
މި އަހަރަކީ އެމް.ޑަބްލިއު.އެސް.ސީ އަށް 30 އަހަރު ފުރޭ އަހަރު ކަމަށް ވުމާއި، އެ މުނާސަބަތާއި އަދި ރަމަޟާން މަހާއި ގުޅުވައިގެން "އެކުވެރި ރޯދަ 30: ޢުމްރާ 3 ދަތުރު" ގެ ނަމުގައި، އެމް.ޑަބްލިއު.އެސް.ސީ އެޕް މެދުވެރިކޮށް ބިލް ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ޢުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަންގެ 3 ނަސީބުވެރި ފަރާތް ހޮވައިފިއެވެ.
ގުރުއަތުން ހޮވިފައިވާ ނަސީބުވެރި ފަރާތްތަކަކީ، ޝަމްރޫޒް އިބްރާހީމް (ދަފްތަރު ނަންބަރ: ދރ 1672)، މުޙައްމަދު ސަރާޙް (އުދަރެސް، ތ. ތިމަރަފުށި) އަދި ޢަލީ ނާޡިމް (ގ. ރަންދެލިގެ، ކ. މާލެ) އެވެ. މި ފަރާތްތަކަށް ޢުމްރާ ދަތުރު ހަމަޖައްސައިދެވޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށެވެ.
މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި، މި 3 ފަރާތާއި ޢުމްރާ ދަތުރު ލިބުނުކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ ޗެއަރޕާރސަން ޝަމްހޫޒާ އަޙްމަދާއި، ބޯޑްގެ މެމްބަރުންނެވެ. މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދާއި ސީނިއަރ މެނޭޖުމަންޓް ޓީމް އަދި މުވައްޒަފުން ބައިވެރިވެއެވެ.
ރަމަޟާންމަހާއި ގުޅުވައިގެން އެމް.ޑަބްލިއު.އެސް.ސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާއި އެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމް.ޑަބްލިއު.އެސް.ސީ ގެ އެޕް އަށް އަހުލުވެރިކުރުމުގެ ގޮތުން 1 މާރިޗު 2025 އިން ފެށިގެން 31 މާރިޗު 2025 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މިޕްރޮމޯޝަންގައި މިކުންފުނީގެ ގިނަ އަދަދެއްގެ ޑޮމެސްޓިކް ކަސްޓަމަރުން ބައިވެރިވެ، ރަނގަޅު ތަރުހީބެއް ވަނީ ލިބިފައެވެ. އުމްރާ ދަތުރު ލިބުނު ފަރާތްތަކުން އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުޞަތު ދެވިގެންދާނެއެވެ. ނަމަވެސް، ޢުމްރާ ދަތުރު ފައިސާއަށް ބަދަލުނުކުރެވޭނެއެވެ.
މިފުރުޞަތުގައި "އެކުވެރި ރޯދަ 30: ޢުމްރާ 3 ދަތުރު" ގެ ނަމުގައި ކުރިޔަށް ގެންދެވުނު ޚާއްސަ ޕްރޮމޯޝަންގައި ބައިވެރިވެ ގުރުއަތުން ހޮވުނު 3 ފަރާތަށް އެކަން ފާހަގަކޮށް، މިކުންފުނީގެ ބޯޑް މެންބަރުންނާއި މެނޭޖުމަންޓްއާއި އަދި މުވައްޒަފުންގެ ނަމުގައި އުފަލާއެކު މަރުޙަބާ ދަންނަވަމެވެ. މިކަމާ ބެހޭގޮތުން އިތުރު އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކުންފުނީގެ ޕީ.އާރު ނަންބަރު 7209393 އަށް ގުޅުއްވުމުން ނުވަތަ pr@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.