2027ވަނަ އަހަރު ނިމުމުގެ ކުރިން ހޯޕް އައިލެންޑުގެ މަސައްކަތް ނިންމުމަކީ އަމާޒެއް: ވަޒީރު

އަމާޒަކީ 2027ވަނަ އަހަރު ނިމުމުގެ ކުރިން ހޯޕް އައިލެންޑުގެ މަސައްކަތް ނިމި ކުޑަކުދިންނަށް ލިބެންޖެހޭ ފަރުވާގެ ކަންކަން ފެށިގެން ދިޔުން ކަމަށް ދާޚިލީ ސަލާމާތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯޕް އައިލެންޑަކީ ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށް ބޭނުންވާ މަސައްކަތްތަކަށް ޤާއިމުކުރާ ތަނެކެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.

ހޯޕް އައިލެންޑުގެ މަސައްކަތްތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ހޯޕް އައިލެންޑް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށާއި އެގޮތުން މިހާތަނަށް އެ ރަށް ހެދުމަށްޓަކައި ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ބިޑްތަކުގެ ތަފްސީލްތައް މި މަހުގެ 25ވަނަ ދުވަހު ލިބޭނެ ކަމަށެވެ.

ހޯޕް އައިލެންޑުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހޯޕް އައިލެންޑްގެ މަސައްކަތަށް 15 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. މިއީ ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން ޖުމްލަ 700 މީހުންނަށް ތިބެވޭ ގޮތަށް ތަރައްޤީކުރާ ފެސިލިޓީއެކެވެ. މިތަނުގައި ރެޒިޑެންޝަލް ޔުނިޓް، އެޑިއުކޭޝަން ހަބް، ޓްރެއިނިން ފެސިލިޓީ، ކުޅިވަރުކުޅެވޭނެ ތަންތަން، މެޑިކަލް ފެސިލިޓީގެ އިތުރުން 700 މީހުންގެ ޖާގައިގެ މިސްކިތަކާއި ކޮމިއުނިޓީ އެންޑް ފެމިލީ އޭރިއާވެސް ހިމެނެއެވެ.

ހޯޕް އައިލެންޑަށް ގެންދާ ކުދިން ޢުމުރުން ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށް ސަރުކާރުންވަނީ ކުރިން ވިދާޅުވެފައެވެ. އެތަނުގައި ކުދިންގެ އަޚުލާގު ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ތަޢުލީމާއި ތަމްރީން ދިނުމާއި އަދި ވަކި އުމުރަކަށް ދިއުމަށް ވަޒީފާގެ ތަޖުރިބާ އާއި ފުރުސަތުތައް ހޯދައިދޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.