
މާލޭ ހުކުރު މިސްކިތަކީ ރާއްޖޭގެ އެންމެ ގަދީމީ އެއް ބިނާއެވެ. ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު އެންމެ ބޮޑަށް ދައްކައިދޭ އާސާރެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން، 1986ވަނަ އަހަރު ޝާއިއުކުރެއްވި "މާލޭ ހުކުރު މިސްކިތް" ފޮތުގައި ވާ ގޮތުން އެ މިސްކިތް އިމާރާތްކޮށް ނިމިފައިވަނީ، ހިޖުރައިން 1068 ވަނަ އަހަރުގެ ސަފަރު މަހުގެ 11ވަނަ ދުވަހުއެވެ. އެހެންކަމުން އެ މިސްކިތަށް މިހާރު މި ވަނީ، 378 އަހަރުވެފައެވެ.
އެ މިސްކިތުގައި މުޅީން ވެސް ހުރީ ގަލުވަޑާމާއި ލަކުޑީގެ ވަޑާމެވެ. ކުރިން ދެންނެވުނު ފޮތުގައިވާ ގޮތުން، އިސްކަންދަރު ރަސްގެފާނު ހުކުރު މިސްކިތް ބިނާކުރެއްވި ފަހުން އެ މިސްކިތް މަރާމާތު ކުރެވުނީ ކިހައި މިންވަރަކަށް ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އައްސުލްތާނު މުޙައްމަދު ޝަމްސުއްދީނު އިސްކަންދަރު (1353- 1320ހ) 1322ހ. ވަނަ އަހަރު އެ މިސްކިތުގެ ފުރާޅުގައި ޓިނު ޖެއްސެވިއެވެ. އެއަށްފަހު، އައްސުލްތާނު މުޙައްމަދު ފަރީދުލްއައްވަލުގެ ރަސްކަމުގައި 1963ގައި ވަރަށް ބޮޑު މަރާމާތެއް ކުރެއްވިއެވެ. އޭގެ ފަހުން އެކި ދުވަސްވަރު އެކިފެންވަރަށް ކުދިކުދި މަރާމާތުތައް ކުރެވެމުން ދިޔައެވެ.
ކޮންމެއަކަސް އަޅުގަނޑުގެ ސިކުނޑިއަށް މިހާރު ވެރިވެގެން މި އުޅެނީ، މާލޭ ހުކުރު މިސްކިތުގެ މިހާރުގެ ހާލަތެވެ. ޚާއްސަކޮށް މިދިޔަ ރޯދަމަހު ތަންކޮޅެއް ގިނައިން އެ މިސްކިތަށް އެރޭ ގޮތް ދިމާވުމުން ހިތަށް ވެރިވި އިހުސާސްތަކެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ، މިސްކިތުގެ އިރުމަތީ ދޮރުގެ ދެކުނު ފަރާތުގެ ކަނީގެ ކައިރިން ވަރަށް ބޮޑަށް ކަތުރުފަނިބޮއި ވީރާނާވަމުންދާތަނެވެ. އެތެރޭގެ އެކި ހިސާބުތަކުގެ ހާލަތު ވެސް މާކަ ސަހަލެއް ނޫނެވެ. ދެން ފާހަގަކޮށްލެވުނީ އެތެރޭގެ ތަނބުތަކުގެ ހާލަތެވެ. ހިރިގަލުން ތިރި ހަދާފައިހުރި ތަނބުތަކުގެ ހިރިގަލުގެބައި އަޅުގަނޑުމެންގެ ކުރީގެ ހަނދާނުގައި ވަރަށް ރީތިކޮށް ހުއްޓެވެ. ނަމަވެސް ފަހުން ފެނުނީ، ހުދުފޮތިން ކަވަރެއް ލައްވާފައި ހުއްޓައެވެ. ވަރަށް އޮމާންކޮށް ރީތިކޮށެވެ. ތިން ފަރާތުން އޮޅައިލައިގެން ގެނެސް ކޮންމެވެސް އެއްކަނަކަށް ވަރަށް ބާރުކޮށް ތިނޯހުން ފަހައިލާފައި ހުއްޓައެވެ. ނަމަވެސް މިހާރު އެ ތަނބުތަކުގައި ހުރި ހުދުފޮތީގެ ކަވަރުތަކުގެ ހާލަތު ރަނގަޅުވާނީ ބަޔާން ނުކުރިއްޔާއެވެ. މިހާރު ފެންނަނީ އެއްވެސް އިންތިޒާމެއް ނެތި އެގޮތް މިގޮތަށް ހުއްޓައެވެ. ބައެއް ތަންތާނގައި އެކި ދިމާއިން އެއްވެސް ހަމައެއްނެތި ދަތިޖަހައިފައެވެ. ވަށައިގެން ނައިލޯނު ވައު އޮޅައިފައެވެ. ރަނގަޅަށް ނިވައި ވެސް ނުވާ ގޮތަށެވެ.
ދެން އޮތީ މިސްކިތުގެ ގޯތިތެރޭގެ ހާލަތެވެ. އެކި ހިސާބުގައި ކުނިބުނި ޖަމާކޮށްފައި ހުރުމުން ހަމަގައިމު ވެސް އަޅުގަނޑަށް މިސްކިތުގެ ހުރުމަތް ކެނޑެއެވެ.
ދެން އޮތީ ބޮޑު ސުވާލެކެވެ. މިސްކިތުގެ ހާލަތު މިހިސާބަށް ދިޔައީ ކޮން އިރަކު ހެއްޔެވެ. މިހާރު އާންމު އުސޫލުން ކުރީ ސަރުކާރުގެ "ބޮލަށް ކަނޑައިލުން" އެއީ ވަރަށް ފަސޭހަކަމެކެވެ. ނަމަވެސް މިހާރުގެ ހާލަތު މިހާރުން މިހާރަށް ރަނގަޅު ކުރެއްވޭނީ މިހާރުގެ ސަރުކާރަށް ކަމީ އެއްވެސް މީހަކު ދެބަސްވާނޭކަމެއް ނޫނެވެ. ޚާއްސަކޮށް މި ސަރުކާރަކީ، ދިވެހި ގައުމިއްޔަތަށް "ޚާއްސަ ސަމާލުކަމެއް" ދެއްވާނެކަމުގެ ވައުދާ އެކު އައި ސަރުކާރަކަށް ވާތީއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފުރަތަމަ ރިޔާސީ ތަގުރީރުގައި ވިދާޅުވީ، "އަޅުގަނޑުމެން މި ފަށަނީ ދިވެހި އުންމަތް އޭގެ ޙަޤީޤީ ބަނދަރާ ދިމާއަށް މިސްރާބު ހެޔޮކޮށްލުމުގެ ދަތުރު" ކަމަށެވެ. އަދި "އަޅުގަނޑުމެން މިފަށަނީ، ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ޤައުމީ މަޝްރޫޢު" ކަމަށާއި "........ ދިވެހީން ގޮތާ ފޮތާ ދިމާއަށް އުފަލުން އެނބުރިލާނެ މަޝްރޫޢު" ކަމަށެވެ.
ވަރަށް ބޮޑު ތެދުފުޅެކެވެ. ދިވެހީންނަކީ ގޮތްހުރި ބައެކެވެ. ޚާއްސަކޮށް މިސްކިތްތަކަށް ޚާއްސަ ލޯތްބަކާއި ގަދަރެއް ދެމުން އައި ބައެކެވެ. ކުރީ ސަރުކާރުން އިހުމާލުކޮށްލާފައި ވިޔަސް، މި ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެންދާއިރު ގައުމުގެ އެންމެ ބޮޑު އެއް ތަރިކަ އަދި އިސްލާމީ އާސާރު، ކުނޑިކުޑިވެގެން ފައިބާތަން ބައްލަވަން ކަމާ ބެހޭ މުއައްސަސާތައް ހަނުހިމޭންކަމުގައި ތިއްބަވަން ވީތޯއެވެ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެހައިމަތިވެރި އިސްކަމެއްވާ ތަރިކައިގެ އެންމެ މުހިންމު ބިނާ ބިމާހަމަވަންދެނެވެ.
މާލޭ ހުކުރު މިސްކިތް ދުނިޔޭގެ އާސާރުގެ ވަގުތީ ލިސްޓުން، ދާއިމީ ލިސްޓަށް ބަދަލުކުރުމަށް ހަމަގައިމު ވެސް ކަމާ ބެހޭ ފަރާތުން އިތުރަށް ބައްލަވާނެއެވެ. އެ ބެއްލެވުމުގައި ކުރިޔަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ނެތި ފަނާވުމަށް ދޫކޮށްލެވިފައިވާ ތަނެއްގެ ގޮތް މާލޭ ހުކުރު މިސްކިތުން ފެންނަން ހުރި ނަމަ، އެ ލިސްޓުގައި ހިމަނައިފާނެ ބާވައެވެ. އަދި ވަގުތީ ލިސްޓުގައި ވެސް ދަހަމައްޓައިފާނެ ބާވައެވެ. ކޮންމެއަކަސް މިއީ އާދައިގެ ކުޑަކަމެއް ނޫނެވެ. ސަމާލުކަން ނުދީ ދޫކޮށްލެވިގެންވާނެ ކަމެއް ނޫނެވެ.

މި ވާހަކައާ އެކު، ކުރީ ސަރުކާރުން ފެށިގެން، ސްޓެލްކޯގެ ދީލަތި އެހީތެރިކަމާ އެކު، ހުކުރު މިސްކިތު މުންނާރު ދުވަސްދުވަސްކޮޅުން ވަރަށް ރަނގަޅަށް ކުލަލައި ބަލަހައްޓަމުންދާކަން ފާހަގަކުރަމެވެ.
މި ވާހަކައިގެ ހަވާސާއިން އެހެން ވާހަކައެއް ވެސް ދަންނަވައިލަން ބޭނުންވެއެވެ. ހުކުރު މިސްކިތް ފަދަ އާސާރީ އެހެން މިސްކިތެއްގެ ވާހަކައެވެ. ކަޅުވަކަރު މިސްކިތުގެ ވާހަކައެވެ. މި ސަރުކާރުގެ ވަރަށް ކުރީކޮޅު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން "ކަޅުވަކަރު މިސްކިތާއި މިސްކިތު ޕާކު" ބަންދުކުރެއްވިއެވެ. "ސަރަހައްދުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރުމަށް" ޓަކައެވެ. އޭރު ބަހައްޓަވާފައި ހުރި ލިޔުމަކުން އެނގޭ ގޮތުގައި " 2024 ޖަނަވަރީ 24 ވާ ބުދަ ދުވަހުން ފެށިގެން" ނެވެ. ވިދިގެން އަންނަ "ފެބުރުވަރީ މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލުމަށް" ކަމަށް ބަޔާންކުރައްވައިފައެވެ. އޭގެ ފަހުން 8 މަސްދުވަސް ފާއިތުވެގެން ދިޔައިރު ވެސް ކަހާތަން ހިރުވައި ވެސް ނުލައެވެ. ދެންވީ ގޮތަކީ، 27 އޮކުޓޫބަރު 2024ގައި ކުރީގެ އިއުލާނު ބަދަލުވީއެވެ. "އަލުން ހުޅުވާނެ ތާރީޚު މި މަރުކަޒުން އާންމުކޮށް އިއުލާނު" ކުރައްވާނެކަމަށް ބަޔާން ކުރައްވައިފައެވެ.

ކޮންމެވެސް ވަރަކަށް އެ ސަރަހައްދަށް ގޮސް އުޅެވޭ މީހެއްގެ ގޮތުން ދެންނެވެން އޮތީ، އަހަރަކަށް ވުރެ ގިނަވެގެން މިދިޔަ މުއްދަތުގެ ތެރޭގައި އެ ސަރަހައްދުގައި އެއްވެސް މަސައްކަތެއް ހިނގާކަން ފާހަގަ ކުރެވިފައި ނުވާ ވާހަކައެވެ. އަދި އެކަން އިތުރަށް ޔަގީންކޮށްލުމަށް ޓަކައި އެ ސަރަހައްދުގައި އުޅޭ މީހެއް ގާތުގައި އަހައިލުމުން ވެސް އެއްވެސް މަސައްކަތެއް ކުރަމުން ދިޔަތަން ފެނުނުކަމަކަށް ނުވިއެވެ.
މިދިޔަ ރޯދަމަހުގެ ފަހުކޮޅު ކަޅުވަކަރު މިސްކިތުގެ "ޕާކު" ތެރެއަށް ލޯދިއްކޮށްލައި ތަންކޮޅެއް ފުންކޮށް ބަލައިލީއިރު އެ ތާނގައިހުރި ގޮނޑިތައް ވެސް ފީވެ ވީރާނާވެގެން ދަނީއެވެ. ވީއިރު ކަޅުވަކަރު މިސްކިތުގެ ހާލު ހުންނާނީ ކިހިނެއްތޯ ސުވާލު އުފެދެއެވެ. ފަހަރެއްގައި ފަސް ވަގުތު ފޮޅައިސާފުކޮށް ބަލަހައްޓަވަމުން ގެންދަވައިފާނެއެވެ. ތުންތުންމަތިން އިވޭ ގޮތުގައި "ކަޅުވަކަރު މިސްކިތާއި މިސްކިތު ޕާކު" ބަންދު ކުރެއްވީ، އެ ސަރަހައްދުގައި ބޭއްވިފައި އޮތް "ކަޅުއޮއްފުންމި" ހިމާޔަތް ކުރެއްވުމަށް ޓަކައެވެ. މިއީ ފަހަރެއްގައި މުޅީން ތެދަކަށް ނުވެދާނެއެވެ. އެހެންކަމަށް ވާނަމަ، ކަޅުވަކަރު މިސްކިތާއި ކަޅުއޮއްފުންމިއާ ދެމެދު ވަރުގަދައަށް ވަކި ކުރެއްވުމަށް ފަހު، ކަޅުވަކަރު މިސްކިތް ހުޅުވައިލެވެންވާނެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ފަދައިން "މިނިވަން ދިވެހިރާއްޖޭގެ ފަޚުރުވެރި ދިވެހި ޙަޟާރަތާއި އަސްލުތައް ދަސްކޮށް އެކަންކަމުން އިލްހާމު ލިބިގެން، ދިވެހި ޤައުމަށް ހެޔޮއެދި، މުރާލި ހިންމަތްތެރިޔަކަށްވުމުގެ ފުރުޞަތު، ދިވެހި ކޮންމެ ކިޔަވާ ކުއްޖަކަށް ލިބެންޖެހޭނެ"އެވެ. ކާބަފައިންގެ އާސާރުތައް ގާތުން ބަލައިލުމުގެ ފުރުސަތު ފަހިވާން ޖެހޭނެއެވެ.