ވެކޭޝަން އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު!

ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ވެކޭޝަންސް އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ.

މީގެއިތުރުންވެސް، ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވާ 40 އެގްޒިބިޓަރުންގެ ސްޓޯލްތަކުން، ކޮންމެ ދުވަހަކުވެސް އެކި އިނާމުތަކާއި ހާއްސަ ޕެކޭޖުތައް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ.

ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯ އަކީ ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ހައްލުތައް އެއްތަނަކުން ލިއްބައިދޭ، ދިވެހިންގެ މެދުގައި މަގުބޫލު އިވެންޓެކެވެ. މި އަހަރުގެ އެކްސްޕޯ ކުރިއަށްދާނީ އެޕްރީލް 17، އިން 25، އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

އެހެން އަހަރުތެކޭ އެއްގޮތަށް މިއަހަރުވެސް، ވެކޭޝަންސް އެކްސްޕޯގައ ބައިވެރިވާ އެގްޒިބިޓަރުން ހާއްސަ ޓްރެވަލް ޕެކޭޖުތައް ހިއްސާކުރުމުގެ އިތުރުން، ރާއްޖޭގެ މަންޒިލްތަކާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭގޮތުން ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ދޭނެ އެވެ.

އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުންގެ ދާއިރާތައް:

  • ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް
  • އެއާލައިންތައް
  • ޓްރެވަލް އެޖެންޓުން
  • ސަރުކާރުގެ އިދާރާތައް
  • ބޭރުގެ ގައުމުތަކުގެ އެމްބަސީތައް
  • މޫދު ކުޅިވަރުގެ ވިޔަފާރިތައް
  • ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް

ހާއްސަ ޕެކޭޖުތަކުގެ އިތުރުން، ޗުއްޓީ ދިޔުމާއި އެހެން ބޭނުންތަކަށް ދަތުރުކުރުމުގައި ދިމާވާ ދަތިތަކަށް އެއްތަނަކުން ހައްލުތައް ލިބި، އެންމެ ފަހުގެ ޓްރެންޑުތަކާއި ޓްރެވަލް ޓިޕްސް ވެސް މި ސްޓޯލްތަކުން ލިބިގެންދާނެ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް އެވެ. ކޯ ސްޕޮންސަރުންނަކީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖެސް މޯލްޑިވްސް އެވެ.

ވެކޭޝަންސް އެކްސްޕޯއަށް އިތުރު ބާރެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޖަމިއްޔާތަކުން ލިބޭ އެއްބާރުލުމުގެ ސަބަބުންނެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވެކޭޝަންސް އެކްސްޕޯ އެންޑޯސް ކުރުމަކީ މި އެކްސްޕޯގެ ހައިބަތު އިތުރުކޮށްދޭ ކަމެކެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.