ވިއުރަ: ބޭސް ކާން ހަނދާންކޮށްދިނުން

ދިވެހިބަހަކީ، އިޝާރާތެކޭ ބުނާ މީހުން އަދިވެސް މަދެއް ނޫނެވެ. ދޭހަނުވާ ނުވަތަ ދެވަނަ މާނައެއް ނެގޭ ވާހަކައެއް ބުނެވޭ ވަރަށް ގިނަ ފަހަރަށް ބައެއް މީހުން އެ ބަސް ތަކުރާރުކުރެއެވެ.

ބޭސް ކެއުމަކީ، ޒަމާނީ ކަމެކޭ ދަންނަވާ ހިތް ވަނީކީ ނޫނެވެ. އެކަމަކު އާންމުކޮށް އުމުރުގެ ވަކި ހިސާބަކުން ކޮންމެވެސް ކަމަކާ ގުޅިގެން ދާއިމީކޮށް ބޭހެއް ކާން ނުޖެހޭ މީހަކު މި ޒަމާނުގައި މަދުވާނެއޭ ދަންނަވަން ޖެހެއެވެ. އެކަމަކު އަޅުގަނޑު މިހެން މި ދެންނެވީ، ތަފާސްހިސާބެއްގެ މައްޗަށް ބިނާކޮށެއް ނޫނެވެ. ތުންތުންމަތިން ކިޔައި އުޅޭތީ އިވޭ އަޑެއް ގަބޫލުކޮށްގެންނެވެ.

ހަސަނަކީ ވެސް، މިހާރު ޒުވާނެއް ނޫނެވެ. އެކަމަކު މި ޒަމާނުގެ ބޭސްވެރިކަމުގެ ކުރިއެރުމުގެ ނަސީބުގެ ގޮތުން މުސްކުޅިއެކޭ ހަމަގައިމު ވެސް ނުކިޔޭނެއެވެ. ކޮންމެއަކަސް ހަސަނަކީ ވެސް ގަވާއިދުން ބައެއް ދުވަސްވަރު ތަންކޮޅެއް މަދުން އަނެއްބައި ދުވަސްވަރު ތަންކޮޅެއް ގިނައިން ބޭސް "ނަގަން" ޖެހިފައިވާ މީހެކެވެ. ބޭސް ފިހާރައަކުން ނޫނެވެ. ބޭސްއަޅާފައި ހުންނަ ވަރަށް ޒަމާނީ "ބޮކުހަކުން" ނެވެ. ހަފުތާގެ ދުވަސްތަކާއި ދަންފަޅިތައް ވަރަށް ނަލަކޮށް އެވެރިންގެ ބަހުން ޖަހައިފައިހުރެއެވެ.

ބައެއް ފަހަރަށް  އަޅުގަނޑު ދަންނަ ގޮތަށް ފޮށިން ބޭސް ނެގުމުގެ ކުރިން ބޯ ކަހައިލަން ޖެހެއެވެ. ދުވަސް އޮޅިދާނެތީއާއި ދަންފަޅި ބަދަލުވެދާނެތީއެވެ.

ނަމަވެސް ހަސަނުގެ ނަސީބަކީ، ވިލަރެސްވެރިޔާގެ ކުޅަދާނަކަމާއި ހުސިޔާރުކަމެވެ.

ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. ހަސަނު ނާސްތާއަށް ފަހު އަވަސް އަރުވައިލައިގެން އޮފީހަށް ދާން ތައްޔާރުވަނީއެވެ. ބަދިގޭގައި ވަރަށް އަވަދިނެތި އުޅެފައި އައިސް ހަސަނުގެ ވިލަރެސްވެރިޔާ އާމިނަ، ކޮޓަރީގެ ދޮރު ހުޅުވައިލާފައި ތަންކޮޅެއް ހަލުވި ބާރު އަޑަކުން ބުނެލައިފިއެވެ.

އާމިނަ: ބޭސް ކައްޗޭ!!!

ހަސަނު (ހައިރާންވާ ވައްތަރު ދައްކައިލައިފައި): ތިއީ ވަރަށް ދެރަކަމެއް. އެވެރިން ބޭހާ އެއްޗެހި ހަދަނީ ވަރަށް ދިރާސާތައްކޮށްފައި. އެއީ އާދައިގެ ބަޔަަކު ކުރާކަމެއް ވެސް ނޫން. ދެން އެވެރިން ހަދާ ބޭސް ކަތި ވިޔަސް، ގުދު ވިޔަސް، މަ ކީއްކުރާނީ، އެ ތެދުކުރަން ހަދައިގެން ބުރިބުރި ވާނީ، އެއް ގޮތެއްގައި އޭރުން ކައިލަން ފަސޭހަވާނެ.

އާމިނަ (ކޮސްވެގެން ބުނާނެ އެއްޗެއް ނޭނގިފައި ހުރިހެން ހުރެފައި): ހަސަނަށް ސާބަހޭ! މަ މި ކިޔަނީކީ ބޭސްގުޅަ ކަތި ވާހަކައެއް، ދިގު ވާހަކައެއް، ވަށް ވާހަކައެއް ނޫނޭ. ހަމަ ޔަގީން ހަސަނަށް ވެސް އެނގޭނެ .މަ މި ބުނީ، ބޭސް ކާށޭކަން. ބޭސް ކާން ހަނދާންކޮށް ދިނީކަން. މި މީހުންނާ ނޯވޭ އަނގައިން ވެސް ބުނެވޭކަށް. ދެން ހެޔޮ، ބޭސް ކައިފިންތަ!

ހަސަނު: އާނ! ތިކަން ކޮށްލައިފިން. ބޭސްގުޅަ އޮތީ ކައްޗަށްތޯ؟ ތެދަށް ތޯއެއް ނުބަލަން.

އާމިނަ ހޫނ، އަޅުވައިލާފައި ބަދިގެ ފަރާތަށް ހިނގައްޖެއެވެ.

----------------------------

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް އަށް ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝާކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.