ވިއުރަ: މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ޖަލްސާތަކަށް ތާރީފާ އެކު...!

ބައެއް ކަންކަން ފެނުނީމާ އަނގަމަޑުންލައިގެން ހުރުމަކީ ބައެއް މީހުންނަށް ދަތިކަމެކެވެ. އަޅުގަނޑު ވެސް އޭގެތެރޭގައި ހިމެނިދާނެއެވެ. އެކަމަކު ހާލަތާއި ކަމުގެ މައްޗަށް ބަލައިގެންނެވެ.

އިސްކޫލުތަކާއި ޔުނިވަރސިޓީތަކުގެ އިނާމު ދިނުމުގެ ޖަލްސާތަކަކީ އަޅުގަނޑު ވަރަށް ބަލާހިތުން ބަލާ ޖަލްސާތަކެކެވެ. ކުދިން ހޯދާ ފަޚުރުވެރި ކާމިޔާބީތަކުގެ އުފަލުގައި ބައިވެރިވާ ހިތުންނެވެ. ދާދިފަހުން ނިމިގެން އެ ދިޔަ، މަތީ އަރުތަ ހޯދި ދަރިވަރުންނަށް އިނާމު ދިނުމުގެ ގިނަ ޖަލްސާތައް ވެސް ބެލީމެވެ. އެއް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ވެސް ލިބުނެވެ. ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، އަލުން  އިނާމުދެއްވަން ފެއްޓެވުމަކީ، ތައުލީމާ ބެހޭ ވަޒީރު ކުރެއްވި ވަރަށް ރަނގަޅުކަމެއްގެ ގޮތުގައި ފާހަގަކުރަމެވެ. ޖުމުލަކޮށް ޖަލްސާތަކުގެ ކަންކަން ދިޔައީ ވަރަށް ރަނގަޅަށް ކަމުގައި ދަންނަވަން ޖެހެއެވެ.

ނަމަވެސް މި ދެންނެވި ޖަލްސާތަކުގެ ތެރެއިން ދެތިންކަމެއް ފާހަގަ ކުރެވުނެވެ. އެއްކަމަކީ، އިނާމު ދެއްވި ޝަރަފުވެރި ބޭފުޅުންގެ ކިބައިން ފެނުނުކަމެކެވެ. ބައެއް ބޭފުޅުންނަށް ކުދިން ހޯދި ފަޚުރުވެރި ކާމިޔާބީގެ އަގު ވަޒަން ނުކުރެވުނުކަމެވެ. ބައެއް ފަހަރު، ހިނިތުންވުމާ އެކު ކުދިންނާ ދިމާއަށް ބައްލަވައިނުލެއްވުމެވެ. ތަހުނިޔާގެ ބަސްފުޅެއް ވެސް ވިދާޅު ނުވުމެވެ. އެއީ ވަރަށް ދެރަކަމެކެވެ. އިސްޓޭޖުމަތީ ހުންނަވާފައި އިނާމު ހަމަ ދިއްކޮށްލެއްވުމަކުން ނުފުދެއެވެ. އެ ކުދިން އެ ހޯދީ ފަޚުރުވެރި ކާމިޔާބީއެކެވެ. އެއީ، ހޭލައި ހުރުމާއި އެތައް އުފާތަކަކުން މަހުރޫމުވެގެން ކުރި ބުރަ މަސައްކަތްތަކެއްގެ ނަތީޖާއެކެވެ. އެ ނަތީޖާގެ ޝަރަފު ކުދިންނާ ހަވާލުކޮށްދެއްވާ ބޭފުޅުންގެ މޫނުފުޅުމަތީންނާއި ބަސްފުޅުން އެ ކުދިންނަށް އުފާވެރިކަން ގެނެސްދެއްވަން ވާނެއެވެ. އެކަމަކު އެތައް ބޭފުޅުންނެއް އިނާމު ދެއްވަން ވަޑައިގަތްއިރު މަދު ބޭފުޅެއްގެ ފަރާތްޕުޅުން ނޫނީ އެންމެ ފުރިހަމައަށް އެކަން ނުފެނުނުކަމީ ވަރަށް ދެރަ، އެހައިމެ ހިތާމަހުރި ކަމެކެވެ. ކުރިޔަށް އޮތް ތާނގައި ކޮންމެހެން ރަނގަޅުކޮށްލައްވަން ޖެހޭ ކަމެކެވެ.

ހަމަ އެއާ އެކު، ބައެއް ދަރިވަރުންގެ ކިބައިން ވެސް އެކަން ފާހަގަވިއެވެ. މަދު ބައެއް ކުދިން މެހުމާނާ ދިމާއަށް ބަލައި ވެސް ނުލައެވެ. އަދި ބައެއް ކުދިން ޝުކުރިޔާއޭ ނުވަތަ އެފަދަ އެހެން ބަހެއް ނަމަވެސް ދެންނެވިކަމެއް ފާހަގައެއް ނުވިއެވެ. މެހުމާނު އެއްޗެއް ވިދާޅުނުވި ނަމަވެސް ދަރިވަރަށް އިނާމެއް ދެއްވުމުން ޝުކުރުގެ ބަހެއް ދެންނެވުމުގެ ރީތި އާދަ ދަރިވަރުންނަށް އެނގެން ޖެހެއެވެ. ކުޑަމިނުން ރިހާސަލުގައި އެ ވާހަކަ ބުނެދޭން ޖެހެއެވެ. ހަމަގައިމު ވެސް ރައީސް މައުމޫންގެ ދުވަސްވަރު އާންމު ޚިދުމަތުގެ އިނާމުގެ ރިހާސަލުތަކުގައި އެކަން ހަނދާންކޮށް ދެއްވައެވެ. މިއީ، އަޅުގަނޑުމެންގެ އާންމު އިޖުތިމާއީ އަދަބުތަކުގެ ތެރެއިން ދަސްވެ ހަރުލާފައި ހުންނަން ޖެހޭ ކަންކަމެވެ. އިސްކޫލުތަކުގެ ވެށިންނާއި ގޭތެރެއިން ވެސްމެއެވެ.

ދެން ފާހަގަކޮށްލަން އޮތީ މުޅީން ތަފާތު ކަމެކެވެ. އެކަމަކު މިއީ، ބައެއް މީހުން އެހައި ހިތްހަމަނުޖެހިދާނެ ކަމެކެވެ. އެކަމަކު ވެސް ފާހަގަކޮށްލާނަމެވެ. އެއީ، ދަރިވަރުން ލައްވާ ހުށަހެޅި ބައެއް ހުށަހެޅުންތަކުގައި ޖައްސަވައިގެން ނުވާނޭ ކުލައެއް މާބޮޑަށް ޖައްސަވާފައި ހުރިކަން ފާހަގަވުމެވެ. "ކުލައެއް ޖައްސަވާފައޭ"މި ދެންނެވީ ހަމަ ގަސްތުގައެވެ. އެކަން ކުރެއްވީ އިސްކޫލުތަކުން ކަމަށް ވިޔަސް، ތައުލީމާ ބެހޭ ވުޒާރާއިން ކަމުގައި ވިޔަސް މެއެވެ. މި ވާހަކަ މިއަށްވުރެ ތިލަކޮށް ދަންނަވާކަށް ނެތީމެވެ. އެކަމަކު އެއީ، ވަރަށް ދެރަކޮށް ކުރެއްވި ކަމެކެވެ. ބައެއް މީހުންގެ ކުރިމަތީގައި، ހައިބަތުހުރި އެ ޖަލްސާތަކުގެ ތެރެއިން މުޅީން އެހެން މަގުސަދެއް ވެސް އޮތްކަން ދޭހަވާ ފެންވަރަށެވެ. މިފަދަ ކަންކަން ތަކުރާރުނުވާނެ ނަމަ ހާދަހައި ރަނގަޅުވާނެއެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް އަށް ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.