ވިހަ ތީރު (106)

( 20 އެޕްރީލް 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ޙައިދަރާއި ސާރާއާ ދެބެންތިބީ ، މަންމަގާތަށް އައިސް ، އެދެބެންގެ ކުޑައިރުގެ ހަނދާންތަކުގެ ވާހަކަ ދައްކަން ވަރަށް ހަމަޖެހިލައިގެންނެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހަމަޖެހުމާއި އުފާވެރިކަމެވެ. ކުލްސޫމްވެސް ، އޭނާގެ ދެދަރިންގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން ގެންދިޔައެވެ. އެ ދެކުދިންނަކީވެސް ބަސް އަހާ އަދި އެއްކުއްޖަކު އަނެއް ކުއްޖަކަށް އަޅައިލާ އެހީތެރިވާ ދެކުދިންނެވެ. ކުޑައިރުއްސުރެވެސް ، މިހާތަނަށްވެސް ، އެދެބެންގެ ފަރާތުން ކުލްސޫމަކަށް ކުޑަވެސް ތަކުލީފެއް ނުލިބެއެވެ. ނަޞީބުގަދަ މަޔަކަށް ލައްވާނީ އެފަދަ ރަޙުމަތެއް ނޫންހެއްޔެވެ ؟ ދެކުދިން ސްކޫލުން އަންނަނިކޮށް ، ކާރަކާޖެހި އެކްސިޑެންޓެއް ވާންދިމާވި ޙާލަތުގައިވެސް ، އަމިއްލަ ފުރާނަޔަށް ނުބަލައި ، ޙައިދަރު އިސްކުރީ ސާރާގެ ފުރާނަ ސަލާމަތް ކުރުމަށެވެ. ދެކުދިން ބިންމައްޗަށް ވެއްޓުނުނަމަވެސް ، އެކުދިންގެ ގައިގާ ކާރުން ނުޖެހި ، އެނުރައްކާތެރި އެކްސިޑެންޓުން ދެކުދިންވެސް ސަލާމަތް ވިއެވެ. ޙައިދަރުގެ އުޅަބޮށިން ތަންކޮޅެއް މަށައިގެން ދިޔައެވެ. ސާރާގެ ކަނދުރާމަތިންވެސް ތަންކޮޅެއް މަށައިގެން ދިޔައެވެ. އެ ލަކުނުތައް ނުފިލާ އަދިވެސް އެބަހުއްޓެވެ. އެއީ އެދެބެންގެ ކުޑައިރުގެ އެންމެ ގަދަ ހަނދާނަކަށް ވިއެވެ.

ޙައިދަރުގެ ފޯނަށް ދިލްނަޝީންގެ ފޯނެއް އައެވެ. އެވާނީ މޯލްއިން ދިލްނަޝީން ނިމުނީ ކަމަށެވެ. ކުރަންދިޔަކަމެއް ނިންމާފައި ފޯނު ބަލައިލިއިރު ، ޙައިދަރު ގުޅާފަ އޮތީމަ ، ފޯނުކުރީއެވެ. ބުނެނުލާ ދެވުނީމަ ޙައިދަރު ކަންބޮޑުވެފައި ހުންނާނެކަން ދިލްނަޝީނަށް ވިސްނުނީއެވެ. ސެލޫންގައި އިންނައިރު ، ފޯނު އޮންނާނީ އަޑުމަޑުކޮށްފައެވެ. ދިލްނަޝީންވެސް މަޑުމަޑުން ބަދަލުވެ އިޞްލާޙުވަމުން އެބަ ދެއެވެ. ޙައިދަރުގެ ހިތަށް އެރިއެވެ. ހިނިތުންވެލާފައިހުރެ ، ޙައިދަރު ސަލާމް ގޮވައިލިއެވެ.

" ދިލްނަޝީނެވެ ! މެސެޖަކުން ބުނެލާފައި ސެލޫނަށް ދިޔަނަމަ ، ތިޔަ ތަކުލީފު އުފުއްލާކަށް ނުޖެހުނީސްނޫން ހެއްޔެވެ ؟ މިހާރު ނިމުނީ ހެއްޔެވެ ؟ ބަލައިދާންވީ ހެއްޔެވެ ؟ ކެތްމަދުވެފައި ހުރެ ، ޙައިދަރު ބުންޏެވެ.

" އަހަރެން މިއީ ، އިނިސްޕެކްޓަރ މަޖީދެވެ. "

ފޯނުން ޖަވާބުދިނީ ދިލްނަޝީނެއްނޫނެވެ. އެއީ ފުލުސް އިނިސްޕެކްޓަރެކެވެ. އިނިސްޕެކްޓަރަށް ހީވާ ގޮތުގައި އެފޯނަށް ޖަވާބު އެދިނީ ، އޭނާ ވާހަކަ އެދައްކާ ފޯނުގެ ވެރިފަރާތުގެ ފިރިމީހާއެވެ. އިނިސްޕެކްޓަރ އެވަގުތު އެހުރީ ހޮސްޕިޓަލުގައި ކަމަށާއި ، ޙައިދަރުގެ އަނބިމީހާ އެކްސިޑެންޓްވެގެން ، އެހޮސްޕިޓަލަށް ގެނެވިފައިވާކަމުގައި އިނިސްޕެކްޓަރ ބުންޏެވެ. " އެކްސިޑެންޓް " އެބަސް ޙައިދަރުގެ ދުލުންބޭރުވުމާއެކީ ، ކުލްސޫމާއި ސާރާ ސިއްސައިގެންގޮސް ދެލޯ ބޮޑުވިއެވެ. ޙައިދަރުވެސް ސިހިގެންގޮސް ، ދިލްނަޝީން ކޮބައިތޯ ސުއާލު ކުރިއެވެ. ހޮސްޕިޓަލްގެ ނަންބުނެ ، ދިލްނަޝީން މިހާރު އޮތީ އިމަޖެންސީ ރޫމްގައި ކަމަށް އިނިސްޕެކްޓަރ ބުންޏެވެ.

ރިދާއާއި ހާރޫނުވެސް ، ކުއްލިޔަކަށް ހޮސްޕިޓަލަށް އައިސް ވަނެވެ. ކޮންމެވެސް ގޮތަކުން ، އެމީހުންނަށްވެސް އިނިސްޕެކްޓަރ އޮތީ ޙަމްޒާގެ އެކަސިޑެންޓްގެ ވާހަކަ އަންގާފައެވެ. ޙަމްޒާއަކީވެސް ، އަދި ޞާދިޤަކީވެސް އިނިސްޕެކްޓަރ ދަންނަ ބަޔަކަށްވާތީއެވެ. އެހެންނަމަވެސް ރިދާއަކީވެސް ، އަދި ހާރޫނަކީވެސް އޭނާ ދަންނަ ބަޔެއްނޫނެވެ. އެހެންކަމުން ، އެމީހުން އެއައީ ކާކުގެ ފަރާތުންތޯ ސުއާލު ކުރިއެވެ. ރިދާ އެއައީ ޙަމްޒާގެ ފަރާތުންކަމަށާއި އޭނާއަކީ ޙަމްޒާގެ ދައްތަކަމަށް ރިދާ ބުންޏެވެ. އެވަގުތު ޙަމްޒާއޮތީ އިމަޖެންސީރޫމްގައި ކަމަށާއި ، އެމީހުންނާ ބެހޭގޮތުން ޑޮކްޓަރުންނާ ސުއާލު ކުރުމަށް އެދުނެވެ. އެވަގުތު ޑޮކްޓަރވެސް އިމަޖެންސީ ރޫމުން ނުކުތެވެ. އަދި ، ފިރިހެންކުއްޖާގެ ފަރާތުން އެއްވެސްމީހަކު އައިސް އެބަހުރިތޯ ސުއާލު ކުރިއެވެ.

ޙަމްޒާގެ ފަރާތުން ރިދާ އައިސްހުރިވާހަކަ އާއި ، އޭނާއަކީ ޙަމްޒާގެ ދައްތަކަމުގައި ރިދާ ބުންޏެވެ. އެއަށްފަހު ޙަމްޒާގެ ޙާލާބެހޭގޮތުން ޑޮކްޓަރ މަޢުލޫމާތު ދިނެވެ.

ޙަމްޒާގެ ބޮލަށްވަނީ ވަރަށްބޮޑަށް ގެއްލުން ވެފައެވެ. އޮޕްރޭޝަން ކުރަން ޖެހެއެވެ. އެހެންނަމަވެސް މައްސަލަޔަކީ ، ޙަމްޒާހުރީ އޯވަރޑޯޒް ވާވަރަށް ޢަމަލުވާތަކެތި ބޭނުންކޮށްފައެވެ. އެކަމާގުޅިގެން ، ވަގުތުން ޙަމްޒާގެ އޮޕަރޭޝަން ކުރިޔަށް ގެންދެވޭކަށް ނެތެވެ. ފުރަތަމަ ޖެހޭނީ ޙަމްޒާގެ ބަނޑު ސާފުކުރާށެވެ. އެއަށްފަހު ޓެސްޓެއް ހަދާފައި ، އޮޕަރޭޝަން ކުރެވޭވަރު ވަންޏާ އެކަން ކުރާނީކަމަށް ޑޮކްޓަރ ބުންޏެވެ. އަދި ޙަމްޒާގެ އަނބިމީހާއާ ބެހޭގޮތުންވެސް ގޮތެއް ނިންމާނީ ރިދާތޯ ޑޮކްޓަރ ސުއާލު ކުރިއެވެ.

" ޑޮކްޓަރ އެވެ ! އެއީ ޙަމްޒާގެ އަންހެނުންނެއްނޫނެވެ. އަހަރެންގެ ކޮއްކޮގެ ދިރިއުޅުން ބަރުބާދު ކުރަމުން އެގެންދަނީ އެ އާވާރާ އަންހެންކުއްޖާއެވެ. " ރިދާ ބުންޏެވެ.

ރިދާ އިތުރަށް ވާހަކަ ނުދެއްކުމަށް ހާރޫން އެދުނެވެ. އަންހެންކުއްޖާގެ ފަރާތުން އެއްވެސްމީހަކު އެބައާދޭތޯ އިނިސްޕެކްޓަރާ ، ޑޮކްޓަރ ސުއާލު ކުރިއެވެ. އަންހެންކުއްޖާގެ ފިރިމީހާއާ ، އިނިސްޕެކްޓަރާ ގުޅިއްޖެކަމަށާއި އޭނާ އެބަ އަންނަކަމުގައި އިނިސްޕެކްޓަރ ބުންޏެވެ.

" ޑޮކްޓަރ އެވެ ! އެ އަންހެންކުއްޖާ މަރުވަންޏާ މަރުވިޔަދޭށެވެ ! އެކަމަކު އަހަރެންގެ ކޮއްކޮގެ ފުރާނަ ސަލާމަތް ކޮށްދޭށެވެ ! އެ އަންހެންކުއްޖާއަށް ކޮންމެ ގޮތެއްވިޔަސް އަހަރެންނަށް މައްސަލައެއް ނެތެވެ. އެހެންމީހުންގެ ދިރިއުޅުން ބަރުބާދު ކުރާ އަންހެނުން ރަނގަޅުވާނީ ދިރި ނުހުރިއްޔާއެވެ. " ރިދާ ބުންޏެވެ.

މަންމަޔަށް ފޯނުކޮށްފައި ، އޭނާ އެހުރީ ހޮސްޕިޓަލުގެ އިމަޖެންސީގައި ކަމުގައި ރިދާ ބުންޏެވެ. އަދި މަންމަ އަވަހަށް އައިސްދިނުމަށް އެދުނެވެ.

ޙައިދަރުވެސް ދުވަމުންދުވަމުން ހޮސްޕިޓަލްތެރެޔަށް ވަދެގެން އައެވެ. އެއްތަނެއް ބެލުމަށްފަހު އަނެއްތަނެއް ބަލަމުން ، ދިލްނަޝީންފެނޭތޯ ބަލަމުންނެވެ. އެންމެފަހުން އިނިސްޕެކްޓަރ ފެނުމުން އެދިމާލަށް ދިއުމާއެކު އެއީ ޙައިދަރުތޯ އަހައި ، އިމަޖެންސީ ރޫމާ ދިމާލަށް ޙައިދަރު ފޮނުވިއެވެ.

އިމަޖެންސީ ރޫމްގެ ދޮރުމަތީހުރި ޑޮކްޓަރަށް ޙައިދަރު އަމިއްލަޔަށް ތަޢާރުފް ވިއެވެ. އެއީ ޙައިދަރުކަމާއި ދިލްނަޝީންގެ ފިރިމީހާ ކަމަށް ބުންޏެވެ.

" އަހަރެމެން ވަރަށްބޮޑަށް މަޢާފަށް އެދެމެވެ. ދިލްނަޝީން އިނީ ބަލިވެއެވެ. އެކަމަކު އެކްސިޑެންޓާ ގުޅިގެން ، ދަރިފުޅު ބައިގެން ހިނގައްޖެއެވެ. އަހަރެމެންނަކަށް ދަރިފުޅު ސަލާމަތްކޮށެއް ނުދެވުނެވެ. " ޑޮކްޓަރ ބުންޏެވެ.

ޙައިދަރުގެ ދެފައިދަށުން ބިންގަނޑު ދެމިގެންދިޔަހެން ހީވިއެވެ. މުޅިމީހާ ގަބުވެފައި އެތައް އިރަކު ހުއްޓެވެ. ޑޮކްޓަރ ދެއްކި އިތުރު ވާހަކަތަކެއް އޭނާއަކަށް ނީވުނެވެ. ޑޮކްޓަރ ބުނިގޮތުގައި ، ދިލްނަޝީންގެ ޑީއެންސީއެއް ހަދައި އޮޕްރޭޝަނެއް ކުރަން ޖެހުނެވެ. ބޮލުން ފަޅައިގެންގޮސްހުރި ތަންތަނުން ވަރަށްގިނަލޭވެސް ފައިބާފައި ހުއްޓެވެ. އެކަމަކު ، ދިލްނަޝީން މިހާރު އެވަނީ ނުރައްކާތެރިކަމުން ސަލާމަތް ކުރެވިފައެވެ. ﷲ ގެ އިރާދަފުޅުން ، ދިލްނަޝީންގެ ފުރާނަޔަކަށް މިހާރު ގެއްލުމެއް ނެތެވެ.

ދިލްނަޝީނާބެހޭ ފޯރމްތަކުގައި ސޮއިކޮށްދިނުމަށް ، ޙައިދަރުގެ ކިބައިން ޑޮކްޓަރުން އެދުނެވެ. އޭނާއަށް ގަލަން ދިއްކޮށްލެވުމާއެކީ އެފޯރމްތަކުގައި ޙައިދަރު ސޮއި ކުރިއެވެ. އެވަގުތު ޝާހިދުވެސް އައިސް ޙައިދަރާ ބައްދަލުކޮށް ޑޮކްޓަރާ ބައްދަލުކޮށްފައި އެބައަންނަމޭ ބުނެ އޮޕަރޭޝަން ތިއޭޓަރ ތެރެޔަށް ވަނެވެ. ޙައިދަރުގެ ލޮލަށް ޖަމާވި ކަރުނަތައް ހިފެހެއްޓޭގޮތެއް ނުވިއެވެ. ކިތަންމެ ހިތްވަރެއްކުރިޔަސް އެކަރުނަތައް ނުފައިބާ ލޮލުތެރެއަކު ނުހިފެހެއްޓުނެވެ.

ޙައިދަރުގެ ކުރިމަތީ އެއްފަރާތެއްގައި އިށީނދެލައިގެން ރިދާވެސް އިނެވެ. ރިދާއަކީ ކާކުކަމެއް ޙައިދަރަކަށް ނޭނގެއެވެ. އެވަގުތު ، ބުޝްރާވެސް ރޮމުންރޮމުން އެތަނަށް ވަދެގެން އައެވެ. އަދި ، އައްވަލާއި ޢާފިޔާ އަދި އަނީސާވެސް އެތަނަށް ވަދެގެން އައެވެ. ކުލްސޫމާއި ސާރާވެސް އަތުވެއްޖެއެވެ. ކުލްސޫމް އިނީ ފުރޮޅުލީ ގަނޑިއެއްގައި ބައިންދާފައެވެ. މަންމަ ފެނުމާއެކީ ، މަންމަ އެތަނަށް ގެނައީ ކީއްކުރަންތޯ ރިދާއާ ޙައިދަރު ސުއާލު ކުރިއެވެ. އޭނާގެ ލޯބިވާ ދަރިފުޅު އެކްސިޑެންޓްވެގެން އެޑްމިޓް ކުރީމަ އޭނާއަށް ގޭގައި އޮވެވޭނީ ކިހިނެއް ހެއްޔެވެ ؟ ރިދާވެސް ، މަންމަ ގޮވައިގެން އެއައީ ކިޔާކިޔާ ކުރު ނުކޮށްގެންނެވެ. ޑޮކްޓަރުން އިޒުނަދިނީމަ ، ދިލްނަޝީނާ ބައްދަލުކުރަން ހޮސްޕިޓަލަށް ގެނެސްދޭނެ ކަމަށާއި އެތަނުގައި ނީނދެ ، ގެޔަށް ދިއުމަށް ކުލްސޫމްގާތު ޙައިދަރު އެދުނެވެ.

ތިޔައީ ދިލްނަޝީންގެ ފިރިމީހާހެއްޔޭ އަހައި ، ޙައިދަރާދިމާލަށް ބުޝްރާ ފުންމައިގަތެވެ. ޙައިދަރު އާނއެކޭ ބުނުމާއެކީ އެއީ ޙަމްޒާގެ މަންމަކަމުގައި ބުޝްރާ ބުންޏެވެ. ބުޝްރާހުރީ ރުޅިއައިސް ޙައިދަރާދިމާލަށް ދެލޯ އަޅައިގެންނެވެ.

" އަހަރެންނަކީ ، ޙައިދަރުގެ ޙަލާލު އަނބިމީހާ އެމީހަކާއެކީ ނުހަމަ ގުޅުމެއް ހިންގާ ޙަމްޒާގެ މަންމައެވެ. ތިއީ ކޮންކަހަލަ ފިރިއެއް ހެއްޔެވެ ؟ އަނބިމީހާވެސް މައިތިރި ނުކުރެވެނީ ހެއްޔެވެ ؟ އަނބިމީހާ ރޯމާ ދުވާލު ، ޙަލާލު ކައިވެންޏެއްގެމަތީ ހުރެ ، އަހަރެންގެ ދަރިފުޅާއެކީ ނާޖާއިޒް ގުޅުމެއް ހިންގާއިރު އެކަން ނޭނގޭނީ ކާކަށް ހެއްޔެވެ ؟ މިތިބަ މީހުން ، ކަލޭމެންނާ އެ ޙަވާލުކުރީ ، އެކަހަލަ ގޮތެއް ފޮތެއްނެތް އަންހެނެއްކަންވެސް ނޭނގުނީ ހެއްޔެވެ ؟ އެ އަންހެންކުއްޖާގެ ކިބައިން އެމީހުން ސަލާމަތްވެ ، ކަލޭމެންގެ ބޮލަށް އެއަންހެންކުއްޖާ ޖެހިއިރުވެސް ރޭކާވެސް ނުލިއެވެ. ތިއީ ، މީހެއްގެ ފިރިއެކޭ ބުނަން ލަދެއް ނުގަނޭ ހެއްޔެވެ ؟ އެއްކަމެއް ހަނދާން ކުރާށެވެ ! އެ އަންހެންކުއްޖާ ވަރިކުރިޔަސް ، އަހަރެން ދިރިހުއްޓާ އަހަރެންގެ ދަރިފުޅާ އިނަކަ ނުދޭނަމެވެ. " ޙައިދަރާ ދިމާލަށް ބުޝްރާ އެތިވަރު ގޮވަމުން ގެންދިޔައެވެ.

ކުލްސޫމަށް އެވާހަކަތައް އިވުމާއެކީ . ލޮލުން ކަރުނަ ފައިބައިގަތެވެ. އަނީސާއާއި އައްވަލްވެސް ތިބީ ލަދުންގޮސް ހަލާކުވާ ވަރުވެފައެވެ. ޙައިދަރަށް އެތާ ހުންނަން އިތުރަށް ކެތްނުވެގެން ، މިތަނުން ދަމާހިނގާށޭ ބުނެ ، މަންމަ ގޮވައިގެން ހޮސްޕިޓަލުން ނުކުންނަން ހިނގައިގަތެވެ. އޭނާގެ މާމަދަރިފުޅު ދޫކޮށްލާފައި ދާންވީތޯ ކުލްސޫމް ސުއާލު ކުރިއެވެ. އެ ދަރިފުޅުވެސް ސަލާމަތް ނުކުރެވުނުކަމުގައި ޙައިދަރު ބުންޏެވެ. ކުލްސޫމަށް ލިބުނު ތަކުލީފު އިތުރަށް ބޮޑުވިއެވެ. އެހެނަސް ، ކެތްކޮށްލާފައި ދިލްނަޝީނާ ބައްދަލުނުކޮށް ޙައިދަރާއެކީ ގެޔަށްދާން ނިންމިއެވެ.

މާމަ ދަރިފުޅު ސަލާމަތް ނުކުރެވުނު ވާހަކަ އަނީސާވެސް އެހީ ހިތާމައާއި ތަކުލީފާއެކީގައެވެ. އަނީސާގެ ބޮލަށް އެނބުރުން އެރުމާއެކީ ، ޢާފިޔާގެ އެހީތެރިކަމާއެކީ ސިޑިމަތީގައި އަނީސާ ބޭންދިއެވެ.

ބޭރަށް ނުކުމެ ޙައިދަރުގެ ކާރަށް ، ކުލްސޫމް އަރުވަން އުޅެނިކޮށް ، އެގޭގައި ދުއްވާ އަނެއްކާރު ކުލްސޫމަށް ފެނިގެން ، އެކްސިޑެންޓްވީ އެމީހުންގެ ކާރުގައި ނޫންތޯ ކުލްސޫމް ސުއާލު ކުރިއެވެ. އާނއެކޭ ބުނެ ޙައިދަރު ބޯޖަހައި ލުމަށްފަހު ކާރަށް އެރިއެވެ.

އޭނާއަށް ރަނގަޅީ ، ފުރާނަ ސަލާމަތްނުވެ ، ދިލްނަޝީން މަރުވިއްޔާކަމުގައި އައްވަލް ބުންޏެވެ. އެކަން އެހެން ވެއްޖެނަމަ ، އެއީ އެހޮސްޕިޓަލުން އޭނާއަށް ލިބޭނެ އެންމެ އުފާވެރި ޚަބަރެވެ. އަނީސާވެސް ހުރީ ބިރުންނާއި ލަދުންގޮސް އަވަދިވާވަރު ވެފައެވެ. މީހުންތެރެޔަށް ނުކުމެ ދުނިޔެއަށް އޭނާ ދައްކާނީ ކޮންމޫނެއް ހެއްޔެވެ ؟  އެއަށްވުރެ ، އޭނާ މަރުވުންވެސް މާ ރަނގަޅުކަމަށް އަނީސާ ބުންޏެވެ. އެންމެ ދުވަހަކުވެސް އިތުރަށް ދުނިޔޭގައި ހުންނާކަށް އަނީސާ ބޭނުމެއްނޫނެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް އަނީސާގާތު ޢާފިޔާ އެދުނެވެ. އެވަގުތު ،  ނަރުސްކުއްޖަކު ނުކުމެ ، ދިލްނަޝީން ހޭއެރިވާހަކައާއި އޭނާގާތަށް އެކަކަށް ދެވިދާނެކަމަށް ބުންޏެވެ. ދިލްނަޝީންގެ ފުރާނަ ސަލާމަތްވެގެން ، އަނީސާ އުފަލެއް ނުވެއެވެ. އެއީ އޭނާއަށްހެދޭ ގޯހަކަށް ވެދާނެއެވެ. އެހެނަސް ، ދިލްނަޝީންގެ ދިރިހުރިމޫނު ދެކޭކަށް އަނީސާ ބޭނުމެއްނޫނެވެ. ދިލްނަޝީން އޮތް ކޮޓަރިޔަށް ވަންނަން ގޮސް ދޮރާހަމަޔަށް ގޮސްވެސް ، އެތަނަށް ނުވަންނަން ވެގެން އަނީސާ އަނބުރައިލިއެވެ. ދެންހުރީ އައްވަލެވެ. އެތާ ނުހުންނަންވެގެން އައްވަލް ހުރީ ދުރުގައި މަޑުކޮށްލައިގެންނެވެ. ދިލްނަޝީނާ ބައްދަލުކުރުމުގެ ފިކުރެއް ، އަދި ހިތްވަރެއްވެސް އައްވަލްގެވެސް ނެތެވެ.

ކުލްސޫމް ގެޔަށް ގެންގޮސް ބީޕީ ޗެކްކުރިއިރު ހުރީ ވަރަށްމަތީގައެވެ. އެކަމަށް ދޭންހުރި ބޭސް މަންމަޔަށް ކާންދިނުމަށް ސާރާގާތު ޙައިދަރު އެދުނެވެ. އަދި ، ދޫދަށަށް ލާން ދީފައޮތް ބޭސް ދިނުމަށްވެސް ބުންޏެވެ.

" އަހަރެންގެ ދޫދަށަށް ބޭސްގުޅަ ލައިގެން ، އަހަރެން ވާހަކަދެއްކުން ހުއްޓުވަން އުޅޭނެކަމެއް ނެތެވެ. އަހަރެން މަރުވާނީ މިބައްޔަކު ނޫނެވެ. ޙައިދަރުގެ ހަނުހުރުމުންނެވެ. އަހަރެންނަށް ތެދަށް އެވާހަކަތައް ކިޔައިދޭށެވެ ! ބުޝްރާ އެދެއްކީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ ؟ ދިލްނަޝީނާ އެކުއްޖާއާ ދެމެދު ނަހަމަ ގުޅުމެއް އެބައޮތް ހެއްޔެވެ ؟ ޙައިދަރަށް އެކަން އެނގޭ ހެއްޔެވެ ؟ " ރޮމުންރޮމުން ކުލްސޫމް ބުނަމުން ގެންދިޔައެވެ.

ސާރާ ގެނައިބޭސްތައްވެސް އަތްފޮޅާލާފައި ކުލްސޫމް އުކައިލިއެވެ. ވީކަމެއް ވެގެން އެއުޅެނީ ދިލްނަޝީންގެ ފަރާތުންކަމަށާއި އޭނާ އެކަމާ ކަންބޮޑުނުވާކަމަށް ޙައިދަރު ބުންޏެވެ. މިހާރު ދެން އެހުރިހާކަމެއް އެ ނިމުނީއެވެ. ދިލްނަޝީންގެ ފަރާތުން އެމީހުންނަށް ލިބުނު ހިތްހަމަ ޖެހުމަކާއި އުފާވެރިކަމެއް އެއީ ، ޚިޔާލީ ހުވަފެނެއްކަމުގައި ބެލުމަށް ޙައިދަރު ބުންޏެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.