ރައީސުލްޖުމްހޫރިއްޔާ، ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ކުއަލަލަމްޕޫރުގައި ހުންނަ ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ އިމާރާތުގެ މިއުމާރިއްޔާތު ބައްލަވާލައްވައި، އެތަނާގުޅޭ މުހިންމުކަންކަން އޮޅުންފިލުއްވައިފައެވެ.

ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ، މެލޭޝިއާ ޕެޓްރޯލިއަމް މެނޭޖްމަންޓް (އެމް.ޕީ.އެމް) ގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ހިޒް އެކްސެލެންސީ ބަޗޯ ޕިލޮންގްއެވެ. އެއަށްފަހު ސްކައިބްރިޖާއި އޮބްޒަވޭޝަން ޑެކްގެ ޓުއާއެއް ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި އެތަނާ ގުޅިފައިވާ އީޖާދީ މިއުމާރިއްޔާތާއި ޤައުމިއްޔަތުގެ ނަޒަރަކުން އެ ޓަވަރުތަކުގެ މުހިންމުކަމާ ބެހޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާ މައުލޫމާތު ޙިއްޞާކުރެއްވިއެވެ.

މެލޭޝިއާގެ ސަގާފަތާއި ތަރިކައާއި ގުޅުންހުރި މިފަދަ މުހިންމު ތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމަކީވެސް ދެ ޤައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުންވެސް ދެޤައުމުގެ މެދުގައި އޮތް ގާތް އަދި ދެމެހެއްޓެނިވި ގުޅުން ދައްކުވައިދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މަޤްޞަދަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފަހިކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.