
އެމެރިކާއަކީ ، ޒަމާނުއްސުރެ ، މެދުއިރުމަތީގައި އޮންނަ ، އެމެރިކާގެ ދުޝްމަނެއްކަމަށް ބަލަމުން އަންނަ ޤައުމެކެވެ. އެމެރިކާގެ ވެރިކަމަށް އަރާ ކޮންމެ މީހަކީ ، ޔަހޫދީންގެ މަދަދާއެކީ ވެރިކަމަށް އަންނަ މީހެކެވެ. ދުނިޔޭގެ ޤާނޫނުތަކާއި އދ ގެ މުޢާހަދާތަކާ ކަނޑައެޅިގެން ޚިލާފުވެ ، ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރިގަނެގެން އެބިމަށް އަރާތިބި ޔަހޫދީންގެ މަޞްލަޙަތު ، އޭގެ އެންމެ މަތީ ދަރަޖައިގާ ހިފެހެއްޓުމަކީ ، އެމެރިކާގެ ވެރިކަމަށް އަރާ ހަމަ ކޮންމެ މީހެއްގެ ވާޖިބެކެވެ.
އެމެރިކާގެ މާލީ ނިޒާމާއި އިޖްތިމާޢީ ހަމަޖެހުމުގެ މުސްތަޤްބަލް ، މިހާރު އެދަނީ ގެއްލި ފުނޑުފުނޑު ވަމުންނެވެ. އެމެރިކާއިން ކަމެއް ކުރަން ބޭނުންވެއްޖިއްޔާ ، ބައިނަލްއަޤްވާމީ ޤާނޫނެއް ، ޢަދުލެއް އަދި އިންސާފެއް ނޯވެއެވެ. ޗައިނާއަކީ ، އެމެރިކާއަށް ކޮންޓްރޯލް ކުރެވޭވަރަށްވުރެ ބާރުގަދަ ، އަދި ކުރިޔަށް އޮތްތާނގައި ، ހުރިހާ ގޮތަކުންވެސް އެމެރިކާ ބަލިކޮށްލައި ދުނިޔޭގެ އެންމެ ބޮޑުބާރަށް ވެގެން ހިނގައިދާނެކަމުގެ ބިރަކީ ، އަބަދުވެސް އެމެރިކާ ސިހިސިހި އޮންނަ ކަމެކެވެ. ދިފާޢީ އެތައް ފިޔަވަޅުތަކެއް އަޅައިގެންވެސް ، ދުނިޔޭގެ މައްޗަށް އޮންނަ ، ޗައިނާގެ ނުފޫޒާއި ބާރު ، އެމެރިކާއަށް ކަނޑުވައެއް ނުލެވޭނެއެވެ. އެމެރިކާއަށް ކިރިޔާވެސް ، ހިންދެމިލައިގެން އޮވެވޭނީ ، ޤުދްރަތީ ވަޞީލަތްތަކުން މުއްސަނދި ، މެދުއިރުމަތީގެ ޤައުމުތައް ، އެމެރިކާގެ އަތްދަށުލައިގެންނެވެ. މެދުއިރުމަތީގެ ޤައުމުތަކުގައިތިބި ، ބޮލުރޮދި ކެނޑިފައިވާ ވެރިންތަކެއްގެ މައްޗަށް ނުފޫޒު ފޯރުވައި ، އެ ޤައުމުތަކުގެ ޤުދްރަތީ ވަޞީލަތްތައް އެމެރިކާގެ ބާރުގެދަށަށް ނުގެނެސް ، އެމެރިކާގެ މުސްތަޤްބަލެއް ނެތެވެ. އިޒްރޭލާއި ޔަހޫދީން ޙިމާޔަތްކުރުމުގެ ބަހަނާ ދައްކަމުން ، އެމެރިކާގެ ބާރާއި ނުފޫޒަށް ބޯ ނުލަނބާ ، މެދުއިރުމަތީގެ ޤައުމުތައް ، ޤައުމަކަށްފަހު ޤައުމެއް ސުންނާފަތިކުރަމުން އެގެންދާ ހުރިހާވެސް ސަބަބަކީ ، އެ ޤައުމުތަކުގެ ޤުދްރަތީ ވަޞީލަތްތަކުގެ މައްޗަށް ނުފޫޒު ފޯރުވުމެވެ.
މެދުއިރުމަތި ނޫނަސް ، ދުނިޔޭގައި ނުފޫޒެއް ފެތުރެން އޮތް ، ޤުދްރަތީ މުއްސަނދިކަމެއް ކިރިޔާވެސް އޮތް ޤައުމަކަށް ، އެމެރިކާގެ ނުފޫޒު ނުފޯރައެއް ނެތެވެ. ވެރިކަން ބަދަލުކުރުމާއި ، ވެރިކަމާ ތޮޅުމަށް ނުވަތަ އިންޤިލާބީ ޙަރަކާތަށް އެހީތެރިވުމަކީ ، އެމެރިކާގެ ޢާންމު ކަމެކެވެ. ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމައެއްލަމައެއް ނޯވެއެވެ.
1893 ވަނަ އަހަރު ، ހަވާއީގެ ރާނީ ކްއީން ލިލީ ، ރަނިކަމުން ބާލައި ، ކުޑަދުވަސްކޮޅެއްގެ ފަހުން ، އެމެރިކާގެ 50 ވަނަ ސްޓޭޓަށް ހަވާއީ ހެދުމާ ހިސާބުން ، ވެރިކަން ބަދަލުކުރުމާއި ، ދުނިޔެއަށް ހަންފެތުރުމުގެ މަސައްކަތް އެމެރިކާއިން ކުރިޔަށް ގެންދިޔައެވެ. 1946 ވަނަ އަހަރުން ފެށިގެން ، މިހާތަނަށް 360 ވަރަކަށް އިންޤިލާބީ ޙަރަކާތަށް ސިއްރާއި ފާޅުގައި އެހީވެ ، ވެރިކަން ބަދަލުކުރުމުގެ 85 މަޝްރޫޢެއް ، އެމެރިކާއިން ހިންގާފައި ވެއެވެ.
ތެލުގެ މުއްސަނދިކަމާއި ޤުދްރަތީ ވަޞީލަތުން މުއްސަނދިކަން ލިބިގެންވާ ، މެދުއިރުމަތީގެ ޤައުމުތަކަށް ބަލާއިރު ، 1953 ގައި އީރާނުގެ ވެރިކަން ބަދަލު ކުރިއެވެ. މިލިޔުމުގެ ފަހުބައިގާ ، އީރާނާއި އެމެރިކާގެ ގުޅުމާމެދު އިތުރަށް އަލިއަޅުވައިލާނަމެވެ. މި ލިޔުމުގެ އަސްލު މަވްޟޫޢަކީ ، އެއީކަމަށް ވާތީއެވެ. 1962 ގައި ކިއުބާގެ ވެރިކަން ބަދަލު ކުރިއެވެ. 1980 އިން 1988 އަށް އީރާނާއި ޢިރާޤުން ކުރި ހަނގުރާމައިގާ ، ޢިރާޤަށް ވާގިވެރިވިއެވެ. ނިއުކުލިއަރ ހަތިޔާރު އުފައްދާކަމަށް ބުނެ ދޮގުހަދައިގެން ، އެމެރިކާ އިސްވެ އޮވެ ، ޢިރާޤަށް އަރައިގަނެ ، 2003 ވަނައަހަރު ، ޢިރާޤުގެ ވެރިކަން ބަދަލު ކުރިއެވެ. އެމެރިކާއިން އިސްވެ އޮވެ ، 2011 ވަނައަހަރު ، ލީބިއާގެ ވެރިކަން ބަދަލު ކުރިއެވެ. މިޞްރުގެ ވެރިކަންވެސް ބަދަލުކުރީ 2011 ވަނަ އަހަރުއެވެ. 2012 ވަނައަހަރު ، ޔަމަނުގެ ވެރިކަން ބަދަލު ކުރިއެވެ. 2001 އިން 2021 އަށް އަފްޣާނިސްތާނާ ހަނގުރާމަކޮށް އެތާނގެ ވެރިކަން ބަދަލު ކުރިއެވެ. އެންމެ ފަހު ޤައުމަކަށް ، 2024 ވަނައަހަރު ، ސޫރިޔާގެ ވެރިކަން ބަދަލު ކުރިއެވެ. މިއަދު ، މިހާރު އެމެރިކާގެ ރައީސަކަށްހުރި ، ޓްރަމްޕް ކިޔަމުންގެންދާ ލަވަޔަކީ ، އީރާނުގެ ވެރިކަން ބަދަލުކުރާ ވާހަކައެވެ. ކޮންމެ ފަހަރަކުވެސް ، ވެރިކަން ބަދަލުކުރަނީ ، އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް އެޤައުމެއްގައި އުފައްދާ އެޤައުމެއްގެ ޤުދްރަތީ މުއްސަނދިކަން އެމެރިކާގެ އަތްދަށުލުމުގެ ބޭނުމުގައެވެ.
މިހުރިހާ ނުފޫޒަކާއި ބާރަކާއެކުވެސް ، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ގޮތުގައި އެމެރިކާއަކަށް ، މާގިނަދުވަހަކު ނުއޮވެވޭނެއެވެ. މިހާރުވެސް ، އެމެރިކާގެ އިޤްތިޞާދު އެދަނީ ފުނޑި ، އިނދަޖެހެމުންނެވެ.
އީރާނާއި އެމެރިކާގެ ކޯޅުން
1953 ގައި ، އެމެރިކާއިން އީރާނުގެ ވެރިކަން ބަދަލުކޮށް އީރާނުގެ ބޮޑުވަޒީރު މުޙައްމަދު މުޞައްދިޤްގެ ވެރިކަން ވައްޓައިލިއެވެ. އެފަހަރު ، އީރާނުގެ ވެރިކަން ބަދަލުކުރުމުގައި ، އެމެރިކާއާއެކީ އިނގިރޭސީންވެސް ވަރަށް މުހިންމު ދައުރެއް އަދާކުރިއެވެ. މި ދެޤައުމުގެވެސް މަޞްލަޙަތު ގުޅިފައިއޮތީ ، އީރާނުގެ ތެލުގެ މުއްސަނދިކަމާއެވެ. އިނގިރޭސީންގެ ބާރުގެ ދަށޫގައި އޮތް ، އީރާނުގެ ތެޔޮކުންފުނި ، ނެޝަނަލައިޒް ކުރައްވަން ބޮޑުވަޒީރު ، މުޙައްމަދު މުޞައްދިޤް މަސައްކަތް ކުރެއްވުމެވެ. އެކަމުގެ އަދަބެއްގެ ގޮތުން ، ވެރިކަން ބަދަލުކޮށް ، ބޮޑުވަޒީރު ވެރިކަމުން ބާލައި ، އެތައް އަހަރަކު ޖަލުގައި ހައްޔަރުކޮށް އަދަބު ދިނެވެ.
1953 ގައި އެމެރިކާއާއި އިނގިރޭސީން ބައިވެރިވެ ، އޭރުއޮތް ވެރިކަން ބަދަލުކޮށް ، މުޙައްމަދު ރިޒާ ޕަހެލަވީއަށް އީރާނުގެ ރަސްކަން އަނބުރާ ހޯދައިދިނެވެ.
1957 ގައި ، އީރާނަކީ ނިއުކުލިއަރ ބާރަކަށްވުމަށް ، ރަސްގެފާނު ބޭނުންފުޅުވުމުން ، އިނގިރޭސީންނާއި އެމެރިކާއިން އެކަމަށް އެހީތެރިވިއެވެ. ނިއުކުލިއަރ ޕްލާންޓެއް ހަދިޔާ ކުރަމުން އިނގިރޭސީންގެ ޝަރުތަކަށްވީ ، ހަމައެކަނި މަދަނީ ބޭނުމަށް އެ ޕަވަރ ޕްލާންޓްގެ ބޭނުން ، އީރާނުން ހިފުމެވެ. މިކަމަށް ، ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިވެސް ކުރެވުނެވެ. އޭގެ ދިހަވަރަކަށް އަހަރުފަހުން ، ނިއުކުލިއަރ ރިއެކްޓަރަކާއި އެއަށް އަޅަންބޭނުންވާ ޔޫރޭނިއަމާއި ތެޔޮ ، އެމެރިކާއިން އީރާނަށް ހަދިޔާ ކުރިއެވެ. އަދި ، ނިއުކުލިއަރ ބާރަކަށްވުމަށް އީރާނުން ކުރަމުންއައި މަސައްކަތް އެހިސާބުން ތަރައްޤީކުރަން ފެއްޓުނެވެ. އެހެނަސް ، މިއަދު އެމެރިކާއިން އެވަނީ ، އީރާނުގެ ތިން ނިއުކުލިއަރ ޕަވަރ ޕްލާންޓަކަށް ބޮންއަޅައި އެތަންތަން ހަލާކުކޮށްލާފައެވެ. އެއީ ، އިޒްރޭލް އެދިގެން ، ޔަހޫދީންގެ މަޞްލަޙަތަށް އެމެރިކާއިން ކުރި ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތަކާ ޚިލާފަށް ، އެމެރިކާއިން ހިންގި ޢުދްވާނެކެވެ. މިޙަމަލާ ، އެމެރިކާގެ ރައީސް ޓްރަމްޕް ދީފައިވަނީ ، އެމެރިކާގެ ކޮންގްރެސް އިން ހޯދަންޖެހޭ ހުއްދަ ނުހޯދައެވެ. ޢަރަބި ޤައުމުތަކުގެ އިތުރަށް ދުނިޔޭގެ ވަރަށްގިނަ ޤައުމުން ، އެމެރިކާގެ މިޢަމަލުވަނީ ، ކުށްވެރިކޮށްފައެވެ.
ޝާހް ރިޒާ ޕަހެލަވީގެ ރަސްކަން ، 1979 ގައި އީރާނުގައި ގެނެވުނު އިސްލާމީ އިންޤިލާބުން ނިމުމަކަށް އައެވެ. އެ އިންޤިލާބުގައި އިސްކޮށް ހުންނެވީ ، އީރާނުގެ ފުރަތަމަ ރޫހާނީ ލީޑަރު ، އާޔަތުﷲ ރޫޙުﷲ ޚުމައިނީއެވެ. އޭގެ 10 އަހރުފަހުން ، ޖޫން 1989 ގައި އާޔަތުﷲ ރޫޙުﷲ ޚުމައިނީ އަވަހާރަވުމުން ، އީރާނުގެ އިސްލާމީ އިންޤިލާބުގެ އިސް ލީޑަރަކަށްވެވަޑައިގަތީ ، އީރާނުގެ މިހާރުގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީއެވެ. އެމެރިކާއިން ޤާއިމްކޮށްފައި އީރާނުގައި އޮތް ގޮނޑިކޮއްކޮ ސަރުކާރު 1979 ގައި އީރާނުގައި ގެނެވުނު އިސްލާމީ އިންޤިލާބުން ބަދަލުކޮށްލުމުން ، އޭރުއްސުރެ ، އެމެރިކާއިން ބަދަލުން އައީ އީރާނަކީ ، އެމެރިކާގެ ދުޝްމަނެއްގެ ގޮތުގައެވެ. އެހެންނަމަވެސް ، ޢިރާޤުގެ މައްޗަށް އަތްގަދަކުރުމުގެ ބޭނުމުގައި ، އީރާނަށް އެހީތެރިވެދީގެން ، އީރާނާއި ޢިރާޤާދެމެދު ، އެމެރިކާއިން ، އެދެޤައުމުގެ މަޞްލަޙަތުގެ ތެރެޔަށް ވަދެ ، ހަނގުރާމައެއް ފެއްޓިއެވެ. މި ހަނގުރާމަ ، ސެޕްޓެމްބަރ 1980 އިން އޯގަސްޓް 1988 އާ ހަމަޔަށް ދިގުދެމިގެން ދިޔައެވެ. އެ ހަނގުރާމައިގާ އެމެރިކާއިން އީރާނަށް އެހީވިޔަސް ، ދެފުށް ދެގޮތް މުނާފިޤް ޚަޞީލަތް ، އެމެރިކާގެ ވެރިކަމަށް އަރާމީހުންގެ ކިބަޔަކުން ފިލައިގެންނެއް ނުދިޔައެވެ. އީރާނަކީ ، މެދުއިރުމަތީގައި އެމެރިކާއަށް ބާރު ނުހިންގޭ ދެތިން ޤައުމުން އެއްޤައުމެވެ.
1980 ވަނައަހަރު ، އީރާނުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ، އީރާނުގެ ކިޔަވާކުދިން ވަދެ އެމެރިކާގެ 52 ރައްޔިތުން ރަހީނުކޮށް ، 444 ދުވަސްވަންދެން ފޮރުވައިގެން ގެންގުޅުނެވެ. އެކުދިންގެ އެ ޢަމަލަކީ ، ހުޅަނގުގެ ނުފޫޒަށް އީރާނުގެ ވިޔަފާރިތައް ދޫވެގެން ދިއުމާއި އެމެރިކާއިން އީރާނާމެދު ގެންގުޅޭ ދެފުށްދެގޮތް މުނާފިޤް ސިޔާސަތަށް ދެކޮޅު ހެދުމުގެ ގޮތުން ހިންގި ޢަމަލެކެވެ. ހަމަ އެއަހަރު ، އެމެރިކާއިން ވަނީ ، އީރާނާއެކީ އޮތް ސިޔާސީގުޅުން ކަނޑައިލާފައެވެ. އޭގެ އިތުރަށް އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައްވެސް ، އެމެރިކާއިން އެޅިއެވެ.
އީރާން – ޢިރާޤް ހަނގުރާމަ ހިނގީ 1980 އިން 1988 އަށެވެ. ޢިރާޤުގެ ރައީސް ޞައްދާމް ޙުސައިން ބޭނުންވީ ، އީރާނުގެ ދީނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީގެ ފިކުރު އީރާނުން ނައްތައިލުމެވެ. މިކަމުގައި ، އީރާނާ ހަނގުރާމަކުރުމަށް ، އެމެރިކާއިން ޢިރާޤަށް އެހީތެރިވެދިނެވެ. އަދި ، ޢިރާޤުންވަނީ މި ހަނގުރާމައިގާ ކެމިކަލް ހަތިޔާރުވެސް ބޭނުން ކޮށްފައެވެ. އޭރު ، ޢިރާޤަކީ އެމެރިކާއަށް މައްސަލައެއްނޫނެވެ. އެހެންނަމަވެސް ، ޢިރާޤްގެ ތެލުގެ މައްޗަށް ނުފޫޒް ނުހިންގުނީމަ ، ނިއުކުލިއަރ ހަތިޔާރު އުފައްދާކަމަށް ބުނެ ދޮގުހަދައިގެން ، އެމެރިކާ އިސްވެ އޮވެ ، ޢިރާޤަށް އަރައިގަނެ ، 2003 ވަނައަހަރު ، ޢިރާޤުގެ ރައީސް ޞައްދާމް ޙުސައިންގެ ވެރިކަން ބަދަލު ކުރިއެވެ.
1984 ވަނައަހަރު ، ރޮނަލްޑް ރޭގަންގެ ސަރުކާރުން ، އީރާނަކީ ޓެރަރިޒަމަށް އެހީވާ ޤައުމެއްގެ ގޮތުގައި ލޭބަލްކޮށް ، ދުނިޔެއާ އެކަހެރި ކޮށްލުމަށް ، ދަތިކުރުމުގެއެތައް ފިޔަވަޅުތަކެއް އެޅިއެވެ. ޙިޒްބުﷲ އިން ލުބްނާނުގައި ކުރަމުން ގެންދިޔަ ހަނގުރާމައިގާ ، އީރާނުން ޙިޒްބުﷲ އަށް އެހީވާކަމުގައި އެމެރިކާއިން ނިންމިއެވެ. ބޭރޫތުގައި ހުންނަ އެމެރިކާގެ ބޭސްއަށް ، ޙިޒްބުﷲ އިން ދިން އެންމެ ޙަމަލާއެއްގައި ، އެމެރިކާގެ 241 ސިފައިން މަރާލާފައި ވެއެވެ. ޙިޒްބުﷲ އިން ހައްޔަރުކޮށްފައިތިބި ހޮސްޓެޖުން ސަލާމަތްކރުމުގެ މަސައްކަތުގައި ، އެމެރިކާއިންވަނީ ، ސިއްރިޔާތުގައި އީރާނާއެކީ މަސައްކަތް ކޮށްފައިކަން ފަހުން ފަޅާ އެރިއެވެ.
1988 ގައި ، ގަލްފުގައި ދަތުރުކުރާ ދެޤައުމުގެ ޢަޝްކަރީ އުޅަނދުތަކަށް ، އެމެރިކާއިންނާއި އީރާނުން އައީ ޙަމަލާ ދެމުންނެވެ. އީރާނުގެ ކަނޑުގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް އެމެރިކާގެ ޢަޝްކަރީ މަނަވަރެއް ވަދެ ، 8 ޖުލައި 1988 ގައި ވަނީ ، އީރާނުގެ މަދަނީ މަތިންދާ ބޯޓަކަށް ޙަމަލާދީ ވައްޓައިލާފައެވެ. އެ ބޯޓަކީ ، އީރާނުން ޑުބާއީއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. ބޯޓުން ދަތުރުކުރި 290 މީހުން މަރުވިއެވެ. ރަސްމީގޮތުން އެކަމަށް މަޢާފަށް ނޭދުނުނަމަވެސް ، އެމެރިކާއިންވަނީ ، އެއީ އޮޅުމަކުން ދެވުނު ޙަމަލާއެއްކަމަށް ބުނެފައެވެ.
1995 އިން 1996 އާ ދެމެދު ، އެމެރިކާގެ ބިލްކްލިންޓަންގެ ސަރުކާރުން ، އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ. އެމެރިކާގެ ކުންފުނިތަކުން އީރާނާއެކީ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގުން މަނާކުރިއެވެ. ބޭރުގެ ކުންފުނިތަކުން އީރާނުގައި އިންވެސްޓް ކުރުމާއި ، އީރާނުން އުފައްދާ ހަތިޔާރުގެ ވިޔަފާރީގައި އެހެން ޤައުމުތަކުގެ ވިޔަފާރި ކުންފުނިތަކުން ބައިވެރިވުންވެސް އެމެރިކާއިން މަނާކުރިއެވެ.
2002 ވަނައަހަރު ، 9 ސެޕްޓެމްބަރގައި އެމެރިކާއަށް ދެވުނު ޙަމަލާއާ ގުޅިގެން ، އީރާނުގެ އަތެއް އެކަމުގައި އޮތްކަމަށް އެމެރިކާއިން ބުނެއެވެ. އަދި އީރާނަކީ ، އުތުރު ކޮރެއާ އާއި ޢިރާޤްފަދަ ، ނުރައްކާތެރި ޤައުމެއްގެ ގޮތުގައި ސިފަ ކުރިއެވެ.
2013 އިން 2015 އާ ދެމެދު ، އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާގެ މަސައްކަތުން ، އީރާނުގެ ނިއުކްލިއަރ ހަތިޔާރާބެހޭ އެއްބަސްވުމެއްގައި އެމެރިކާއިން ސޮއި ކުރިއެވެ. ޔޫރަޕްގެ އިއްތިޙާދާއި ޗައިނާ ، ފަރަންސޭސީންނާއި ޖަރުމަން އަދި ރަޝިއާ އާއި އިނގިރޭސީންނަކީވެސް ، މިއެއްބަސްވުމުގެ ބައިވެރިންގެ ގޮތުގައި ހަމަޖެހުނެވެ.
ޑްނަލްޑް ޓްރަމްޕް ، އެމެރިކާގެ ރައީސްކަމަށް އައިސް ، 2018 ވަނައަހަރު ، ބަރަކް އޮބާމާގެ މަސައްކަތުން އީރާނާއާއެކު ސޮއި ކޮށްފައިވާ ނިއުކުލިއަރ ހަތިޔާރާބެހޭ އެއްބަސްވުން ކެންސަލް ކުރިއެވެ. ހަމައެއާއެކީ ، އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ޤާއިމް ކުރިއެވެ. މިކަމަކީ ، އެމެރިކާއާއި އިޒްރޭލު އެއްބައިވެގެން ކުރި ކަމެކެވެ. އީރާނުންވެސް ، މި ފުރުސަތުގެ ބޭނުންހިފައި ، ޔޫރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ކުރިޔަށްގެންދަން ފެއްޓިއެވެ.
2020 ވަނައަހަރު ، ޓްރަމްޕްގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު ، އީރާނުގެ ޖެނެރަލް ޤާސިމް ސުލައިމާނީ ، ޝަހީދުކޮށްލިއެވެ. ޤާސިމް ސުލައިމާނީ ޝަހީދުކޮށްލީ ، ޑްރޯނުން ދިން ޙަމަލާއެއްގައި ބަޣްދާދުގައެވެ. މިކަމުގެ ބަދަލު ހިފުމުމުގެ ގޮތުން ، އީރާނުންވެސްވަނީ ، ބަޣްދާދުގައި ހުންނަ އެމެރިކާގެ ތަންތަނަށް ޙަމަލާދީފައެވެ.
2025 ގައި ، ކުއްލިގޮތަކަށް ، ނިއުކުލިއަރ އެއްބަސްވުމަކަށް އައުމަށް 60 ދުވަހުގެ މުއްދަތެއްދީ ، އީރާންގެ ރޫޙާނީ ލީޑަރަށް ޓްރަމްޕް ސިޓީއެއް ފޮނުވިއެވެ. އެމެރިކާގެ ބޭނުމަކީ ، ޝަރުތުތަކެއް މަތިކުރުން ކަމަށާއި ވާހަކަ ދެއްކުން ނޫންކަމަށް ބުނެ ، މިސިޓީއަށް އީރާނުންދިނީ ފިނި އިޖާބައެކެވެ. އެހެންނަމަވެސް ، އީރާނާއި އިޓަލީގައި ، މިކަމާބެހޭ ވާހަކަތައް ނުރަސްމީކޮށް ކުރިޔަށް ދިޔައެވެ. ޓްރަމްޕް ބުނަމުން އައީ ، އެއްބަސްވުމަކަށް އައުން ވަރަށް ގާތްވެއްޖެކަމަށެވެ. އަދި ، އީރާނަށް އެއްވެސް ޙަމަލާއެއް ނުދިނުމަށް އިޒްރޭލަށްވެސް އެންގިއެވެ. އެކަމަކު ، ވާހަކަތަކުގެ ހަވަނަބުރު ފަށަން އެއްދުވަހަށްވެފައި އޮއްވާ ، އިޒްރޭލުން ، އީރާނަށް ކުއްލި ޙަމަލާތަކެއް ދޭން ފެއްޓިއެވެ. އަދި ، އީރާނުންވެސް ، އިޒްރޭލަށް ޙަމަލާދޭން ފެއްޓިއެވެ. އީރާނުގެ ޙަމަލާތަކަކީ ، އިޒްރޭލް ސިއްސުވައިލި ، ވަރުގަދަ ޙަމަލާ ތަކެކެވެ. އަދި ، އިޒްރޭލުން ހީނުކުރާފަދަ ބޮޑެތި ގެއްލުންތަކެއް މި ޙަމަލާތަކުގައި ލިބިފައި ވެއެވެ. އިޒްރޭލުގެ އެތައް މިލިޔަން ޔަހޫދީންނެއް މަރަށް ފިލަން ބިންގަރާސްތަކަށް ވަންނަން މަޖްބޫރު ވިއެވެ.
22 ޖޫން 2025 ގައި ، އީރާނާއެކީ ، ނިއުކުލިއަރ އެއްބަސްވުމަކަށް އަންނަން ވާހަކަ ދައްކަދައްކަ އޮއްވާ ، އެމެރިކާއިންވަނީ ، ކުރިން އެންގުމަކާނުލައި ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ، އަދި އެމެރިކާގެ ކޮންގްރެސްގެ ހުއްދަނެތި ، އީރާނުގެ ނިއުކުލިއަރ ތިން މަރުކަޒަކަށް ވަރުގަދައަށް ޙަމަލާ ދީފައެވެ. ޙަމަލާ ދީފައި ޓްރަމްޕް ބުނީ ، އެއީ ، އެމެރިކާގެ މަޞްލަޙަތާއި އިޒްރޭލް ޙިމާޔަތްކުރަންދިން ޙަމަލާއެއް ކަމުގައެވެ. ބަދަލުގައި އީރާނުންވެސް މިހާރުވަނީ ، ޤަތަރުގައި ހުންނަ އެމެރިކާގެ ޢަޝްކަރީ މަރުކަޒަށް ޙަމަލާދީފައެވެ. އެހެންނަމަވެސް ، އެ ޙަމަލާތައްވަނީ ޤަތަރުން މައިތިރިކޮށްފައެވެ.
އަސްލު މައްސަލަ
އެމެރިކާގެ މަކަރުވެރިކަމާއި ޙީލަތްތެރި އުކުޅުތަކަށް ބަލާއިރު ، އެމެރިކާއިން އީރާނުގެ ނިއުކުލިއަރ ރިއެކްޓަރތަކަށް އަމާޒުކޮށް ދިން ކުއްލި ޙަމަލާގެ ފަހަތުގައިވަނީ ، މުޅިން އެހެން ކަމެކެވެ. ދުނިޔޭގެ މުހިންމު ބައެއްނޫސްތަކުގައި މީގެ ދުވަސްކޮޅެއްކުރިން އެވާހަކަތައްވަނީ ހާމަކޮށްފައެވެ. އެހެނަސް ، މިޙަމަލާގެ ފަހުން ، އެވާހަކައެއް ނުދައްކައެވެ. އެއީ ޢާންމުގޮތެއްގައި ، ބައެއްކަހަލަ ކަންކަން ފޮރުވުމަށް ސިޔާސީމީހުން ގެންގުޅޭ އުކުޅެކެވެ.
13 މޭ 2025 ގައި ، ޤަތަރުގެ ވެރިރަށް ދޯހާއަށް ، ޓްރަމްޕް ކުރިދަތުރުގައި ، ޤަތަރު އެއަރވޭސްއިންވަނީ ، ގާތްގަނޑަކަށް 96 ބިލިއަން ޑޮލަރުގެ އޯޑަރެއް ބޯއިންގ އަށް ދީފައެވެ. އެއީ ، ވައިޑްބޮޑީ 210 އެއަރކްރާފްޓާއި ، ބޯއިންގ 787 ޑްރީމްލައިނަރސް ގެ 130 އެއަރކްރާފްޓާ އަދި ބޯއިންގ 777-9 s ގެ 30 އެއަރކްރާފްޓްގެ އޯޑަރެކެވެ. އަދި އެއީ ، ފަހުން ބަޔާންކުރެވުނު ދެބާވަތުގެ އެއަރކްރާފްޓުން ކޮންމެ ބާވަތަކުން އިތުރު 50 ބޯޓުގެ އޯޑަރަށް ފުރުޞަތު އޮތް އެއްބަސްވުމެކެވެ. މިއީ ބޯއިންގ އަށް އެއްފަރާތަކުން ލިބުނު އެންމެ ބޮޑު އޯޑަރެވެ.
އެއަރ އިންޑިއާ ބޯއިންގ 787 ވެއްޓުމުގެ ހިތާމަވެރި ޙާދިސާ ހިނގީ ، ޓްރަމްޕްގެ ދޯހާ ދަތުރުގެ ގާތްގަނޑަކަށް މަހެއްހާ ދުވަސްފަހުންނެވެ. އެ ޙާދިސާގައި ، ބޯޓުން ދަތުރުކުރި އެކަކުފިޔަވައި ، އެންމެން މަރުވިއެވެ. ބޯޓު ވެއްޓުނު ޙާދިސާއާ ގުޅުގެން ، ބޯއިންގ މަތިންދާ ބޯޓު އުފެއްދުމުގައިހުރި ، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު ، މުޅި ދުނިޔެވަނީ ސުއާލު އުފައްދާފައެވެ. މި ޙާދިސާގެ ތަޙްޤީޤުން ، ބޯޓު އުފެއްދުމުގެ މައްސަލައެއް ފެންމަތިވެއްޖެނަމަ ، ބޯއިންގއަށް އެކުރިމަތިވީ ، ވަރަށްބޮޑު މައްސަލައެކެވެ. ޤަތަރު އެއަރވޭސް ގެ 96 ބިލިއަން ޑޮލަރުގެ އޯޑަރު ކެންސަލް ކޮށްފިނަމަ ، އެއީ އެމެރިކާއަށް ލިބޭނެ ވަރަށްބޮޑު ގެއްލުމެކެވެ.
އިޒްރޭލުން އީރާނަށް ޙަމަލާ ދިނުމާއި ، އެމެރިކާއިން އީރާނުގެ ނިއުކުލިއަރ ރިއެކްޓަރ ތަކަށް ޙަމަލާދިނީ ، އެއަރ އިންޑިއާގެ ބޯއިންގ 787 ގެ މަތިންދާ ބޯޓުގެ މައްސލަ ، ދުނިޔޭގެ ސަމާލުކަމުން ދުރުކޮށްލަން ކަމުގައި ، ދުނިޔޭގެ މަޝްރަޙް ދިރާސާކުރާ ގިނަބަޔަކު ޤަބޫލު ކުރެއެވެ. އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ކުއްލި ޙަމަލާއަކީ ، ދުނިޔޭގެ އެންމެންގެ ލޯތައް އެކަމުގެ މައްޗަށް ހުއްޓޭފަދަ ، ނުރައްކާތެރި ކަމެކެވެ. ނޫސްތަކާއި ޓީވީތަކުގެ އަދި ސޯޝަލް މީޑިއާގެ ފަލަ ޝުރުޚީއަށް މިޚަބަރުތައް އަރާނެއެވެ. އަދި މުޅިދުނިޔޭގެ ސަމާލުކަން ، އެކަމުގެ މައްޗަށް ހުއްޓި ، އިންޑިއާގެ ބޯޓުވެއްޓުމުގެ ޙާދިސާގެ ޚަބަރު ، ގިނަބަޔެއްގެ ހިތުން ފިލައިދާނެއެވެ. މިފަދަ ، އުކުޅަކީ ، ސިޔާސީ މުދައްބިރުން ، ބޭނުންކުރަމުން އަންނަ ޙީލަތްތެރި އުކުޅެއްކަން ، ދުނިޔޭގެ ތާރީޚުން ފެންނަން އެބައޮތެވެ.
ކޮންމެއަކަސް ، އީރާން – އިޒްރޭލް ހަނގުރާމައިގެ ތެރެޔަށް އެމެރިކާއިން ވަދެއްޖެއެވެ. އެމެރިކާ ހީނުކުރާފަދަ ބަދަލުތަކެއް ހަނގުރާމައިގެ މަޝްރަޙަށް އަންނާނެއެވެ. އެހެނީ ، މި ހަނގުރާމަޔަކީ ، މުސްލިމުންނާއި ކާފަރުންނާ ދެމެދު ހިނގަމުންދާ ހަނގުރާމަޔަކަށް ވާތީއެވެ. ހަނގުރާމައިގެ ޙާލަތު ގޯސްކުރުމާއި ރަނގަޅުވުން އޮތީ އީރާނުގެ އަތްމަތީގައެވެ. މިހާރުވެސް ، އިޒްރޭލަށް އެވަނީ ރަނގަޅު ފިލާވަޅެއް ލިބިފައެވެ. ބަޑިބޭހާ ކުޅެނިކޮށް ، ނޭނގިހުއްޓާ އަނދާފައެވެ. ( ނިމުނީ )