
ލ. ފޮނަދޫ ކުރިގަމު އަވަށު ފުޓްސަލް ދަނޑުގެ ވަށާ ފާރު ނިންމައި، ފެންސް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހައްދުންމަތީ ފޮނަދޫގައި އަޅާ ފުޓްސަލް ދަނޑުގެ މަސައްކަތަކީ މެގަ ލިންކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
1.6 މިލިއަން ރުފިޔާ ހޭދަކޮށްގެން ޤާއިމްކުރާ މި ދަނޑުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގައެވެ. މި މަސައްކަތުގެ ތެރެއިން ވަށާ ފާރުގެ މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. ވަށާ ފާރާއިއެކު ފެންސް ހަރުކުރުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިމުމުގެ ކުރިން ދަނޑުގެ މަސައްކަތް ފުރިހަމަކޮށް ފޮނަދޫގައި ފުޓްސަލް ކުރިއެރުވުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދިޔުމެވެ.