
މާލޭގެ މަގުތަކުގެ ކާރޫބާރޫ ބޮޑުކަމާއި ހިނގާބިނގާވުމަށާއި ވެހިކަލްތައް ދުއްވުމަށް ހުރި ދަތިތަކަކީ، އެއްވެސް މީހަކަށް އޮޅިފައިވާ ކަމެއް ނޫނެވެ. އެކަމަށް ހައްލު ހޯދާ ވާހަކަ ކޮންމެ ސަރުކާރަކުން ވެސް ވަރަށް އިސްކަން ދެއްވާ ކަމެއްގެ ގޮތުގައި ދައްކަވައެވެ. އެކަމަކު އެކަން ހައްލުކުރައްވާ ތަނެއް ނުފެނެއެވެ. އެކަށީގެންވާ ޕާކިންގ ނިޒާމެއް ނުދައްކަވައެވެ. ގަވާއިދުން ޕާކު ކުރުމަށް ދެމެހެއްޓެނިވި ގޮތަކަށް ހިތްވަރެއް ވެސް ނުދެއްވައެވެ.
މި ދެންނެވި ބަހުގެ ހެއްކަކީ، ކުއްލިކުއްލިއަށް އަމަލުކުރައްވަން ފައްޓަވާ ގަވާއިދުތަކެވެ. ޕާކުކުރުން މަނާ ތަންތާނގައި ޕާކުކުރުން ވާނީ، އަބަދުވެސް މަނާކަމަކަށެވެ. ބައެއް ދުވަސްވަރަށް ހުއްދަވެފައި އަނެއްބައި ދުވަސްވަރަށް މަނާވާކަމެއްގެ ގޮތުގައެއް ނޫނެވެ. ގަވާއިދުތައް ދެމެހެއްޓުމަކީ ތަންފީޒީ އިދާރާތަކުން ބޭނުންވާ ވަގުތަކު ކުރައްވާފައި ދޫކޮށްލައްވަން ވީމާ ދޫކޮށްލެއްވޭނޭ ކަމެއް ނޫނެވެ. ކޮންމެ މުއައްސަސާއެއް ވެސް އެއަށް ވުރެ ޒިންމާދާރުވާން ޖެހޭނެއެވެ.
މި ފަހަކުން ފެނިގެން ދިޔައީ މާލޭގެ ޕާކުކުރުމުގެ ނިޒާމު މުޅިން ފޭލިވެގެން ގޮސްފައިވާ ތަނެވެ. ޚާއްސަކޮށް މަޖިދީ މަގު އޮތީ ވަރަށް ބޮޑަށް ބޮއްސުންލައިފައެވެ. ބައެއް ފަހަރަށް ފަސްމިނެޓުން ނުފެނުނު ނަމަވެސް ފުލުންހުން މަޖީދީ މަގުން ފެންނަލެއް މަދެއް ވެސް ނޫނެވެ. އެކަމަކު މަގުގެ ދެ ފަރާތުގައި އޮތީ ހެސްކިޔާފައި ޕާކުކުރުމެވެ. ވަންނަން ބޭނުންވާ ތަނެއްގެ ދޮރުމަތީގައެވެ. ނޫނީ އެންމެ ކައިރިން ހުސްކޮށް އޮތް ޖާގައެއްގައެވެ. ބައެއް ފަހަރަށް ޑަބަލްޕާކިންއޭ ކިޔާ ގޮތަށް ވެސް މެއެވެ. އެކަމަކު ފުލުހުންނަށް ފެނިވަޑައެއް ނުގަންނަވައެވެ. މަގު މުޅިން ތާށިވެގެން ވެހިކަލްތަކަށް ގުޑައިނުލެވުނީމާ، އެ ހިސާބުން ކޮންމެވެސް ކަހަލަ ހަރަކާތްތެރިކަމެއް އާދެއެވެ. ސައިކަލުތަކުގެ ވެރިން ހޯއްދަވައި ހައްލެއް ލިބޭތޯ ބައްލަވައެވެ. އެކަމަކު އެއީ ވަގުތުކޮޅެއްގެ ކަމެވެ. އެކަން އެވަގުތަށް ހައްލުވުމުން އެވަގުތަށް އެ ނިމުނީއެވެ.
މިހާރު މިއޮތީ އަނެއްކާ ވެސް މޫސުމެއް އައިސްފައެވެ. ޓޯކުރުމުގެ މޫސުމެވެ. ޓޯކުރައްވާނެކަމަށް އާންމުކޮށް އެންގެވީއެވެ. އިލްތިމާސްކުރެއްވީއެވެ. ސަމާލުވުމަށް ފުރުސަތެއް ދެއްވީއެވެ. އާ ޕޮލިސް ކޮމިޝަނަރު ގަވާއިދުތައް ތަންފީޒު ކުރެއްވުމެއްގެ މަސައްކަތްޕުޅު ފެއްޓެވީ ތޯއެވެ. ނޫނީ، ސަރުކާރަށް ފައިސާކޮޅެއްގެ މުހުތާދު ޖެހުނީމާ، ނެންގެވެން އޮތް ދިމާއަކުން ނަންގަވަނީ ބާވައެވެ. މިކަން މިފަހަރު ދެމި އޮންނާނީ ކިހައި ދުވަހަކު ބާވައެވެ. އިންތިޚާބެއް ކައިރި ވީމާ "ލުއިތަކެއް" ނުދެއްވާނެބާއެވެ. އެއީ، ވަރަށް ބޮޑަށް ފެންނަމުންދާ މަންޒަރެކެވެ. ހުރިހާ ޖޫރިމަނާތައް ވެސް މާފުކޮށްދެއްވާނެއެވެ. މިއީ މިހާތަނަށް ކަން ހިނގަމުން އަންނަ ގޮތެވެ.
އަނެއްކާ މިފަހަރު ވެސް މި ފެށެނީ ގަވާއިދު ތަންފީޒު ކުރެއްވުމުގެ ކޮންކަހަލަ ހަރަކާތެއް ތޯ ސުވާލު އުފެދެއެވެ. ސަބަބަކީ، ފިޔަވަޅުއަޅުއްވަންވީ ހަމައެކަނި މަޖީދީ މަގުގައި ގަވާއިދާ ޚިލާފު ވީމާ ތޯއެވެ. މާލޭގައި އެއްްގޮތަކަށް ވެސް ޕާކު ކުރުން މަނާ ހަނި ގޯޅިތައް އެބަހުއްޓެވެ. ދެކޮޅަށް ދުއްވާ ގޯޅިތައް ވެސް މެއެވެ. އެއިން ގޯޅިއަކުން ދެފައި ޖައްސައިގެން ނޫނީ ސައިކަލެއް ދުއްވައި ވެސް ނުލެވެއެވެ. އެކަމަކު އެފަދަ ބައެއް ގޯޅިތައް ބޮޑަށް ފާހަގަވަނީ "ޕާކު ނުކުރުން މަނާ" ގޯޅިތަކެއްގެ ގޮތުގައެވެ.
ސުވާލަކީ، ދުވަސްދުވަސްކޮޅުން އަމަލުކުރައްވާފައި ދުވަސްދުވަސްކޮޅުން އަޅައިނުލައްވައި ދޫކޮށްލައްވަނީ ކޮން ހިސާބަކުން އަންނަ އޯޑަރަކަށް ތޯއެވެ. އެ އޯޑަރު ދެއްވާ ބޭފުޅުންނަށް ގާނޫނާއި ގަވާއިދަށް އަމަލު ނުކޮށް ދޫކޮށްލެއްވުމަށް އޯޑަރު ދެއްވުމުގެ ކިހާވަރެއްގެ އިޚުތިޔާރެއް ލިބިވަޑައިގަންނަވައިގެންތޯއެވެ. އެ އިޚުތިޔާރު ދެއްވަނީ ކިހައި ހިސާބަކުންތޯއެވެ. މި ސުވާލުތަކާ އެކު ވެސް ބޮޑަށް ގަބޫލުުކުރާ ހިތްވަނީ އާ ކޮމިޝަނަރުގެ އާކޮޅުގައި މިފެއްޓެވި މަސައްކަތް ދާއިމީ ވާނެކަމަށެވެ. ގަވާއިދާ ޚިލާފަށް ޕާކު ކުރުމުގެ މައްސަލަ ހައްލުވާނެކަމަށެވެ. މި ފަހަރު ކާމިޔާބާ އެކު ކުރިޔަށް ގެންދަވާނެކަމަށެވެ.