
ފާދިއްޕޮޅު ނައިފަރުގައި ކުރިއަށްގެންދިޔަ އޭއެފްސީ ސީ ލައިސަންސް ކޯޗިން ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.
މިމަހުގެ 12 އިން 24 އަށް ނައިފަރުގައި ކުރިއަށްދިޔަ މި ކޯހުގައި 19 ބައިވެރިންވަނީ ކޯސް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ޤައުމީ ޓީމަށްވެސް ކުޅެފައިވާ ފޯވާޑް އަސަދުﷲ އަބްދުﷲ ހިމެނެއެވެ.
ކޯޗް ނިމުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އިބްރާހިމް ފާއިދު އަދި ކުޅިވަރު ވުޒާރާގެ ސްޕޯޓްސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަލީ ޒަކީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޯހުގައި ބައިވެރިންނަށް ކިޔަވައިދެއްވީ އޭއެފްސީ ކޯސްތައް ހިންގުމުގެ ތަޖުރިބާކާރު ދެ އިންސްޓްރަކްޓަރުންކަމަށްވާ މުޙައްމަދު ޝާޒްލީ އާއި އަހުމަދު ޝަރީފްއެވެ.
އޭއެފްސީ ސީ ލައިސަންސް ކޯޗިން ކޯހެއް ނައިފަރުގައި ބޭއްވިއިރު، މިއަހަރު އިތުރު 3 ކޯޗިން ކޯހެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.