ފެން ބިލު ނުދެއްކި ހުރި ފަރާތްތަކުގެ ޖޫރިމަނާ މައާފްކޮށްދިނުމަށް ފެން ކުންފުނިން އަނެއްކާ ވެސް ނިންމައިފި

އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންގެ ތެރެއިން ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދެއްވުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މިއީ ފެން ބިލްތަކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި، ނިންމުމެއް ކަމަށެވެ.

މި ޕްރޮގްރާމާއި ގުޅިގެން، އެމް.ޑަބްލިޔު.އެސް.ސީގެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2024 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނެއެވެ. މިގޮތުން، ޖޫރިމަނާ މަޢާފްކޮށްދެވޭނީ އިސްވެ ދެންނެވި ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަންޖެހޭ  ޖުމްލަ ފައިސާ 01 މޭ 2025 އިން ފެށިގެން 31 ޑިސެމްބަރ 2025 އާއި ދެމެދު އެއްކޮށް ދައްކަވާ ޚަލާސްކުރައްވާ ކަސްޓަމަރުންނަށެވެ.

މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން އިސްވެދެންނެވި ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވައި ޚަލާސްކުރެއްވުމަށް އެދިވަޑައިގަންނަވާ ކަސްޓަމަރުންނަށް، އެއިންތިޒާމް މިކުންފުނިން ހަމަޖައްސަވައި ދެވޭނެއެވެ. މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަވާ ޚަލާސްކުރެއްވުމުންނެއެވެ.

މިކަމުގައި އެހީތެރިކަމެއް ނުވަތަ އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، މިކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވާ ޚަލާސް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ޤަވާޢިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށް ހުރިހާ ކަސްޓަމަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.