އަލިފާނުގެ ސަބަބުން ، މީރަބަށް ކުރެވުނު ކަމެކެވެ.
މުރުތަސިމް މަރުވިނަމަ ، އެހިސާބުން މީރަބަށް ފުރިހަމަ މިނިވަންކަން ލިބި ، މުރުތަސިމްގެ ކިބައިން ސަލާމަތް ވީހެވެ. މީރަބަށް އެކުރެވުނު ކަމެއްގެ ތަކުލީފު ، ޚުދު މީރަބަށްވެސް މިހާރު އެބަ އިޙްސާސް ކުރެވެއެވެ. ފަހަރެއްގައި މީރަބްގެ ހިތުގައި ، މުރުތަސިމްގެ މައަޗަށް ލޯބި އުފެދުނީކަމަށް ވެދާނެއެވެ. އެކަމަކު ، އެއީ މީރަބްގެ ހިތުގައި ދުވަހަކުވެސް ، އުފެދޭނެ އިޙްސާސެއްނޫންކަމަށް މީރަބް ބުންޏެވެ.
" އަހަރެންނަކަށް އެހެންނެއް ހިއެއް ނުވެއެވެ. އެހެން ނޫންނަމަ ، މީރަބްގެ ބައްޕަކަމަށް ޤަބޫލު ނުކުރާ މީހެއްގެ ގާތަށް ، ރޭގަނޑު ދަންވަރު ދުވެފައިގޮސް ރޮވިފައިހުރެ ، އަހަރެން ސަލާމަތްކޮށްދިނުމަކަށް ނޭދޭނެ ދޯއެވެ ؟ އަދި ، އަހަރެންގެ ނަމުން އެހާ ލޯބިން ގޮވާ ، އަހަރެންގެ ލޯހުޅުވާލާށޭ ބުނެ ، އަހަރެންގެ ގާތުގައި އިށީނދެ އިނދެ ، ރޮމުން އަހަރެންގެ ކިބައިން މަޢާފަކަށްވެސް ނޭދޭނެ ދޯއެވެ ؟ " މުރުތަސިމް ބުންޏެވެ.
މުރުތަސިމާއި މީރަބް ، އެހާ ލޯބި ވާހަކަތަކެއް ދައްކަން ތިއްބާ ، ބާރު ހިނގުމެއްގައި ޚާނަމް އައިސް ، މީރަބާ ދިމާލަށް ހަޅޭއްލަވައިގަތެވެ. މީރަބް އެއުޅެނީ އޭނާގެ ދަރިފުޅު މަރާލަންހޭ ބުނެ މީރަބާ ދިމާލަށް ލޯއަޅައިގެން ހުއްޓެވެ.
" ކަނޑުމަސް ނުކޭނަމަ ، މުރުތަސިމަކަށް ހޮޑެއް ނުލެވޭނެއެވެ. " ޙަޔާވެސް ޚާނަމްއާ ބައިވެރި ވިއެވެ.
މުރުތަސިމުގެ ފުރާނަޔަށް ގެއްލުމެއް ލިބިއްޖެނަމަ ، ޚާނަމްވެސް ދުނިޔޭގައި ނުހުންނާނެކަމަށް ޚާނަމް ބުންޏެވެ. މީރަބް އެކަންކުރީ ކީއްވެގެންތޯ ޙަޔާވެސް ސުއާލު ކުރިއެވެ. ޙަޔާގެ ސުއާލަށް ޖަވާބުދިނީ ، މުރުތަސިމެވެ. އެކަމުގައި ، މީރަބްގެ އެއްވެސް ކުށެއް ނެތްކަމަށް މުރުތަސިމް ބުންޏެވެ.
މީރަބްގެ ކުށެއް ނެތްކަމަށް މުރުތަސިމް ބުނިނަމަވެސް ، ޙަޔާއާއި ޚާނަމްގެ ސުއާލު ތަކާއި ، މީރަބާ ދިމާލަށް ގޮވަމުން އައި ގޮވަލިފައްޗެއް ނުހުއްޓުނެވެ. މީރަބާ ދިމާލަށް ހެއްދެވި ނުހެއްދެވިޔަށް ގޮވަމުން ގެންދިޔައެވެ.
" ދެން ހުއްޓާލާށެވެ ! އެވަރުގެ ކުޑަކަމެއް މާބޮޑު ކަންތައްގަނޑަކަށް ހަދައިގެން ، ކަލޭމެން ތިއުޅެނީ ކީއްވެގެން ހެއްޔެވެ ؟ އަހަރެންނަކީ އަހަރެން ބޭނުންވާކަމެއް ކުރާ މީހެކެވެ. މަސްކެއީ އަހަރެން ބޭނުންވެގެންނެވެ. މީރަބް ބުނެގެންނެއް ނޫނެވެ. އަހަރެން މިހުރީ ގަދަވެ ސަލާމަތުންނެވެ. އަދި ، މަރެއް ނުވެއެވެ. ކަލޭމެން ތިއުޅެނީ ކީއްވެގެން ހެއްޔެވެ ؟ " އަޑުގެ ނެތްތަނަށް މުރުތަސިމް ހަޅޭއްލަވައިގަތެވެ.
މުރުތަސިމް ގާތަށް ރުޅިއައުމާއެކު ، ޚާނަމްއާއި ޙަޔާއާ ދެމީހުން ތުންއަނބުރަމުން އެތަނުން ނުކުމެގެން ދިޔައެވެ. އެއީ ކަމަކަށް ނުހަދައި އަޅައިނުލުމަށް މުރުތަސިމް ބުންޏެވެ. އެހެނަސް ، އެއީ މީރަބަށް އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. މީރަބްގެ ބޮލުގައި އެމީހުން އެ އެޅުވީ ، މުރުތަސިމް މަރައިލަން އުޅުމުގެ އިލްޒާމެވެ.
އަނެއްކޮޅުން ، އަންވަރުވެސް މީރަބް ގެންގޮސް ، ބަދަލު ހިފުމުގެ ގޮތުން ، މުރުތަސިމަށް ގޮތްގޮތް ނުހެދުމަށް މީރަބަށް ނަސޭހަތް ދިނެވެ. ޢާންމު ގޮތެއްގައި މީރަބާއި އަންވަރާ ދެމެދު ހިނގާ ބަޙުސް ހިނގިއެވެ. އަންވަރުގެ ބޭނުމަކީ ، މީރަބް އުފަލުގައި ބެހެއްޓުމާއެކީ ، މީރަބްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އެއީ އަންވަރަށް ލިބިގެންވާ ޙައްޤެއްކަމަކަށް މީރަބް ޤަބޫލެއް ނުކުރެއެވެ.
ޚާނަމް ކާމޭޒުދޮށަށް އައިއިރު ، މީރަބް ސައިބޯން އިނެވެ. މުރުތަސިމަށް ސައިނުދީ ، މީރަބް ސައިބޯތީ ، ޚާނަމްއާއި ޙަޔާގެ ކުދިކިޔުންތަކާ ، އަނެއްކާވެސް މީރަބަށް ކުރިމަތިލާން ޖެހުނެވެ. މުރުތަސިމް ބަލިވެ އުޅޭތީ ، ސައިގެ ބަދަލުގައި ސޫޕްތައްޓެއް ހަދައިގެން މުރުތަސިމަށް ގެންގޮސް ދިނުމަށް ، މީރަބަށް ޚާނަމް އެންގިއެވެ. ވަގުތު ބަލާފައި ، ޙަޔާ ބަދިގެޔާ ދިމާލަށް ދުއްވައިގަތެވެ. މީރަބް ސައިބޮއެ ނިމިގެން ، ބަދިގެޔަށްގޮސް ސޫޕް ހަދައިގެން ކޮޓަރިޔަށް ދިޔައިރު ، ޙަޔާގެ އަތުން މުރުތަސިމަށް ސޫޕް ބޯންދެނީއެވެ. ޙަޔާ ހަދައިގެން އައި ސޫޕް ނުބޯށާއި މީރަބް ކުރަންޖެހޭ ކަންކަން ޙަޔާ ނުކުރުމަށް މުރުތަސިމް ޙަޔާއަށް އެންގިއެވެ. އެހެންނަމަވެސް ، ޙަޔާ އެއްގޮތަކަށްވެސް ކުރުނުކޮށްގެން ، ޙަޔާ ގެނައި ސޫޕް ބޯން އުޅެނިކޮށް މީރަބަށް އާދެވުނީއެވެ. މީރަބަށް އެފެނުނު މަންޒަރުން ، އޭނާގެ ވިސްނުން ވަގުތުން ބަދަލުކޮށްލައި ކޮޓަރިން ނުކުމެ ، އެ އެއްޗެތި އުކާލުމަށް ނޯކަރުންނަށް އެންގިއެވެ.
އިރުކޮޅަކުން ޙަޔާ އައިސް މުރުތަސިމް އެބަ ގޮވާކަމަށް ، ރުންކުރު ގޮތަކަށް މީރަބްގާތު ބުންޏެވެ. ޙަޔާ އެނުކުތީ ، އޭނާ ހެދި ސޫޕް މުރުތަސިމް ނުބޮއެގެން ، އެކަމާ ފުއްޕާފައި ހުރެގެންނެވެ.
މީރަބް ކޮޓަރިޔަށް ދިއުމާއެކީ ، މުރުތަސިމާއި ޙަޔާއާ ދެމެދުގައި އޮތް ގުޅުން ، ގޯސްގޮތަކަށް ނުނެގުމަށް މީރަބްގާތު މުރުތަސިމް އެދުނެވެ. ޙަޔާއަކީ ، މަރިޔަމެކޭ އެއްގޮތަށް ، އޭނާގެ ކޮއްކޮއެއްގެ ގޮތުގައި ބަލަމުން އަންނަ ކުއްޖެއްކަމަށް މުރުތަސިމް ބުންޏެވެ. އެހެންނަމަވެސް ، މީރަބަށް އަބަދުވެސް އެގޭތެރެއިން ފެންނަނީ ، މުރުތަސިމާހެދި މޮޔަވެގެން ، ޙަޔާ އެގޭތެރޭގައި ތެޅިބާލާ ތަނެވެ. އެކަމާ މުރުތަސިމް ކުރާނީ ކީއްހެއްޔެވެ ؟ މޮޔަވެގެން މަގުމަތީ ދުވާގެރިވެސް އުޅެއެވެ. އެތަކެތި ހުއްޓުވުމަކީ މީހަކަށް ކުރެވޭނެ ކަމެއްނޫނެވެ. މުރުތަސިމްގެ ހިތުގައި ، ޙަޔާގެ މައްޗަށް އެއްވެސް ޚާއްޞަކަމެއް ނެތްކަމަށް މުރުތަސިމް ބުންޏެވެ. އޭނާގެ ހުރިހާކަމެއް މިހާރު ހުސްކޮށްގެން އެހުންނަނީ މީރަބަށްކަމުގައި މުރުތަސިމް ބުންޏެވެ.
މުރުތަސިމް ހުރީ އޭނާއާ ދޭތެރޭ މީރަބްގެ ޢަމަލުތައް ހުންނަގޮތުން ހިތްހަމަ ނުޖެހިފައެވެ. މީރަބް އޭނާދެކެ ލޯބި ނުވިޔަސް ، އޭނާގެ އަނތްބެއްގެ ގޮތުގައި މީރަބް އިންހާ ދުވަހަކު ، މީރަބް ބެލެހެއްޓުމަކީ ، މުރުތަސިމްގެ ޒިންމާއެކެވެ. އެ ޒިންމާ އޭނާ އުފުއްލާނީ ހިތާއި ފުރާނައިންނެވެ.
މުރުތަސިމްގެ ވާހަކަތަކުން ، މީރަބްގެ ހިތަށްވެސް އަސަރު ކުރިއެވެ. އަދި މުރުތަސިމަށް މަސްކާން ދެވުނުކަމުގެ މޮޔަހިތަށް އަރައި ، މީރަބްގެ ހިތުގައި މުރުތަސިމާމެދު ، ހަމްދަރްދީ އުފެދުނެވެ. މުރުތަސިމްގާތަށް ރުޅިނައިސް ، ކެތްތެރިކަން އިސްކޮށް ، މީރަބަށް ދެމުންގެންދިޔަ އިޙްތިރާމާއި ޤަދަރާ އަދި ސަލާމަތާއި ރައްކާތެރިކަމުގެ އަސަރު ، މީރަބްގެ ހިތުގައި ޚާއްޞަވެގެންދާން ފަށައިފިއެވެ. މީރަބްގެ މިޒާޖަށް މަޑުމަޑުން އެއަންނަމުންދާ ބަދަލުތައް މުރުތަސިމަށްވެސް ފާހަގަ ކުރެވެއެވެ.
މުރުތަސިމް ބުނެއެވެ. މީރަބަކީ ، ރީތި އަދި ހަރުދަނާ ކުއްޖެކެވެ. މީހަކުދެކެ ބިރެއް ނުގަންނާނެއެވެ. ހިތްވަރުގަދަ ވާނެއެވެ. މީރަބް ބޭނުންވާ ވައްތަރެއްގެ މީހަކަށް މީރަބަށް ވެވިދާނެއެވެ. ބޭނުންވާ ކަމެއްކޮށް ، ކޮންމެ މަޤާމެއްވެސް ޙާޞިލް ކުރެވިދާނެއެވެ. އެއީ ، އެއްވެސް ކަމަކަށް ޖެހިލކުމެއްނުވާ ، އޭނާގެ މީރަބް އެވެ.
މުރުތަސިމަކީ ، ކުރީގެ މުރުތަސިމެއް ނޫނެވެ. މުރުތަސިމަށް އަންނަމުންދާ ބަދަލުތަކާއި ، މުރުތަސިމްގެ ރަނގަޅު އަދި ހިތްކިޔާ އަދާތަކުން ، މީރަބްގެ ހިތްވެސް މުރުތަސިމްގެ މައްޗަށް ލެނބެމުން ދިޔައެވެ. އެހެންނަމަވެސް ، މީރަބްގެ ހިތުގައި މުރުތަސިމްގެ މައްޗަށް އޮތް ރުޅިވެރިކަމާއި ނަފްރަތު ، ލޯތްބަށް ބަދަލުވެދާނެތީ ، މީރަބް ބިރުގަނެއެވެ. އެ ރުޅިވެރިކަން ލޯތްބަށް ބަދަލުވުން ، އެއީ މީރަބްގެ ހިތްއެދޭގޮތެއްނޫނެވެ. އެކަމަކު ، ހިތަކީ ނޭނގިހުއްޓާ ކުޅެލެވި ، ހެއްލިގެންދާ އެއްޗެއްކަމެއް މީރަބަކަށް އަދި ތަޖްރިބާއެއް ނުކުރެވެއެވެ. ( ނުނިމޭ )
Hardhat reached shukuran