
ެދީނީ ނަސޭހަތް ދެއްވުމުގެ ގޮތުން ގިނަބައެއްގެ މަގުބޫލުކަން ހޯއްދަވާފައިވާ ދ. ކުޑަހުވަދޫ، މެޑޯޒް އަލްއުސްތާޒު އިބްރާހީމް ފަރީދު އަޙްމަދު، އިއްޔެ ވަރަށް ކުއްލި ގޮތަކަށް އަޅުގަނޑުމެންނާ އެ ވަކިވެވަޑައިގަތީ އ ރޮނގުން ފާހަގަކޮށްލެވޭ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ. ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯއްދަވައިފައެވެ. މާލެއާއި އެތައް ރަށެއްގައި ޝައިޚު ފަރީދު ދެއްވި ދީނީ ދަރުސްތައް ހިމެނުނީ ބޮޑެތި ބިޔަ އެއްވުންތަކެއްގެ ގޮތުގައެވެ. އެފަދަ ބައްދަލުވުންތަކުން އެތައް ބައެއްގެ ހިތްތައް ރޮއްވައިލައި އެތައް ބަޔަކަށް ސާފު މަގު ބަޔާންކޮށް ދެއްވައިފައި ވެއެވެ.
ގާނޫނީ ރޮނގުން ކިޔަވާ ވިދާޅުވެފައިވާ އުސްތާޒު ފަރީދު ފަހުން މަޝްހޫރު ވެވަޑައިގެންފައިވަނީ، ޝައިޚެއްގެ ގޮތުގައެވެ. 1980ގެ ފަހުކޮޅު މައުހަދުއްދިރާސާތިލްއިސްލާމިއްޔާއިން ތައުލީމު ހާސިލުކުރެއްވުމަށް ފަހު،

1989ވަނަ އަހަރު ޤަޠަރަށް ވަޑައިގެން ސާނަވީ ތައުލީމު ނިންމެވީ ޤަޠަރުގައެވެ. އެއަށް ފަހު، 1994 ޖަނަވަރީގައި އަލުން ޤަޠަރަށް ވަޑައިގެން ފުރަތަމަ ޑިގްރީ ފުރިހަމަ ކުރެއްވިީ ޤަޠަރު ޔުނިވަރސިޓީންނެވެ.
މައުހަދުގައި ކިޔަވާ ވިދާޅުވާން އުޅުއްވިދުވަސްވަރު ވެސް ފަރީދު ފާހަގަކުރެވިފައިވަނީ ރީތިކޮށް ޤުރްއާން ކިޔަވާ ވިދާޅުވި ގާރީއެއްގެ ގޮތުގައެވެ. އެ ގޮތުން ސަރުކާރުން ބާއްވަވާ ބައެއް ޖަލްސާތަކާއި ރަމަޟާން މަސް އިހުޔާ ކުރެއްވުމުގެ ޕުރޮގުރާމުތަކުގައި ފަރީދު ޤުރްއާން ކިޔަވައިވިދާޅުވިއެވެ. އަދި ގައުމީ ޤުރްއާން މުބާރާތްތަކުގައި މައުހަދުން ބައިވެރިވެވަޑައިގެން މަތީ ވަނަތައް ހާސިލުކުރެއްވިއެވެ. އަދި އަދަބީ ބައެއް ހަރަކާތްތަކުގައި ވެސް ބައިވެރިވަޑައިގެންނެވިއެވެ. ފަރީދު އިސްވެ ހުންނަވައިގެން "އައްތަޢާވުން"ގެ ނަމުގައި ކުލާސް ނޫހެއް ވެސް ނެރުއްވިއެވެ.
ޤަޠަރު ޔުނިވަރސިޓީން ވަޑައިގެން ފުރަތަމަ ވަޒީފާ އަދާކުރެއްވީ މައުހަދުގެ އުސްތާޒެއްގެ ގޮތުގައެވެ. އެ ގޮތުން ޝަރީއަތާއި ގާނޫނުގެ ޑިޕްލޮމާ ކޯހާއި އެނޫން

ވެސް ބައެއް ކޯސްތަކުގައި ކިޔަވައިދެއްވިއެވެ. އަދި އެދުވަސްވަރު އިސްލާމީ މަރުކަޒާއި އެހެން ބައެއް މިސްކިތްތަކުގައި ވެސް އިމާމުވެވަޑައިގެން ހުކުރުކުރައްވަމުން ގެންދެވިއެވެ. އެ ގޮތުން އެ ދުވަސްވަރު ގިނަ ބައެއްގެ މެދުގައި އެންމެ މަޝްހޫރު ޚަތީބެއްގެ ގޮތުގައި ފަރީދު ފާހަގަވެގެން ދިޔައެވެ. އަދި ދީނީ ނަސޭހަތް ދެއްވުމުގެ ތަފާތު ފުރޮގުރާމުތަކުގައި ވެސް

ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. އަދި އެކި މިސްކިތްތަކުގައި އިމާމުވެވަޑައިގެން ނަމާދުކުރައްވަމުން ގެންދެވިއެވެ.
2000 ގެ އަހަރުތަކުގައި އުސްތާޒު ފަރީދު ފާހަގަކުރެވުނީ ތަފާތު ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ދީނީ ގޮތުން ކުރީގެ ބައެއް ވިސްނުންފުޅުތައް ބަދަލުވެ، ފާހަގަ ކުރެވެން ފެށީ ޝައިޚު ފަރީދުގެ ގޮތުގައެވެ. އެ ގޮތުން ވަރަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބިވަޑައިގެންނެވިއެވެ.
އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ޝައިޚު ފަރީދު ފާހަގަ ކުރެވުނީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރެއްވުމުގައ މުހިންމު ދައުރެއް އަދާކުރެއްވި ހަރުދަނާ ޝަޚުސިއްޔަތެއްގެ ގޮތުގައެވެ. ދުވަސްކޮޅަކު ސިޔާސީ ބައެއް ހަރަކާތްތަކުން ފެނުނު ނަމަވެސް ފަހުން އެފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާ ތަނެއް ނުފެނެއެވެ.
އެމްވީ ޓީވީ އުފެއްދެވުމުގައި ވެސް ފަރީދުގެ މުހިންމު ބައިވެރިވެވަޑައިގަތުމެއް އޮތެވެ. އޭގެ ފަހުން، "އަލްކައުނު"ގެ ނަމުގައި ދީނީ ޕުރޮގުރާމުތަކަށް ޚާއްސަ ކުރައްވައިގެން ޓީވީ ޗެނަލެއްގެ ހިންގަވަން ފެއްޓެވިއެވެ. އަދި "ޚިދުމަތް ޖަމްއިއްޔާ"އުފައްދަވައިގެން ދުނިޔޭގެ އެކި ހިސާބުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވުމުގެ ޕުރޮގުރާމެއްގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަޑައިގަންނަވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެއެވެ.
ޝައިޚު އަވަހާރަވީ، މެލޭޝިޔާގައި އޮންނަ ބައްދަލުވުމަކަށް، ޚިދުމަތް ޖަމްއިއްޔާގެ ފަރާތުން އިއްޔެ މެލޭޝިޔާއަށް ވަޑައިގެން އެއަރޕޯޓު ތެރޭގައެވެ.
ޝައިޚު ފަރީދު އަވަހާރަވީއިރު އުމުރުފުޅަކީ، 53 އަހަރެވެ. 3 ކައިވެނިވެންޏަށް، 7 ފިރިފެން ބޭފުޅުންނާއި 5 އަންހެން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.
މާތްﷲ ޝައިޚު ފަރީދުގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރު ކުރައްވައި، އާއިލާއަށް ކެތްތެރިކަމާއި ހެޔޮ ނަސީބު މިންވަރު ކުރައްވާށިއެވެ.
v.saafu mauloomaathu miliyumugai milanese shreeaa aai qaanoonu dhebai ehkoh kiyevee